ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނެކޭ އެއްގޮތަށް ގއ. އަތޮޅުގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބޭނުން ވަނީ ބޯހިޔާވަހިކަމާއި ވަޒީފާއެވެ. އަތޮޅުގެ އާބާދީ 14،000 އަށް ވުރެ މައްޗަށް އަރާ އިރު، ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަހުމަދު ފުއާދުގެ ވިސްނުން އޮތީ ވަރަށް ފުޅާކޮށެވެ. ގއ. އަތޮޅުގެ ވަކި ރަށަކަށް ނުބަލައި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ތަރައްގީ ގެނައުމަކީ ފުއާދުގެ ވިސްނުމެވެ.

ގއ. އަތޮޅުގެ ރައީސް ކަން މިހާރު ވެސް ކުރައްވާ ފުއާދު ވަނީ ބިޒްނަސް މެނޭޖްމަންޓް ދާއިރާ އިން ޑިޕްލޮމާ ހާސިލް ކުރައްވައިފައެވެ.

ފުއާދު ވިދާޅުވި ގޮތުގައި ގއ. އަތޮޅުގެ ހުރިހާ ރަށެއްގައި ހެން ބޯހިޔާވަހިކަމުގެ ދަތިކަމާއި ވަޒީފާގެ ފުރުސަތުގެ ދަތިކަން އެބައޮތެވެ. އެގޮތުން 1،300 ހައުސިން ޔުނިޓް އަޅައިގެން ނޫނީ އަތޮޅުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 600 އަށް ވުރެ ގިނަ ވަޒީފާ އުފައްދަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ގއ. ވިލިނގިއްޔަށް ދަތުރު ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ.

އެކަން ހައްލު ކުރަން ފެރީ ގާތް ކުރެވޭނެ ތަނަކާއި ޓާމިނަލް އަޕްގްރޭޑް ކުރުމަކީ އޭނާގެ ވިސްނުމަކެވެ.

ގއ. އަތޮޅުގައި ހަ ރިސޯޓު މިވަގުތު ހިންގަމުން ދާއިރު، 19 ރިސޯޓެއް ތަރައްގީގެ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިހާރު ގއ. އަތޮޅުގައި ފަތުރުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދު 1،000 ގައި ހުރިއިރު، ފުއާދުގެ އަމާޒަކީ އެ އަދަދު 5،000 އަށް އިތުރު ކުރުމެވެ.

މީގެއިތުރުން އިންޓެގްރޭޓަޑް ޓޫރިޒަމްގެ ދަށުން ބައެއް ރަށްތައް ތަރައްގީ ކުރުމާއި ޕިކްނިކް އައިލެންޑް ހަމަޖެއްސުމަކީ ވެސް ފުއާދުގެ ވިސްނުމެކެވެ. ގއ. އަތޮޅަކީ އެންމެ ގިނަ ފަޅު ރަށްތައް އޮންނަ އަތޮޅެވެ. ގއ. އަތޮޅުގައި އެކަނި ވެސް 76 ފަޅު ރަށް އޮވެއެވެ.

ގއ. އަތޮޅުގައި ދަނޑުވެރިކަން ވެސް ތަރައްގީ ކުރަން ޖެހިފައިވެއެވެ. ފުއާދުގެ ވިސްނެވުމަކީ ފަޅު ރަށެއްގެ ގޮތުގައި މިހާރު އޮތް ގއ. ބިޔާދޫ ދަނޑުވެރިކަމަށް ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އެއީ ބިން ބޮޑު ރަށެކެވެ. އެ ރަށާ އެންމެ ކައިރީ އޮންނަނީ ގއ. ކޮނޑޭއެވެ.

ފުއާދު ވިދާޅުވީ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި ފުރަތަމަ ދައުރުގައި ރައްޔިތުންގެ ޝަކުވާތައް އަޑު އަހައި ހައްލު ހޯދަން މަސައްކަތް ކުރައްވާފައި ވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެކަން ކުރައްވާނީ އާބާދީ އަށް ނުބަލައި، އަދި ރަށުގެ ކުޑަމިނާއި ބޮޑު މިނަށް ނުބަލާ ކަމަށް ވިދާޅުވިއެވެ.

މީގެކުރިން ގއ. އަތޮޅުގައި އޮތް ދަތިކަމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްއެއް ނެތުމެވެ. އެކަމަކު ފުއާދުގެ މޭސްތިރިކަމުގައި ދެ ރަށް ފިޔަވައި ހުރިހާ ރަށަކަށް ވަނީ އޭޓީއެމްއެއް ބަހައްޓައިފައެވެ. އަދި ދެ ރަށުގައި އޭޓީއެމް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ އެތައް ހިދުމަތްތަކެއް އޭނާ ވަނީ ފުރިހަމަކޮށް ދެއްވައިފައެވެ.

ފުއާދުގެ ފަހުގެ ވާހަކައަކީ ރައްޔިތުން އޭނާ އަށް އިތުބާރު ކުރެއްވުމެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ރައްޔިތުން މާޔޫސްވާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.