ލ.އަތޮޅު ކައްދޫ އެއާޕޯޓަކީ 1986 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ. އަތޮޅުތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ހުޅުވި އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓެވެ. މެދުރާއްޖެ ތެރެއާއި ދެކުނުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކައްދޫ އެއާޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރުން އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެކެވެ. އެކަން ފަހަކަށް އައިސް ރާއްޖޭގެ ވެރިކަން ކުރި ކޮންމެ ސަރުކާރަކުން ވެސް ގަބޫލު ކުރެއެވެ.

ކައްދޫ އެއާޕޯޓް ތަރައްޤީކޮށް، އެއާޕޯޓްގެ ތަރައްޤީގައި އާބާބެއް ފެށުމަށް 2012 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ނަމުގައި ސަރުކާރުން ވަނީ ސަރުކާރުގެ ސައްތަ އިން ސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާފައެވެ.

އެކުންފުނީގެ އުމުރުން އަށް އަހަރު ވެގެން ދިޔައިރު ކައްދޫ އެއާޕޯޓްގެ ހާލަތު އިތުރަށް ގޯސްވެ، އިމާރާތައް ވީރާނާވެ މުވައްޒަފުންގެ މުސާރަ ކުޑަވެ، އެއާޕޯޓު ތަރައްޤީގެ މަގުގައި "ފަހަތައް ހިނގުން" ފިޔަވައި އިތުރު ކަމެއްވީ މަންޒަރެއް ޔަގީނުން ވެސް ނުފެނެއެވެ. ފެނިގެން ދިޔައީ އަދި ފެންނަމުން ދަނީވެސް ކުންފުނީގެ ހިންގުން ދޯހަޅިވެ، އަދި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތައް އެތައް ކަމެއް ހިންގާ ވަކި ބަޔަކު މަހުޖަނުންނަށް ވަމުންދާ މަންޒަރު އެކަންޏެވެ.

ކައްދޫ އެއާޕޯޓްގެ ނަން އިސްކަންދަރު ވައިގެ ބަނދަރުގެ ނަމަށް ބަދަލުވެ އެއާޕޯޓްގެ ނަން ޖަހާފައި އޮތް ބޮޑުގަލެއް އެއްފަރާތައް ޖައްސާލާ އެތަނުގައި ނިކަން ޗާލު ނަންބޯޑެއް ހަރުކުރުން ފިޔަވައި އެއާޕޯޓްގެ ތަރައްޤީއަށް ކުރެވުނު ކަމެއް ސާފުކޮށް ފެންނާކަށް ނެތެވެ. ބޮޑު ޚަރަދެއްކޮށް ކިނބި ލޯންޖެއްގެ ގޮތުގައި ލޯންޖެއް ތަރައްޤީކޮށް، ކާގޯ އޮފީހެއް ހެދުން ފަދަ ކަންކަންކުރި ނަމަވެސް ހިސާބުތަކުން ފެންނަން އޮތީ އެތަންތަނަށް ކޮށްފައި އޮތް އާދަޔާއި ޚިލާފު ބޮޑު ޚަރަދެވެ. ކާގޯ ޚިދުމަތް ވެސް ދެމުން އަންނަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށެވެ. އަދި ކިނބި ލޯންޖް ވެސް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރަމުންނެއް ނުދެއެވެ.

ކައްދޫ އެއާޕޯޓް ހިންގަން އުފައްދާފައިވާ ކުންފުނި މިހާރު ވެފައި ވަނީ "ސިފައިންގެ ކުންފުންޏަކަށެވެ." ވިޔަފާރި ކުންފުންޏެއް ހިންގުމާއި ސިފައިން ހަވާލުވުމަކީ އާއްމު އުސޫލެއް ކަމަށް ނުވިނަމަވެސް ކައްދޫ އެއާޕޯޓް ބޯޑުގައި ހަތް ބޭފުޅުންގެ ތެރެއިން ދެބޭފުޅުން ފިޔަވައި ދެން ތިއްބެވީ ސިފައިންނެވެ. މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ޝަރީފް ކިޔާ ސިފައިންގެ ބޭކަލެކެވެ.

ކައްދޫ އެއާޕޯޓާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ސާފުކުރަން "ވަގުތު" އިން މަސައްކަތް ކުރުމުން އެމްއެންޑީއެފް އިން ވަނީ އީމެއިލް މެދުވެރިކޮށް ކައްދޫ އެއާޕޯޓް ކުންފުންޏަށް ސުވާލުތައް ފޮނުވަން ދަންނަވާފައެވެ. އީމެއިލް އިން ފޮނުވި ސުވާލުތައް ލިބުނުކަމާއި ސުވާލުތަކުގެ ޖަވާބު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ސެކްރެޓަރީ އަހްމަދު ޝިފާޒް "ވަގުތު" އަށް ގުޅުވައި ވިދާޅުވިއެވެ. ޖަވާބު ލިބުން ލަސްވަމުން ދާތީ ފަހުން ކުރެވުނު މުއާމަލާތްތަކުގައި ވެސް ޖަވާބު ތައްޔާރު ކުރަމުންދާ ކަމަށާއި "ޑްރާފްޓް" ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެތައް ދުވަހެއް ވީއިރުވެސް ޖަވާބެއް ނުލިބުނެވެ.

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރޭ

މިއަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު "އެޖެންޑާ-19 ހައްދުއްމަތީ ކޮންފަރެންސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަމަވެސް ރައީސް ޞާލިހް އެހެން ވިދާޅުވިތާ މިއަދަށް ބަރާބަރު 255 ދުވަސް ވެގެން ދިޔައިރު ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނާކަށް ނެތެވެ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް މިހާތަނަށް ކުރެވެނު މަސައްކަތަކީ ކޮބައިކަން ސާފުކުރަން ކައްދޫ އެއާޕޯޓް ކޮމްޕެނީ އަށް "ވަގުތު" އިން އީމެއިލް މެދުވެރިކޮށް ފޮނުވި ސުވާލަށް އެކުންފުނިން ޖަވާބެއް ނުދެއްވިއެވެ.

މަސްލަހަތައްޓަކައި ނަން ހާމަކުރަން ބޭނުން ނުވާ މައުލޫމާތު އެނގޭ ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކައްދޫ އެއާޕޯޓް ކޮމްޕެނީން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"އިންޓަނޭޝަނަލް ފެންވަރަށް އެއާޕޯޓް ތަރައްޤީ ކުރުމަށް އެންމެ ކުޑަމިނުން ޕްލޭނެއް ވެސް ކައްދޫ އެއާޕޯޓް ކޮމްޕެނީން އެކުލަވާލާފައެއް ނެތް. އެފަދަ ޕްލޭނެއްގެ މަޝްވަރާ ވެސް ކުރިއަށް ގެންގޮސްފައެއް ނެތް. ކަމެއް ހާސިލް ކުރުމަށް ފުރަތަމަ ޕްލޭނެއް ކުރެވެން ޖެހޭއިރު އެފަދަ ޕްލޭނެއް ވެސް މިހާރު ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑުގައި ނެތުމުން ދެން މިބޯޑަށް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ނުކުރެވޭނެކަން ވަރަށް ސާފު." އޭނާ ވިދާޅުވިއެވެ.

ކައްދޫ އެއާޕޯޓްގެ "އާދަޔާއި ހިލާފު" ގެސްޓްހައުސް

ކައްދޫ އެއާޕޯޓްގައި ގެސްޓްހައުސްއެއް އިމާރާތް ކުރުމަށް މިހާރު ކައްދޫ އެއާޕޯޓް ހިންގާ ކުންފުނިން ނިންމާ އެމަސައްކަތް ވަނީ ކޮށްފައެވެ. ހަކޮޓަރި އާއި ރެސްޓޯރެންޓެއް ހިމެނޭ ގޮތައް އިމާރާތްކުރަން ނިންމި ގެސްޓްހައުސްގެ ބޮޑު ބައި އަދި ހުރީ ހިޔާވެސް ނުކޮށެވެ. ހިޔާކޮށްފައި ވަނީ ގެސްޓްހައުސްގެ ހަމައެކަނި ބަދިގެ ބައެވެ. ނަމަވެސް ގެސްޓްހައުސްގެ "އާދަޔާއި ހިލާފު" ކަމަކީ އެތަނަށް ކޮށްފައިވާ އާދަޔާއި ހިލާފު ޚަރަދެވެ.

މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން "ވަގުތު" އަށް ކިޔައިދިން ގޮތުގައި އެންމެ ހަކޮޓަރީގެ ގެސްޓްހައުސްއެއް އިމާރާތް ކުރަން 23 މިލިއަން ރުފިޔާ ވަނީ "ޚަރަދުކޮށްފައެވެ." ހަޤީޤަތަކީ ގެސްޓްހައުސް އިމާރާތް ކުރުމުގެ ބަދަލުގައި ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ވެރިންނާއި ބައެއް އެހެން މީހުން ގުޅިގެން ވަނީ 23 މިލިއަން ރުފިޔާ "ކާލާފައެވެ."

ސިފައިންގެ މީހަކާއި މަސައްކަތް ހަވާލުކޮށް ޤަވައިދާއި ހިލާފަށް އުޅޭ ބިދޭސިން ގެނެސް މަސައްކަތް ކުރުވައިގެން އިމާރަތް ކުރި ގެސްޓްހައުސް އިމާރާތް ކުރުމުގައި ހަރަކާތްތެރިވި ދިހަ ވަރަކަށް ބިދޭސީންނަށް މުސާރައިގެ ގޮތުގައި ވެސް ނުވަލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް ލިޔެކިޔުންތަކަށް އަރުވާފައިވާ ކަމަށް ވެއެވެ. ފޮރުވިފައި އޮތް ހަޤީޤަތަކީ މުސާރައިގެ ނަމުގައި އެތައް ލައްކަ ރުފިޔާއެއް ބަޔަކު ވަނީ ވަގަށް ނަގާފައެވެ. މިކަމުގައި ސިފައިންގެ ބައިވެރިވުން އޮތްކަމަށް ކުރެވޭ ތުހުމަތުތަކަކީ ދިވެހި ސިފައިންގެ މުއައްސަސާ އަށް ވެސް ލިބިފައިވާ ވަރަށް ބޮޑު ލަދެކެވެ.

ކައްދޫ އެއާޕޯޓްގައި ގެސްޓްހައުސް ޕްރޮޖެކްޓެއް ހިންގަން ފެށި މަސައްކަތައް ބަޖެޓް ކުރީ ކިހައި އަދަދެއްގެ ފައިސާއެއްތޯ ކައްދޫ އެއާޕޯޓް ކޮމްޕެނީން "ވަގުތު" އަށް ސާފުކޮށެއް ނުދިނެވެ. އެފައިސާ އިން މިހާތަނަށް ޚަރަދުވީ ކިހައި ފައިސާއެއްކަން ސާފުކުރަން އީމެއިލް މެދުވެރިކޮށް ކުރި ސުވާލަށް ވެސް ޖަވާބެއް ނުދިނެވެ. އެއާޕޯޓްގެ ގެސްޓްހައުސް ޕްރޮޖެކްޓްގެ މަސައްކަތް އިއުލާން ނުކޮށް ބަޔަކާއި ހަވާލުކުރީ ކީއްވެކަމާއި ގެސްޓްހައުސް ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި މީހުންނަށް ފައިސާ ދޫކުރުމުގައި ގެންގުޅުނު އުސޫލަކީ ކޮބައިކަން ވެސް ކައްދޫ އެއާޕޯޓް ކޮމްޕެނީން ސާފުކޮށެއް ނުދިނެވެ.

ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި

ކައްދޫ އެއާޕޯޓްގެ ބަނދަރު އޮތީ ވަރަށް ބޮޑަށް ތިލަވެފައެވެ. ބަނދަރު ތިލަވުމުގެ ސަބަބުން ބަނދަރު ބޭނުން ކުރުމުގައި ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ. ބަނދަރުގެ ބޭރުތޮށީގައި ސިފައިންގެ ބައެއް އުޅަނދުތައް ބަނދަރު ކޮށްފައި އޮންނައިރު ދިޔަވަރު ބޮޑުވެފައި އޮންނަ ވަގުތުތަކުގައި އެއުޅަނދުތަކަށް ފަސޭހައިން ދެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ދެފަރާތު އަރިމަތިން ތޮށިގަނޑު ވެއްޓިފައި ވުމެވެ. ބަނދަރުގެ އައްދަށު ތޮށިގަނޑު ވެސް ވެއްޓި ތޮށިގަނޑު ކައިރީގައި އަޅާފައި އޮތް ތާރުގަނޑު ހަލާކުވުމުން އެތަނަށް ސިމެންތި އެޅުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. ނަމަވެސް ތޮށިގަނޑު ކައިރިން މޫދަށް ފެން ފައިބާނެ ރަނގަޅު ނިޒާމެއް ނެތި، އަދި ތޮށިގަނޑު ސީޓްޕައިލް ނުކޮށް ބޮޑު ޚަރަދެއްކޮށް ސިމެންތި އަޅަމުން ގެންދިއުމަކީ ވަގުތީ ހައްލެކެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަސް ތެރޭގައި އަނެއްކާވެސް އެމަސައްކަތް އަލުން ކުރަން ޖެހޭނެއެވެ.

ކައްދޫ ބަނދަރު މަރާމާތުކޮށް ފުން ކުރުމުގެ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުނެވެ. ބަނދަރުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް މަސައްކަތް ފަށަން ވެސް ތައްޔާރުވިއެވެ. ކައްދޫ އެއާޕޯޓް، ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައި އޮއްވާ އެމަސައްކަތް ހަމަޖެހުނު ނަމަވެސް ސިފައިން ކައްދޫ އެއާޕޯޓާއި ހަވާލުވުމާއި އެކު ބަނދަރުގެ މަޝްރޫޢަށް ދެން ވީގޮތެއް ނޭނގުނެވެ.

ބަނދަރު ތިލަވެ ތޮށިގަނޑުތައް ވެއްޓިފައި ވާއިރު އެމައްސަލައަށް ދާއިމީ ހައްލެއް ނާންނަ ގޮތައް އައްދަށު ތޮށިގަނޑު މައްޗަށް ސިމެންތި އަޅަނީ ކީއްވެތޯ އާއި ބޭރު ތޮށި މަރާމާތު ކުރުމަށް އެއްވެސް މަސައްކަތައް ނުކުރަނީ ކީއްވެތޯ ސާފުކުރަން ކައްދޫ އެއާޕޯޓް ކޮމްޕެނީ އާއި ކުރި ސުވާލަށް ވެސް ޖަވާބެއް ނުލިބުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ބަނދަރުގައި ކައްދޫ އެއާޕޯޓް ކުންފުނިން ކުރަމުން އަންނަ މަސައްކަތައް ހަތް މިލިއަން ރުފިޔާ ވަނީ ކަނޑައަަޅާފައެވެ. ނަމަވެސް އެފައިސާ ޚަރަދު ކުރަމުން އެދަނީ ބޭކާރު ގޮތުގައެވެ. ވަގުތީ ނަތީޖާއެއް ފިޔަވައި އިތުރު އެއްވެސް ކަމެއް އެފައިސާ އަކުން ނުވާނެއެވެ. ބަނދަރު ހަދަން ގެނައި 2000 ކޮތަޅު ސިމެންތި ވެސް މިހާރު ގަނޑުވެފައި އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެއާޕޯޓްގެ ރަންވޭ އޮތީ ނުރައްކާތެރި ހާލަތެއްގައި

މައުލޫމާތު އެނގޭ ފަރާތްތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ކައްދޫ އެއާޕޯޓްގެ ރަންވޭ އޮތީ މަރާމާތު ކުރަން ކޮންމެހެން ޖެހޭ ހާލަތުގައެވެ. ރަންވޭ މަތީގައި ވަރަށް ގިނަ ރެނދުތައް އެބަހުއްޓެވެ. ރަންވޭ އޮތީ ފްލައިޓެއް ޖައްސާ ވަގުތު ނުވަތަ ފުރާ ވަގުތު ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ހާލަތެއްގައެވެ. މިހާލަތުގައި ރަންވޭ އޮންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް ކައްދޫ އެއާޕޯޓް ކޮމްޕެނީ ރަންވޭ މަރާމާތު ކުރަން މަސައްކަތެއް ކުރަން ނިންމާފައިވާ ކަމެއް ވެސް ނުވަތަ ރަންވޭގެ ހާލަތު އެކުންފުނީގެ ސަމާލުކަމަސް އައިސްފައިވާކަން ވެސް ކުންފުނިން ސާފުކޮށެއް ނުދިނެވެ.

އެއާޕޯޓްގެ ޓަވަރާއި އެހެން އިމާރާތްތަކަށް ވާރޭ ވެހޭ

އެއާޕޯޓްގެ ޓަވަރަށާއި އެހެން އެތައް އިމާރާތަކަށް ވެސް ދަނީ ފުރާޅުން ވާރޭ ވެހެމުންނެވެ. ޓަވަރުގެ އެތެރެއަށް ވާރޭ ވެހޭ މައްސަލަ ހައްލު ކުރުމަށް މުވައްޒަފުން އެދެމުން އަންނަތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މިކަން ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ސަމާލުކަމަކަށް ނައެވެ.

ކައްދޫގައި ހުރި ގިނަ އިމާރާތްތަކަކީ އެތައް އަހަރެއް ވެފައިވާ އިމާރާތްތަކެކެވެ. އެއިން އިމާރާތެއް މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަމުންނެއް ނުދެއެވެ. މުވައްޒަފުން މަސައްކަތް ކުރަން ތިބެން ޖެހޭ އިމާރާތްތައް ވެސް ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައެވެ. ނަމަވެސް މިއިން އިމާރާތެއް މަރާމާތު ކުރުމަށް ކައްދޫ އެއާޕޯޓް ކޮމްޕެނީ ކުރާ މަސައްކަތެއް ނެތެވެ.

ކޮރަޕްޝަންގެ އިތުރު އެތައް ތުހުމަތެއް!

ކައްދޫ އެއާޕޯޓްގައި ސިންފަނިކް ރެސްޓޯރެންޓެއް ހިންގަމުން ގެންދާއިރު އެތަނުގެ މުއްދަތު ވެސް އިއުލާން ކުރުމެއްނެތި އިތުރު ކޮށްދީފައިވާ ކަމަށް ވެއެވެ. މުޅި އަތޮޅުގައި ހުރި އެންމެ އަގުބޮޑު ރެސްޓޯރެންޓްގެ ގޮތުގައި ދަށް ފެންވަރުގެ ޚިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން ގެންދާއިރު ވެސް ރެސްޓޯރެންޓާއި މެދު ކައްދޫ އެއާޕޯޓް ކުންފުނިން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

އެއާޕޯޓްގައި އިތުރު ރެސްޓޯރެންޓްތައް ހުޅުވުމުގެ ޖާގަ އޮތްއިރު ވެސް އެފަދަ ފުރުސަތެއް ވިޔަފާރިންނަކަށް ކައްދޫ އެއާޕޯޓަކުން ފަހިކޮށެއް ނުދެއެވެ. ކައްދޫ އެއާޕޯޓް ރެސްޓޯރެންޓްގެ މުއްދަތު އިތުރުކޮށް ނުދިން މައްސަލަ އާއި އިތުރު ރެސްޓޯރެންޓްތަކަށް ފުރުސަތު ނުދޭ މައްސަލައިގައި "ވަގުތު" އިން ކުރި ސުވާލުތަކަށް ވެސް ކައްދޫ އެއާޕޯޓް ކޮމްޕެނީން ޖަވާބެއް ނުދިނެވެ. ކައްދޫގައި އެންމެ ރެސްޓޯރެންޓެއް ހިންގުމުގެ ފުރުސަތު ފަހިކޮށްދީ އަދި އެތަނުގެ މުއްދަތު އިތުރުކޮށްދިނުން އެއީ ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް ސިލްސިލާކޮށް ކުރެވެމުންދާ ކަމެކެވެ.

ކައްދޫ އެއާޕޯޓްގައި ފެންސް ޖެހުމަށް ގެނައި ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތަކުން ފެންސް ޖެހުމުގެ ބަދަލުގައި ކުކުޅު ކޮއްޓެއް އަޅާފައި ވެއެވެ. އަދި ކުކުޅު ކޮށި އެޅުމަށް ފަހު ބާކީ ހުރި ދަގަނޑު ހޮޅިިތައް ކޮންމެވެސް "ބޭފުޅަކު" އަމިއްލަ ބޭނުމަކަށް ބޭނުން ކުރިކަމަށް ވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައި ވެއެވެ. ދަގަނޑު ހޮޅިތަކަށް ވީގޮތެއް ސާފުކުރަން "ވަގުތު" އިން ކުރި ސުވާލަށް ވެސް ކައްދޫ އެއާޕޯޓް ކުންފުނިން ޖަވާބެއް ނުދިނެވެ.

ކައްދޫގައި މިހާރު ހިންގަމުން ގެންދާ ކޮރަޕްޝަންގެ އެންމެ ބޮޑު އަނެއް އަމަލަކީ އެތަނުގެ މުވައްޒަފުން ބޭނުން ކޮށްގެން ދަނޑު ހައްދާ އެދަނޑުން ލިބޭ ތަކެތި "ވަގަށް ނެގުމެވެ." ދާދިފަހުން ވެސް ކައްދޫ ދަނޑުތަކުގައި އެޅި ދެޓަނު ކަރާ މާލެ ދަތުރުކުރާ ބޯޓެއްގައި މާލެ ގެންގޮސް ވިއްކާލައިފިއެވެ. ބައި ލައްކަ އާއި ކައިރި ކުރާ އަދަދެއްގެ ފައިސާ އެކަރާތައް ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ކަރާ ވިއްކައިގެން ލިބުނު ފައިސާ ކުންފުންޏަށް ލިބުނު ކަމަކަށް އެއްވެސް ލިޔެކިޔުމަކުން ނުދައްކައެވެ.

ކާގޯ ޚިދުމަތުން ކުންފުންޏަށް ގެއްލުން

ކައްދޫ އެއާޕޯޓްގެ ކާގޯ ޚިދުމަތް ދެމުން އަންނަނީ ކައްދޫ އެއާޕޯޓް ކުންފުނިންނެވެ. މޯލްޑިވިއަން މެދުވެރިކޮށް ލ.އަތޮޅަށް ގެއްދާ ކާގޯތައް އުފުލާ، އެތަކެތި މީހުންނާއި ހަވާލު ކުރުމަށް ހާއްސަ ދެމުވައްޒަފުންނާއި ހާއްސަ އޮފީހެއް ކައްދޫގައި އެބަހުއްޓެވެ. ނަމަވެސް އެމަސައްކަތް ކައްދޫ އެއާޕޯޓް ކުންފުނިން ރާވާފައި ވަނީ ކުންފުންޏަށް މަހަކު އެތައް ހާސް ރުފިޔާއެއްގެ ގެއްލުން ލިބޭ ގޮތަށެވެ.

މުވައްޒަފުންނަށް ގެއްލުން

ކައްދޫ އެއާޕޯޓްގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން ކައްދޫ އެއާޕޯޓް ކުންފުނީގެ ދަށަށް ބަދަލުވުމުން މުވައްޒަފުންގެ މުސާރަ ވަނީ ކުރިއާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ކުޑަވެފައެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކައްދޫ އެއާޕޯޓް ކުންފުނިން ހޯދައިދިން އެއްވެސް ކުރިއެރުމެއް ނެތެވެ.

ކުންފުނީގެ ދަށަށް ބަދަލުވުމުން މުވައްޒަފުންގެ މުސާރަށް ވަރަށް ބޮޑަށް ކުޑަކޮށްފައި ވަނީ ކީއްވެތޯ ސާފުކުރަން "ވަގުތު" އިން ކުރި ސުވާލަށް ވެސް ކައްދޫ އެއާޕޯޓް ކޮމްޕެނީން ޖަވާބެއް ނުދެއްވިއެވެ.

ހައްލަކީ ކޮބާ؟

ކައްދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ކައްދޫ އެއާޕޯޓް ކުންފުނިން ފާއިތުވި އަހަރުތަކުގައި ކުރި މަސައްކަތައް ބަލާއިރު މިހާރު އޮތް ކުންފުނީގެ ބޯޑަށް ކައްދޫ އެއާޕޯޓް ތަރައްޤީ ކުރުން އެއީ ކުރެވޭނެ ކަމެއް ނޫންކަން ވަރަށް ބޮޑަށް ސާފުވެއްޖެއެވެ. ސިފައިންގެއިން އުފުލަން ޖެހިފައިވާ ޒިންމާގެ އިތުރުން ވިޔަފާރި ކުންފުންޏެއްގެ ބޯޑުގައި ސިފައިން ތިބެ، އެބޭފުޅުން ޒިންމާއަދާނުކޮށް ގައުމީ ދިފާއީ ބާރުގެ ނަމަށް ވެސް ހުތުރު އަރުވަމުން ދާއިރު މިހާރުން މިހާރަށް މައްސަލައަށް ހައްލެއް ހޯދަން ޖެހެއެވެ.

ކައްދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް މިވަގުތު ކުރަން ޖެހިފައިވާ ފުރަތަމަ ކަމަކީ ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑަށް ބަދަލު ގެނައުމެވެ. ކުންފުންޏަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ވެސް ތަޙްޤީޤު ކުރެވޭނެ އިތުރު ގޮތެއް ނެތެވެ.

ކައްދޫ އެއާޕޯޓް ކުންފުނީގެ ބޯޑު ބަދަލުކޮށްގެން މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް ސަރުކާރަށް ގަބޫލު ނުކުރެވޭނަމަ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށަށް ކައްދޫ އެއާޕޯޓް ބަދަލު ކުރުން އެއި ވެސް ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަލީ

    ރަނގަޅު ވާހަކަ އެއް.

    24
  2. ޢަލީ

    މި ލިޔުމުގައި އޮތީ ރަނގަޅު ވާހަކައެއް.

    23
    1
  3. ޝަފާ

    "ކަލާންގެ ސަފުން ބަދަލު ނުކުރައްވަތޭ ޤަވްމެއްގެ ޙާލާތެއް
    ނުވާނަމަ ޤަވްމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް"
    "ލިބޭ ނިޢުމަތްތަކަށް ފުރަގަސް ދިނުން ވާނޭހެ ހެޔޮކަމަކަށް
    މވިބޭނުންތެރިވި ކަންތައްތައް އެެދެން ތިބެގެން ދެއިރު ދެކޮޅަށް"

    21
  4. ށަވިޔަނި

    މަަލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ލ. ގަމަގެ ހުރިހާ ތަނެއްވެސް ތަރައްގީ ކުރުން ވަރަށް
    މުހިންމު

    23
    2
  5. ތަކުރު

    ބޯޑަށް ހުރި ގޮންޖެހުންތަކެއްވެސް ހުންނާނެކަން ޤަބޫލުކުރެވޭ. ހަމައެކަނި ޑޮމެސްޓިކް އެއަރޕޯޓެެއް ހިންގައިގެން އެއިންލިބޭ އިންކަމްއަކުން ކުންފުނި ނުހިންގޭނެ. ކުންފުނީގެ މާލީހާލަތް ދެނެގަތުން މުޙިއްމު. އެއަށްފަހު ފުރުސަތުތައް ދެނެގަތުމަށް އިތުރަށް ދިރާސާކޮށް ޕްލޭނެއް އަކުލަވާލާ އާމުދަނީ އިތުރުކުރެވޭނެ ވިޔަފާރި މޮޑެލްތައް ދެނެގަނެ އެއަށް މަސައްކަތް ކުރުން މުޙިއްމު.

    4
    2
    • ކައިރުތުއްތުމަނިކު

      ކަމެއްކުރަން އުޅޭ ބައެއް ނޫންތީކީ. އެވަރު ހިތުގަ ބާއްވާލާ

  6. ދެރައީ

    ވައްކަން ވައްކަން ވައްކަން. ޕިސް ޕިސް ޕިސް.
    ގައުމު ފުނޑާލައިފި. ދުނިޔޭގެ ދަހިވެތިކަން ކޮންމެއިންސާނެއްގެ ކިބާގަވެސް ހުރުމަކީ ތޮބީކަމެއް. އެކަމަކު މީތަންކޮޅެއްބޮޑުވަރު. މިއީ އިންސާނުންބާއޭވެސްހިތައްއަރާ. އީމާން ކަމެއް އިހްސާންތެރިކަމެއް ނެތްތާ މަރުވެފަސްގަނޑު ދަށައް ،ﷲގެ ހަޒްރަރަތައް ރުޖޫޢަ ވާންޖެހޭނެކަން ހިތައްވެސްނުއަރާ. ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ، އަޅަމެންގެ ހިތަްތަކަށް އީމާން
    ތެރިކަން ވައްދަވާ އިނބައިލާހުގެ ނޫރުފުޅުން ހިތްތައް އަލިކޮށްދެއްވާށި. އާމީން.

    16
  7. ޚިޔުންތެރިޔާ

    މި ޙަޤީގަތް ހާމަކުރަން މިހާރު މާލަސްވެސް ވެއްޖެ. "ކައްދޫ އެއަރޕޯޓް ކޮމްޕެނީ" ކޮރޮޕްޝަނާ ޚިޔާނާތުގެ ބޮޑު ހާއްޔެއް..އެމީހަކަށް ވީވަރެއް އެމީހަކު ހަދަނީ.. ކާކަށްތޯ ގިނައިން ކެވެނީ ބަލަން ވެގެން.

    15
  8. ރާއްޖެ

    ތި ސުވާލު ފޮނުވަން ޖެހޭނީ އިންޑިއާ އެމްބަސީއަށް.

    16
    1
  9. އެމް.ޑީ

    ފުރަން ދާ ފަރާތްތައް ވާރެޔާ އަވިން ހިޔާވެ މަޑުކޮށްލާނެ ތަންކޮޅެއް ނުހުރޭ. 6 މީހުންގެ ޖާގައިގެ 3 ހަޓު ހުންނަނީ، އެތަނުގެ ގޮނޑިއަށް ހުރީ ބައިފޫޓު ކޮންރީޓް ވަށް ތަނބުތަކެއް. ޙެޔޮނުވާނެ އެމް.އޭ.ސީ.އެލް އާ ހަވާލުކުރޭ.

  10. އިބްރާހީމް

    ވަރަށް ފުރިހަމަ ލިޔުމެއް، އަދި ރަނގަޅަށް ބަލައިފިނަމަ މިއަށްވުރެ މާ ގިނަ ކަންކަން ފާހަގަވާން އެބަހުރި

  11. ޙަސަނު

    ކައްދޫ ދެކުނު ފަރާތު ގޮނޑުދޮށުން ގަވާއިދާ ހިލާފަށް ވެލި ނެގުމާ، ބޮޑު ހަރަދު ކޮށްގެން ހެއްދި ކެޔޮދަނޑާ، ގަވާއިދާ ހިލާފަށް ކެނޑިހާ ރުއްގަހާ، މުވައްޒަފުން ސިވިލް ސަރވިސް އިން ބޭރުކޮށް، ސިވިލް ސާވިސް އަދި އެމް.އެން.ޑީއެފް އަށް ދޭ އެއްވެސް އިނާތެއް ބަންދެއް އެއްޗެއް ނުދޭއިރު މުވައްޒަފުން މުސާރަ ކުޑަކޮށް ހިތުހުރި ގޮތެއް ހަދަމުންދަނީ. މިހުރިހާ ކޮރަޕްޝަން ސަރުކާރުން ނުބަލަނީ ކީއްވެތޯ

  12. ހައްވަ

    ޒަކަރިއްޔާ މަންސޫރަކީ ހާދަ ކަރަޔާ ދޯޅު މީހެކޭ ދޯ!

    10
  13. ގަމުމީހާ

    ތިދާއިރާ އަށް ނިސްބަތްވާ މަޖިލިސްމެންބަރުގެ އަރިހުން އެދެން މި އާޓިކަލްގައި ތުހުމަތުކޮށްފައިވާ ހުރިހާ ކޮރަޕްޝަންގެ ޢަމަލުތަށް ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސް އަދި ކޮރަޕްޝަން ބަލާން ހުރި މުއައްސަސާތަކަށް ވީ އެންމެ އަވަހަކަށް ހުށައަޅައިގެން މިކަމުގާ ކުއްވެރިވާ ބައެއްގެ އަތުން ދައުލަތުން ގެއްލުނުފައިސާ އަނބުރާ ހޯދުމަށްފަހު އެމީހުންނަށް ދެވޭނެ އެންމެ ބޮޑު އަދަބެއްދިނުނަމަށް ގޮވާލަން

    11
  14. ބޯހަލާކު

    ވަރަށް ސީރިއަސް ތުހުމަތުތަކެއް ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލަން

    9
    1
  15. މި ލިޔުމުގައި އޮތީ ރަނގަޅު ވާހަކައެއް.

    މި ލިޔުމުގައި އޮތީ ރަނގަޅު ވާހަކައެއް.

  16. ނިއުމާ

    ލިޔުމުގައި ހުރީ ލ.އަތޮޅަށް ނިސްބަތްވާ ކިޔުންތެރިންނަށް ވެސް އެނގޭ ވާހަކަތަކެއް، މި ވާހަކަތައް މީޑިއާގައި ހިއްސާކުރީތީ ވަގުތު ނޫހަށް ޝުކުރުދަންނަވަން

  17. ސިކުނޑި

    މައުލޫމާތު އެނގޭ މީހުން އޭސީސީއަށް މައްސަލަ ހުށަނާޅަނީ ކީއްވެބާއޭ ހިތަށްއަރާ! ގައިމު ކަމެއް ނުވިޔަސް މައްސަލަ ހުށަހެޅިކަން އޮންނާނެއެއްނު! ބޮޑަށް ހީވަނީ އަދުރޭމެންގެ ޒަމާނުގައި ނުފޫޒުން ވައްދާފަ ތިބި މީހުންނަށް ބޭނުންހާ ގޮތަކަށް ނޫޅެވޭތީ އެއްޗެކޭ ކިޔަނީހެން!