2009 ވަނަ އަހަރު ސަރުކާރުން އުފެއްދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަކީ މިއަދު އެންމެންވެސް ދަންނަ ވަރަށް ފަރިތަ ނަމެކެވެ. ނަމަވެސް މި ނަމަކީ ކިތަންމެ އާ އަދި ތަޖުރިބާ މަދު ނަމަކަށް ވިޔަސް ވެމްކޯއިން ދޭ ޚިދުމަތަކީ ވަރަށްވެސް ބޮޑު ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. ވެމްކޯގެ ޚިދުމަތް ރައްޔިތުން ބަލައި ގަންނަކަން އެންމެ ބޮޑަށް ހާމަވާ ކަމަކީ ވެމްކޯގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒިފުންގެ ނިސްބަތެވެ.

ކޮންމެ ދުވަހަކު ގޭގެއަށް ގޮސް ގޭގައިހުންނަ ކުނި އުކާލުމުގެ ބުރަ މަސައްކަތް ކުރާ މި ކުންފުނީގެ 80 އިންސައްތަ މީހުންނަކީ ދިވެހިންނެވެ. އެކުންފުނީގެ އެންމެބޮޑު އެއްފަޚުރަކީވެސް މިއީ ކަމާއިމެދު ޝައްކެތް ނެތެވެ. ވެމްކޯގައި 1228 މީހުން ވަޒީ އަދާކުރަމުންދާއިރު އޭގެ ތެރެއިން 998 މީހުންނަކީ ދިވެހިންނެވެ. އަދި 230 ބިދޭސީ މުވައްޒިފުންވެސް މިކުންފުނީގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ.

ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

998 ދިވެހި މުވައްޒިފުންގެ ތެރެއިން 80 އިންސައްތައަށްވުރެއް ގިނައީ ނޫކަށިފުރައިގެ ޒުވާނުންވެ. މިއީ ހަމަޔަގީނުންވެސް މި ކުންފުންޏާއިމެދު ދިވެހި ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވުން ހައްގު ކަމެކެވެ. އަދި މިފަދަ ބުރަ އަދި "ހަޑި" މަސައްކަތެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ މަަސައްކަތެއް ކުރަން ދިވެހި ޒުވާނުން ފަސް ނުޖެހޭކަން ހާމަވާ ވަރަށްބޮޑު ހެއްކެކެވެ. ޒުވާނުނަކީ ކޮންމެ މަސައްކަތެއްވެސް ކުރަން ކެރޭ، ހިއްވަރު ހުރި ބައެއްކަން މި މަސައްކަތުން އެކަނިވެސް ހާމަވެއެވެ. މިޤައުމުގައި މީކުރިން ދިމާވެފައިވާ މައްސަލައަކީ ޒުވާނުންނަށް މިފަދަ ފުރުސަތުތައް ނެތުމެވެ. ނަމަވެސް ވެމްކޯފަދަ ކުންފުނިތަކުން ހުޅުވާލި މިފަދަ ފުރުސަތުތަކުގައި ޒުވާނުން ދީފައިވަނީ ނުހަނު މަތީ އިޖާބެކެވެ.

ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދިވެހި ޒުވާނުންނާއެކީ ވެމްކޯއިން މާލޭގެ ކުނި އުކާލުމުގެ މަސައްކަތް ފެށުމުގެ ކުރިން މާލޭ މަގުތަކުން ފެނިގެން ގޮސްފައިވަނީ ވަރަށް ދެރަވަރު މަންޒަރުތަކެވެ. ބިދޭސީން ކޮޑުގައާއި، ބައިސްކަލުތަކުގައި ބޮޑެތި ގޯނި ގޯނި އަރުވައިގެން މާލޭގައި ހުންނަ ކުނި ގޮޑުތަކަށް ގެންދާމަންޒަރެވެ. މި ގެންދާ ގެންދިއުމުގައި މަގުތަކަށް އެޅެނީ ކިހާ ކުންޔެއްތޯ، އޭގައިން މީހުންނަށް ދުވަނީ ކިހާނުބައި ވަހެއްތޯ އެމީހުން އެއްވެސް ވަރަކަށް ބަލަނީކީ ނޫނެވެ. މި މަންޒަރުތަކަކީ މާ ދުރުނޫން ހިސާބުގައި ހަމަ މި ފުރަމާލެއިން ފެނިގެން ގޮސްފައިވާ މަންޒަރުތަކެވެ. ނަމަވެސް މިއަދު މި މަންޒަރު ވަނީ ވެމްކޯގެ ބުރަ މަސައްކަތުން މުޅިން ބަދަލުކޮށްލާފައެވެ.

ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މިއަދު ކުނި ގޮޑުތަކުން ދުވާ ނުބައިވަހާއި ދުމުގެ އަސަރުކޮށްގެން ބަންދު ކުރަންޖެހޭ ސްކޫލެއް އުދަގޫވާނެ މީހެއް ނެތެވެ. ކުންޏަކީ މިއަދު ނިޒާމުން ގެއްލިފައިވާ އެއްޗަކަށް ވަނީވެފައެވެ. މިއީ ހަމަ ދިވެހި ޒުވާނުންގެ ބުރަ މަސައްކަތެވެ. ސަރުކާރުން ވަނީ ޒުވާނުން އެންމެ ބޭނުންވާފަދަ ފެންވަރެއްގައި މިމަސައްކަތް ކުރުމަށް ބޭނުންވާ އެންމެ ޒަމާނީ އުޅަދުތަކާއި، ވަސީލަތްތައް ހޯދައިދީފައެވެ. މިއީ މި ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ ޒުވާނުންގެ ޝައުގު ވެރިކަންވެސް އެހާބޮޑުވި އެއްސަބަބެވެ.

ކުނި އުފުލުމަށް ބޭނުންކުރާ ވެމްކޯގެ ކޮޅުވެއްޓިއެއް

ވެމްކޯ މިއަދު ވަނީ ރައްޔިތުން ބަލައިގަންނަ ލޯބި ލިބިފައިވާ ކުންފުންޏެއް ކަމުގައި ވެފައެވެ. ޒުވާނުންނެކޭ އެއްފަދައިން މުޖުތަމައުގައި މީގެކުރިން އަޅާނުލެވި ދޫކޮށްލުމުގެ ސަބަބުން މަގުތަކުގައި ސަލާންޖަހަން ތިބި އެތައްބަޔަކަށް ވެމްކޯއިން ވަނީ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއިން ކޮންމެ މީހަކީ މިއަދު ބޮޑު މުސާރާގައި ވަޒީފާ އަދާކުރާ ޒިންމާދާރު މީހުންނެވެ.

ވެމްކޯގެ މި ޚިދުމަތަކީ ގިނަބަޔަކު ބަލައިގަނެ ޝުކުރުވެރިވާ ޚިދުމަތަކަށްވީނަމަވެސް ވެމްކޯގެ އަގުވައްޓާލައި އާންމުންގެ ފާޑުކިޔުން އަމާޒުވާ ގޮތަށް މުޖުތަމައުގެ ތެރެއިން މަދުބަޔަކު މަސައްކަތް ކުރާކަމީވެސް ހިތާމަހުރި ކަމެކެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ކުނި ކޮތަޅު މަގުމައްޗަށް އޮއްސާލަފައި ހުރުމާއި، ބައެއް ތަންތާގައި ފުންޏަކަށް ވާގޮތަށް ކުނިތައް އަޅަމުންދާކަމީވެސް ބައެއް ފަހަރަށް ފެންނަ މަންޒަރުތަކެކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި ވެމްކޯ އަކުން ޝަކުވާއެއް ނުކުރެވެއެވެ. އަދި ކަންބޮޑުވެގެން ބަޔާންތައް ނެރެ ހަދާ މަންޒަރެއްވެސް ފެނިފައި ނުވެއެވެ. އަވަހަށް ކުނިތައް ނަގައި ސާފްކޮށް ބޭއްވުމަކީ ވެމްކޯއިން ގެންގުޅޭ އެންމެރީތި އަދާއެވެ. ކޮންމެ މީހަކު ކުރި ކަމުގައިވީނަމަވެސް މިފަދަ ކަންކަމަކީ ކޮށްގެން ވާނެ ކަންތައް ތަކެއް ނޫނެވެ. މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އޭގެ ގެއްލުން ލިބެނީ އެންމެ މީހަކަށް ދެމީކަށް ނޫނެވެ. އެތައް ބަޔަކަށެވެ. ކޮންމެ މީހަކީވެސް މިފަދަ ކަންކަން ކުރާއިރު ތިމާއަކީވެސް ޒިންމާދާރު ޚަރުދަނާ މީހެއް ކަމުގައި ދެކެންޖެހޭނެއެވެ. އަދި ތިމާފަދަ އެހެން ދިވެހި ރައްޔިތުން މިޚިދުމަތް ދިނުމަށް ކުރާ މަސައްކަތަކީ ކިހާ ބުރަ ކިހާ އުދަގޫ މަސައްކަތެއް ކަމުގައި ވިސްނާލަން ވާނެއެވެ.

ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މިއަދު މާލޭގެ މަގުތަކުން ފެންނަ ސާފުކަމާއި ރީތިކަމަކީ ވެމްކޯގެ ވަރަށް ބޮޑު މަސައްކަތެވެ. ހަމަ އެހެންމެ ވެމްކޯގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންގެ އަގުހުރި ޚިދުމަތެވެ. މިއީ ކޮންމެ ދިވެހި ރައްޔިތަކުވެސް މިއަދު ފަޚުރުވެރިވާންޖެހޭ ފަދަ ޚިދުމަތެކެވެ.

ކުނި އުކުމުގެ މަސައްކަތް ވެމްކޯ މުވައްޒަފުން ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާޒު

    ނޫން. ދޮގެއްތީ. ކުރިންވެސް ފުރުސަތުއޮތް. ބޭނުންމީހަކު ހަމަ ގޭގެއަށްގޮސް އަގަށް ކުނިއުކާލަދެވޭގޮތަށް. ހަޑި، ދަށް މަސައަކަތެއްވީމަ ނުކުރަނީ.

  2. ފާއިޒާ ނަސީމް

    ރާއްޖޭގެ ޒުވާން ކުދިން ކަންކަމަށް ނުކުތުން ވަރަށް އުފާވެރި އަޑު އަހާލަން ފަސޭހަ ޚަބަރެއް. ވަރަށް އުފާވެއްޖެ. ރާއްޖޭގެ ޒުވާނުންނަށް ސާބަސް

  3. އ

    އަލްހަމްދުލިއްލާހި މާޝާﷲ