ހދ.ކުރިނބީގައި އަސްދޫނި ހޯދަން ނުކުތް ބަޔަކަށް އެރަށު ކައުންސިލްގެ ތިޖޫރީ ފެނިއްޖެއެވެ.

މިދިޔަ އަހަރު ޖަނަވަރީ އެއް ވަނަ ދުވަހު ކުރިނބީ ކައުންސިލް އިދާރާ ފަޅަލާ އިދާރާގެ އިމާރާތަށް ގެއްލުންދީ އޮފީހުގެ ތިޖޫރި އާއި އަގު ބޮޑެތި ތަކެތި ވަނީ ވަގަށް ނަގާފައެވެ.

ތިޖޫރީ ގެއްލުނުތާ އަހަރަކާއި 3 މަސް ފަހުން އޭތި މިވަނީ ފެނިފައެވެ.

ކަންހިނގާދިޔަ ގޮތް "ވަގުތަށް" ކިޔައިދެމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ މިމަހު ދެ ވަނަ ދުވަހު އަސްދޫންޏެއް ގެއްލިގެން ހޯދަމުންދިޔަ ކުދިންތަކަކަށް ކައުންސިލްގެ ތިޖޫރީ ފެނިފައިވާ ކަމަށާއި އެތިޖޫރީ ހުޅުވާން މަސައްކަތްކޮށް ވަރަށް ބޮޑަށް ހަލާކުވެފައިވި ނަމަވެސް ވަގުންނަށް ތިޖުރީ ހުޅުވިފައި ނުވާ ކަމަށެވެ.

އަދި ތިޖޫރީ ގެއްލުނުއިރު އޭގައި ހުންނާނީ މަދު ލާރިކޮޅަކާއި ޗެކް ފޮތެއް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވިގޮތުގައި، މިހާރު އެ ތިޖޫރީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި އޭތި ހުޅުވާފައި ނުވާ ކަމަށްވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

އެއީ މި މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީީ އަދި އެ ތިޖޫރީ ނުހުޅުވާ ބެހެއްޓީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ކުރިނބީ ތިޖޫރީ ނަގައިގެން ގެންދަނީ -- ފޮޓޯ: އަލީ ވިސާމް

ކުރުނބީ ތިޖޫރީ އެއްލާލާފައި އޮތީ ކައުންސިލް އިދާރާ އާއި 100 ވަރަކަށް މީޓަރު ދޫރުން ރަށުގެ ހޭޅި ފަށަށެވެ. ތިޖޫރީ އޮތްތަނުގެ ވެލިގަނޑާއި ތިޖޫރީގެ ބައިތައް ވެސް ވަރަށް ބޮޑަށް ދަބަރަށްވެފައި ވެއެވެ.

މިމަންޒަރު ބަލާލަން ރަށުގެ ރައްޔިތުން ވަނީ އެތަނަށް ޖަމާ ވެފައެވެ. ތިޖޫރީ ފެނުމުން ފުލުހުންނަށް ގުޅުމުން އެތަނަށް އައިސް ތިޖޫރީ ނެގީ ފުލުހުންނެވެ.

އެރަށު ކައުންސިލް އިދާރާ ފަޅާލާފައިވަނީ ދޮރެއްގެ ފެންލައިޓެއް ހަލާކުކޮށްލައިގެން އޮފީސްތެރެއަށް ވަދެގެންނެވެ. ތިޖޫރީ ހުންނަ ކޮޓަރީގެ ބޮޑުދޮރު ހަލާކު ކޮށްލައިގެން ތިޖޫރީ ވަގަށް ނެގީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޖައިބެއް

    މުސާރަދީގެން ޓެކްސްފައިސާ ހަރަދުކުރަން ކީއްކުރަން ގެންގުޅޭ ފޯސްއެއްތަ؟

    26
    2
  2. އަބްސީ

    އަދި ރަގަޅަށް ބަލާ، ފެނިދާނެ ވެންޓިލޭޓަރު ތަކެއްވެސް

    40
    1
  3. ޢިޔާބު

    ފުލުހުންނަށް ވާ އެއްކަމެެްވެސް ނެތް. ބޭކާރު ފައިސާތަކެއް ހަރަދު ވަނީ. ކުރެވެނީ ހަމަ އެންމެ ކަމެއް. ޕޕމ މުޒާހަރާގައި އުޅޭ މީހުންނާ ދިމާއަށް މުޑަހަނދި ބައިގަނޑެއް ދާހެން ގޮސް އެމީހުން ފަތިފައްޗަށް އަމުނާލުން

    15
    1
  4. ގަބްރިއެލް

    ގެއްލުނުތާ އެއް އަހަރު ފަހުން...!!!! ނެގި މީހުން ކޮބާ؟؟؟؟އެންމެން ހަނދާން ނެތިފަ..!!!! މައްސަލަ ބަލާ މީހުން ކޮބާ؟؟؟؟