އަންހެނެއްގެ މައްސަރުކަންތައް ލަސްވުމަކީ ބައެއްފަހަރު ސިޙުރެއްގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުން ވެދާނެ ކަމެއް ކަމުގައި އެކަމާބެހޭ ގޮތުން ވާހަކަ ދައްކާ ބޭފުޅުން ލިޔުއްވާފައި ހުރެއެވެ. ބޭސްފަރުވާއިން ހައްލުވާ ކަންކަމެވެ. ނަމަވެސް، ބައެއްފަހަރު ސިހުރުގެ ސަބަބުން ވެސް އެފަދަ ކަންކަން ވާކަމުގައި ވެއެވެ. އެފަދަ ކަންކަން ސިހުރެއްކަމުގައި ބެލެވޭނީ ޑޮކްޓަރީ ތަހުލީލުތަކުން ނުފެނިއްޖެ ނަމައެވެ. އަދި ޑޮކްޓަރީ ޗެކްއަޕް އަކުން ނުފެނިއްޖެ ނަމަ ޝަރުޢީ ރުޤްޔާއިން ފަރުވާ ކުރައްވާށެވެ.

ޑޮކްޓްރީ ފަރުވާ ކުރެވޭ ވަރުގެ ކަމެއްގައިވެސް ރުޤްޔާ ކުރެވޭނެއެވެ. ނަމަވެސް، ހައިޟްގެ މުއްދަތު ލަސްވުމާއި ބަނޑު ފުއްޕުމަކީ އެއްވެސް ހާލެއްގައި ޖިންނިއަށް ބަލިވެ އިނދެ، ކުއްޖަކު ލިބިދާނެ ކަމެއް ކަމުގައި ޝަރުޢީ އެއްވެސް ދަލީލަކުން ސާބިތުވާ ކަމެއް ނޫނެވެ. ގިނަ އިލްމުވެރިން ލިޔުއްވާފައި ހުންނަ ގޮތުގައި އެއީ ޚުރާފީ ވާހަކައެއް ކަމުގައެވެ.

ވީމާ އެފަދަ ގަބޫލުކުރުންތަކާއި ވަސްވާސްތަކުން ދުރުވެ، ދީނީ ވާޖިބުތަކަށް ރައްކާތެރިވެ، މާތް ﷲ އަށް ވަކީލުކޮށް، އެކަލާނގެއަށް ގިނަގިނައިން ދަންނަވައި ދުޢާކޮށް، ޝަރުޢީ ރުޤްޔާ ކުރައްވާށެވެ! އޭރުން މާތް ﷲ ގެ އިޛްނަފުޅުން ރަނގަޅުވާނެއެވެ.

ތިރީގައި އެވަނީ ޝަރުޢީ ފަރުވާގެ ގޮތުގައި ޤުރްއާނާއި ސުންނަތުގައި މެތުރުމަށްޓަކައި ވާރިދުވެފައިވާ ބައެއް ދުޢާ އާއި ގޮތްތަކެވެ.

ކީރިތި ޤުރްއާނަކީ މުއުމިނުންނަށްޓަކައި ޝިފާއެކެވެ. ޚާއްސަކޮށް ފާތިޙާ ސޫރަތުން މެތުރުމެވެ. ފާތިޙާ ސޫރަތަށް “الشفاء” އަދި “الرقية” ނަމުން ނަން ކިޔެއެވެ. ހަމައެފަދައިން “الإخلاص” ސޫރަތާއި “الفلق” ސޫރަތާއި “الناس” ސޫރަތަކީ ޝިފާއަށް އެދި މެތުރޭ ނުވަތަ ބަލިތަކާއި ތަދުތަކަށް ޝިފާއަކަށް އެދި ކިޔެވުމަށް ސާބިތުވާ ޚާއްސަ ސޫރަތްތަކެވެ.

”أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ” މިދުޢާއިން ރުޤްޔާ ކުރާނެ (މަތުރާނެ) ގޮތަކީ: ވޭން އަޅާ ތަނުގައި، މައިގްރޭން ކަމުގައި ވާނަމަ ބޮލުގައި، ތަދުވާ ހިސާބުގައި ކަނާއަތް ބާއްވައި، ތިން ފަހަރު بِسْمِ اللَّهِ ކިޔައި ހަތްފަހަރު މި ދުޢާ ކިޔާނީއެވެ.-

”اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا ” ވޭން އަޅާ ހިސާބުގައި މިދުޢާ ކިޔައި ކަނާއަތުން ފިރުމާނީއެވެ.

”أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ شَرِّ مَا خَلَقَ” މިއީވެސް ޖާމިޢު ރުޤްޔާގެ ދުޢާއެކެވެ. އެއްފަހަރު ނުވަތަ ތިން ފަހަރު މިދުޢާއިންވެސް ޢާންމުކޮށް ކޮންމެ ބައްޔަކަށް މެތުރިދާނެއެވެ.

މިއީ ޝަރުޢީ ފަރުވާގެ އެއް ބާވަތެވެ. އަދި ޝަރުޢީ ފަރުވާއޭ ބުނެވޭ އަނެއް ބާވަތަކީ އެތަކެތީގައި މާތް ﷲ ޝިފާ ލައްވާފައިވާ ކަމުގައި ޤުރްއާނާއި ސުންނަތުގައި ޚަބަރު ދެއްވާފައިވާ ޠަބީޢީ އެއްޗިހި ބޭނުން ކުރުމެވެ.

އެގޮތުން ޝިފާއެއްކަމުގައި އަންގަވާފައިވާ ބައެއް އެއްޗިއްސަކީ:

މާމުއި : އެއާއި މެދުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {{ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِقَوْمٍ يَتَفَكَّرُونَ}} النحل 69. މާނައަކީ: “މާމުއިގައި މީސްތަކުންނަށް (ބަލިތަކަށް) ޝިފާއެއް ވެއެވެ. ހަމަކަށަވަރުން އޭގައި ފިކުރުކޮށް ވިސްނާ ބަޔަކަށް (މާތް ﷲ ގެ އެއްކައުވަންތަކަމާއި ގަދަ ކީރިތިވަންތަކަމުގެ) ހެއްކެއްވެއެވެ.” އަދި ކީރިތި ރަސޫލާގެ ސުންނަތުގައިވެސް މާމުއި އަކީ ޝިފާއެއް ކަމުގައި ޚަބަރު ވާރިދުވެފައި ވެއެވެ.

ޒަމްޒަމް ފެން : ((إِنَّهَا مُبَارَكَةٌ وَهِيَ طَعَامُ طُعْمٍ وَشِفَاءُ سُقْمٍ )) މާނައީ: “ހަމަކަށަވަރުން ޒަމްޒަމް ފެނަކީ ހައިކަމަށް ހުރި ކޮށްތެކެވެ. އަދި ބަލިތަކަށް ހުރި ޝިފާއެކެވެ.” ޒަމްޒަމް ފެން ފަރުވާއެއްގެ ނިޔަތުގައި ބުއިމާއި ބުއިމަށްފަހުގައި ދުޢާ ކުރުމާއި އަދި ބަލި މީހުންގެ ގަޔަށް ނުވަތަ ވޭންއަޅާ ތަނަށް އެޅުމާއި އުނގުޅުންވެސް ސަލަފުންގެ އަރިހުން ސާބިތުވެއެވެ.

ކަޅުދިރި : ((إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ إِلَّا السَّامَ)) “ހަމަކަށަވަރުން ކަޅުދިރީގައި މަރު ފިޔަވައި ހުރިހައި ބައްޔަކަށް ޝިފާ ވެއެވެ.” ކަޅުދިރިއާއި ކަޅުދިރި ތެޔޮ ވެސް ޝިފާއަކަށް އެދި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިންޓޮ

    އެނގޭނެ ގޮތޭ ކިޔާފަ މިއޮތީ ސޮލިއުޝަންސް އެއްނު؟

    • ޑޮގެއްނޫން

      ޙަހަހަހަހަހަހަހ

      • ބަޒޫ

        އާން އެއްގޮތަކަށްވެސް ބޭނުންވި ޖަވާބެއް ނުލިބުނު