މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހދ. ކުރިނބީއަށް ނިސްބަތްވާ ޒުވާން ގުރޫޕަކުން ދިޔައީ ކުނބުރުދޫއަށެވެ. އެރަށު ތެރެ ބަލާލާށެވެ. މީގެ ކުރިން މީހުން ދިިރިއުޅުނު އެރަށް މިހާރު ފަޅުވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެރަށަށް މީހުން ދަނީ މަޖާކޮށްލާށެވެ.

އެރަށަށް ދިޔަ މި ގުރޫޕަށް ތައުރީފް އޮއްސާލަން ހިނގާށެވެ. އެ ގުރޫޕް އެރަށަށް ފުރަތަމަ ދިޔައީ އެ ރަށް ބަލާލުމަށް ކަމަކު، އެނބުރި ރަށަށް އައީ ވަރަށް މާތް މަގަސްދެއް ހިތުގައި އަޅުވައިގެންނެވެ. އެރަށުގައި މީހުން ދިރިއުޅުނު އިރު، އަމިއްލަ މީހަކު އަޅާފައިވާ މިސްކިތަށް ބަޔަކު ގެއްލުންދީފައިވާތީ އެ މިސްކިތް ސާފުކޮށްލުމުގެ އަޒުމާއެކުގައެވެ.

މިސްކިތް ސާފުކުރުމުގެ މަސައްކަތް --- ފޮޓޯ/ މީސް މީޑިއާ

އެ މިސްކިތް ސާފްކޮށްލަން މި ނުކުތް ގުރޫޕްގައި ހިމެނޭ މެންބަރަކު ބުނީ، ކުރިނބީން ފަސް ވަރަކަށް މިނިޓް ތެރޭގައި ދެވޭ އެރަށަށް ކުރި ދަތުރަށްފަހު ރަށަށް އައިސް، އެ މިސްކިތް ސާފް ކުރުމާއި، ބެހޭގޮތުން ރަށުގެ ބައެއް މީހުންނާއި މަޝްވަރާ ކުރި ކަމަށެވެ.

"ފުރަތަމަ އެރަށަށް ދިޔައީ ރަށް ބަލާލަން. ކައިރީގައި އޮތް ރަށެއް ވީމަ. ފުރަތަމަ ދިޔައީ ފަސް ވަރަކަށް މީހުން. އެރަށަށް ގޮސް ބަލާލާފައި ރަށު ތެރޭގައި ހިނގާލިއިރު، މިސްކިތް ފެނުނީ". އޭނާ ބުންޏެެވެ.

އޭނާ ބުނިގޮތުގައި، އެ މިސްކިތަށް ވަންއިރު، މިސްކިތުގެ ހުރިހާ ކުޑަދޮރުތަކެއް ހުރި ތާޅާލާފައި ކަމަށެވެ. އަދި ސީލިންގވެސް ހުރީ ނޮޅާލާފައި ކަމަށާއި، މިސްކިތުގެ ކަރަންޓް ވައިރިންގ އެއްޗެއްސާއި، ފަންކާ ބޮކި އެއްޗެހިވެސް ވަގަށް ނަގާފައިވާކަމަށް އޭނާ ބުންޏެވެ. އަދި އޭގެ އިތުރުން މިސްކިތް ތެރޭގައި އަޅި ބޭނުންކޮށްގެން ފާޑު ފާޑުގެ އެއްޗެހި ލިޔެފައިވާއިރު، މިސްކިތް ތެރޭގައި ގިނަ އަދަދަކަށް ކުނިވެސް އޮތްކަމަށް އޭނާ ބުންޏެވެ.

ކުރިން އެ މިސްކިތުގެ މަންޒަރެއް --- ފޮޓޯ/ ކިޔުންތެރިއެއް

"އެތާ ތެރޭގައި ހުރީ ކާއެއްޗެހި ކައިފަވެސް އެއްޗެހި އުކާފައި، ޑަސްޓްބިންތައް ހުރީ އެތާ ތެރޭގައި. މަދުވެސް ބިދެފައި އެ އެއްޗެހިތައްވެސް ހުރީ މިސްކިތް ތެރެއަށް އުކާލާފައި. ސީލިންގ އިން ނައްޓާފައި ހުރި އެލުމެނިއަމް ފަތިތައްވެސް ހުރީ އެތާގައި. ހުރިހާ ކުޑަދޮރުތަކެއްވެސް ހުރީ ތަޅާލާފައި، އެހެންވެ ވިއްސާރަ ވެހުނީމަ މިސްކިތުގެ ތެރެއަށް ވާރޭ ވެހި ތަށިމުށީގަ ފެހިވެސް ޖަހާފައި ހުރީ. ފާރުގައިވެސް އެތަނަށް ޒިޔާރަތް ކުރާ މީހުން ލިޔާނެ އެއްޗެއް ލިޔެފައި ހުރީ". އޭނާ ބުންޏެވެ.

އޭނާ ބުނީ ރަށަށް އެތަން ސާފް ކުރުމާއި މެދު ވަރަށް ވިސްނި ކަމަށެވެ. އެގޮތުން ރަށުގެ ބައެއް މީހުންނާއި ބައްދަލުކޮށް އެތަް ސާފްކުރުމަށް ތަކެތި ދިނުމަށް އެހީއަކަށް އެދުނެވެ.

ފޮޓޯ/ މީސް މީޑިއާ

"އެކަމާއި ވާހަކަދެއްކީމަ މީހުންނަށްވީ ބުރަކަމަކަށް، މީހުން ނޫޅޭ ރަށަކަށްވީމަ ދަތި ކަމެކޭ ކުރަން އެއީ، މީހެއް ކައިރީ ފައިސާގެ ވާހަކަދެއްކީމަ ބުނީ ވަރަށް ބިކާރީއޭ. ބައެއް މީހުން ބުނޭ ތިއީ މޮޔަކަމެކޭ. ރަށުގެ މެދު އުމުރުގެ މީހުން އެކަމަށް ވަރަށް ސަޕޯޓިވް، އެ މީހުން ބުނަނީ ރަނގަޅު ކަމެކޭ އެއީ ކުރަން. ބައެއް ޒުވާނުންގެވެސް އެހީއާއެކު އެކަން ކުރީ"

އިތުރަށް އޭނާ ބުނިގޮތުގައި، އެ މިސްކިތް ސާފް ކުރުމަށް އެރަށަށް ދިޔައީ ކުލަ ދަޅާއި ކާނެ އެއްޗެއްސާއި، އަދި ސާފް ކުރަން ބޭނުންވާނެ ގިނަ އަދަދެއްގެ ސާމާނު ހިފައިގެންނެވެ. ހަތް މީހުން ޓީމަކުން އެރަަށަށް ގޮސް އެ މިސްކިތް ސާފްކޮށް އޯމޯ ލައިގެން ދޮވެ، މިސްކިތުގެ ފާރުތަކުގައި ލިޔެފައި ހުރި އެއްޗެހި ފެންފޮތި ލައިގެން ދޮވުމަށްފަހު ކުލަ ލިއެވެ.

"އެއް ދުވަހު ހެނދުނު ދިޔައީ، ހެނދުނު ދިޔަ ގޮތަށް މެންދުރު ނަމާދު ވަންދެން ސާފްކުރީ ހުއްޓާނުލާ، ދެން ބޮޑެތި ކުނިތައް ނަގާ، ބީޗަށް ގޮސް ނަމާދު ކޮށްލާ ރެސްޓް ނެގީ ބައިގަޑިއެއްހާރު، ބަނަހަކާ ގެރިކިރު ކޮޅަކާ ކެއީ. އައިގޮތަށް 17:30 ވަންދެން އުޅުނީ މަސައްކަތުގައި". އޭނާ ބުންޏެވެ.

ފޮޓޯ/ މީސް މީޑިއާ

އޭނާ ބުނިގޮތުގައި، އެތަނަށް ގޮސް މިސްކިތުގެ އެތެރެއާއި ބޭރުވެސް ސާފްކުރިއެވެ. އަދި މުޅި ތަން ސާފްކުރުމަށްފަހު ކުނިވެސް އެތަނުން ނެގިއެވެ.

އެތަނުން ސާފްކުރި އެ ޓީމުގެ ވަރަށް ބޮޑު އަދުމެއް އެބައޮތެވެ. އެ ރަށަށް ޒިޔާރަތް ކުރާ މީހުން އެ މިސްކިތް ސާފް ކުރުމެވެ. އަދި އެތަން ރީތިކޮށް އަބަދުވެސް ބެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލިލިއަން

    މިސްކިތް ހަޑިކޮށްފަ އޮތްވާވެސް ފޮޓޯލީނަމަ ކުރިޔާ މިހާރާ ފެނުނީސް

  2. އަލީ

    ތިކަހަލަ ޒުވާނުން މިގައުމަށް ބޭނުންވަނީ.

  3. Anonymous

    ﷲ ސުބުހާނަހޫ ވަތަޢާލާ މިހުރިހާ އަޙުންނައް ހެޔޮރަހްމަތް ލައްވަވައި ބަރަކާތް ލައްވަވައި ފާދޭވެ. އަދި މިހުރިހާ އަޙުންގެ ފާފަ ފުއްސަވައި ރަހްމަތް ލައްވަވައި ސާބިތުކަން ދެއްވައިފާދޭވެ.އާމީން. މިއީ ރިޖާލުންނަކީ. މިފަދަ ޒުވާނުން ބޭނުންވަނީ މި މުޖުތަމައު އިސްލާހް ކޮއް މުންކަރާތް މަނާކޮއް ހައްގައް ގޮވާލަން.

  4. ލަބީބު

    އުފަލުން ރޮވިއްޖެ. މާތްﷲ ތިކުދިންނަށް ހެޔޮ ރަހުމަތް ލައްވާށި.

  5. ޝާމް

    ވަރަށް އުފާވެރި ހަބަރެއް އެޒުވާނުންނަށް ހެޔޮރަހުމަތް ލައްވާށި

  6. Anonymous

    ޥަރަށް އުފާވެއްޖެ ، ތިކުދިންނަށް ހެޔޮރަހްމަތް ލައްވާށި

  7. އަޙުމަދުބެ ބާރަށް

    އެރަށުގައި މީހުން ދިރިއުޅުނުއިރު މަވެސް އެރަށަށް ދިޔައިން ކުޑަރަށެއް ނަމަވެސް އެމިސްކިތަކީ ހދ. އަތޮޅުގެ އެހެން ރަށްތަކުގަ ބިނާކޮށްފައި ހުރިމިސްކިތްތަކަށްވުރެ ފުރިހަމަ ރީތި މިސްކިތެކޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ތިޔަ ހުރިހާ ޒުވާނުންނަށް ފަށްފަށުން ޝުކުރުއަދާކުރަމެވެ. ތިޔަކުދިންނަށް ހަމަ ސާބަސް

  8. ފުނަދޫ

    ތިޔަފަދަ ދަރިންތަކެއް ތަރބިއްޔަތުކޮއް ބަލާބޮޑުކުރި މައިންނަޗާއި ބަފައިންނައް މާތްﷲ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި ތިޔަކުދިން ގެހިތުގަ ޖެހިފަހުރި ލޯބިއިތުރުކުރައްވާށި ހުރިހާޒުވާނުންވެސް އެކުދިންގެކިބައިނަ ނަމޫނަންޖެހޭ ހެޔޮލަފާ ކުދިބއެއް

  9. Anonymous

    މާތްﷲ ތިކުދިންނަށް ހެޔޮ ރަހުމަތް ލައްވާށި.

    2
    1
  10. އ. މ. ފ

    މީ ހާދަ އުފާވެރި ހަބަރެކޭ. ﷲ ތިޔަ ކުދިން ނަށާއި ތިކުދިންގެ މައިން ބަފައިން ނާއި މުދައްރިސުން ނަށް ރަހުމަތް ލައްވާ ތިޔާގި ކަން އިތުރު ކޮށް ދެއްވާ ފާންދޭވެ.

  11. އަގްލީ ބެޓީ

    ރާއްޖޭގެ ޒުވާނުންނަކީ ރަނގަޅުބައެއް. އަދި ފާޑަކަށް މިއުޅޭ ކުދިންވެސް ގައުމާއި ދީނަސް ފާޅުގައި އެއްޗެއް ވަރަށް ނުބުނާނެ. އިބްރާ، އާއި މާރިޔާ އަށް ދެވުނުބރަނގަޅު ފިލާވަޅެއް.

  12. ޚޮތުރތިތު

    އިބްރާ، އާނިޔާ، އައްނި. ކަލޭމެންނަށް ފެނޭތަ ގައުމުގެ ޒުވާނުން

  13. ނީރާ

    މާޝާﷲ ވަރަށް ރަނގަޅު ކަމެއް އެކުދިން އެކުރީ

  14. ޢަބުދުލް ވާހިދު

    ޢަލްހަމްދުލިއްލާހި ވަރައްރަނގަޅު ކަމެއް ﷲގެ ރުއްސެވުންލިބޭނޭ ކަމެއް މިސްކިތެއްގެ ޙުރުމަތް ކަނޑާނީ ވަރަށް ނުބައިނުލަފާ ގޮތެއްފޮތެއް ނެއް މީހުން ﷲ މިކުދިން މިކުރި މަސަތްކަތުގައި ބަރަކާތް ލައްވާ މިކުދިންނަށް ސުވަރުގެ މިންވަރު ކޮއްދެއްވާށި އާމީން.