މިދިޔަ ޑިސެންބަރު މަހު 29 ވަނަ ދުވަސް ވެގެންދިޔައީ ދިވެހި ތާރީހުގައި ކަޅު ދުވަހަކަށެވެ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ރަޝްފާ އަހުމަދުގެ މަރާ ގުޅިގެން މުޅި ގައުމަށް ފުން ހިތާމައެއް ގެނުވިއެވެ. ދެ ކުދިންނަށް ބަލިވެ އިންދާ އޭނާ ކުއްލިއަކަށް ދުނިޔެއާ ވަކެވެގެން ދިޔައީ އެތައް ބަޔަކު ރޮއްވާލި ހިތާމަވެރި ހާދިސާއަކަށެވެ.

މަރުވެފައިވަނީ ކުއްލި ގޮތަކަށް، ކ.މާފުށީ ސިއްހީ މަރުކަޒުގައި އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެތަކެއް ދިވެހި ރައްޔިތުންނަކަށް ލިބުނީ ޝޮކެކެވެ. އާއިލާއަށް ލިބުނު ނުތަވަސްކަން މާބޮޑެވެ. ގެއްލިގެން ދިޔަ ތިން ފުރާނަ، ކުއްލިއަކަށް ދުނިޔެއާ ވަކިވެގެން ދިޔަ ގޮތުގެ ޖަވާބުތަކެއް އާއިލާއިން ބޭނުންވިއެވެ.

ރަޝްފާ ބަނޑުބޮޑު އިރު ނަގާފަިއވާ ފޮޓޯއެއް --

ރަޝްފާ އަދި ތިން ކުދިންގެ މަރާ ގުޅިގެން އާއިލާގެ ބަސް

ރަޝްފާގެ ކުއްލި މަރާ ގުޅިގެން އޭނާގެ ދައްތަ ވަނީ ފޭސްބުކް މެދުވެރިކޮށް، ކަމާބެހޭ ފަރާތްތަކަކަށް ބޮޑެތި ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ރަޝްފާގެ މަރަކީ "މެޑިކަލް މެލްޕްރެކްޓިސް"އެއްގެ ސަބަބުން ދިމާވި ކަންތައްތެއްގެ ސަބަބުން ކުރިމަތިވި މަރެއް ކަމަށް އޭނާގެ ދައްތަގެ ޕޯސްޓުގައި ބުނެފައިވެއެވެ. ތިން ފުރާނައެއް ކުއްލިއަކަށް ދުނިޔެ ދޫކޮށް ދިޔުމާއެކު ލިބުނު ހިތާމާގައި "މީހަކު މެރިކަމަށް ވަނީ ހަމައެކަނި ތޫނު އެއްޗަކުން ހަމަލާދީ މަރާލީމަތޯ" އޭނާ ސުވާލު އުފައްދާފައިވެއެވެ.

ރަޝްފާއަށް އެ ރޭ ސީފައިވާ ބޭސްތައް ---

ރަޝްފާގެ ދައްތަ ވަނީ އަލް މަރުހޫމް ރަޝްފާގެ ބޭސް ސިޓީތަކާއި، ޑޮކްޓަރު ދިން ބޭހެއްގެ ފޮޓޯއަކާއެކު، އެ ބޭހުގެ ބައެއް ސައިޑް އެފެކްޓްސް ފެންނަ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ. "ވަގުތު"އިން އިތުރު މައުލޫމާތަށް ގުޅާލުމުން އޭނާ، ކޮއްކޮ ރަޝްފާގެ މަރުގެ ވާހަކަތައް ކިޔާދިނެވެ.

"ކޮއްކޮ ހުރީ އޭރު ބަލިވެ އިނދެ އަށް މަހުގަ. މަރުވި ދުވަހު ނޫން ކުރީ ދުވަހުވެސް މަސައްކަތަށްވެސް ނުކުތް. ފިހާރައެއްގެ އުޅޭނީ. ފިހާރައަށް ގޮސްފައި އައިސް، ބުނި ކުޑަކޮށް ބަލިވެއޭ މިއުޅެނީ. ހިކި ކެއްސުމެއް އުޅޭ ވާހަކައިގެ އިތުރުން ދެން ހުން ވައްތަރުވެސް ވެފައި ހުރި ވާހަކަ ބުނި. އެކަމަށް ޑޮކްޓަރަށް ދައްކަން ދިޔައިމަ ދީފައި ހުރީ ޕެނަޑޯލާ "ގްރިލިންކްޓަސް" ކިޔާ ބޭހެއް. ދެން އެ މަރުވި ރޭ، 12ގެ ފަހުން ހޮޑުލެވުނު ވާހަކަ ރަޝްފާގެ ފިރިމީހާ ބުނި. އެހިސާބުންވެސް ސުވާލުތަކެއް އުފެދޭ. ޕްރެގްނެންސީ ރިޕޯޓުގައި އެބައިނދޭ، ޓީނޭޖު ޕްރެގްނެންސީއާ ޓްވިން ޕްރެގްނެންސީއާ ޖަހާފަ، އެއީ ރިސްކް ފެކްޓާސް ކަމަށް ބުނެފައި. އަށް މަހުގައި ހުރި މީހަކު އެގޮތަށް ހޮޑު ލެވުމުން ފިރިމީހާ ވަގުތުން ހެލްތު ސެންޓަރަށް ގެންދަން ޖެހޭނެ ކަމަށް ދެކެނީ،" ރަޝްފާގެ ދައްތަ، އޭނާގެ ކޮއްކޮއާއި ދެ ކުދިންގެ މަރާ ގުޅިގެން ބުންޏެވެ.

ދައްތަ ބުނެފައި ވަނީ އޭރު ރަޝްފާގެ ފިރިމީހާ، މާފުށީ ސިއްހީ މަރުކަޒާ ހަމައަށް ރަޝްފާ ގެންދިޔައީ ފަތިހު ކަމަށެވެ. އަދި އޭރު އަނގައިން ފޮނުތަކެއް އަރާ، ރަޝްފާގެ ހަބަރު ހުސްވެފައިވާ ކަމަށްވެސް ރަޒީނާ ބުންޏެވެ. އެ ހިސާބުން ރަސްފާ އުފައްދާ ސުވާލަކީ ފިރިމީހާގެ އިހުމާލު އޮތްތޯ ބަލައިދިނުމަށް ފުލުހުންނާއި ކުރާ ސުވާލެވެ. އޭނާ ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާނެ ކަމަށެވެ. އަވަސް ޖަވާބަކަށް އެދޭ ކަމަށެވެ.

ޕްރެގްނެންސީ ރިޕޯތުގައި ރިސްކް ފެކްޓާ ޖަހާފައިވާ ބައި ---

ދެން އާއިލާގެ ފަރާތުން ޖަވާބަށް ބޭނުން ވަނީ ހެލްތު ސެންޓަރު ފަރާތުންނެވެ. ފުރަތަމަ އާއިލާއިން އުފައްދާ ސުވާލަކީ އެ ރޭ ރަޝްފާއަށް ދީފައިވާ "ގްރިލިންކްޓަސް" ބޭހުގެ ސުވާލެވެ. ކެއްސުމަށް ދިން އެ ބޭސް ރަޝްފާ ބުއި ކަމަށް ދައްތަ ޔަގީން ކޮށްދޭ އިރު، ރަޝްފާގެ ދައްތަ ބުނީ ބޭސް ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި "ޕްރެގްނެންސީ" ހިމެނޭ ކަމަށެވެ.

އަދި އެކިއެކި ގޮތްގޮތުން ހޯދި މައުލޫމާތާއެކު ރަޝްފާގެ ދައްތަ ބުނެފައި ވަނީ އެ ބޭހަކީ މާބަނޑު ދުވަސްވަރު، އެއްވެސް މީހަކު ބޭނުން ނުކުރަން ޑޮކްޓަރުން އިރުޝާދު ދީފައިވާ ބޭހެއް ކަމަށެވެ.

"ހެލްތު ސެންޓަރުގެ ތިބޭނީ އާންމު ބަލިތަކުގެ ދެ ޑޮކްޓަރުން. އެ ދެ ޑޮކްޓަރުން ދީފައި އޮތް ދެ ބޭހެއް އެއީ. އެ ބޭހުގެ ކަންކަން ބެލި އިރު، އެނގިފައި އެބައޮތް މާބަނޑު މީހަކަށް ދީގެން ނުވާނެ ބޭހެއްކަން އެއީ. ކޮންމެ ގޮތެއްވިޔަސް މި ދައްކަނީ ތިން ފުރާނައެއްގެ ވާހަކަ. އަށް މަސްވެފައިވާ ކުއްޖެއްގެ މަންމަ މަރުވިޔަސް، ހޮސްޕިޓަލުން އެ ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހޭނެ. އެކަން ކުރި ކަމެއްވެސް ނުކުރާ ކަމެއްވެސް އާއިލާއަކަށް ނޭންގޭ. މަރު ފޯމުގައި ވަނީ ރަނގަޅަށް ނޭވާ ނުލެވި ފިޓް ޖެހުނީ ކަމަށް. އެކަމަކު މިއަށްވުރެ ކަންކަން ސާފުވާން ޖެހޭ، އާއިލާއަށް،" ރަޝްފާގެ ދައްތަ ބުންޏެވެ.

ރަޝްފާގެ މަރު ފޯމު

 

ރަޝްފާގެ ދައްތައަށް އެނގެން ބޭނުން ވަނީ އޭނާގެ ކޮއްކޮ، އަދި ބަނޑުގައި އޮތް މައުސޫމު ދެ ކުދިންގެ މަރުގެ ހަގީގަތެވެ. އެ މަރަށް ކުރިމަތިވި ސަބަބުތަކެވެ. ތިން ފުރާނައެއް ގެއްލިގެން ދިޔަ އިރު، ޒިންމާ ވާން ޖެހޭ ބައެއްގެ ޖަވާބުތަކެވެ.

މާފުށީ ސިއްހީ މަރުކަޒާއި، ހެލްތު މިނިސްޓްރީގެ ބަސް

ރަޒީނާގެ އަސަރުގަދަ ވާހަކަތަކާއެކު، އެ މަރުގެ ހަގީގަތްތައް އިތުރަށް ހޯދާލުމަށް "ވަގުތު"އިން ވަނީ މާފުށީ ސިއްހީ މަރުކަޒާއި ހެލްތު މިނިސްޓްރީއަށްވެސް ގުޅާފައެވެ.

ސިއްހީ މަރުކަޒުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މައުލޫމާތެއް ނުދޭން މިނިސްޓްރީން އަންގާފައިވާ ކަމަށާއި، ސިއްހީ މަރުކަޒުގައި މައުލޫމާތު ދޭނެ ހާއްސަ އޮފިސަރެއް ނެތުމުން، މައުލޫމާތު ދެވެން ނެތް ކަމަށެވެ. އެކަމުގެ ޖަވާބަކަށް ހެލްތު މިނިސްޓްރީއަށްވެސް "ވަގުތު"އިން ވާނީ ގުޅާފައެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ މައްސަލައިގައި ގިނަ ކަންތައްތަކެއް ހުރުމުން، މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ރަޝްފާގެ މަރުގައި ބަޔަކު އިހުމާލުވިކަން ނޫނީ ނޫންކަން، އިހުމާލިވީ ކޮންބައެއްކަން ސީދާ ބުނަން އެނގޭނީ މައްސަލަ ބަލާ ނިމުމުން ކަމަށްވެސް ހެލްތުން ބުނެފައިވެއެވެ.

ސިއްހީ ކަންކަމުގައި ވެވޭ އިހުމާލަށް މީގެކުރިންވެސް އެތައް އާއިލާއެއްގެ އިނގިލިތައް ވަނީ ދިއްކުރެވިފައެވެ. "މެޑިކަލް މެލްޕްރެކްޓިސް"ތަކުގެ ސަބަބުން ދުނިޔެ ދޫކޮށް ދިޔަ އެތައް އާއިލާއަކުން މިއަދުވެސް ތިބީ ޖަވާބަކަށް ބޭނުންވެ، ޖަވާބެއް ހޯދޭނެ ގޮތެއްވެސް ނެތިފައެވެ. "މެޑިކަލް ނެގްލިޖެންސް"ގެ ގާނޫނެއްވެސް ނެތުމާއެކު، އެފަދަ ސުވާލުތަކަށް ޖަވާބަށް އެދޭނެ ކޯޓެއްވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ކަނބުލޯ މިގައުމުގައި އުޅޭ ޑޮކްޓަރުން މޮޅުވީމަ "މެޑިކަލް ނެގްލިޖެންސް"ގެ ގާނޫނެއް ބޭނުމެއްނުވާނެ..

 2. 3ނިރު

  އުފާކުރޭ ސަހީދު މަރެއް ސަހީދުންނަށްއޮތީ ސުވަރުގެ މިދުނިޔެ މީކީކުރާތަނެއް

 3. ބިންބި

  ތިއަށް ޖަވާބުދޭން ސުއޫދު އެބަހުރި ރެޑީގަ. އެޔެއްނު މަރަށްވާ ގޮތް ބަލާ މީހަކީ!

  • ހުސޭނުބޭ

   ކޮމިޝަން އުފައްދާފައި "އޮން ޔޯ މާކް ގެޓް ސެޓޭ" ބުނިގޮތަށް އޭތި އެބައޮތް ހަތަރުމޮއްގަނޑުޖަހައިގެން ކުރިޔަށް ހިރެނުލެވިފައި!

 4. ޢައިޝަތު

  އަޅުގަނޑުގެ ދައްތަ އެއްވެސް ވިހަން ބަނޑުގަ ރިއްސާފަ ފިޓު ޖެހި ހޭނެތި ގާތްގަޑަކަށް 10ގަޑި އިރު ފަހުން ނިޔާވި.އެކަމަކު ބަނޑުގަ އޮތް ދަރިފުޅު މަރުވީ އޭގެ ވެސް 4 ގަޑި އިރު ފަހުން. އެއީ މީގެ30 ވަރަކަށް އަހަރުކުރން. ރަޝްފާގެ ބަނޑުގައިވާ 2 ކުދިން އެހާއަވަހަށް ނިޔާވި ވާހަކައިވުމުން އަޅުގަޑު ހިތުގަވެސް ސުވާލުތަކެއް އުފެދެއެވެ.

 5. ރަށްދު

  އަހަރެންނަމަ ދެދަރި ނެގީމުސް ދެކުދިންމަރެއްނުވާނެ އެހާއަވަހަކަށް

 6. ހަސަންބެ

  މިގައުމުގަ ކޯޓުތަކާ ޕލިހުންނާ ތިބޭނީ ސިަޔާސީ މީހުންނަށް މައްސަލަ ބަލައިދޭން.....އެހެންމީހުން ގެހޭނީ އެ އާލާތް ވަރަށް މުސާރަޔާ އެލަވްންތަކަށް ވާވަރަށް ޓކުސް ދއްކަދއްކާ ތިބެން....

 7. ޖޭމްސް

  ބޭހުގެ ސައިޑް އިފެކްޓަށް ބަލައިގެން ޑޮކްޓަރުން ފުލުން ދުވަންވެއްޖެ ނަމަ، ސަލާމަތެއް ނޯންނާނެ.. އާއްމުކޮށް ކޮންމެ ބޭހަކީވެސް ކޮންމެސް ސައިޑް އިފެކްޓެއް ހުންނަ ބޭހެއް.. ހިތް ހުއްޓުން، ލޯ އަނދިރިވުން، ބީރުވުން ފަދަ ކަންކަން ނޯޓުކޮށްފައި ހުންނާނެ.. އަނެއްކަމަކީ، މަންމަ ފިޓު ޖެހުމުން، ވަގުތުން ބަނޑު ކަފާލާފައި، ދަރިފުޅު ނެގައި، މަންމަ ނިޔާވިނަމަ ބުނާނެ، މަންމަ ނިޔާވީ އެގަޑީގައި މަންމަގެ ފުރާނަ ސަލާމަތްކުރަން ނޫޅެ، އެހެންކަމަކާ އުޅުނީމައޭ.. ހަޤީޤަތަކީ، ފުރަތަމަ އިސްކަންދޭނީ މަންމަގެ ފުރާނައަށް... މަންމަ، ދެން ދުނިޔޭގައި ނުހުންނާނެކަން ޔަގީންވާއިރު، ބައެއް ފަހަރު ދަރިފުޅު ސަލާމަތްކުރަން ތަންކޮޅެއް ލަސްވެސް ވެފައި އޮވެދާނެ.. ނޫނީ، މަދު ހާލަތެއްގައި، ސަލާމަތްކުރެވޭހާ ވަގުތުވެސް އޮވެދާނެ..

 8. ތެދު

  އަހަރެންގެ ދަރިފުޅުގެ ދަތްތައް ވެސް ހަލާކު ވީ ޑޮކްޓަރުންގެ އިހުމާލުން. ކެލްސިއަމް މަދީއޭ ކިޔާފަ ކެލްސިއަމް ބޭސް ދެނީ. ފަހުން އެހެން ޑޮކްޓަރަކަށް ދެއްކީމަ މި އިގުނީ ދަތް ފަނި ކަނީކަން

 9. ކުރަނޑިބެ

  ސުއޫދު އެއީ މަރުބަލާ މީހާ އެމީހާއަށްނޫނީ މަރުވިގޮތް ނޭނގޭނެ .