ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 900 އޮންލައިން ބައްދަލުވުންތައް ބާއްވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވި އެ ބައްދަލުވުންތަކަށް 10،000 ގަޑިއިރު ހޭދަކޮށްފިއެވެ. އެތައް ސާކިއުލާތަކަކާއި އެސްއޯޕީތަކާއި ލަފާތަކެއް ދީފިއެވެ. ދަރިވަރުންގެ ކިޔެވުން ފެށުމަށްޓަކައި، މިދިޔަ ރޯދަ މަހު ގިނަ ވަގުތު ހޭދަކޮށްފައި ވަނީ ދަރިވަރުންގެ ހައްގުގައެވެ.

އެ ބުރަ މަސައްކަތުގެ ނަތީޖާއަކީ ވަރުގަދަ ފިޔަވަޅުތަކާ އެކު ކޮވިޑް-19 ނެތް ރަށްރަށުގެ ސްކޫލްތައް އަންނަ މަހުގެ އެކަކުން ފެށިގެން ހުޅުވަން ނިންމުމެވެ. ސްކޫލްތައް އަންނަ މަހު ހުޅުވާ އިރު، ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ އިސްކަން ދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށްވީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ. --- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ދަރިވަރުން ގޭގައި ތިބޭތާ ތިން މަސް ދުވަސްވީއިރު، ވަރަށް ގިނަ ކަންކަމުން މަހްރޫމްވެފައިވާ ކަމަށެވެ. ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން އަންނަ ތަނެއް ނޫން ކަމަށާއި ދަރިވަރުންގެ އިޖުތިމާއީ ހުނަރުތައް ފެންނަން އޮތީ އެތަނުން ކަމަށް ވިދާޅުވިއެވެ. އެހެންވެ، ސްކޫލްތައް ހުޅުވުމަކީ މިއަދު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު އައިޝަތު އަލީ ސިފަ ކުރެއްވިއެވެ.

"ދަރިވަރުންގެ ކިޔެވުމަށް ވެސް ހީނަރުކަމެއް އައިސްފައި މިވަނީ. މިވީ ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ދަރިވަރުންގެ ކިޔެވުން، އުނގަންނައި ދިނުން ކުރިއަށް ގެންދެވޭތޯ ހުއްޓާނުލައި. ނަމަވެސް ސްކޫލްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާ ގޮތަށް އަޅުގަނޑުމެންނަށް ކިޔެވުން ކުރިއަށް ނުގެންދެވޭ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކަމަކު، އެ ދަތި ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ހިތްވަރު އެލުވާލައިގެން ތިބީކީ ނޫނެވެ. ދަރިވަރުންނަށް ކިޔަވައި ދިނުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދިއެވެ. ޓެލި ކްލާސް އާއި ގޫގުލް ކްލާސް މެދުވެރިކޮށް ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނެވެ.

އާ މަރުހަލާ: ދަރިވަރުންގެ ހުން ހުރިތޯ ބަލާނެ!

ސްކޫލްތައް އަލުން ހުޅުވާލާ އިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައިޑްލައިންތަކެއް ތައްޔާރުކޮށް، ސްކޫލްތަކަށް ފޮނުވައިފައެވެ. އެ ގައިޑްލައިންގައި ސްކޫލްތަކުން އަމަލު ކުރަންވީ ގޮތް ވަރަށް ތަފްސީލްކޮށް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެއް ކަމަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި މުވައްޒަފެއް ނުވަތަ ދަރިވަރެއް ނުވަތަ ޓީޗަރެއް ވެސް ސްކޫލަށް އައިސްގެން ނުވާނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ރާވާފައި ޔުނިސެފްގެ ކޮންސަލްޓަންޓެއްގެ އެހީތެރިކަމާ އެކުއެވެ.

އެޑިއުކޭޝަންގެ ކޮވިޑް ރެސްޕޮންސް ޕްލޭންގެ ބައިތައް:

1- ސްކޫލްތައް ރައްކާތެރިކަމާ އެކީގައި ހިންގުން.

2- ކިޔަވައި ދިނުމާއި އުނގެނުން މެދުނުކެނޑި ކުރިއަށް ގެންދިއުން.

3- ވަލްނަރަބަލް ކުދިންނަށް ވާސިލްވުން.

4- ބަލިން ރައްކާތެރިވުން.

5- މި ހާލަތުގައި ސްކޫލްތައް ހިންގުމާއި ކޯޑިނޭޓް ކުރުން.

އެޑިއުކޭޝަން މިނިސްޓަރ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. - ވަގުތު އިމޭޖްސް

މި ޕްލޭންތައް ހެދިއިރު، ކޮވިޑް-19 ޖެހިފައި ތިބި ދަރިވަރުންނާއި ފެސިލިޓީތަކުގައި ތިބި ދަރިވަރުންގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން ހަނދާން ނައްތައެއް ނުލައެވެ. އެ ދަރިވަރުންނާއި ބަލިން ސަލާމަތްވެގެން ގޭގައި ތިބި ދަރިވަރުންނަށް ވެސް ފިލާވަޅުތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ހައި ރިސްކް ކުދިންގެ މައުލޫމާތުތައް ހޯދައި، އެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތައް ވަނީ ސްކޫލްތަކާ ހިއްސާކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ވެސް ވަނީ ކަނޑައަޅައިފައެވެ.

ސްކޫލްތަކުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބައެއް ވަސީލަތްތަކުގެ ތެރޭގައި އަތް ދޮވެވޭނެ ގޮތަށް ހުރުމާއި ސެނިޓައިޒް ކުރުމާއި ޑިސް އިންފެކްޓް ކުރެވޭނެ ވަސީލަތްތައް ހޯދުން ހިމެނެއެވެ. އަދި ސަޕޯޓު ސްޓާފުންނަށް ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. ސައިކޯ ސޯޝަލް މައްސަލަތަކެއް ދަރިވަރުންނަށް ދިމާވެދާނެތީ ބޭސިކް ސައިކޯ ސޯޝަލް ތަމްރީންތަކެއް މުދައްރިސުންނަށް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ތަމްރީންތައް 11،000 ޓީޗަރުންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ބެޗްގެ ތަމްރީންތައް ވަރަށް އަވަހަށް ފަށާނެއެވެ.

މިނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ވަސީލަތްތައް ގަނެ، ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދަރިވަރުން ސްކޫލަށް އަންނަ އިރު، ސްކްރީން ކުރުމަށް ހުން ބަލާ ތާމަމީޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުލައި 1 ގައި ސްކޫލްތައް ހުޅުވޭ އިރު، މި ތަކެތި ސްކޫލްތަކަށް ފޯރުކޮށްދެވިފައި ހުންނާނީ،" އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ވާނެއެވެ.

އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކެއް. --- ވަގުތު އިމޭޖަސް

ސްކޫލްތައް ހުޅުވާ އިރު، ގެނައި ބައެއް ބަދަލުތައް:

1- ސްކޫލް ގޭޓް ކައިރިން ދަރިވަރުންގެ ހުން ހުރިތޯ ބަލާނެ.

2- އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރި.

3- ސްކޫލްތަކުގެ ކްލާސްރޫމްތަކުގެ ސައިޒް ވަނީ ކުޑަ ކުރެވިފައި.

4- 32 ކުދިން ތިބޭ ކްލާހެއްގެ ސައިޒް، 16 ކުދިން ތިބޭ ގޮތަށް ވަނީ ހަދާފައި.

5- ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި މާކްތަކެއް ލެވިފައި ވާނެ.

6- ދަރިވަރުންނާއި ޓީޗަރުންނާއި އެހެން މީހުން ވެސް ސްކޫލަށް ވަދެވޭނީ މާސްކް އަޅައިގެން.

7- އެޑިއުކޭޝަނުން ބޮޑަށް އެދެނީ ދަރިވަރުން ފޮތި މާސްކް އެޅުމަށް.

8- ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދިނުން ވަނީ މެދުކަނޑާލާފައި.

9- ގެއިން ސްކޫލަށް އަންނަ އިރު، ފެން ފުޅިއެއް ގެންނަން ވާނެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް-19 ނެތް ރަށްރަށުގައި ހުރިހާ ގްރޭޑުތަކަށް ކިޔަވައިދޭނެ ކަމަށެވެ. ދަރިވަރުންނަށް ކިޔަވައިދޭން ތިން ވައްތަރެއް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސްކޫލަށް ހާޒިރުވެ ކިޔަވައި ދިނުމާއި އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދިނުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ ކޮންމެ ހަފްތާއެއްގެ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކިޔަވައި ދިނުމަށެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވެގެން ހަތަރު މާއްދާ ކިޔަވައިދޭއިރު ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައިވަނީ ބޭރަށް ނުކުތުމާއި އަތް ދޮވުން ފަދަ ކަންކަމަށެވެ. ކަރިކިއުލަމް އަށް ބަދަލުތަކެއް އައިއިރު، ކޮންމެ ހަފްތާއަކު، މާއްދާއަކުން ކަވަރު ކުރާނެ ވަރު ސްކޫލްތަކާ މިހާރު ވަނީ ހިއްސާކޮށްފައެވެ.

"ހަތަރު ގަޑިއިރުގެ ތެރެއިން ކިޔަވައި ދިނުމުގައި 45 މިނެޓުގެ ތިން ގަޑިއިރު ހޭދަ ކުރާނީ. ބާކީ އިންނަ ވަގުތަކީ ބޭރަށް ނިކުމެލާ އަތް ދޮވުމާއި ހައިޖިނިކް އެޑިއުކޭޝަން ކަހަލަ ބައިތަކަށް އިންނަ ވަގުތުކޮޅެއް،" މޫސާ އާދަމް ވިދާޅުވިއެވެ.

މިނިސްޓަރު ބައެއް ޓީޗަރުންނާ އެކީގައި ސެލްފީއަކަށް ހުއްޓިގެން. --- ވަގުތު އިމޭޖަސް

މިނިސްޓަރުގެ ބަސް: ދަރިވަރުން ސްކޫލަށް ފޮނުވައިދީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ސްކޫލްތައް ހުޅުވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުއެވެ. އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވައިގެން ފިޔަވަޅު ނާޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، މިނިސްޓްރީން އިލްތިމާސް ކުރަނީ ސްކޫލަށް ދަރިވަރުން ފޮނުއްވައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ތިން މަސް ދުވަހު ސްކޫލަށް ހާޒިރުނުވެ ތިބުމުން އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ހަގީގަތުގައި ލިބިފައި ވަނީ. އަޅުގަނޑުމެންނަށް އެ ގެއްލުންތައް މިހާރު ނޭނގިދާނެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ކުދިންގެ ދަސްކުރުމާއި ސޯޝަލް ކަންތައްތަކަށް އައި ހީނަރު ކަން އަޅުގަނޑުމެންނަށް ފާހަގަވެގެން ދާނެ،" ގާތްގަނޑަކަށް ގަޑިއިރެއްހާ އިރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ދަރިވަރުންގެ ސިލަބަސްތައް ކަވަރު ކުރެވޭނެ ކަމުގެ ޔަގީން ކަން ވެސް ދެއްވިއެވެ. އަދި އިމްތިހާނަށް ތައްޔާރުވާން ދަރިވަރުންނަށް ރަނގަޅު މުއްދަތެއް ލިބިގެންދާނެ ކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސްކޫލްތަކުގެ ވެރިން ތިއްބެވީ "ވާނުވާ" އެނގިގެން!

މިއީ ރާއްޖެ އަށް އެކަނި ދިމާވި ހާލަތެއް ނޫނެވެ. ތިން މަސް ދުވަސް ވަންދެން ދިވެހި ދަރިވަރުން ގޭގައި ތިބެން ޖެހިދާނެ ކަމަކަށް އެއްވެސް ބަޔަކު މީގެކުރިން ހީކޮށްފައެއް ނުވެއެވެ. މިއީ ހަމައެކަނި ރާއްޖެ އަށް އެކަނި ކުރިމަތިވި މައްސަލައެއް ވެސް ނޫނެވެ.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު.

އެންމެންގެ ވެސް ތިބީ ދަރިން އަލުން ސްކޫލަށް ފޮނުވައިގެން ކިޔަވައިދެވޭނެ މާހައުލެއް ފަހިވަންދެން މަޑުކޮށްލައިގެންނެވެ. އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކުރި ބަޔަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނެވެ.

ޕްރިންސިޕަލުންނާއި ޓީޗަރުން ވަނީ މިކަމަށް ވަރަށް ބޮޑަށް "ހެނިފަ"އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ

އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ ސްކޫލްތައް ބަންދުވި ދުވަހުން ފެށިގެން ހުރިހާ ކަމެއްގައި ވެސް އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބެމުން ދިޔަ ކަމަށެވެ. އަދި ސްކޫލްތަކުގެ ކަންކަން ފުރަބަންދުގެ ތެރޭގައި ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދުތައް ލިބުނު ކަމަށް ވެސް ނަދީމް ވިދާޅުވިއެވެ.

"އާ އާންމު ހާލަތުގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވުމުގެ ފުރިހަމަ އިރުޝާދު އެޑިއުކޭޝަން މިނިސްޓްރީން ދެއްވި. މިނިސްޓަރު ބައިވެރިވެވަޑައިގެން ވަރަށް ގިނަ ބައްދަލުވުންތައް ސްކޫލްތަކާ އެކު ބާއްވަވައި ކަންކަން ކުރިއަށް ގެންދިއުމުގެ ޕްލޭން ކުރެއްވި، އިރުޝާދު ދެއްވި،" ނަދީމް ވިދާޅުވިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރަށް ތައުރީފް ކުރައްވައި ވިދާޅުވީ، އައިޝަތު އަލީއަކީ ހިތްތިރި، ކެތްތެރި ކުރިއަށް ވިސްނަވާ ބޭފުޅެއް ކަމަށެވެ.

ޝެހެނާޒްގެ ޕޯސްޓެއް

"އަޅުގަނޑު 2014 ވަނަ އަހަރު ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ، ފާއިތުވި މާޒީގައި މިނިސްޓަރަކު ޕްރިންސިޕަލާއި ބައްދަލު ނުކުރާ ވަރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންގެ މިނިސްޓަރު ވަނީ ޕްރިންސިޕަލުންނާ ބައްދަލުކޮށް ހިތްވަރު ދެއްވައި، ސާފު އިރުޝާދާއި ލަފާ ދެއްވާފައި. ބައެއް ޕްރިންސިޕަލުން ކުރައްވާ ހަމަނުޖެހޭ ސުވާލުތަކަށް ކެތްތެރިކަމާ އެކު ސާފު ޖަވާބު ދެއްވުމުގައި ދެމި ހުންނެވި. މިހާ ހުޅުވިފައިވާ ފުރުސަތުތަކެއް ޕްރިންސިޕަލުންނަށް ލިބުނު ޒަމާނެއް ތަޖުރިބާ ނުކުރަން،" އިސްމާއިލް ސައުދުﷲ ވިދާޅުވިއެވެ.

ހާފިޒު އަހުމަދު ސްކޫލްގެ ލީޑިން ޓީޗަރު ރާމިޒާ އިބްރާހިމް ވިދާޅުވީ ޕްރިންސިޕަލުންގެ ބައްދަލުވުމަށް ފަހު، ސްކޫލްތަކުގެ އެސްއެމްޓީ ބައްދަލުވުންތައް ބޭއްވޭ ކަމަށެވެ. އެއަށް ފަހު، ސްޓާފް ބައްދަލުވުންތައް ބާއްވާފައި އެ މައުލޫމާތު ހިއްސާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގްރޭޑްތަކުގެ ބެލެނިވެރިންނާ އެކު ވަކިވަކިން ބައްދަލުވުންތައް ބޭއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސ. ފޭދޫ ސްކޫލްގެ ޓީޗަރު ފާތިމަތު ޝެހެނާޒް ބުނީ އެޑިއުކޭޝަން މިނިސްޓްރީން ދޭ ހުރިހާ މައުލޫމާތެއް އޭނާ އަށް ޕްރިންސިޕަލްގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ސާކިއުލާތައް ލިބިފައިވާތީ ސާކިއުލާތައް ލިބުނު ސީދާ އަދަދެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެކިއެކި ބައްދަލުވުންތަކުން ކަންކަން އެނގި ސާފުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފޭސްބުކްގައި ބެލެނިވެރިޔަކު ލިޔުނު ޕޯސްޓެއްގައި ބުނީ މި ހާލަތުގައި ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީން އަދާކުރަމުން އަންނަ ދައުރާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ޓީޗަރުން، ބެލެނިވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ޓީޗަރުން އެގޮތަށް މަސައްކަތް ކުރަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދު ލިބުނީމަ ކަމަށް އޭނާ ބުންޏެވެ.

ތައުލީމީ ދާއިރާ އަކީ އެތައް ހާސް ކުދިންނަކާއި ބެލެނިވެރިންނާ ގުޅިފައި އޮތް ދާއިރާއަކަށްވީ އިރު، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާ އެކު ކޮށްފައި އޮތީ ތައުރީފް ހައްގު މަސައްކަތެކެވެ. އެކަމަކު، ކުރިއަށް އުނދަގޫ މަރުހަލާ އޮތީއެވެ. އެއީ ސްކޫލްތައް ހުޅުވައި ހިނގަން ފެށުމެވެ. އެޑިއުކޭޝަން މިނިސްޓްރީން ދޭ ޔަގީންކަމަކީ ފުރިހަމަ ރައްކާތެރިކަމާ އެކީގައި ސްކޫލްތައް ހިންގޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    03 މަސްދުވަހު ކިހިނެއްތޯ 10000 ގަޑި ހޭދަކުރާނީ؟ 10000 ގަޑިއިރު އެއީ 13 މަސް ދުވަސް. ލޮކުޑައުންގައި މި ވީ އެންމެ 03 މަސްދުވަސް

    26
    5
    • Anonymous

      ބަލަ މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމާއި ރައްޔިތުން ގުބޯ ހެއްދުމާއި ރައްޔިތުންގެ މުދާ ނުހައްޤުން ކާ ސަރުކާރެއް ވީމަ ދިގުވެސް ހަދާނޭ

      25
      7
      • ލޮލް.

        ސާބަސް!! ބޯ ހަލާކު. އެއްކަލަ ޕޮލިޓިކްސް އާ ގުޅުވައިފި! ⁦..މި މީހުން ދުވަހަކު ވެސް ރަނގަޅެއް ނުވާނެ

  2. ކިންގް

    އަޅެ ލަދެއް ހަޔާތެއްވެސް ނެތީތަ ތައުލީމީ ދާއިރާގެ ހިންގުންތެރިކަމުގެ މޮޅުވާހަކަ ރިޕޯޓް ލިޔަން. ރާއްޖެ ލޮކްޑައުން ކުރުމުގެ ކުރިން 3 މަސްލިބުނު ތައްޔާރުވާން. އެކަމަކު ފާއިތުވެ ދިޔަ 5 މަސްދުވަހުގެ ތެރޭގައި މެއި މަހުން ފެށިގެން ސްކޫލް ތަކުގެ ކުދިންންށް ޓެލެކުލާހެްވެސް ނަގާދެވޭ ވަރުވީ. އޭގެ ކުރިން މި ކަމަނާ އަކަށް ނުވިސްނުނު ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުން ކޮއްގެން ކުދިންނަށް ކިޔަވާދޭކަށް. ސަރުކާރުގެ ހުރިހާ މިނިސްޓްރީ ގެ ތެރެއިންވެސް އެންމެ ކަންނެއް، ވަޅޯ މިނިސަޓްރީ މިއީ. ގަދަޔަށް މޭކަޕް ކޮއްލާފަ ތުއި ދެއްކުނީމަ ޒިއްމާ އަދާކުރެވުނީ ކަމަށް މިަކަމަނާ އަށް ހީވާ ކަހަލަ.

    32
    12
    • މި ރައީސް

      އަޅޭފަހެ ރެހެންދީގައި ގޫގުލް ކިޔަވާދޭންފެށީ މިދިޔަ އާދީއްތަ ދު ވަހު ޓީޗަރަކު ކުދިން އުޅޭ ހާލެއްވެސް ނުބަލާ ހާއްސަ އެއީއަށްބޭނުވކުދިންތިބީ ކޮންހާލެއްގަތޯވެސް ނުބަލާ ދެން ކީކޭ ތިޔާކިޔަނީ

      19
      6
  3. ސަންލިޔޯ

    42 އަހަރުގެ މުސްކުޅިޔާ 19 އަހަރުގެ ޅަ ކުއްޖަކަށްވާން މޭކަޕްކޮށް ތި ކަޑާ ފޮނި މިހާރު ރައްޔިތުން ޤަބޫލެއް ނުކުރޭ. ޓެލެކިލަސްތައް ފެށުނީ ވެސް މެއި މަހުގެ ފަހުކޮޅު އެކަމަކު ލޮކުޑައުން ކޮއްފި މާރޗުގައި 02 މަސްފަހުން ތިބުނާ ޓެލެކިލަހެއް ބޭއްވީ.

    23
    11
    • ކާފަ

      ތިއޮތީ އެނގިފަ. ޢަހަރެންގެ ދަރިފުޅު ކިޔަވަން ފަށައިފި 15 މާރޗްގަ. ނިދަން އޮތީމަ ވާނުވާ ނޭގޭނެ.

      9
      23
  4. Anonymous

    މި އަންހެންމީހާ ކައިރިން އަހާބަލަ ބައްދަލުވުން ބާއްވައިގެން 90 ދުވަސް ތެރޭގައި 10،000 ގަޑިއިރު ހަމަކުރި ގޮތެއް. ބުރާންޗަަ

    11
    3
  5. Anonymous

    ޝުކުރިއްޔާ އަސްލު ކަން އޮތްގޮތް ހާމަކޮށްދިނީމަ. މިނިސްޓްރީން ޢަމަލުކުރީ މި ހާލަތުގަ ކަންކުރެވޭނެ އެންމެ ރަނގަޅަށް.

    7
    10
  6. މަރީ

    އެޑިޔުކޭޝަން މިނިސްޓަރު ރީތިކަމުން ސަންލިޔޯގެ ހިތަށް ވަރަށް އަސަރުކޮށްފި ހެން ހީވޭ. މީހުންނަށް ތިހާވަރަށް ޙަސަދަވެރިވާކަށް ނުވާނެ. އާޓިކަލަށް ކޮމެންޓް ކުރަންޖެހޭނީ މީހާގެ ޒާތީ ކަންތަކަށް ނޫން. ތިހާ މޮޅިއްޔާ ނިކަން ބިނާކުރަނިވި ފާޑު ކިޔާބަލަ. އާޓިކަލްގައިވާ ޙަގީގަތްތައް ޑައިޖެސްޓް ކުރަން އުދަގޫކަމަށް ވަންޏާ ކޮމެންޓް ނުކުރާނީ

    4
    11
  7. ހަނާ

    ތަޢުލީމީ ދާއިރާގައި ހިނގާކަންތައްތައް ވަރަށް ރަނގަޅަށް ދިރާސާކޮށް ސައްޙަ މަޢުލޫމާތު ހޯދައިގެން ލިޔެފައިވާ ލިޔުމެއްކަން ފާހަގަ ކުރެވޭ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ޕްރިންސިޕަލެއްގެ ޙައިސިއްޔަތުން ފާހަގަކުރަން.

    5
    14
  8. ނިހާ

    ޓެލެކްލާސް ފެށުނު ތާރީޚް މި ރައީސުގެ ނަމުގައި ކޮމެންޓް ކުރެއްވި ފަރާތަށް ނޭނގުމުން ހިތާމަކުރަން. ޓެލެކްލާސް ފެށުނީ މޭ މަހަކު ނޫން، ޔަގީނުންވެސް އަޅުގަނޑުގެ ދަރިން ޓެލެކްލާސް ބަލަން ފަށައިފި މިދިޔަ މާޗްމަހުގަ. ކޮންމެ ދުވަހަކު ލިބެމުން ދިޔަ ފިލާވަޅުގެ އެހީގައި އަޅުގަނޑުވެސް އައީ ވަރަށް ގިނަ އެއްޗެހި ދަސްކުރަމުން. ފުރަބަންދު އަންނަން ދެން ހަަމޔަގީނުންވެސް އަޅުގަނޑާ އަޅުގަނޑުގެ ދަރިން ޓީވީން އެ ކްލާސްތައް ބެލިން.

    5
    11
  9. ސަނާ

    މި ރައީސުގެ ނަމުގައި ކޮމެންޓް ކުރި ފަރާތުން ރައީސުގެ ލަގަބު ކިތަންމެ ބޭނުންވިޔަސް އެކަމަށް އަދި ކުފޫ ހަމައެއްނުވޭ. ޓެލިކިލާސް ފެށުނު ތާރީޚް ޔޭސް ޓީވީގެ ފޭސްބުކް ޕޭޖުން ސާފުކޮށްލުން ރަނގަޅުވާނެ. ޓެލިކިލާސް ޓީވީން ދައްކަން ފެށީ 15 މާރް 2020 ގައި

    7
    6
  10. އަލީ

    ހުރިހާ ސްކޫލެއްގައި ގޫގޫލް ކްލާހާއި ގޫގުލް މީޓް އަދި ޒޫމް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ދަރިންނަށް ސްކޫލް ބަންދު ވީއްސުރެން މިއަދާ ހަމަޔަށް ވެސް ކިޔަވައި ދިން. ބެލެނިވެރިއެއްގެ ޙައިސިއްޔަތުން އަޅުގަނޑު ޝުކުކު އަދާކުރަން އެޑިޔުކޭޝަން މިނިސްޓަރަށް އަދި އެކަމަނާގެ ޓީމަށް. ހުރިހާ މިނިސްޓްރީ ތަކުގެ ތެރެއިން ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރާ މިނިސްޓްރީއަކީ ހަަމަ އެޑިޔުކޭޝަން މިނިސްޓްރީކަން އަޅުގަނޑުމެން ގަބޫލުކުރަން. ދެރަކަމަކީ ވަކިވަރަކަށްވުރެ މީހާގެ ހިތުގައި ޙަސަދަވެރިކަން އުފެދުމުން ބަޔަކު ކިތަންމެ ބުރަ މަސައްކަތެއް ކުރިއަސް އެކަން ނުފެންނަކަން. ހިތާމަހުރި.

    6
    11
  11. މަލީ

    މި އާޓިކަލް ލިޔުނު ޔާމީނަށް ހަމަ ސާބަސް. ހަގީގީ ނޫސްވެރިންނަކީ ހަގީގަތާ އެއްގޮތަށް ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ހާމަކޮށްދޭ ނޫސްވެރިން. އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތައް މި އާޓިކަލް ކިޔާލުމުން ވަރަށް ރަނގަޅަށް ދޭހަވޭ.

    11
    12
  12. އާންތު

    ސަންލިޔޯ ބުނިހެން 42 އަަހަރުވީ އިރުވެސް އެޑިޔުކޭޝަން މިނިސްޓަރ އަދިވެސް ވަރަށް ރީތި. އެހެންވީމާ ހަސަދަވެރިންގެ ހިތްތަކަށް ވަރަށް އަސަރު ކުރާނެތާ.

    7
    11
    • Anonymous

      މުސްކުޔަކު ނުވާ ޒުވާންކަމެއް ހޯދަންޏާ އެވާހަކަ ވެސް ދައްކާނެ. މިސާލަކަށް ބޯ ނުރަ މީހަކު ބޯ ކަޅު ކޮއްފިއްޔާ އެވާހަކަ ދައްކާނެ

      8
      2
  13. ފާތުމަ.

    މިނިސްޓްރީ އަކުން އެއްވެސްކަމެއް ނުކުރޭ.ހުރިހާކަމެއް ކުރަން ސްކޫލްތަކަށް ދޫކޮއްލާފައޮތީ.ޓީޗަުން ހުރިހާކމެ ގައި ގޭނި ހަނާވެ ނިމުނީ.ޑާޓާ އަޅަން ޓިޗަރުންއަތުން ހާހުން ރުފިޔާދިޔަ.ވީކަމެއް ނެއް.

    16
    3
  14. ސުމެއް

    ކިތަންމެ ވަރަކަށް ހަޤީޤަތް ފޮރުވަން ނޫސްވެރިންލަށްވާަ ފާޑުފާޑުގެ އާޓިކަލް ލިޔުނަސް ހަޤީޤަތް އޮތީ ރައްޔިތުންނށް ހާމަވެފަ .
    ކުދިންނަށް ގޭގަތިބެ ކިޔެވުނީ ރައީސްޔާމީން ޓެބްލެޓް ހޯދަދީފަ ހުރީމަ .

    15
    5
  15. ާަެއެދުރު

    ގޫގުލްކްލާސްތައްބޭއްވިދާނެ ނަމަކަށް ނިކަމެތިކުދިން ކިހިނެއްބާ ކިޔަވާނީ. ޑާޓާ އަޅަން ދުވާލަކު 150 ރ ޚަރަދުވޭ. ޥާވާ މި އޮތީ ވާ ސަރުކާރެއް. ކީއްވީތަ ބަލި ނޫލޅޭ ރަށްރަށުގައިކިޔަވާ ދިނުން. ކަންތައް ކުރާނެ ގޮތް ނޭގެނީ. މަވާ ސަލާން

    11
    1
  16. Anonymous

    ޓެލެކިލާސް ފެށުނީ މާރިޗު މަސް ތެރޭގައި. ގިނައީ ބޯބުރާންޗުން.

    5
    3
  17. ހަހާ

    އަޅުގަނޑުގެ 1-10 ގްރޭޑްއަށް މާއްދާ އަކަށް އެންމެ ގަޑިއެއްވެސް ދުވާލަކު ނުބޭއްވޭ! ކޮންހާ ފޮނިވާހަކައެއްތޯ

    5
    1
  18. Anonymous

    ޝޭހެނާޒްތަ ނޫނީ ޝީނާޒްތަ؟

  19. ބުރަނ

    ތެދަށް ބުނަންޏާ ޓެލެކިލަސްތައް ބާއްވަން ފެއްޓީ މެއި މަހު ތެރޭގައި. އޭޕްރީލް ފަހު ކޮޅު 8 9 ކުދިންނަށް ގެނެސް ދިން ދެތިން ދުވަހު ދެން އެއަށްވުރެ ދަށް ގުރޭޑުތަކަށް ބާއްވަން ފެއްޓީ މެއި މަހު ތެރޭގައި

    5
    2
  20. ކީކޭބުނާނީ

    މަރީ، ހަނާ، ނިހާ، ސަނާ، އަލީ، މަލީ...ހާދަ ވައްތަރޭ އެކަކުހެން މިނިސްޓަރުގެ ދިފާއުގަ އެކި ނަމުގަ ކޮމެންޓް ކުރަނީ.

    6
    1
  21. ފައްސި

    ޢާން!! ޢަނެއްކާ އެއް ގަދި އެއްގަ ކޮމެންޓް ކޮށްފަ ހުރީ ވެސް ދޯ؟؟