މީގެ އެއް އަހަރު ކުރިން އައިމިނަތު އާދަމް 83، ނިޔާވީ ގޭގައި އުޅެނިކޮށް ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗް އަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެއެވެ. އައިމިނަތަށް ނޭވާލާން އުނދަގޫވީ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ޓެސްޓްކޮށް ބައްޔަށް ފައްސިވިތާ ދުވަސްކޮޅެއް ފަހުންނެވެ. އެމްއެޗްއޭގެ ބާނީ ހުސެއިން އަބްދުﷲ (ހުސެއިން ކަލޭފާނު) ގެ އަނބިކަނބަލުން އައިމިނަތަކީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ފުރަމަ ނިޔާވި މީހާއެވެ.

އޭޕްރީލް 29، 2020 ގައި އައިމިނަތު ނިޔާވި އިރު، އޭރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ އެންމެ 280 މީހުންނަށެވެ.

އެކަމަކު، މިއަދު ރާއްޖޭގެ ހާލަތު މާ ބޮޑަށް ވެސް ތަފާތެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 29،370 އަށް އަރައި 73 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކާ އަޅާބަލާ އިރު، ވަރަށް ބޮޑު އަދަދެއް ކަން ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

ކޮވިޑަކީ ސީރިއަސް ބައްޔެއްގެ ގޮތުގައި ކުރިން ރައްޔިތުން ދެކުނު ކަމުގައި ވިޔަސް، މިހާރު ބައެއް މީހުންނަށް އެ ބައްޔަކީ މާ ބޮޑު ކަމެއް ނޫނެވެ. މީގެކުރިން ދެ މީހަކު ކޮވިޑަށް ފައްސިވިޔަސް، ގިނަ މީހުން ދަނީ ސިއްސައިގެންނެވެ. ބަލީގައި މީހަކު މަރުވި ކަމަށް ކަނޑައެޅިޔަސް، މީހުން ބިރުން ފިތްކަނޑައިގެންދެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ވެސް ކޮވިޑްގެ ހާލަތު އެއްކޮށް ކޮންޓްރޯލެއް ނުވިއެވެ. މީގެކުރިން ކުރި ޝަކުވާތައް މިއަދު ވެސް ކުރަން ވަނީ ޖެހިފައެވެ. ޝަކުވާތަކާ އެކު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެ، ބޮއްސުންލައިފައެވެ.

ކޮވިޑް-19 ޖެހިގެން ފުރަތަމަ ނިޔާވި އައިމިނަތު އާދަމްގެ މަހާނަ ހުރި ތަން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔަށް ރާއްޖެ އިން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،585 އަށް އަރައިފައެވެ. މީގެކުރިން މިހާ މައްޗަށް ދުވަހަކު ވެސް ނާރައެވެ. ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 134 އަށް އަރައިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގެ 30 އިންސައްތަ އަދި ހުޅުމާލެ ކޮވިޑް ފެސިލީޓީގެ 50 އިންސައްތަ ވަނީ ފުރިފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު މިހާ ބޮޑަށް އިތުރުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސިއްހީ ބައެއް ހިދުމަތްތެރިން ފާހަގަކުރެއެވެ. އަދި އެކަމުގެ ނުރައްކާ އޮތް މިންވަރު އެމީހުން ތަފްސީލްކޮށް ދެއްވީ ބިރުވެރި އިންޒާރަކާއެކުގައެވެ.

ކޮވިޑް ބަލީގައި ފުރަތަމަ ނިޔާވި މީހާ ވަޅުލުމުގައި އުޅުނު ޖަމާއަތްތެރިން.

"އެންމެ ބޮޑު މައްސަލައަކީ ބަލި ޖެހިފައި ތިބޭ މީހުންގެ އަދަދު ގިނަވުން. ގިނަ މީހުން މިތިބެނީ ގޭގައި ކަރަންޓީންގައި. ތިބޭ އިރު އެމީހުންގެ ހާލު އެންމެ ރަނގަޅަކަށް ނުބެލޭނެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް އެބައުޅޭ. ރާއްޖޭގައި ވެސް މިފަދަ ވޭރިއަންޓްތައް އުޅޭނެ ކަމަށް ލަފާ ކުރެވެނީ. ބައެއް ވޭރިއަންޓްތައް ވެކްސިނަށް ވެސް ނުގުޑާ، އެހެންވީމަ ކޮންމެ މީހަކު ވެސް ހާލު ދެރަވެދާނެ ކޮންމެ ވަގުތެއްގައި ވެސް،" މާލޭގެ މަޝްހޫރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ޑޮކްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާގައި ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ. އިންޑިއާގައި ކުއްލިއަކަށް ކޮވިޑްގެ ނިސްބަތް މައްޗަށް ދިއުން، ރާއްޖޭގެ ބައެއް ޑޮކްޓަރުން ނަންގަވަނީ ވަރަށް ސީރިއަސްކަމެއްގެ ގޮތުގައެވެ.

ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ ބޮޑު ހިއްސާއެއް އަދާކުރަނީ ވެސް އިންޑިއާ އިން އަންނަ ފަތުރުވެރިންނަށެވެ. އަދި އިންޑިއާގައި އުޅޭ ވޭރިއަންޓަކީ ވަރަށް ނުރައްކާތެރި ވޭރިއަންޓެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ޑޮކްޓަރުން ފާހަގަކުރައްވައެވެ.

"މިހާތަނަށް އެނގިފައިވާ ގޮތުގައި ބަލި ޖެހުމާ އެކު އެ އެންމެންނަށް ވެސް ބޮޑުވަރުވޭ. އެއީ ކުޑަ ކުއްޖެއް، ބޮޑު މީހެއް، ޒުވާނެއް، އުމުރުން ދުވަސްވީ މީހަކަށް ދުލެއް ނުދޭ. ފުއްޕާމެއަށް ބޮޑަށް އަސަރުކޮށްގެން ގިނަ މީހުންނަށް އޮކްސިޖަންއާ ނުލާ ދިރި ވެސް ނުހުރެވޭ،" ޑޮކްޓަރު ކިޔައި ދެއްވިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގައި އަލަށް ފެތުރޭ މި ވޭރިއަންޓަކީ ޕީސީއާރު ޓެސްޓަށް ވެސް "ނުގުޑާ" ފަދަ ވޭރިއަންޓެކެވެ. މާނައަކީ އެންޓި ބޮޑީ ޓެސްޓް ނޫނީ އެހެން ޓެސްޓެއް ހަދައިގެން ނޫނީ ބައްޔަށް ފައްސިވި ކަން ނުވަތަ ނުވާ ނޭނގޭނެއެވެ.

އެކަމަކު، މިއީ ކިހާ ސީރިއަސް ކަމެއް ކަން ރާއްޖެ އިން ދެކޭ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އަންނަނީ އިންޑިއާ އިންނެވެ. އެކަމަކު، ފަހަކަށް އައިސް އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މާޗް މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް 800 އަށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެކަމަކު، މި މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އިންޑިއާ އިން ރާއްޖެ އަށް އަންނަނީ 600 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

ކޮވިޑް-19 އަށް ބަޔަކު ޓެސްޓް ކުރުމަށް ސިއްހީ ހިދުމަތްތެރިންތަކެއް އެމްބިއުލާންސް އިން ފައިބަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ

މިއީ އިންޑިއާގައި ފެތުރޭ ކޮވިޑް ވޭރިއަންޓް ރާއްޖޭގައި ފެތުރެން ދިމާވި ސަބަބަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ލަފާކުރެއެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވެފައި އޮތް ކަމުގެ އެއް ހެއްކަކަކީ މިދިޔަ ހަފްތާގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ މީހަކު ނިޔާވުމެވެ. މިއީ ކޮވިޑްގެ ހާލަތު ނުރައްކާ ފައްތަރެއްގައި އޮތް ކަމުގެ އެއް މިސާލެވެ. އަވަށްޓެރި އިންޑިއާ ހެން، އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި، މީހުންނަށް ފަރުވާ ނުދެވޭ ހާލަތަށް ރާއްޖޭގެ ހާލަތު ވެސް ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވާން ފަށައިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާ ބޮޑަށް ދޫދީފި ނަމަ އެ މަންޒަރު ފެނުން ވަރަށް ގާތެވެ.

މާލެއެކޭ އެއްވަރަށް ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑްގެ ވޭދަނަތައް ގިނަވުމަކީ ވެސް އަނެއް ކަންބޮޑުވުމެވެ. ސަބަބަކީ ގިނަ ރަށްރަށުގައި ސިއްހީ ވަސީލަތްތައް ގާއިމުވެފައި ނެތުމުންނެވެ. ފަރުވާ ދޭން ޖެހިއްޖެ ނަމަ، ގެންނަން ޖެހެނީ ކައިރީގަިއ ހުރި ކޮވިޑް ފެސިލިޓީ އަށް ނުވަތަ މާލެއަށެވެ. އެހެންވެ އަތޮޅު ތެރެއަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭ ހާލަތަށް ވަނީ ގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް އެކަނި ބަލާލި ކަމުގައި ވިޔަސް، ރާއްޖެ އިން 318 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އައިއިރު، 24،703 މީހުން ވަނީ ރަނގަޅުވެފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި އުފެއްދި ވެކްސިންތަކަށް ނުގުޑާ ވޭރިއަންޓް ރާއްޖެ އަތުވެދާނެ ކަމަށް ބަލަން ޖެހޭ ކަމަށެވެ. ނަޒްލާ ވިދާޅުވީ މިދިޔަ މަހު "ކޮވިޑް ޕޮޒިޓިވިޓީ" ރޭޓް ތިން އިންސައްތައިގައި ހުރި ނަމަވެސް މިހާރު 10 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި ފްލޫ ކްލިނިކްގެ "ޕޮޒިޓިވިޓީ ރޭޓް" 14 އިންސައްތައަށް އަރާފައިވުމުން މާލޭގައި ވަރަށް ބޮޑު "އައުޓްބްރޭކެއް" އުޅޭ ކަން ހާމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވެކްސިން ޖަހާފައި ތިއްބަސް ވެކްސިނަށް ނުގުޑާ ފަދަ ވައްތަރެއް އަށަގަތުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ މާލޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެންވީ. ވެކްސިން ޖެހީއޭ ކިއާފައި މާސްކް އެޅުން ކުރިއަށް ގެންދަން ޖެހޭނެ،" ނަޒްލާ ވިދާޅުވިއެވެ.

މިއީ ބިރުވެރި ވާހަކައެކެވެ. އެކަމަކު، މި ބިރުވެރި ވާހަކައާ އެއްގޮތަށް ފިޔަވަޅުތައް އަޅާ ތަނެއް ނުފެނެއެވެ. ކޮވިޑްގެ ވޭދަނަތައް މަދު ކުރަން ކުރާ ކަމެއް ނެތެވެ. "އިގްތިސާދު އަނދަވަޅަކަށް" ވެއްޓިދާނެ ކަމަށް ތިބީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމު

    އާދައިގެ ކަމެއް ގޮތަށް ބަޔަކު ވިސްނަ ދިނީމަ އާދައިގެ ކަމަކަށް ވާނެ. އެބަޔަކަށް މިގައުމަށް ކޮންމެ ފަދަ ކަމެއް ވިޔަސް ވަރި ހަމަވާނެ.