މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރި "ޑްރީމްސް ސްޕީޑް ދޭއް" ލޯންޗުގައި ދަތުރު ކުރި 12 މީހުންގެ ތެރެއިން އެންމެ ބޮޑު ބިރެއް ގަންނާނެ އެކަކަށް ވާނީ ކ. މާލެ، މ. ގްރީން ޕީކް މަރިޔަމް ނާހިދާ 33 އާއި ގާތުގައި ތިބި އޭނާގެ ދެ ކުދިންނެވެ. އޭރު ކަނޑު ވަރަށް ގަދައެވެ. އެމީހުން ތިބި ލޯންޗަށް ހުއްޓުމެއް ނެތި ދިޔައީ ލޮނު ވިއްސަމުންނެވެ. އާދައިގެ ދުވަހަކަށް ވުރެ މާ ބިރުވެރި ދުވަހެކެވެ.

މާލެއިން ހަވީރު ހަތަރެއް ޖެހި އިރު ފުރި އެ ލޯންޗް އޮޅުވެލި ރިސޯޓް ކައިރި އަށް ދެވުނު އިރު، ކަނޑު އިންތިހާ އަށް ގަދައެވެ. ލޯންޗަށް ރާޅެއް ޖަހައި އެ ލޯންޗު އަރިވި ވަގުތު އޭގައި ތުއްތު ދެ ކުދިން ހިމެނޭހެން ޖުމުލަ 12 މީހުން ތިއްބެވެ. ބިންދާލި ރާޅާއެކު އެރި ލޮޅުމުގައި ނާހިދާ އާއި ދެ ކުދިން ކަނޑަށް ވެއްޓުނެވެ.

ކަނޑުވި ލޯންޗު.

ގެއްލުނު މީހުން ހޯދަން ކަމާއި ބެހޭ ފަރާތްތަކުން ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތުން ނާހިދާ ފެނުމުން ވީ އެންމެ އަވަހަށް އޭނާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް އެ ހިސާބަށް އޭނާ ދިޔަ އިރު އޭނާގެ ފުރާނަ ވަނީ އަބަދުގެ އަބަދަށް މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. ގުރައިދޫ ސިއްހީ މަރުކަޒުން ވަނީ އޭނާ ގެންދިޔަ އިރު ވެސް އޭނާ ވަނީ ނިޔާވެފައިކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. އިތުބާރު ހުރި ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި މޫދަށް ވެއްޓުމުގެ ސަބަބުން ނާހިދާ އަށް ވަނީ ވަރަށް ބޮޑަށް ލޮނުބޮވިފައެވެ.

މާލެ އަށް އުފަން މީހަކާއި ވ.ފުލިދޫ މީހަކާއި ދެ މީހުންނަށް ލިބިފައިވާ ނާހިދާ ދާދި ފަހަކާ ޖެހެންދެން ދިރިއުޅެމުން އައީ ފުލިދޫގައެވެ. އެ ރަށު މީހަކާއި ކައިވެނިކޮށްގެން އުޅުނު ނާހިދާ އަކީ އެންމެންނާ ގާތް ގުޅުމެއް ބޭއްވި ހިތްހެޔޮ މީހެކެވެ. އޭނާގެ އާއިލާއާ އެކުވެރިން "ވަގުތަށް" ކިޔައި ދިން ގޮތުގައި އޭނާ އަކީ އާއިލާގެ ކަންކަން ވަރަށް ފަރުވާތެރިކަމާއި އެއްކޮށް ބަލަހައްޓާ މުރާލި، ނަމޫނާ އަންހެނެކެވެ.

ކަނޑުވި ލޯންޗާއި ހާދިސާ ހިނގި ސަރަހައްދު.

"ވަރަށް ހިތްހެޔޮ މީހެއް އޭނާ އަކީ. އެންމެންނާއި ވެސް ވަރަށް ގުޅޭ މީހެއް އޭނާ އަކީ. ގާތްގޭގެ އަށް ވެސް ޒިޔާރަތްކުރާނެ. ވަރަށް ހެޔޮ ވެސް މީހެއް އޭނާ އަކީ." އޭނާގެ އާއިލާ މީހަކު ކިޔައި ދިނެވެ.

ނާހިދާގެ ބައްޕަ އަށް ބޮޑުބޭބެ ކިޔާ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި ނާހިދާ އަކީ މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށް ވީނަމަވެސް އޭނާ އަކީ ސަމާސާ ކުރާ ހިތްހެޔޮ މީހެކެވެ. އާއިލީ ގުޅުންތައް ބަދަހިކޮށް ތިމާގެކަން ދެމެހެއްޓުމަށް ސަމާލުކަން ދިން ނާހިދާގެ އެންމެ ފާހަގަކޮށްލެވޭ ސިފަ އަކީ އޭނާ އާއިލާ އަށް ޚިދުމަތް ކުރުމުގައި ދެމިހުރި ގޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކޮވިޑްއަށް ފަހު ދިމާ ނުވޭ ވަރަށް. ދަރިން ދެކެ ވަރަށް ލޯބިވާނެ. އަނެއްހެން މަޑުމަޑުން ހުންނާނީ. އެކަމަކު އާއިލާ އާއި ބައްދަލުވާ އިރު ސަކަރާތް ޖަހާ. އުފަންދުވަސް އައި އިރު ބައްޕަ ގަޔަށް ބިސްޖަހަން ބައިވެރިވެގެން އުޅުނު ހަނދާން ހުރޭ ވަރަށް. މިއަދު އެދިޔައީ ޗުއްޓީ އަށް. ޝޮކެއް ލިބުނީ އެ ހަބަރާއެކު." އެމީހާ ކިޔައި ދިނެވެ.

ނާހިދާގެ ގާތް ރަހުމަތްތެރިއަކު ކިޔައިދިން ގޮތުގައި ނާހިދާ ހުޅުމާލެ އަށް ދިރިއުޅުން ބަދަލު ކުރީ އޭނާ އަށް ހުޅުމާލެއިން ފްލެޓް ލިބުމުންނެވެ. މާލޭގައި ދިރިއުޅުނު ނަމަވެސް އޭނާ އަކީ ކިތަންމެ ކުޑަ ޗުއްޓީ އެއް ލިބުނަސް ރަށަށް ދާން ބޭނުންވާ ރަށްފުށުގެ ސާދާ ދިރިއުޅުމަށް ލޯބިކުރާ މީހެއް ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ އަކީ މޫދަށް ޚާއްސަ ލޯތްބެއް އޮތް މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނާހިދާ

"އޭނަ އެންމެ ފަހުން ޗުއްޓީގައި ވެސް ރަށަށް އައިސް ރަށުގައި އުޅެފައި ދިޔައީ. އަންނާނެ ކުޑަ ދުވަސްކޮޅެއް ލިބުނަސް ކުދިން ގޮވައިގެން. މޫދަށް ނިކަން ދާނެ. އަޅުގަނޑަށް ވެސް ފެނޭ ކުދިވެރިން ގޮވައިގެން މޫދަށް ގޮސް އުޅެނިކޮށް." އޭނާ ބުންޏެވެ.

ހުޅުމާލެ އަށް ދިރއުޅުން ބަދަލު ކުރުމުގެ ކުރިން ނާހިދާ އަކީ އިދާރީ މުވައްޒަފެއްގެ ގޮތުގައި ވ.ފުލިދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި ޚިދުމަތްތެރިއެކެވެ. އޭނާ އާއެކު މަސައްކަތް ކުރި ބައެއް މީހުން "ވަގުތު" އަށް ކިޔާދިން ގޮތުގައި އޭނާ އެތަނުގައި ތަރުޖަމާނެއްގެ ގޮތުގައި ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ދުވަހު މަސައްކަތް ކުރިއިރު އޭނާ އާއި ނުރުހުންވާނެ ބަޔަކު ނުތިބެއެވެ.

ސަބަބަކީ އޭނާގެ ހިތްހެޔޮކަމާއި ހެޔޮކަމެވެ.

އަދި ފަހުން ރަށަށް ޒިޔާރަތް ކުރާ އިރު ކުރިން އެކުގައި މަސައްކަތް ކުރި ޑޮކްޓަރުންނަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލު ބަލާކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފައެވެ.

ނާހިދާގެ މަރާއި އެކު އޭނާގެ އާއިލާ އަށް މި ވަގުތު ލިބޭނެ މޮޅިވެރިކަން އިތުރު މީހަކަށް ތަސައްވުރު ނުކުރެވޭނެކަން ޔަގީނެވެ. އަދި އެ މޮޅިވެރިކަން ލިޔުމުން ބަޔާންވެސް ކޮށެއް ނުދެވޭނެއެވެ. ހިތާމައަކީ މިއީ ނާހިދާގެ އާއިލާ އަށް ދިމާވި މިފަދަ ފުރަތަމަ ހާދިސާ ނޫންކަމެވެ. މީގެ އަހަރުތަކެއް ކުރިން ނާހިދާގެ ބޮޑުބޭބެ ވަނީ މޫދަށް ގެއްލިފައެވެ. އެ ހާދިސާ ހިނގާފައި ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން، ރޯދަ މަހު ވަދުއަޅަން ކެނޯއެއްގައި ގޮސް އުޅެނިކޮށެވެ. އޭނާ މޫދަށް އެރެން ގެންގުޅުނު ކެނޯ ފެނުނު ނަމަވެސް އެ މީހާ އަދިވެސް ފެނިފައި ނުވެއެވެ.

މީގެ އިތުރުން ނާހިދާގެ ކޮއްކޮ ނަސީހުވެސް ނިޔާވީ މޫދަށް ގެނބިގެންނެވެ. ނަސީހު މަރުވީ ވ.ފުލިދޫގައި އާއިލާ ބަޔަކާއި އެކު ރަށުގެ ތުނޑިއަށް އެރި އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ. އޭނަ ގެނބުނީ އޮޔާ ގޮސްގެން ކަމަށާއި އޭނާ މޫދަށް އެރި އުޅުނީ ތިލަ ސަރަހައްދަކަށް ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން މީހުން ވަނީ ބުނެފައެވެ. އޭނާރަށު މީހުންނަށް ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައެވެ

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހަދީޖާ

  ކަނޑުގަދަ ދުވަސް ކޮޅުގަ ހާއްސަ ސަމާލުކަމެއްދީ ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުން ކުރުން ވަރަށް މުހިއްމު

  145
  1
  • ލައިފް

   ކަނޑުގަދަ ނޫނަސް ލައިފް ޖެކެޓު އަޅައިގެން ދަތުރު ކުރަންވީ. އެއްގަމު އުޅަނދު ދުއްވާއިރު ސީޓު ބެލްޓުވެސް އަޅުވއިގެން ދުއްވަންވީ.ކަމެއް ދިމާވާއިރަށް އެހެން މިހެން ކިޔަކިޔާ މިތިބެނީ. ނާހިދާއަށް ސުވަރުގެ މިންވަރު ކުރައްވާށި . ކަށްވަޅު އަމާން ކޮށްދެއްވާށި.

   31
   1
 2. ނޫރު

  މޫސުމް ގޯސްވީމަ ދަތުރު ކުރުން ވަކި ސައިއްގެ އުޅަނދަށް މުޅިން މަނާކުރަންޖެހޭ. 50 މޭލުގަ ވައިގެހޭއިރު 35 ފޫޓް ލޯންޗްތަކަށް ދަތުރުކުރުން ސަލާމަތީ ގޮތުން ރައްކަލެއްނޫން. މިހިތާމަވެރި ހާދިސާ ހިނގާ ނިޔާވި ޒުވާން ނާހިދާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.

  150
  1
 3. އަހުމަދު އަހުމަދު

  ބޭރަށް ވެއްޓެންދިމާވި ސަބަބު އިތުރަށް ބަލަންޖެހޭ. ރާއްޅެއް ޖެހިއަސް ވަށާ ސަތަރިޖަހާ ބަންދުކޮށްފައި އޮއްވާ ބޭރަށް ވޭއްޓޭނެ ކަމަށްނުބެލެވޭ.

  10
  2
 4. ވިސްނާ

  انا لله وانا اليه راجعون
  اللهم اغفرله وارحمه
  اللهم ثبته عندالسؤال في القبر ويوم القيامة امين

  11
 5. ޖާބެ

  ލައިފްޖެކެޓް މަޖުބޫރު ކުރަންވީ ދަތުރު ފަތުރުކުރާއިރު އެއްމެންގެ ސަލާމަތައް ކުރަން މަޖުބޫރުކަމެއް މިއީ ގަވައިދު ހަރުކަށިކުރަންވީ މިއީ ފުރާން އެވެސް ޅަދަރިންނާ ޒުވާނުން

  12
  1
 6. (..)

  ލައިފް ޖެކެޓް ލޯންޗުގައި ތިބޭ އެންމެން ނާޅަނިސް މިހާ ކަނޑު ގަދަ އިރު ފުރުމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ތަކާއި ހިލާފު ކަމެއް

  9
  1
 7. ވަދޮ ރިޔު

  އެންމެ ފުރަތަމަ ކަންތައް! ލައިފް ޖެކެޓް އަޅުވާފަ ހުރުން އެއީ ވަރަށް މުހިއްމު ކަމެއް! އޭރުން ކިތަންމެ ބާރުގަދަ ރާޅެއް ޖެހިޔަސް ފަސިންޖަރު ފެންމަތީގަ އޮންނާނެ! ދެވަނަ ކަންތައް! ކައްޕިގެ ނުފަރިތަކަމާ ނުކިއްސަރު ނިންމުމުގެ ނަތީޖާ!! އެންމެ ފުރަތަމައިނުންވެސް މިއީ ގަދަ ދުވަހެއް ކަން އަމިއްލައަށް ދަނެ 12 މީހުނާއި ލަގެޖު އަރުވައިގެން އަތޮޅު ބޭރުން ދުއްވުން ބުއްދިވެރި ނޫންކަން ދަންނަން ޖެހޭނެ!!!

  15
  1
 8. ހުސާމް

  ލޯންޗުން ދަތުރުކުރި މީހުންގެ ހަށިގަޑުގަ ލައިފް ޖެކެޓް އެޅުވުމަކީ ލޯންޗު ފަޅުވެރިންގެ ޒިންމާއެއް

  13
  1
 9. ާ😞

  އެއްއާއިލާޔަކުން މިފަދަ ހާދިސާތަށް ގިނައިން ފެންނަންޏާ ދުވަސްވީ މީހުން ލަފާދޭ އެގެއެއްގެ ނަން ބަދަލުކުރަން

  5
  2
 10. މޫސް

  ނާހިދާ އާއި 2 ކުދިން ކަނޑަށް ވެއްޓުނުކަމަށް ހަބަރުގަ އޮތްއިރު އަނެއްކުޖާއަށްވީގޮތެއް ބުނެދީބަ ކޮބާ އެކުއްޖާ

  6
  1
 11. ޔާނު

  انا لله وانا اليه راجعون
  اللهم اغفرله وارحمه
  اللهم ثبته عندالسؤال في القبر ويوم القيامة امين
  ދަތުރަށް އެރުމުގެ ކުރިން ދަތުރު ދުއާ ކިޔަން ހަދާން ބަހައްޓަވާ!