ކޮންމެ ގެއަކުން "ކުޅި ފޮނި"، ދެ ވައްތަރުން ހެދިކާ އެކެވެ. އޭގެ އިތުރަށް ފަނި ފުޅިއެކެވެ. ޖަމާވަމުން ދިޔައީ ރަށުގެ މައި މަގު، ލާމު ލިންކް ރޯޑުގެ މެދަށެވެ. ތައްޔާރުވަމުން ދިޔައީ ޚާއްސަ ރޯދަ ވީއްލުމަކަށެވެ. ކުރިން މި ކިޔާދެވުނީ ކޮންމެ ގެއަކުންވެސް ގެންދަން ޖެހޭ ތަކެއްޗެވެ. ބޭނުން ދެ ވައްތަރެއްގެ ހެދިކާއެއްގެ އިތުރުން ފަނި ފުޅިއެކެވެ. ހަވީރަށް ޖަމާކޮށް، ބަންގިއަށް މުޅި ލ. ފޮނަދޫ "ބަރާސިލް" އަވަށް ތައްޔާރުވީ "ބަރާސިލް ބޮޑަ ރޯދަ ވީއްލުމަށެވެ."

ހަވީރު ފަހެއް ޖެހުމާއެކު ލިންކް ރޯޑު ފުލުހުންގެ އެހީއާއެކު ބަންދު ކޮށް، އަވަށުގެ ފިރިހެންވެރިން، ހާއްސަކޮށް ފިރިހެން ޒުވާނުން ފެށީ ރޯދަ ވީއްލުމަށް ޕެކޭޖުތައް ތައްޔާރު ކުރުމަށެވެ. ކޮޅު ކޮޅުން އަންހެންވެރިން އައިސް، ހެދިކާތައް މޭޒުތަކަށް ޖަމާކުރަނީއެވެ. ފެނިގެންދަނީ އެކިވެރި، އުފާވެރި މަންޒަރެކެވެ. ޝާމިލް ނުވާނެ ހަމަ އެކަކުވެސް ނެތެވެ. ކޮންމެ ގެއަކުންވެސް ބޮޑު ރޯދަ ވީއްލުމަށް ތައްޔާރެވެ. ކުދި ބޮޑު އެންމެންނެވެ.

"ވަން ބަރާސިލް " ރޯދަ ވީއްލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަރީހް

ގަޑި ކައިރިވަމުން ދިޔަ ވަރަކަށް ރޯދަ ވީއްލުމުގެ ޕެކްތައް ތައްޔާރުވެ، ކަދުރު ޕެކްތަކާއި ފެންފުޅިތައްވެސް އަތުރާލެވި، ސުފުރާ މަތި ތައްޔާރު ކޮށްލެވިފައި ވާލަތް ނިކަން ނަލައެވެ. މުޅި އަވަށް، އެއްތަނަކަށް ޖަމާވެ، ރޯދަ ވީއްލުމަށް މުޅި ސަރަހައްދު ތައްޔާރުވެފައި އޮތުމުން، ދޭހަވީ އެކުވެރިކަމުގެ ރޫހެވެ. ގުޅުންތެރިކަމާ، ރަށްރަށުގެ ދިރިއުޅުމުން ފެނިގެންދާ ނަމޫނާ މަންޒަރުތަކުން މަންޒަރެކެވެ.

" މީގެ ކުރިން އާންމުކޮށް ހުރިހާ ފިރިހެންވެރިން ކޮންމެވެސް ހޮޓަލަކަށް އޯޑަރު ދީގެން ބޮޑު ރޯދަވީއްލުމެއް މި ހަދަނީ. އެކަމަކު މިފަހަރު ވިސްނީ މުޅިން ތަފާތު ކޮށްލަން. އަލަށް އާބާދުވި ސަރަހައްދުގެ މީހުންނާވެސް އެކު، މުޅި އަވަށް އެކީ އެކައްޗަކަށް ތައްޔާރުވީ ރޯދަ ވީއްލުމަށް. މިއީ ޒަމާނުއްސުރެ އޮންނަ އެކުވެރި ކަމެއް. ހާއްސަކޮށް މިފަދަ ކަންކަމުގައި ނުކުންނާނެ ވަރަށް މީހުން. މި ހުރިހާ ކަމަކު އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށް ޝުކުރު ހައްގު. ހާއްސަކޮށް ލޮބުވެތި ރައްޔިތުން،" އިވެންޓް އިންތިޒާމް ކުރާ "ވަން ބަރާސިލް"ގެ މެމްބަރަކު "ވަގުތު"އަށް މައުލޫމާތު ދިނެވެ.

"ވަން ބަރާސިލް " ރޯދަ ވީއްލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަރީހް

ނޫކަށިފުރާގެ ޒުވާން ހިތްވަރެވެ. ހަރު މީހުންގެ ތަޖުރިބާއާވެސް އެކުވެ، ރާވާލެވުނު ބޮޑު އިވެންޓަށް ނުކުންނަން މުޅި އަވަށް އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް އިވެންޓަށް ތައްޔާރުކޮށް ސުފުރާ އަތުރާލި ހިސާބުން ބަންގި ގޮވުމަށް ފަސް މިނެޓަށް ވަންދެން ވެހުނު ވާރެއާއެކު އިވެންޓަށް ކުޑަ ފަނޑު ކަމެއް އައެވެ. އެހިސާބުން ފަހަތަށް ޖެހުނީީކީ ނޫނެވެ، އެތައް ބަޔަކު ނުކުމެ ރޯދަ ވީއްލީ އެއް ސުފުރާއެއްގެ މަތީގައެވެ. އުފާވެރި، އާއިލީ ގުޅުންތައް ބަދަހި ވެގެންދިޔަ މާހައުލެއްގައެވެ.

"ވަން ބަރާސިލް " ރޯދަ ވީއްލުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަރީހް

ނަމޫނާ މަންޒަރެކެވެ. އެކުވެރިކަމާ އަހުވަންތަކަމުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކާ ފެނިދެނި ވެލުމަށް، މި ރޯދަ ވީއްލުން ސަޅިއެވެ. "ވަން ބަރާސިލް" ޝިޔާރަކީވެސް މިއެވެ. އެއް ބައެއް ކަމުގެ ޝިޔާރެވެ. ބަރާސިލް އަވަށު ޒުވާން ޓީމުން ދައްކުވައިދިނީ "ތަފާތު ސަޅި" ރޯދަ ވީއްލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނާނާ

  ސަޅި. ޥަރަށް އުފާވެއްޖެ މިކަހަލަ ގުޅުންތަކުގެ ވާހަކަ ކިޔާލެވުމުން

  33
 2. ވާނުވާ

  ތި ރަށުގަ ގިނަ އަދަދަކަށް ބިދޭސިން ވެސް އުޅޭ. އެއީ ވެސް މުސްލިމުން. އެއީ ނިކަމެތިން ކަމށް ވިޔަސް އެމީހުން ވެސް ބައިވެރި ކޮށްލި ނަމަ އިސްލާމީ އަޚު ވަންތަކަން ހާމަ ވީސް

  26
  1
 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ސިޔާސީ ކަންކަމާ ދުރުވެ، ޕާޓީ ސިސްޓަމަށް ނޫނެކޭބުނެ، ރައްޔިތުން އެކަތިގަނޑަކަށްވެ މިކަހަލަ ކަންކަން ގިނަކުރަންވީ. ވަރަށް ފުރިހަމަ ރީތި މިސާލެއް ތިދެއްކީ. ވަރަށް އުފާވެއްޖެ.

  38
  1