މީގެ 10 އަހަރު ނޫނީ 15 އަހަރު ކުރިން އަހުމަދު އަޒާން މަރްޒޫގް ނޫސްވެރިއެއްގެ ގޮތުގައި ދިވެހިންނަށް ނޭނގިދާނެއެވެ. ގިނަ ދިވެހިންނަށް އަޒާން އެނގެން ފެށީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ނޫސްވެރިއެއްގެ ގޮތުގައި ނުކުންނަވައި ޕްރެސް ކޮންފަރެންސްތަކުގައި ކުރެއްވި ސުވާލުތަކުންނެވެ.

ރާއްޖެ ހިމެނޭ ހެން ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން އޭރު އަޅަމުން ދިޔަ ފިޔަވަޅުތަކާއި މާލީ ސިޔާސަތުތަކާއި ހާރިޖީ ސިޔާސަތުތައް ބައްޓަންކޮށްފައި އޮންނަ ގޮތާ މެދު ހިތްހަމަނުޖެހި ފާޅުގައި ނުކުންނެވިއެވެ. ވަކި ފަރާތަކަށް ޖެހިގެން ނޫސްވެރިއެއް ގޮތުގައި ހުންނެވުން އެއް ބަޔަކަށް އެކަން ބަލައިނުގަނެވުނަސް، އަޒާންގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފް ކުރި ބަޔަކު ވެސް ތިބިކަމީ ހަގީގަތެވެ.

އަޒަރުބައިޖާން އިން އިންޓަނޭޝަނަލް ރިލޭޝަންސް ނުވަތަ ހާރިޖީ ގުޅުންތަކުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވުމަށްފަހު، އަޒާން އާއި އޭނާގެ ގާތް ތިން އެކުވެރިއަކާ އެކު ބައިވެރިވެގެން "ދިޔަރެސް" ގެ ނަމުގައި ނޫހެއް ހިންގަވަން ފެއްޓެވިއެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ޕްރެސް ކޮންަފަރެންސްއެއްގައި - ފޮޓޯ: ރައީސް އޮފީސް

އެ ނޫހުގެ ކޯ ފައުންޑަރުގެ ހައިސިއްޔަތުން ނުކުންނަވައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ދަންނަ ނޫހަކަށް "ދިޔަރެސް" ހެއްދެވިއެވެ. އަޒާން ފާޅުގައި ނުކުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަދާ "ގޯސް"ތަކާއި "ދޯހަޅި" ސިޔާސަތުތައް ހާމަ ކުރުމަށެވެ. އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ވެސް އަޑު އުފުއްލެވިއެވެ. "ދިޔަރެސް" އުފެއްދެވުމުގެ ކުރިން ވެސް އަޒާން ވަނީ މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ހައްގުގެ ބޭނުން ކުރައްވައި އޭނާގެ "މައުލޫމާތުގެ ހަޒާނާ" މުއްސަނދި ކުރައްވައިފައެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު އަޒާން މިއަދު އެ ނުކުންނެވީ ސިޔާސީ ދާއިރާއަށެވެ. މީގެ 14 ދުވަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށެވެ. ސިޔާސީ ގޮތުން މާ ބޮޑު ތަޖުރިބާއެއް ނެތް ކަމުގައި ވިޔަސް، އޭނާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދައްކުވައި ދެއްވީ ސިޔާސީ ވަރުގަދަ އަދި ތަޖުރިބާކާރު ޝަހްސިއްޔަތުންނާ ވެސް ފައި ހަމަކޮށްލެވޭނެ ކަމެވެ.

ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލީ ކީއްވެ؟

ރާއްޖެ އަށް މިނިވަންކަން ލިބުމުގެ 58 އަހަރު ކުރިން އައްޑޫ އޮތީ އޭރުގައި އޮތް ރަށްތަކާ އަޅާ ބަލާއިރުގައި ފުދުންތެރި އަތޮޅެއްގެ ގޮތުގައެވެ. އައްޑޫ ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއެކީގައެވެ. އާދައިގެ ކަމަކު ނޫނީ ބޮޑު ކަމެއްގައި ވެސް މާލެ އަންނަން ނުޖެހެއެވެ. އެކަމަކު، އޭގެ 58 އަހަރު ފަހުން އައްޑޫ ވަނީ ވަރަށް ބޮޑަށް ފަހަތަށް "ސޮއްސާލައިފަ"އެވެ. އައްޑޫ އަށް ލިބުނު މާ ބޮޑު ކުރިއެރުމެއް ނެތެވެ.

އަޒާން ކެމްޕެއިންގައި.

އައްޑޫ މިހާރު އޮތް ގޮތަށް އޮންނަން ޖެހޭ ކަމަކަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލެއް ނުކުރާނެއެވެ. އަޒާން ވެސް ފުރަތަމަ ފާހަގަ ކުރެއްވީ އެކަމެވެ. އަޒާން ވިދާޅުވި ގޮތުގައި އައްޑޫގެ ރައްޔިތުން އެންމެ އާދައިގެ ކަމެއް ކުރަން ޖެހުނަސް ދާން ޖެހެނީ މާލެއަށެވެ. އައްޑޫގެ އާބާދީގެ %45 މީހުން ތިބީ މަޖުބޫރު ކަމެއްގެ ތެރޭގައި އައްޑޫން ބޭރުގައި ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ނަގާ ކޮޅަށް ޖެހުމުގައި އާއި އެހެން ދާއިރާތަކަށް އެހީތެރިވުމުގައި އައްޑޫގެ ރައްޔިތުންގެ ހިއްސާ ބޮޑު ނަމަވެސް އައްޑޫގެ ރައްޔިތުންނަށް އޭގެ "އަގެއް" ނުލިބި ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށް އަޒާން ވެސް ފާހަގަ ކުރެއްވިއެވެ.

"އައްޑޫ މިއޮތީ އޮންނަން ޖެހޭ ހިސާބެއްގައެއް ނޫން. މިހެން ދިމާވާން މި ޖެހުނީ ވަރަށް ގިނަ ބައެއްގެ އިހުމާލުން." ރާއްޖޭގައި ކުރިން އުފެދުނު ސަރުކާރުތަކާއި އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޓީ ކައުންސިލް މެމްބަރުންގެ އިހްމާލު އޮތް ކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވި ގޮތުގައި އޭނާގެ ތަސައްވުރަކީ އަދި ވިޝަންއަކީ އައްޑޫގެ މިއަދުގެ ހާލަތު ބަދަލުކޮށް މި ނޫން ދުވަހެއް އެ ރައްޔިތުންނަށް ހޯދައި ދިނުމެވެ.

ހިތަދޫ މެދު ދާއިރާއަށް ވާދަ ކުރައްވާ އަޒާން ސަޕޯޓަރުންނާއެކު-- ވަގުތު އިމޭޖެސް: އާދިން މޫސާ ލަތީފް

"އައްޑޫ ރައްޔިތުންނަށް މި ނޫން ދުވަހެއް، މި ނޫން ހާލަތެއް ހައްގު. އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން މިއަދު އޮތް ހާލަތަކީ." އަޒާން ވިދާޅުވިއެވެ.

އަޒާން ވަނީ ސަރުކާރާ ގުޅިގެން ސަރުކާރުގެ އިގްތިސާދީ އެޖެންޑާގެ އެންމެ ކުރީގައި އައްޑޫ ހިމެނުމަށް ފަހުގައި، އައްޑޫ ތަރައްގީ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އޭނާގެ ތަސައްވުރަކީ އައްޑޫގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދައި އައްޑޫގެ އާބާދީގެ %45 ރައްޔިތުން އައްޑޫން ބޭރުގައި ދިރިއުޅެން މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އައްޑޫގެ ހާލަތު ބަދަލު ކުރުން ކަމަށް ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި އަޒާން ފާހަގަ ކުރެއްވީ އައްޑޫގައި ހިނގަމުންދާ މަޝްރޫއުތައް ހުއްޓުމެއް ނެތި ހިނގަމުންދޭތޯ ކަށަވަރު ކުރުމެވެ. މެމްބަރަކަށް އަދި ވެވަޑައިނުގަތަސް، ކޮންމެ ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް އައްޑޫގައި ހިނގަމުންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު އެއް ކުރައްވައެވެ. މިކަންކަމުގައި އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މެން ފަަދަ ވަޒީރުންނާ ބައްދަލު ކުރެއްވުމަކީ އަޒާންގެ އާދައެކެވެ.

އަޒާން ވިދާޅުވީ މި ސަރުކާރުގެ "އައްސޭރި ޓޫރިޒަމް" ޕްރޮޖެކްޓާއި ކުރީގެ ސަރުކާރުން ފަށަން އުޅެ، ނުފެށުނު "ހަންކެޑެ" މަޝްރޫއު ވެސް އޮތީ ފަށަން ތައްޔާރުވެފައެވެ. އަދި ހަންކެޑެ މަޝްރޫއު ވެސް ދާދި އަވަހަށް މޮބިލައިޒް ކުރެވިގެންދާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަޒާން ވިދާޅުވި ގޮތުގައި އޭނާގެ ބޭނުމަކަށް ވާނީ މި ޕްރޮޖެކްޓްތައް ހިނގާތޯ ބެލުމާއި ނުހިނގާ ނަމަ، ޒިންމާދާރު ކުރަން ޖެހޭ މީހުން ޒިންމާދާރު ކުރުވުމެވެ.

އަޒާން އާ އެކުގައި މި ސަރުކާރުގެ ދެ ވަޒީރުން ކަމަށްވާ އިހުސާން އަދި ޝިޔާމް.

"މެމްބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ބައެއް"

އަޒާން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ބައެއް ކަމަށް ވާކާލާތު ކުރައްވާ ހަމައެކަނި ކެންޑިޑޭޓެވެ. ގާނޫނުން ލާޒިމްކޮށްގެން މަޖިލިހުގެ މެމްބަރުންނަކީ ވަކި މުއްދަތެއްގެ ތެރޭގައި ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭ ބައެއްގެ ގޮތުގައި ހަދަން ޖެހޭނެ ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި އެ މެމްބަރަކު ވަކި ކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ގާނޫނީ ބާރުދީ، ގާނޫނީ ރައްޔިތުން އުފައްދަން އަޅުގަނޑު ވަކާލާތު މިކުރަނީ. މިކަމުން މި އެނގެނީ އަޅުގަނޑުގެ ހެޔޮ ނިޔަތް. އިންޓެންޝަން އެބަހުރި ކަން ފަށާއިރުގައި ވެސް ރައްޔިތުންނަށް ޖަވާބުދާރީވާން،" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މީގެކުރިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފެންނަނީ މަޖިލިސް އިންތިހާބެއް ބޯމަތިވީމައެވެ. އަދި މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީވާން ވަޑައިގަންނަވާނީ އޭގެ ފަސް އަހަރު ފަހުން އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކަމަށް އަޒާން ވިދާޅުވިއެވެ. މިކަން ބަދަލު ކުރީމަ، އެ މެމްބަރުންނަކީ ރައްޔިތުން ހަވާލު ކުރާ "މެންޑޭޓް" އާ އެއްގޮތަށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ވެގެންދާނެ ކަމުގައި އަޒާން ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑު މަސައްކަތް ކުރާނީ މިގޮތުގައިއޭ. އަޅުގަނޑަށް މި ގޮނޑި ލިބިއްޖެ ނަމަ، އަޅުގަނޑު ރައްޔިތުންނަށް ޖަވާބުދާރީވާނަމޭ. ރައްޔިތުންނަށް ޖަވާބުދާރީވީމަ، އޮޓެމެޓިކުން ރައްޔިތުން ހަވާލު ކުރާ މެންޑޭޓް އަދާކުރެވޭނެ،" އަޒާން ވިދާޅުވިއެވެ.

އަޒާން ކެމްޕެއިންގައި.

"ވަޒީފާ ނެތް ޒުވާނުން އެންމެ ގިނައީ އައްޑޫގައި، އެކަން ހައްލު ކުރާނަން"

އަޒާން ވިދާޅުވީ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަޒީފާ ނެތް ޒުވާނުން އެންމެ ގިނައީ އައްޑޫގައި ކަމަށެވެ. އައްޑޫގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 800 އެއްހާ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން ކަމުގައި އޭނާ ވިދާޅުވިއެވެ. އައްޑޫގައި މާ ގިނަ ފުރުސަތުތަކެއް ނެތް އިރު، ހަމައެކަނި އޮތް ފުރުސަތުތަކަކީ ވެސް އައްޑޫގައި ހުރި ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ލިބޭ ވަޒީފާތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މެމްބަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ސަރުކާރާ ގުޅިގެން އައްޑޫގެ ޒުވާނުންނަށް ބޭނުންވާ އިގްތިސާދީ ފުރުސަތުތައް ހޯދައި ދެއްވާނެ ކަމަށެވެ. އެހެންވެ، ޒުވާނުން ވެސް އެމީހުން ބޭނުންވާ ސިޔާސަތުތަކަށް ވޯޓު ދިނުމުގެ ފަހި ފުރުސަތެއް މިފަހަރުގެ އިންތިހާބުގައި އެބައޮތް ކަމުގައި އަޒާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޒުވާނުން ގަބޫލު ކުރާ ސިޔާސަތުތަކަކާ އެކީގައި ކެންޑިޑޭޓެއް ނުކުންނަވައިފި ނަމަ، ޒުވާނުން ޔަގީނުން ވެސް ވޯޓު ދޭނެއެވެ.

ޒުވާނުން ފާހަގަ ކުރާ މައިގަނޑު ތިން ކަމެއް އެބައޮތެވެ. އެއީ މެމްބަރުންގެ ރީކޯލް ވޯޓެއް ނެގޭނެ ގޮތަށް އޮތުމާއި ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ އެ މެމްބަރުންނަށް ބޮޑު ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އަޒާންގެ ވާހަކައިގައި ވަނީ މަޖިލިހަށް ހޮވިވަޑައިގެންފި ނަމަ، ޒުވާނުންގެ މި ސިޔާސަތުތައް ތަންފީޒު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަޒާނަށް ވޯޓު ދޭން ޖެހެނީ ކީއްވެ؟

އަޒާން ވިދާޅުވި ގޮތުގައި އައްޑޫ އަށް ތަރައްގީ ގެނެވޭނީ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލިހަށް ހޮވައިގެންނެވެ. ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ވެސް ފެނުނީ އެމްޑީޕީގެ މެމްބަރުން މި ސަރުކާރަށް ޖެއްސުންކޮށް އެއްބާރުލުން ނުދޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން މަޖިލިހަށް ހޮއްވަވައިފި ނަމަ، އަނެއްކާ ވެސް ފެންނާނީ އެ މަންޒަރު ތަކުރާރުވާ ތަން ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެ ފުރުސަތު އަނެއްކާ ވެސް އެބޭފުޅުންނަށް (އެމްޑީޕީއަށް) ދެއްވައިފި ނަމަ، މި ފަސް އަހަރު ފެނިގެން ދާނީ ސަރުކާރަށް ޖެއްސުން ކުރަމުންދާ މަންޒަރު. ސަރުކާރަށް އެއްބާރުލުން ނުދޭ މަންޒަރު. ގައުމެއްގެ ހަޔާތުގައި ފަސް އަހަރަކީ ކުރު މުއްދަތަކަށް ވެދާނެ. އެކަމަކު އިންސާނެއްގެ ހަޔާތުގައި ފަސް އަހަރަކީ ކުރު މުއްދަތެއް ނޫން. މިއަދު 18 އަހަރުވެފައި ހުންނަ ޒުވާނާ ފަސް އަހަރު ވަންދެން މަޑުކުރަންވީތޯ އަނެއްކާ ވެސް ފުރުސަތުތަކެއް ނުލިބި؟ މިހެން ގޮސް ނުބައި މަގަކުން ދާން؟ ކޮންމެވެސް ގޭންގަކާ ގުޅި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ފަށާ. މިއީތޯ އިގްތިސާދީ ފުރުސަތުތަކަކީ؟" އަޒާން ވިދާޅުވިއެވެ.

"އެހެންވީމަ މިކަހަލަ މަގަކުން ދާން ބޭނުން ނުވާ ނަމަ، އަޅުގަނޑަށް ވޯޓު ދެއްވާ،"

ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އަޒާން ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ވަކި ޕާޓީއަކަށް ފުރުސަތު ދީފައި އޮތުމުން އައްޑޫގެ ހާލަތު ބަދަލެއް ނުވެއެވެ. މިދިޔަ ފަސް އަހަރު އައްޑޫގެ ރައްޔިތުންގެ ޖީބަށް "ޕައުންޑާއި ޑޮލަރު" ވަންނާނެ ވާހަކަ އާއި އެތައް މަންޒިލަކުން އައްޑޫ އަށް މަތިންދާ ބޯޓުތައް އަންނަ ވާހަކަ އާއި އައްޑޫގައި 8،000 އެނދު ތަރައްގީ ކުރާނެ ކަމުގެ އަޑު ވެސް އިވުނު ކަމުގައި އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ސަރުކާރާއި މަޖިލިހުގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބިފައި އޮއްވައި އައްޑޫ ސިޓީ އަށް ތަރައްގީއެއް ނުހޯދުނު އިރު، ސަރުކާރު ނެތި، އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެގެން އައްޑޫ އަށް ހޯދައި ދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އެހެންވެ، އައްޑޫ ތަރައްގީކޮށް، އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައި ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް އޭނާ އަށް ވޯޓު ދިނުމަށް އަޒާން އެދިވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އެމްޑީޕީމީހުންނާއެކު އެމީހުންނަށް ވަޒީފާދީގެން މިނޫންދުވަހެއް ހޯދޭތޯ ބަލާނަން .

    10
    5
  2. އަޒާނަށް

    ވަކިޕާޓީއަކަށް ނިސްބަތްނުވާމީހުންވެސް ނިސްބަތުން ގިނަ. މިމީހުންނަކީ ވޯޓު ޓާންއައުޓު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާމީހުން. ހިތަދޫމެދުދާއިރާގައި ތިބި މިފަދަ ފަރާތްތަށް ލިސްޓްއައުޓުކޮށް މިފަރާތްތައް ޕާޓީއަށް ވައްދަން ދައުވަތުދީ ފުރޮޅުވާލެވިއްޖެނަމަވެސް އެއީ ކުރިއެރުމަކަށްވާނެ. އެމްޑީޕީން އައިސްގެންއުޅޭ މީހުންގެ ފަރާތުން ވާނެ މޮޅެއްނެތް.

    7
    5
  3. ހަސަނުގ

    މިނޫން ދުވަހަކީ ކޮބާ؟ މިނޫން ދުވަހެއް ފެންނާނީ މާލޭގަ އުޅޭ މީހުނަށް އެކަނި. އަނގައިން ކިތަންމެ ހަކުރެއް ބޭލިޔަސް، ވެރިމީހާ، އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ހުންނަން ޖެހޭނީ.

    10
    4
  4. ޢާފް

    ޢަޒާން އަޑީގަ ހުރެގެން ހުތުރުކަން ބޮޑު ކޮށް މީހުންގެ އަބުރު ކަތިލިކަން އަދި މިހާރުވެސް އެކަހަލަ ނުބައި ރޯލުތައް ކުޅެނީ ހަމަ އައްޑޫ އަށާއި ގައުމަށް ރަގަޅަކަށް ހޭ ސުވާލަކީ... އަޒާން އަމިއްލައަށް ނަފްސާ ސުވާލު ކޮށްބަލަ..،،

    23
    8
  5. Anonymous

    އަހަރެން އަޒާނަށް ވޯޓްދޭނީ މި ދިވެހި ފަސްގަނޑުގެ މިނިވަންކަމަށް ކިތަންމެބޮޑު ޤުރްބާނީއެއް ވާން ޖެހުނަސް ފަސްނުޖެހޭނެކަން . ޔަޤީންވާތީ. ބޭރު ސިފައިންނަށް ބިރެއްނެތި ޚަބަރު ލިޔުމުގައި ފަސްނުޖެހި މިނިވަން ކަމަށް ވަކާލާތު ކުރީތީ. އުމުރު ހަގަސް ފިސާރި ދުވަސްވީ ތަޖްރިބާކާރު ނޫސްވެރިންނަށް ގޮންޖަހާލާފައި ކެރިގެން ކަންކަން ކުރެވޭނެކަން ،އެޤާބިލުކަން .
    ދައްކާދިނީތީ.
    މިފަހަރު މީ އަޒާންގެ ފަހަރު އިރާދަކުރެއްވިއްޔާ

    3
    22
  6. އަހުމަދު

    ކޮންމެ މީހަކު ވެސް ކޮންމެ ބަޔަކު ވެސް އުޅެނީ ތިމާ އާއި ތިމާގެ އާއިލާ އަށް މިނޫން ދުވަހެއް ހޯދަދޭން. ތިމާގެ ޖީބަށް މިހާރަށް ވުރެން ބަރު ދުވަހެއް ހޯދަދޭން. ހާދަ މުސާރަ ބޮޑު ވަޒީފާއެކޭ ތީ. ރައްޔިތުންނަށް ނޯންނަ ހާދަގިނަ ހައްގަކާއި އިނާޔަތެއް ލިބެޔޭ ، ކޮންމެހެން އައްޑޫއޭ ، ރައްޔިތުންނޭ ކިޔާނެ ކަމެއް ނެތް. ރީއަްޗަށް ބުނީމަ ނިމުނީ "މި ވަޒީފާ ތިމަންނަ އަތުގަ ޖައްސަ ދީބަލާށޭ". ތިކަހަލަ ވަރަށް ގިނަ ތަރި އަރާ އޮއްސިއްޖެ ލޯ ކުރިމަތީ. އައްޑޫ އޮތީ ހަމަ އޮތް ގޮތަށް.

    11
  7. ހުތުރުސިފަ

    ވަރަށް ނުބައި ދޮގުތައް ހަދައި އެތައްބައެއްގެ އިއްޒަތުއް ނަފްސު ކަތިލާފަހުރި މީހެއްތީ. ނޫސްވެރިކަމުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން މީހުންގެ އަބުރު ދުއްވާލުން އެއީ މީނާގެ އުފަލެއްކަމަށް ގަބޫލުކުރެވޭ. މިފަދަ ވިޔާނުދާ މީހުން މަޖިލީހަށް ހޮވުމަކީ ގައުމަށް ލިބޭ ދެރައެއް. އިތުރަށް ފަހަތަށް އަޅާ ފިޔަވަޅުތަކެއް. ގައުމުގެ ދަރިންގެ އަޚްލާގު ގޯސްވެގެންދާނެ ސަބަބެއް.