ލ.ގަމަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ފަސް ހާހަށްވުރެ ގިނައެވެ. މުޅި ރަށުގައި މިހާރު ވަނީ ނަރުދަމާ ނިޒާމު ގާއިމުކޮށް ނިމިފައެވެ. ނަމަވެސް ނަރުދަމާ ނިޒާމު ބައެއް ސަރަހައްދުގައި އޮތް ގޮތުންނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ކަމާބެހޭ ފަރާތްތައް އިހުމާލު ވަމުން ދިއުމުގެ ސަބަބުން ރަށުގެ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި އޮތް ނަމަވެސް މިހާރުވެސް ގަމުގައި ހުރިހާ ނަޖިހެއް ހިންދަމުން ދަނީ ރަށުގެ ގުދުރަތީ ފެން ފަށަލައަށެވެ. ގަމުގެ ރައްޔިތުން މިހާރު ވެސް ފެންވެރުމަށާއި އެނޫން ބޭނުންތަކަށް ބޭނުން ކުރަމުން އަންނަނީ ރަށުގެ ފެން ފަށަލައިން ނެގޭ ފެނެވެ.

މައުލޫމާތު އެނގޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއަދު ގަމުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ހުރިހާ ނަޖިހެއް ރަށުގެ ފެން ފަށަލައަށް ހިންދަމުން ދާއިރު އެފެން ފަށަލައިން ނަގާ ފެން ރަށުގެ މީހުން ބޭނުން ކުރުމަކީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް މައުލޫމާތު އެނގޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ޑޮކްޓަރަކު ވިދާޅުވީ ގަމުގެ ހާލަތު މިހާރު އޮތީ ބޮޑެތި ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ހާލަތެއްގައި ކަމަށެވެ.

"ރަނގަޅު ނަރުދަމާގެ ނިޒާމެއް އޮތުމަކީ އެންމެ މުހިއްމު އެއްކަންތައް. ރަށުގެ ފެން ފަށަލައަށް ނަޖިސް ފެން ހިންދާ، ރަށުގެ ފެން ފަށަލައިން ނަގާ ފެން، ފެންވެރުމަށާއި އަދި ކާތަކެތި ތައްޔާރުކުރަން ބޭނުން ކުރާނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް. ދަރިން ނުކުޅެދޭ ހާލަތަކަށް ދިއުން ފަދަ ސަބަބު ނޭނގޭ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އަސްލަކަށް ވެސް ވެގެންދޭ ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތުން." ޑޮކްޓަރު ވިދާޅުވިއެވެ.

ނަރުދަމާގެ މައްސަލަ އެންމެ ބޮޑު ސަރަހައްދަކީ ގަމުގެ އަލަށް އާބާދުވާ ސަރަހައްދެވެ. ލ.އަތޮޅުން މުންޑޫންނާއި ކަޅައިދޫން މީހުން ގެނެސް އާބާދު ކޮށްފައިވާ ސަރަހައްދުގެ ނަރުދަމާ އަޅާފައި ވަނީ ފްރެންޗް ރެޑްކްރޮސް އިންނެވެ. އެސަރަހައްދުގެ މަގުމައްޗަށް ނަޖިސް ބޭރުވެ، ރައްޔިތުން އެތައް ތަކުލީފްތަކެއް އުފުލަން ޖެހުމުން ޕަމްޕް ސްޓޭޝަންތަކުގެ މަތިގަނޑުތައް ބިމަށް ވުރެ މައްޗަށް އުފުލާފައި ވީނަމަވެސް މައްސަލައަށް ހައްލެއް ނާދެއެވެ.

އަދި އެސަރަހައްދުގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ވަނީ އެއްވެސް ރައްކާތެރިކަމެއް ނެތި މަގުމައްޗަށް ދޫކޮށްލާފައެވެ. ޑިސްޓްރިބިއުޝަން ފޮށިތަކުގެ ދޮރުތައް ވަނީ ހުޅުވާލާފައެވެ. އެފޮށިތަކުގައި ތަޅުލެވޭނެ ގޮތެއް ނެތެވެ. އެއިން ޑިސްޓްރިބިއުޝަން ފޮއްޓަކާއި ކުޑަކުއްޖަކު ކުޅެން އުޅުމުގެ ފުރުސަތު އެބައޮތެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ކުއްޖެއްގެ ފުރާނަ ގެއްލުން އެއީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ.

ބައެއް ގެތަކުގެ ގޯތިތެރޭގައި ވެސް ޕަމްޕް ސްޓޭޝަން އެބަހުއްޓެވެ. އެކަމުގެ ސަބަބުން އެގެތަކުގައި ދިރިއުޅުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައެވެ. ބައެއް ޕަމްޕް ސްޓޭޝަންތައް ކުޑަކުދިން ކުޅެން އުޅޭ ސަރަހައްދުތަކުގައި ވެސް އެބަހުއްޓެވެ. ބޯކޮށް ވާރޭ ވެހި ޕަމްޕް ސްޓޭޝަންތަކުގައި ފެންބޮޑުވެ، މަދިރިފަނި އުފެދޭ ހާއްޔަކަށް އެތަންތަން ވެގެން ދާއިރު ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް އެއްވެސް އިދާރާއަކުން ދޭ މަންޒަރެއް ނުފެނެއެވެ.

ނަރުދަމާ ފެނުން އުފެދޭ ނަޖިސް މަދިރިއަކީ މީހުން މަރުވާފަދަ ބޮޑެތި ބަލިތައް އުފުލާ މަދިރިއެކެވެ. ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމަކާއި ގުޅިގެން މުޅި ގައުމުގެ ސިއްހީ ނިޒާމު ހާއްސަ ހާލަތެއްގައި އޮއްވާ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް އިތުރުވެއްޖެނަމަ އެއީ "ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން" ފަދަ ކަމަކަށް ވެގެން ދާނެއެވެ. އެހެންކަމުން ނަޖިސް ވަޅުތަކުގައި މަދިރި އުފެދުން ހުއްޓުމަކަށް ގެނައުމަށް މިހާރުން މިހާރަށް ވަނީ މަސައްކަތް ކުރަން ޖެހިފައެވެ.

"ވިއްސާރަ ދުވަސްވަރު ޕަމްޕް ސްޓޭޝަންގެ އެންމެ މައްޗާއި ހަމައަށް ނަޖިސްތައް އަރާފައި މިހުންނަނީ. ވަސް އެހައި ގަދަ. މަދިރި އެހައި ގިނަ. ވަރަށް ހާލުގައި މިއުޅެނީ. ކުދިން ގެއިން ބޭރަށް ނުނެރެ އަބަދު ގޭތެރޭގައި ބައިތިއްބައިގެން އުޅެން ޖެހެނީ. ވަރަށް އުނދަގޫ." އާބާދުވާ ސަރަހައްދުގައި ދިރިއުޅޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ގަމުގެ ތުނޑީ އަވަށުގައި ހުންނަ ޕަމްޕް ސްޓޭޝަންތަކުން ވެސް މަގުމައްޗަށް ނަޖިސް ބޭރުވަމުން ދެއެވެ. ނަޖިސްތައް ޕަމްޕްތަކުން ހިއްކައި ނުދިނުމުން ފާހާނާތައް ސާފުނުވެ ޕަމްޕްތައް އަމިއްލައަށް ޖައްސަން ޖެހޭ ސްޓޭޝަނެއް ވެސް އެބަހުއްޓެވެ. އެކަން ކުރަން ޖެހެނީ ނަޖިސްތަކުގެ ތެރެއަށް އެރިގެން ގޮސް އެސަރަހައްދުގެ ގެތަކުގެ މީހުންނެވެ.

ދެން ހުރި ސްވޭޖް ޓްރީޓްމަންޓް ފެސިލިޓީތަކެވެ. އެތަންތަނުގެ ހާލަތު ޕަމްޕް ސްޓޭޝަންތަކަށް ވުރެ އަދި މާގޯހެވެ. އެސްޓީޕީތައް ރަނގަޅަށް ނުބެލެހެއްޓި އެތައް މިލިއަން ރުފިޔާއެއްގެ އަގުބޮޑު އިކްއިޕްމެންޓްތައް ދަނީ ހަލާކު ވަމުންނެވެ. މުޅި ސަރަހައްދު ވަނީ ވިނަވެފައެވެ. އެސްޓީޕީތައް ވަނީ މަދިރި އުފައްދާ ކާރުހާނާތަކަކަށް ވެފައެވެ. އެސްޓީޕީތަކުން މޫދަށް ނަޖިސް ބޭރު ކުރަން އަޅާފައިވާ ހޮޅިތައް ހަލާކުވެފައިވާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަތީޖާއަކަށް ވެފައި ވަނީ ފަރުމައްޗަށާއި ރަށުގެ ގޮނޑުދޮށަށް ހުރިހާ ނަޖިހެއް އެޅެމުން ދިއުމެވެ. މިއީ ބޮޑު ބަލި މަޑުކަމެއް ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ހާލަތެކެވެ. އަދި މުޅި ސަރަހައްދުގެ ފަރު ހަލާކުވެ އޭގެ ގެއްލުން އެތައް ޒަމާންތަކަކަށް ދިގު ދެމިގެން ހިނގައިދާނެ ކަމެކެވެ.

ގަމުގެ ނަރުދަމާ ނިޒާމު ވީރާނާވުމާއި ގާތުގައި އޮތް ނަމަވެސް އެކަމާއި ގުޅިގެން ރަށު ކައުންސިލުން ދައްކާނެ ވާހަކައެއް ނެތެވެ. ގަމު ކައުންސިލްގެ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ ނަރުދަމާގެ ނިޒާމަކީ ފެނަކަ ކޯޕަރޭޝަންގެ ބެލެހެއްޓުމުގެ ދަށުގައި އޮތް ކަމަކަށް ވުމުން އެކަމާއި ގުޅިގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ގަމުގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތެއް އެއްވެސް ވަރަކަށް ކުރާ މަންޒަރެއް ނުފެނެއެވެ. ނަރުދަމާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ އިން ކުރާނަމަ އެސްޕީޓީތަކަކީ މަދިރި އުފައްދާ ކާރުހާނާތަކަކަށް ނުވީހެވެ. އަދި ވާބޯ ޖަންގަލިތަކަކަށް އެތަންތަން ނުވީހެވެ.

ގަމުގެ ނަރުދަމާ ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ އިން "ދޫކޮށްލާފައި" އޮތީ ކީއްވެތޯ ސާފުކުރަން އެކުންފުނީގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މިހާރު ގަމުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ހާލަތު ރަނގަޅު ކުރުމަށް އެންމެ މުހިއްމު ކަމަކީ ވީއެންމެ އަވަހަކަށް މިހާރު ހުރި މައްސަލަތައް ހައްލު ކުރުމެވެ، ޕަމްޕް ސްޓޭޝަންތައް މަރާމާތުކޮށް އިންސާނުން ދިރިއުޅެވޭ ފަދަ މާހައުލެއް ގާއިމު ކޮށްދިނުން އެއީ ރަސްމީ އިދާރާތަކުން ކޮށްދޭން ޖެހިފައިވާ ކަމެކެވެ.

އަދި އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ގާއިމު ކޮށްފައި ހުރި އެސްޓީޕީތައް މަރާމާތު ކުރުމުގެ މަސައްކަތް އެންމެ ދުވަހެއް ވެސް ލަސްނުކޮށް ފަށަން އެބަޖެހެއެވެ. އެހެން ނޫންނަމަ މިއަދު ލިބިފައި ހުރި ގެއްލުންތަކާއި، ގެއްލުންތައް ފޫބައްދަން ކުރަން ޖެހޭ ޚަރަދުތައް މާދަމާ ދެގުނަ ވެގެން ދާނެކަން ކަށަވަރެވެ. ނަރުދަމާއެއް ހަމައެކަނި އެޅުމަކުން ހުރިހާ މައްސަލައެއް ހައްލުވާނެ ކަން ގަބޫލު ކޮށްގެން ނުވާނެއެވެ. ނަރުދަމާ ނިޒާމު ރަނގަޅަށް ބެލެހެއްޓެމުން ނުދާނަމަ ނަރުދަމާ ނިޒާމު ގާއިމު ކުރަން ކުރި ޚަރަދަށް ވުރެ ބޮޑު ޚަރަދެއް ކުރަން ޖެހިދާނެއެވެ. އަދި ކިތައްމެ ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރި ނަމަވެސް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެސް ލިބިގެން ހިނގައިދާނެއެވެ. ނުވަތަ މިހާރު ވެސް އެފަދަ ގެއްލުންތަކެއް ލިބިއްޖެއެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއް ލަސްނުކޮށް އަޅަން އެބަޖެހެއެވެ.

އިންސާނުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ބޮލުގައި އެޅިފައިވާ ފުރަތަމަ ޒިންމާއެވެ. ދައުލަތުގެ އެހެނިހެން ކަންކަމަކީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަ ކުރުމަށްފަހު ދެން ކޮށްދޭން ޖެހޭ ކަންތައްތަކެވެ. މިފަދަ މައްސަލަތައް ސަރުކާރުގެ ލޮލަށް ނުފެންނަނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ރަށުގެ ހާލަތު ގޯހުން ގޯހަށް ދާއިރު މިމަންޒަރު ސަރުކާރަށާއި ކައުންސިލަށް ނުފެންނަ ނަމަ ސަރުކާރާއި ކައުންސިލެއްގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ގަޑިބޯ

  ކުރީގެ ސަރުކާރުން އަޅާނުލާ ދޫކޮށްލާފާވަނީ.

  13
  66
  • ކަނބާ

   ކޮންމެ ކަމެއްގައިވެސް ކަލޭމެން ބުނަން އޮތް އެއްޗަކީ "ކުރީ ސަރުކާރު" ތިމާމެންގެ ނާޤާބިލްކަން ފޮރުވަން ކޮންމެކަމެއްވެސް އެހެން މީހުންގެ ބޮލުގައި އަޅުވާނީއެވެ. "މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެއެވެ.

   48
   4
   • ނުކުޅެދޭ އެން.ޑީޕީ ސަރުކާރު

    މިއޮތީ ވާ ސަރުކާރެއް ވެރިކަމަށް އަައިސްފައި.. ކުޑަ ކުއްްޖެއްހެން އަބަދު ކުރީ ސަރުކާރު ކުރީ ސަރުކާރު

    18
    1
 2. ހުސޭނުބޭ

  އެމަނިކުފާނު ތިކަމާ ކީރިތިކުރައްވަންދެން މަޑުކޮށްލައިގެން ތިބެބަލަ!

  68
  2
 3. ޖ

  ޖަޒީރާ ރާއްޖޭގައި ނަރުދަމާ ބޭނުމެއް ނުވާނެ ... އަތިރިއަށް ދާނީ އެޭރުން އެކަން ހައްލުވީ
  ރަށްވެހި ފަތިސް ވެސް ފެންނާނީ އެވަގުތު މިއީ އަސްލު ޖަޒީރާ ރާއްޖެ އާއި ދިމާއަށް މިސްރާބު ޖަހައިފިކަން ކަށަވަރު ވުން ކޮބައިތަ ގަމުދާއިރާގެ އަޑު ގަދަ މެންބަރު ގަމު މީހުން އަދިވެސް އެމް ޑީ ޕީ އަށް ސަޕޯޓް ކުރާތި...

  60
  3
 4. ރަދީފް

  ކޮބާ ދާއިރާގެ މެމްބަރުން؟؟ ރޯނު އެދުރު ސިރާޖު ކޮބާ؟؟ ލަދު ކޮބާ؟؟

  58
  2
  • ގަމު ކުޑަކުއްޖާ

   ސިރާޖު އެއް ނޫން އިނގޭތޯ.. ސަންޕަތު

   13
 5. ކަނބުލޮ

  ކުރީސަރުކާރު އަލުން އައިސްގެން ތިކަން ރަނގަޅު ކުރެވޭނީ އެމީހުން އަންނަންދެން މަޑުކޮށްލައްވާ

  47
  2
 6. ކުރީ ސަރުކާރު

  ގަޑިބޯ ކައިރި ބުނެލަން އޮތީ ކުރީސަރުކާރުން އަޅާނުލާ ދޫކޮށްލީމަ މިސަރުކާރަަށް 2 އަހަރު ފުރިގެންދާއިރު ކީވެހޭ އަޅާނުލާދޫކޮށްލީ.. އެެހެންވީ މަ ގަޑިބޯ ކިޔާބަލަ މިސަރުކާރުން އަޅާނުލަ ދޫކޮށްލާއި ފިޔޭ...

  42
  1
 7. ސަމްސިއްޔާ

  "ނަރުދަމާގެ ނިޒާމަކީ ފެނަކަ ކޯޕަރޭޝަންގެ ބެލެހެއްޓުމުގެ ދަށުގައި އޮތް ކަމަކަށް ވުމުން އެކަމާއި ގުޅިގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ." ކައުންސިލް އިސްތިއުފާ ދޭންވީއެއްނު. ކީއްކުރާ ބައެއްތީ؟؟ ކައުންސިލަށް ނުވިކަމެއް އާންމު ރައްޔިތުމީހާ ކިހިނެތް ކިހިނެތް ކުރާނީ؟؟

  30
  1
 8. ޗުލްބުލް

  ތީކީ އެންމެ ދުވަހެއްގެ ކަމެއްނޫން.ކައުންސިލުން ފެނަކައިން ފަރުވާކުޑަކުރާނަމަ ބެލެންޖެހޭ.ނަރުދަމާ ނިޒާމުގެ ވެރިފަރާތަކީ ކައުންސިލް.ވަރައް ޒިންމާދާރުކަން ވެރިން ތިބީމަ ތިހާވަރުވާނީ.މުސާރަ ކާގެން ތިއްބެނީ

  24
 9. ޗުލްބުލް

  ތީކީ އެންމެ ދުވަހެއްގެ ކަމެއްނޫން.ކައުންސިލުން ފެނަކައިން ފަރުވާކުޑަކުރާނަމަ ބެލެންޖެހޭ.ނަރުދަމާ ނިޒާމުގެ ވެރިފަރާތަކީ ކައުންސިލް.ވަރައް ޒިންމާދާރުކަންކުޑަ ވެރިން ތިބީމަ ތިހާވަރުވާނީ.މުސާރަ ކާގެން ތިބެނީ

  24
 10. ބޮޑު ފަރަންޖީ

  އެކަމަކު މިއުޅޭ ބަޑިއެދުރު ޝިފާ ތިރަށް އިޝްތިހާރު ކުރާއިރު ތިވަރެއް ނެއް.

  27
 11. އާމިރު

  ކުރީސަރުކާރުގެ އަޑު ކަނޑާލައިފާ އަދުގެ ސަރުކާރުގެ އަޑު އިވިގެންދާނީ ކޮންއިރަކުންބާ؟

  10
 12. އެމަންޖެ

  ތިހާލުގަ މުޅި ގައުމު އޮތީ...މިސަރުކާރު ބަލަނީ ކެވޭތޯ...ލާރި ލާރި ޑޮލަރު ޑޮލަރު.