ހުކުރު ދުވަހު ހެނދުނު މިރަށު ރައްޔިތުން މާބާރަށް އެއް ދިމާލަކަށް ދާތަން ފެނުނެވެ. އެ މީހުންގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. އެ އެންމެންގޮސް ހުއްޓުނީ ރަށުގެ އަތިރިމަތީގައި ދޯންޏެއް އެހެލަން ތައްޔާރު ކުރާ ހިސާބަކަށެވެ. މޫދުގައި އޮތް މަސް ދޯންޏެއް އެއް ގަމަށް އެރުވުމަށެވެ. އަހަރެންވެސް މިކަމުގައި ބައިވެރިވެލީމެވެ.

އެއްބަޔަކު މޫދަށް އެރި އޮޑީގައި ވާޖެހި އެވެ. ދެން ތިބި މީހުން އެއް ގަމުގައި ކަނދު އެތުރި އެވެ. ދޯނީގައި ޖަހާފައިވާ ދެވާ އެއްގަމަށް ގެނެސް ދިއްކޮށްލުމާއެކު ވަށައިގެން އެއްވެ އޭގައި ހިފި މީހުންގެ ތެރޭގައި އަހަރެންވެސް ވީމެވެ. ދެ ޖިންސްގެ އެކި އުމުރުގެ މީހުން އެ ވަލުގައި ހިފައި އަންބާއާއެކު އެއްގަމަށް ހިގައިގަތެވެ. މާކަ ގިނައިރެއްނުވެ ދޯނި އެއްގަމަށް ގެނެވިއްޖެ އެވެ. އެހާ ބޮޑު ކަމަކަށް ނުވެ އެކަން މިކުރެވުނީ ކުރިނބީ ރައްޔިތުން ދެއްކި ނަމޫނާއިންނެވެ.

އާދެ އެއްބައި ވަންތަ ކަމުގެ ނަމޫނާ އެވެ. އެ ދޯނި އެހެލުމުގައި އެ ލޮބުވެތި ރައްޔިތުން ބައިވެރި އެވީ ލިބޭ މާލީ މަންފާއަކަށް ނޫނެވެ. އެކުވެރި ކަމަށެވެ. އަނެކާއަށް ހެޔޮ އެދޭތީ އެވެ.

އަޅުގަނޑުގެ މި ތަޖުރިބާއިން ސިކުނޑި ގެންގޮސް ދިނީ 1990 ގެ އަހަރުތަކަށެވެ. އަޅުގަނޑަށް އެ މަންޒަރު ނުފެނުނު ނަމަވެސް އޭރުގެ މީހުންގެ ވާހަކަތަކުން އަޑުއިވުނު ގޮތަށް 2019 ވަނަ އަހަރު ހަމަ އެ މަންޒަރު މިވަނީ ފެނިފަ އެވެ. މިހާރު މަދުން ނަމަވެސް ނުފެންނަ މިމަންޒަރު ކުރިނބީ ފެނުމަކީ ލިބުނު ބޮޑު އުފަލެކެވެ. އަދި އެކަމުގައި ބައިވެރިވުމަކީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. ހަގީގީ ޖަރީރާ ވަންތަ ދިރިއުޅުމަކީ މިއީ އެވެ. ކުރިނބީ މިފެނުނީ ބޮޑު ނަމޫނާއެކެވެ

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިގޮތައް ދޯނިފަހަރު އެހެލައި އުޅުނެވެ. އެންމެ ފަހުގެ ޒުވާނުންނަށް މިމަންޒަރު ނުފެނު ނަމަވެސް މިއީ ދާދި ފަހަކާއި ހަމަައަށް ވެސް ރަށުގެ އެއްބައިވަންތަކަމާއި އެކުވެރިކަން އޮތް މިންވަރު ވަޒަން ކޮށްލެވޭ މަންޒަރަކަށް އޮތީ ވެފައެވެ. ހިތާމައަކީ އެދުވަސް މިހާރު މާޒީ ވެގެން ގޮސްފައި ވާތީއެވެ.

ރައްޔިތުން ދައްކަންވީ ނަމޫނާއަކީ މިއީ އެވެ. ރައްޔިތުންނަށް ދައްކުވައިދޭން އަޅުގަނޑު ބޭނުންވާ އަދި އަޅުގަނޑު އެކަމަށް ބާރު އަޅާނެ ކަމަކީ މިއީ އެވެ. ގުޅިގެން އެކުގައި އުޅުމެވެ. ކުރިނބީ މިފެނުނީ ނަމޫނާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ުހުވަދޫ

    ތިމަންޒަރު ފެނި.. އެކަމުގައި ބައިވެރިވެފައި މިތިބީ..... އެކަމަކު ... ތިޔަ ރީތި އާދަކާދަ އަހަރުމެންގެ ތެރެއިން މިހާރުވަނީ ނެތިގޮސްފި... އަހަރުމެންނަށް މިލިބުނު ސަޅި ޑިމޮކްރަސީއެއްގެ ސަބަބުންކަން ޔަގީން.

    42
    3
  2. ކެންދޫ

    ކެނދޫ ވެސް ހަމަ ސޭމް

    20
    1
  3. ދިވެހި މީހާ

    އުފާވެރި މަނެޒަރެއް

    25
  4. ބޮންދު

    ކޮއްކޯ މިހާއިރުގަ ގިނަ މީހާ ބޭނުން ނެތީ، ޓޫމީހާ ހުންނަނީ، 1 ވިންޗް ބަހައްޓަނީ، ދޯނި އަވަސް ރަށުގަ އަންނަނީ، މޫދު ބަހައްޓަނީވެސް، މައްސަލަ ހުންނަނީ ނެތީ، ބަރާބަރު ތަރައްގީ ހުންނަނީ،

    18
    5
  5. މަރީ

    މީ އަހަރަެމެންވެސް އުޅޭ ގޮތް ކުރިން

    14
  6. ޙާމިދާ

    ތީމިހާރުވެސް އަހަރެމެންގެ ރައްރަށުގަ ކުރާކަމެއް

  7. ހުސޭނު

    ތީއަދި ކުޑަކުޑަ މަސްދޯނި ގަނޑެއް އަހަރުމެން ރަށުގަ ބޮޑެތި ބޯޓްފަހަރުވެސް އެހެލާ/ބާލާ

    1
    2