އުމުރުން އެންމެ 13 އަހަރުގެ އައިޝަތު ޢާނިއާ (އަސްލު ނަމެއް ނޫން) އަކީ ކުޑަ އިރުއްސުރެ މަންމަ އާއި ބައްޕަގެ އަޅާލުމެއް ލިބިފައި ނުވާ ފަސް ކުއްޖެއްގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. މަންމަ އާއި ބައްޕަ އާނިއާ އަށާއި ދެން ތިބި ހަތަރު ކުދިންނަކަށް ވެސް އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނުދެއެވެ. މައިންބަފައިންގެ ލޯބި އެންމެ ބޭނުން ޖެހިފައި ހުރި ވަގުތު، އާނިއާ އާއި ބާކީ ތިބި ކުޑަ ހަތަރު ކޮއްކޮ ވެސް ކުރީ ބާކީއެވެ.

ޢާނިއާ އަކީ އެ ހަތަރު ކުދިންނަށް ވުރެ ބަލި ކުއްޖެކެވެ. ބާކީ ތިބި ހަތަރު ކުދިންނަށް މާބޮޑަށް އަދި ނުވިސްނޭތީ މަންމަ އާއި ބައްޕަގެ މުޑުދާރު އުޅުމުން އަސަރެއް ނުކުރިއަސް އެކަން ފެނި ވާނުވާ އެނގޭތީ، އޭނާ އަށް ވަނީ ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބިފައެވެ. މި ކަންތަކުގެ އިތުރަށް އޭނާ އަކީ ނޭވާހިއްލުން ބަލިވެސް ވަރަށް ބޮޑަށް ހުންނަ ކުއްޖެވެ.

"ދޮންތީ ނޭވަޔަށް އުނދަގޫކޮށްގެން އުޅޭ ފަހަރު ފަހަރު އެފަކީރު މަރަށް ތެޅޭ. އަހަރެންނަށް ކެތް ވަނީއެއް ނޫން ބަލަން ހުންނާކަށް ވެސް" ޢާއިލާއިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.

އެ ފަސް ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އަކީ ޢާނިއާ ކަމަށް ވިޔަސް، ޢާނިއާގެ ބަލި ޚާލުގެ ސަބަބުން ޢާނިއާގެ މަންމަ ފަރާތު ބޮޑުދައިތަގެ ދަރިއެއް ބޭނުންވަނީ އެމީހުންގެ ޢާއިލާއިން އާނިއާ ބެލުމަށެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. މީގެ ކުރިންވެސް ޢާނިއާ ބަލަހައްޓަމުން ދިޔައީ އެޢާއިލާއިންނެވެ. ޢާނިއާގެ ކުޑަށް ތިބޭ ހަތަރު ކުދިން ބަލަމުން ދިޔައީ އެކުދިންގެ ބައްޕަ ފަރާތު ކާފަ އާއި މާމައެވެ. އެގެއަކީ އެމީހުންގެ މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޅި ޢާއިލާ ޚަލާކަށް ދޫކޮށްލައިގެން ތިބި މަންމަ އާއި ބައްޕަވެސް ދިރިއުޅެމުން އަންނަ ގެއެވެ.

އެކުދިންނަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުން ތަސައްވަރުކޮށް، ބާކީ ތިބި ހަތަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްދިނުމަށް އެކުދިންނާއި ގުޅުން ހުރި ގާތް ތިމާގެ މީހުން ދިޔައީ އެދެމުންނެވެ. މިކަމުގައި އިސްކޮށް ޢާނިއާ ބަލަމުން އައި އޭނާގެ ބޮޑުދައިތަ އާއި ބޮޑު ދައިތަގެ ދަރިއަކު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ފަސް ކުދިން ބެލުމުގެ ކުޅަދާނަކަން އާނިއާގެ ބޮޑު ދައިތަ ދެމައިންނަށް ނެތުމުން އެދެމައިން މަސައްކަތް ކުރީ ދައުލަތުން އެކުދިންނަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމަށެވެ.

ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެންމެ ދުވަހެއްގެ ތެރޭގައި

ޢާނިއާ އަކީ މަންމަ އާއި ބައްޕަ އަދި ޢާއިލާގެ ބާކީ ތިބި ހަތަރު ކުދިން ދިރިއުޅެމުން އަންނަ ގެއަށް ދާ ކުއްޖެވެ. އެ ދުވަހު ވެސް ޢާނިއާ ދިޔައީ ޢާއިލާގެ މީހުންނާ ބައްދަލުކޮށްލުމަށެވެ. އެ ގޭގައި އިރުކޮޅެއް ހޭދަވި ތަނާ ގެއަށް އައީ ފުލުހުންގެ ޓީމަކާއި ޖެންޑަރ މިނިސްޓްރީގެ ޓީމެކެވެ. އެއީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވިތާ ފަސް ވަރަކަށް ދުވަސް ފަހެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އޭރު ޢާނިއާ ބަލަހައްޓަމުން ގެންދިއާ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު މަރިޔަމް ޝަބާ (އަސްލު ނަމެއް ނޫން) ބުނީ ޢާނިއާ ކުއްލިއަކަށް ގުޅައި ފޯނު ނެގުމާއި އެކު ރޯން ފެށި ކަމަށެވެ. އެވަގުތު އޭނާވެސް ހުރީ ވަޒީފާ އަދާކުރާ ތަނުގައި ޑިއުޓީގައެވެ. އަދި ވެގެން އުޅޭ ގޮތް ޢާނިއާ ކޮންމެވެސް ވަރަކަށް ކިޔައިދިނުމުން ވަގުތުން އޭނާގެ މަންމަ އަށް ގުޅައި ޢާނިއާ ހުރި ގެއަށް ދިއުމަށް އެދި ޢާނިއާގެ ބޮޑު ދައިތަ އެގެއަށް ފޮނުވިއެވެ.

އޭރު ޖެންޑާ މިނިސްޓްރީ އިން އައި މީހުންނާއި ފުލުހުން ތިބީ އެ ފަސް ކުދިން ގެންދިއުމަށް ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް އާނިއާ ގެންދިއުމަށް އެދިފައި ނުވާނޭ ކަމަށާއި، ބުނެފައިވާނީ ބާކީ ތިބި ހަތަރު ކުދިން ގެންދިއުމަށް ކަމަށް ސަބާ އެތައް ފަހަރަކު އެކުދިން ބަލައި ދިޔަ މީހުންނަށް ކިޔައިދިނުމުން ވެސް އެއީ އެރަށުގައި ހުންނަ ޖެންޑަރ އޮފީހުން ރިޕޯޓު ކުރި ގޮތް ކަމަށާއި، ރިޕޯޓުގައި އޮތީ ފަސް ކުދިން އެއްފަހަރާ ގެންދިއުމަށް އެދޭކަން ކަމަށް ސަބާ ބުންނެވެ.

"އަހަރެންވެސް ވީ އެންމެ އަވަހަކަށް ގެއަށް ދިޔައިން. ދޮންތީ [އާނިއާ] އޭރު އުޅުނީ އަހަރުމެން ގޭގަ ވީމަ އެކުއްޖާ ގެންދަންޏާ ލާނެ އަންނައުނާ އެހެން ތަކެތިވެސް ދޭން ޖެހޭނެ އެއްނު. އަހަރެން ގެއަށް އައިސް ފޮއްޓަށް އެއްޗިހިތައް އަޅަން އިންދާ މަންމަ ގުޅާފަ ރޮއިގެންފަ ބުނީ އަންނައުނެއް ވެސް ނުދީ އާނިއާ ގެންގޮސްފިއޭ ކާޑެއްދޫ އަށް ފުރަން" ސަބާ ބުންޏެވެ.

ސަބާ ބުނި ގޮތުގައި ދިޔަ އިރު ބޭހެއްވެސް އެއްވެސް ރިޕޯޓެއްވެސް ނުގެންދެއެވެ. އަދި އާނިއާ އަށް މިހާރު ބޭސް ކުރާ ކަމެއްވެސް ނޫން ކަމެއްވެސް އާއިލާ އަށް އަންގާފައެއް ނުވެއެވެ.

އާނިއާ ބަލަހައްޓަމުން ދިޔަ ދެމައިން ތިބީ ވާނުވާގައި

ސަބާ ބުނީ އެހާ ކުއްލިއަކަށް ލާނެ އަންނައުނެއް ނުލައި، ގުޅާލުމެއް ކަމެއްވެސް ނުކޮށް އާނިއާ ގެންދިއުމުން ހައިރާންވި ކަމަށެވެ. އަދި ކިތަންމެ ލަސްވި ނަމަވެސް ގުޅާފައި އާނިއާ އާއި އޭނާ ކުޑަ ހަތަރު ކޮއްކޮ ގޮވައިގެން ފުރަންދާ ވާހަކަވެސް ބުނެ ނުލާ ކަމަށާއި، އަމިއްލަ ދަރިއެއް ފަދައިން ބަލަމުން އައި ކުއްޖަކު އެހެން ލޯމަތިން ގެއްލުމުން ވަރަށް ދެރަވި ކަމަށެވެ.

އަދި އާނިއާ ބަލައި ދިޔަ ޖެންޑާ މިނިސްޓްރީގެ ޓީމުން ކުޑަ މުއްދަތެއްގެ ތެރޭގައި އާނިއާ ރަށަށް ފޮނުވާނެ ކަމަށް ބުނި ކަމަށާއި، އެހާ ހިސާބުން އެއަޒުމުގައި މަސައްކަތް ކުރަން ފެށި ކަމަށެވެ.

އާނިއާ ހޯދުމަށް އެތައް މަސައްކަތެއް ކުރެވިއްޖެ، އަދިވެސް ނުލިބެނީ ކީއްވެ؟

ސަބާ ބުނި ގޮތުގައި އާނިއާ ގެންދިޔަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް އޭނާ ހޯދުަމަށް އެތައް މަސައްކަތެއް ކުރެވިފައި ވެއެވެ. ޖެންޑާ މިނިސްޓްރީ އަށާއި، ދައުލަތުގެ ކަމާ ގުޅުންހުރި ތަންތަނަށް ސިޓީތަކާއި ފޯމުތައް ލެވުނު މިންވަރުގެ އަދަދެއްވެސް ނޭންގެއެވެ. އެރަށަށް ގޮސް ގޭގެ އެސެސްމެންޓެއް ވެސް ހަދައިފިއެވެ.

އެކަމަކު އެހާ ބަލި ކުއްޖަކު އާއިލާ އާއި ދުރުގައި ބަހައްޓަމުން އަންނަތާ 7 މަސް ވެފައިވާ ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަބާ ބުންޏެވެ. ސަބާ ބުނީ މިކަމުން ފެންނަނީ ކުޑަކުދިންގެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީ އިން ވަމުން އަންނަ އިހުމާލު ކަމަށެވެ.

"އެކުއްޖާ ބަލަން އާއިލާގެ ބަޔަކު ތައްޔާރަށް ތިބިއްޔާ ފުރަތަމަ ކަމަކަށް ގެންގޮސްގެން ވެސް ނުވާނެ އޭނައެއް. ދެން ގެންދެވުނީއޯ. އެންމެ ރަނގަޅު. ކީއްވެގެންތަ އަދިވެސް އޭނަ ރަށަށް ނުގެނެވެނީ. 7 މަސް ވެގެންދާއިރު އެންމެ ރަނގަޅެއްނު އެންމެ ކުޑަމިނުން ގެނެވެންޏާ ގެނެވޭ ވާހާކަ ނުގެނެވެންޏާ ނުގެނެވޭ ވާހަކަ ވެސް ބުނެލަން" ސަބާ ބުންޏެވެ.

އާނިއާ ވެސް ހުރީ ރަށަށް އާދެވޭނެ ކަމުގެ އުންމީދުގައެވެ. މިދިޔަ ހަފްތާގައި ގުޅާފައިވެސް ދެއްކީ ބޮޑު ދައިތަ ދެމައިން ކައިރިއަށް ރަށަށް އައިސް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދުގައި ހުރި ވާހަކައެެވެ.

ކުދިން އާއިލާތަކަށް ނުދެވެނީ ފުރަބަންދުގެ ސަބަބުން - ޖެންޑަރ މިނިސްޓްރީ

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީ އިން ވިދާޅުވީ ވަކި ކޭސް އަކާއި ގުޅޭ މައުލޫމާތު މި ދަނޑިވަޅުގައި ހިއްސާކުރުމުގެ ބަދަލުގައި، ކޮވިޑް-19ގެ ފުރަބަންދާއި އާއި ގުޅިގެން ފޯސްޓަރ އަދި ރީއެންޓިގްރޭޝަންގެ ހިދުމަތް މެދުކެނޑިފައިވާކަން ހިއްސާކުރާ ކަމަށެވެ. އަދި އާންމު ހާލަތަށް ރުޖޫއަވިހާ އަވަހަކަށް ރީއެންޓިގްރޭޝަން އަދި ފޯސްޓަރގެ ހިދުމަތް ކުރިއެކޭ އެއްފަދައިން ދޭނެ ކަމަށް އެމިނިސްޓްރީ އިން ވިދާޅުވިއެވެ.

ކުޑަކުދިންނާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރާ މަސައްކަތާއި މެދު އަބަދުވެސް އާއްމުންގެ ޝަކުވާ ބޮޑެވެ. ހާއްސަކޮށް މިނިސްޓްރީގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމާއި، އަދި އާއިލާ އާއި ހަވާލު ކުރުމުގައި އަމަލު ކުރަމުން ގެންދާ ގޮތާއި މެދު ގިނަ ބަޔަކު އަބަދުވެސް ޝަކުވާ ކުރެއެވެ. ނަމަވެސް މިޝަކުވާތަކަށް ހައްލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ކުރި ކަންތަކުގެ ސަބަބުން ލިބޭނީ ނަފްސާނީ ގެއްލުން ވަރަށް ހިތާމަވެރިކަމެއް

    11
    1
  2. ފާއިތުވެގެންދާ ވަގުތަކީ އަނބުރާލިބޭނެ އެއްޗެއްނޫން ރައްޔިތުންވިސްނާ

    ދިވެހިރާއްޖޭގެ ރަށްޔިތުން ތިތިބެނީ ކިހިނެތްވެފަތޯ ކިހާދުވަހަ ކުތޯ ތިގޮތަށް ކުޅިބަލަން ތިބޭނީ ހަމަ މިވަގުންގެ ސަރު ކާރު އެޅިހާބަތަ ކަށް ރިހަވެފަ ރައްޔިތުން ތިތިބެނީ ވަގުންނަ ވައް ކަން ކުރުމަށް ފުރުސަތުދީގެން ރައްޔިތުން ހޭލާ ކަށް ނުވޭތޯ މިވަގުންނާއި ދޭތެރޭގައި ތިމާމެން ބޭނުންވާ ކޮން ކަންތައްތަ ކެެތް ކޮށް ދެވިދާނެ ކަމުގެ ކޮން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުންމީދެއް އޮތީމަތޯ؟

    14
    1
  3. އާންމު

    ކުދިން ދިރިއުޅުނު މާހައުލަކީ ރަނގަޅު ތަނެއް ނޫންކަން ލިޔުމުން ފާހަގަވޭ. ކުދިން ދެން ގެންދިޔުމަށް ނިންމާ ތަނަކީ ކިހާވަރެއްގެ ތަނެއް ބާ؟

    10
  4. ނީމް

    ހާދަ ދެރަވެޔޭ. އެކުދިންނަށް ކެއްތެރިކަން ދެއްވާށި. ކޮންމެ ބޭފުޅަކުވެސް އެފަދަ ކުދިންނަށް ހެޔޮކަމަކަށް ދުޢާކޮއްދެއްވާ... އެއީ އެކުދިންނަށް ދެވޭ އެހީއެއް?