(ހއ. މޮޅަދޫ) ޝައްކެއް ވެސް ނެތް ގޮތުގައި މީގެ އަހަރުތަކެއް ކުރިއާ ޖެހެންދެން ދިވެހިންގެ ލޭނާރު ކަމުގައިވެފައި އޮތީ މަސްވެރިކަމެވެ. އެންމެ ކުޑަކުދިންނާއި ހަމައިން ފެށިގެން އަންހެނުން ވެސް މަސްވެރިކަމުގައި ޝާމިލްވެ އުޅުނު ދުވަސްވަރެއް ދިޔައެވެ. ވަކި މީހެއް ވަކި އިރެއް ނުބަލައި މަސްވެރިކަމުން އާމްދަނީ ހޯދަމުން އައީ ވަރަށް ވެސް ހަމަޖެހިލައިގެންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން މިކަން ވަނީ ނެތިގޮސްފައެވެ. މިކަން މުޅިން ނެތިދިޔަ އެއް ރަށަކީ މިހާރު ކުޑަކުޑަ އާބާދީއެއް އޮންނަ ހއ. މޮޅަދޫއެވެ.

ހއ.އަތޮޅުގެ އެހެން ހުރިހާ ރަށްތަކެކޭ ވެސް އެއްފަދައިން މޮޅަދޫ އަކީ ވެސް މުއްސަނދި ތާރީހެއް އޮތް ރަށެކެވެ. ދިވެހި ތާރީހީ ފޮތްތައް ލިޔުއްވާފައިވާ ލުތުފީ އެބޭފުޅާގެ ފޮތެއްގައި ވިދާޅުވެފައިވާ ގޮތުން މޮޅަދޫއަކީ ދިގު މާޒީ އެއް އޮތް އާބާދީ ބޮޑު ރަށެކެވެ. މޮޅަދޫގައި 14 ދޯނި މަހަށް ދިޔަ ދުވަަސްވަރެއް ވެސް ދިޔަ ކަމަށް އޭގައިވެއެވެ. ނަވާރަ ސަތޭކައިގެ އަހަރުތަކުގައި އެއް ރަށަކުން މިހާ ގިނަ އަދަދަކަށް މަހަށް ދާނީ ވަރަށް މަދު ރަށަކުންނެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދޫ އޮންނަ އިހަވަންދިއްޕޮޅު އަތޮޅުގައި އޭރު މަސްވެރިކަމުގެ ރަސްކަން ކުރަމުން އައީ މޮޅަދޫގައިކަން ތާރީހުން ފެންނަން އެބައޮތެވެ. އެއީ މޮޅަދޫ ކައިރީ އޮންނަ ހޯރަފުއްޓާއި އިހަވަންދޫގެ ރައްޔިތުން ވެސް އާއްމުކޮށް ކެއުމުގައި ބޭނުން ކުރުމަށް ރިހާކުރު ބޮނޑި އާއި ރިހާކުރުގެ އިތުރުން މަހާއި އެނޫން ވެސް މަހާއި ގުޅުންހުރި ތަކެތި ގިނަ އަދަދަކަށް މޮޅަދޫ އިން ގަންނަމުން ދިޔަކަން ތާރީހުން އެނގެން އެބައޮތެވެ.

"އިހަވަންދޫ، ހޯރަފުށި މީހުން މަސް-ރިހާކުރު ގަނެގެން އުޅުނީ މޮޅަދޫ އިން ކަމަށް ވެސް އެ ފޮތުގައި އޮންނާނެ. އަދި މޮޅަދޫގައި އޭރު ބޮޑު އާބާދީ އެއް އޮތް ކަމަށް ހާމަވާ ދަލީލަކީ މިރަށުގައި ބޮޑު ގަބުރުސްތާނެއް އޮތުމުން ކަމާ، މިކަމުން އޭރުގެ އާބާދީ ބޮޑުކަމަށް ހާމަވާކަން އެފޮތުގައި އެބޭފުޅާ ލިޔުއްވާފައި އޮވޭ" ހއ. އަތޮޅުގެ ތާރީހު ވަރަށް ރަނގަޅަށް ދިރާސާ ކުރައްވާފައިވާ މޮޅަދޫ މުހައްމަދު މޫސާ (މުހައްމަދުބެ) 51، ވިދާޅުވިއެވެ.

ހއ. މޮޅަދޫ ކުޅި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާ ފުޅާކޮށް މަސްވެރިކަން ކުރަމުން އައި ރަަށެއްގައި އެކަން މުޅިންހެން ނެތި ދިޔައީ ކިހެނެތްކަން އެއީ ކޮންމެ މީހެއްގެ ވެސް ހިތުގައި އުފެދޭނެ ސުވާލެކެވެ. މިކަމާ ބެހޭގޮތުން ރަށުގެ އިސް ރަށްވެހިންނާއި މުހައްމަދުބެ އާ ސުވާލު ކުރުމުން ބުނެފައި ވަނީ މަސްވެރިކަން ނެތިދާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ލަފާކުރުމުގެ ދަތިކަން ކަމަށާއި ފަޅުތިލަވުމުގެ ސަބަބުން އަބަދުވެސް ދޯނި އަޅާފައި ބާއްވަން ޖެހެނީ ރަށުން ބޭރުގައި ކަމަށެވެ.

މިގޮތަށް ރަށުން ބޭރުގައި މަސްދޯނީގެ ލޮތާރި އެއްލައިގެން ބާއްވާއިރު އަބަދުވެސް ކޮންމެވެސް ދެމީހަކު ދޯނި ބަލަން މަޑުކުރަން ޖެހެއެވެ. ދެންތިބި މީހުން ބޮއްކުރާތަކުގައި ރަށަށް އަރައި އަނެއްދުވަހު ފުރާ ގަޑިއަށް ދޯންޏަށް އަރަނީއެވެ. އެތައް ދުވަހެއް ކަނޑުމަތީގައި އުޅެފައި ރަށް ކައިރިއަށް އައިސް އެއް ބަޔަކު އާއިލާ އާއި އަނބިދަރިންނާއި ދިމާވެސް ނުވެ އޭގެ އަނެއް ދުވަހު ފުރަންޖެހުން އެއީ މޮޅަދޫގެ މަސްވެރިންނަށް ކުރަން އުނދަގޫ ކަމަކަށްވިއެވެ.

ހއ. މޮޅަދޫ ފާލަން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަސްވެރިކަން މަޑުމަޑުން ނެތެމުން ގޮސް، 1980 ވަނަ އަހަރާއި 2004 އާ ދެމެދު މޮޅަދޫގައި މަހަށް ދާ ހަތަރު ދޯންޏެއް އޮތެވެ. ނަމަވެސް 2006ވަނަ އަހަރު އައި އިރު ރަށުގައި އޮތީ މަހަށް ދާ އެންމެ ދޯންޏެކެވެ. މިފަދަ ގޮންޖެހުންތަކެއް ހުރުމުން އެ ދޯނިވެސް ވިއްކާލުމާއި އެކު މޮޅަދޫ އިން ދޮށީގެ މަސްވެރިކަން އެތައް ޖީލަކަށް ކުރަމުން އައި މޮޅަދޫ އިން މުޅިން މިބާވަތުގެ މަސްވެރިކަން ނެތި ދިޔައީއެވެ.

"މޮޅަދޫ އިން މަސްވެރިކަން ނެތިދިޔުމަށް މެދުވެރިވި ސަބަބަކީ ރަށުގެ ފަޅު ތިލަވުމުން އޮޑިވެރިންނަށް އޮޑިތައް ބަލަހައްޓަން އުނދަގޫވެގެން. އެންމެ ފަހުންވެސް މިރަށުން މަހަށް ފުރި ހަތަރު ދޯނި ވިއްކާލީ ހަމަ މި ސަބަބުތަކާއި ހުރެ" މޮޅަދޫ އިން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.

ކުރިން މަހަށް ދިޔަ މީހުން މިހާރު ރަށުގައި ކޮންމެވެސް މަސައްކަތެއް ކުރާއިރު އަނެއްބަޔަކު ދަނީ ރިސޯޓުތައް ނުވަތަ މާލޭގައި މަސައްކަތް ކުރަމުންނެވެ.

ހއ. މޮޅަދޫ ތުނޑި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދޫ ފަދައިން ރާއްޖޭގެ އެތައް ރަށަކުން މަސްވެރިކަން ނެތިގޮސްފައިވެއެވެ. މިގޮތުން ހއ.އަތޮޅުގެ ވެރިރަށް ދިއްދޫ އަށް ބަލާނަމަ މީގެ 100 ވަރަކަށް އަހަރު ކުރިން ދިއްދޫގައި މަހަށް ދާ 33 އޮޑި އޮތެވެ. އަދި އޭގެ ފަހުން ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ވެސް ދިއްދޫ އަކީ މުޅި ރާއްޖެ އިންވެސް މަސްވެރިކަމަށް ފާހަގަކޮށްލުވުނު ރަށެކެވެ. ނަމަވެސް މިހާރު އެރަށުން ވެސް ކުރިން ފެނުނު މަސްވެރިކަމުގެ ރޫހު ފެންނަތް ނެތްކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިކަމަކީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާއިރު މަސްވެރިކަން ނެތިފައިވާ ނުވަތަ ނެތެމުންދާ ރަށްތައްް ފާހަގަކޮށް، އެކަންކަން ދިމާވާން މެދުވެރިވި ސަބަބު ހޯދައި އެކަމަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުތަކުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމަކެވެ. އެހެން ނޫން ނަމަ މީގެ ގަރުނެއް ފަހުން ރާއްޖޭގައި މަސްވެރިކަން ކުރަން އޮންނާނީ އަތުން ގުނާލެވޭހައި ވެސް މަދު ރަށްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އޮ

  މޮޅަދޫ އާބާދީ އެހައި ބޮޑުކަމަކަށް ގަބޫލެއް ނުކުރެވޭ ކުރިންވެސް. އެކަމު ދިއްދޫ އަކީ އެންމެ ކުރިން ފެށިގެންވެސް މަސްވެރިކަމުގަ ވިދާލި ރަށެއް އަތުނުވާ ރޭޓެއްގަ. 2001 ކާއި ޖެހެންދެން އެރަށުގަ 30 މަސްދޯނި އޮތް.
  މަސްވެރިކަން ފުނޑުނީ އޭގެ ފަހުން ކުރި ކަމަކުން...

  30
  1
 2. ގުލާނު

  މޮޅަދޫ ފިރިހެނުންނަކީ ވަަރަށް ކަންނެތް ބައެއް.

  7
  12
 3. މަސްވެރިއެއް

  ރާއްޖޭގެ ރައްތަށް ވަށައިގެން އޮތީ މާ ކަނޑު. މަސްމަހާމެހީގެ ހާލިތަށް. އެންފަޅުތަކާއި ގިރިހާތަށް. އެތަންތަނާ ގުޅޭ މަސައްކަތަކީ މަސްވެރިކަން. މަސްބޭނުމާއި މަސްހިފުމާއި މަސްމެރުމާއި އެކަމުން ދިރިއުޅުން ހޯދުން. ދިވެހީންގެ މުޅި ދިރިއުޅުން ބިނާވެގެން އައީ މަސްވެރިކަމުން.
  މަސްވެރިކަން ކުރިއެރުވުމަަށްޓަކާ އެންމެ ބޭނުން ކަމަކީ މަސްވެރީން ދަސްކުރުން. މަސްވެރީން ކުރާ ބުރަ މަސައްކަތުގެ ބުރަކަމާ އުނދަގޫކަމާއި ދެނެގަތުން.ރާއްޖޭގެ ނިސްބަތުގާ އެ މަސައްކަތުގެ މުހިންމުކަން ދެނެގަތުން.
  މަސްވެރީން ދެނެގަތުން. މަސްވެރިންގެ އުންމީދުތަކާއި، އެމީހުންނަށް ކުރިމަތިވެފާވާ ދަތިތަށް ދެނެގަތުން. އެމީހުންނަށް ލިބޭ ވޭންތަކާއި ކެކުޅުންތައް އިޙްސާސްކުރުން. އެމީހުންގެ މަޤާމު ދެނެގަނެ އެމީހުންނަށް އެކަން ފިލުވާދިނުން.
  މިކަން ކުރާން ތިބި ބަޔަކީ ޤައުމުގެ ވެރިން.
  އެހެން ނޫނިއްޔާ ކުދިސޯބު އެނބުރޭނީ މައިސޯބު އެނބުރޭ ގޮތަކަށް

  23
  1
 4. މޮޅު

  މޮޅަދޫ ގައި ނުގެއްލޭ އެއްޗެއް ނެތެއްނު. ނާށި ގަނޑާ ކަތިވަޅިޔާ މަރިޔަނބު ވެސް