ލިފްޓުން ފައިބައިގެން ނުކުންނަން ދިޔަ އެ ދުވަހަކީ ވަރަށް ވައިގަދަ ދުވަހެކެވެ. މި ތަނުން ނުކުންނައިރު ކުރިމަތި ވާނެ ހާސްކަން ސިކުނޑީގައި އެނބުރެއެވެ. ސިޑިން ރަނގަޅަށް ނުފޭބެނީސް އައި އެނބުރޭ ރޯޅިއެއްގައި ހިރަފުސްތަކާއެކު ކުނިތައް އެކި ތަންތަނަށް ބުރަ ބުރައިގެން ދިޔައެވެ. މުޅި މީހާ ހިރަފުހާއެކު "މޮޑެވިގެން" ދެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމަކީ ވެސް މިއެވެ. މި ޓަވަރުތަކުގެ މެދުގައި ބޮޑެތި ހުސް ތަންތަން ހުރީ ގާ ވެސް ނުޖަހައި، އެއްވެސް ކަމެއް ނުކޮށެވެ. އެތަންތަނުގައި އެކި ޒާތްޒާތުގެ ކުނިތައް ހުރެއެވެ. މުޅި ތަން އޮންނަނީ ކުނި ގޮނޑެއްހެނެވެ. މުޅި ސަރަހައްދު އޮންނަނީ "ކުނި" ވަހުން ވަކި ހިތްޕާލައިފައެވެ.

ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިއަސް ހަމަ ފެންނަނީ މިފަދަ އެތައް މައްސަލަތަކެވެ. މަގުތައް ހެދިފައެއް ނެތެވެ. އަސާސީ އެތައް ކަމެއް ފުރިހަމައެއް ނުވެއެވެ. ތަޅުދަނޑިތަކާއި ހަވާލުވެގެން ފްލެޓް ރީތީކޮށް ޒީނަތްތެރި ކުރިޔަސް ހިތްހަމަ ޖެހުމެއް ނެތެވެ. ވަށައިގެން ފެންނަން އޮތީ އިހުމާލުތަކެެވެ. މިއީ "ހައްގުވާ މިންވަރު ތޯ" އޭ އެތައް ފަހަރަކު ހިތަށް އަރައެވެ.

ހިޔާ ފްލެޓެއްގެ ޓަވަރެއް މަތިން ނަގާފައިވާ ފޮޓޯއެއް- ވަގުތު އިމޭޖަސް

ހަނަފަސް ކަމާއި ހިރަފުސް

"މާ ބޮޑަށް ވައިގަދަ ދުވަހެއް ވެއްޖެއްޔާ ހަމަ ލާހިކެއް ނޫން ހިރަފުހެއްގައި ނުޖެހި ސަލާމަތްވާން،" މި ފްލެޓްތަކުގެ ސަރަހައްދުގައި "ވަގުތު" ގެ ނޫސްވެރިން ހަރަކާތްތެރި ވަމުން ދަނިކޮށް ދިމާވި މީހަކު ފުރަތަމަ ވެސް ބުނީ މިހެންނެވެ.

އޭނާ އެ ބުނާ ވާހަކައަށް، ވައިގަދަ ދުވަސް ދުވަހު މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ވެސް ހެކިދޭއެވެ.

މި ދޭތެރެއިން ވެސް ވައިގަދަވިި ދުވަހެކެެވެ. ފްލެޓްތަކުގެ ދިމާލަށް ވަންނަން އޮންނަ ދޭތެރެއަށް ވަންނަން ޖެހުނީ މޫނު އެއްކޮށް ފޮރުވައިގެންނެވެ. ހިރަފުސް އެކި ދިމަދިމާއިން ލޮލާ ދިމާއަށް އަންނާނެތީއެވެ. ޖެހޭ ވައިރޯޅިއާއެކު ތަނެއްގައި ހުރި ކުނި ބުންޏަކާއި ހުރިހާ އެއްޗެއް ވައިގެ ތެރޭގައި އެނބުރެއެވެ. އެކަން ނިމޭއިރު މުޅި ތަން އޮންނަނީ އެހާ ފުސްކޮށެވެ.

ފްލެޓްތަކަށް ވަންނަން ބޭނުންކުރާ މަގުތައް އަދި މިހާތަނަށް އައިއިރު، ރަނގަޅަކަށް ހެދިފައެއް ނެތެވެ. އެހެންވެ ސައިކަލުން ވަންނަ ކޮންމެ ފަހަރަކު ފްލެޓަކާ ދިމާލަށް ދާން ޖެހެނީ "ވަޅު"ތައް ހުރަސްކުރުމަށް ފަހުއެވެ. ބައެއް ފަހަރު ސައިކަލު ކައްސާލައިގެން މީހުން ވެއްޓިފައި ވެސް އެބަ ހުއްޓެވެ. ހިޔާ ފްލެޓްތަކުގެ ދެމެދުގެ ގިނަ މަގެއްގައި ތާރު އަޅަން ވަނީ ފެށިފައެވެ. އެކަމަކު މިހާރު އަޅާފައި ހުރީ ތާރު ގާތަކެވެ. އެހެންވެ، މުޅި ސަރަހައްދުން ފެންނަނީ ހަނަފަސް ކަމެވެ.

ފްލެޓްތަކުގެ ދޭތެރޭގައި ހަދަމުންދާ މަގެއް / ފޮޓޯ: ވަގުތު

މިހާ ބޮޑު އާބާދީއެއް ބަދަލުވި އިރު ހިޔާ ލިބޭނެ ގަހެއް ވެސް ހެއްދިފައި ނެތެވެ. އޭގެ ކުރިން އެކަން ކުރަން ފުރުސަތު ވެސް ލިބުނެވެ. މިސާލަކަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ބަލާ ނަމަ އެ ތަނަށް މީހުން ބަދަލުވުމުގެ ކުރިން މުޅިތަން ފެހިކޮށްލާފައި އޮތީ އެކި ވައްތަރުގެ ގަހުންނެވެ. އެއީ ކުރިއާލާ އެކަމަށް ތައްޔާރުވެގެން އެކަން ކޮށްފައި އޮތުމުގެ ނަތީޖާއެވެ.

އެކަމަކު ދެ ވަނަ ފިޔަވަހިން މީގެ ގަހެއް ފެންނާނެ ދުވަހެއް ނޭނގެއެވެ. މިހާރު ސަރުކާރުން އޭގެ ޕްރޮގްރާމެއް މިދާކަށް ދުވަހު ފެށިއިރު، މި ގަސްތައް ހެދިބޮޑުވެ ހިޔާ ލިބޭނެ ހިތްގައިމު މާހައުލެއް ގާއިމްވާން އަދިވެސް ދުވަސްތަކެއް ނަގާނެއެވެ.

ވަސީލަތްތައް ވެސް ނެތް ސަރަހައްދެއް!

އަލަށް ބަޔަކު އާބާދުވާ ކޮންމެ ތަނަކީ އެ ތަނުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް އެ ރައްޔިތުންނަކަށް ލިބެން ޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮންނަންވާނެ ތަންތަނެވެ. އެއީ ވަކި ބަޔަކު ހިންގި މަޝްރޫއުއަކަށްވެފައި އެތަން އަޅައި ނުލައި ދޫކޮށް ނުލުމަކީ ތަހުޒީބު ޑިމޮކްރަޓިކް ދައުލަތަކަށް ނުވަތަ ތަރައްގީ ވަމުން އަންނަ ގައުމަކަށް ވާން ކުރާ މަސައްކަތަށް އެޅޭ ހުރަހެކެވެ.

ހިޔާ ފްލެޓްތަކުގެ ތަޅު ދަނޑި އެ ތަނުން ފްލެޓްތައް ލިބުނު މީހުންނަށް ދޫކުރަން ފެށި ދުވަސްވަރެވެ. އޭގެ ފަހުން މަސްތަކެއް ފާއިތުވެ، އެއިން ބައެއް ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުކޮށްފިއެވެ. މި ދެ ދުވަސްވަރުގެ ހާލަތާއި އަޅާ ބަލާއިރު މާ ބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ. އަދިވެސް ގިނަ ވަސީލަތްތަކެއް ގާއިމް ވެފައެއް ނެތެވެ. ފަހުން އައިސް ބައެއް ފިހާރަތައް ހުޅުވާފައިވެ އެބަ ހުއްޓެވެ. އެ ކަމަކު އެއިން ވެސް އަދި ހަމަޖެހުމެއް ލިބޭކަށް ނެތެވެ.

"އެ ފިހާރާއިން އަހަރުމެންނަކަށްވާ މާ ބޮޑު ބޭނުމެއް ނެތް" ހިޔާގެ އަށްވަނަ ޓަވަރުގެ އެގާރަ ވަނަފްލޯގައި ތިން ދަރިންނާއެކު ދިރިއުޅެމުންދާ އައިޝަތު ކިޔައިދިނެވެ.

އައިޝަތު ކިޔައިދިން ގޮތުން ނަމަ، އެ ފިހާރަ ހުއްޓަސް ގެއަށް ބޭނުންވާ ތަކެތި ގަންނަން އަދިވެސް ދާން ޖެހެނީ ހަމަ ބްރިޖު ހުރަސްކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށެވެ. ބޭނުންވާ ހުރިހާ ސާމާނު އެ ތަނުން ލިބެން ނެތިގެންނެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކު އާބާދުވަމުންދާ ސަރަހައްދެއްގައި ފިހާރަތައް މަދުކަމުން، އެއިން ކޮންމެ ފިހާރައެއް ކައިރީ އޮންނަނީ ބޮޑު ކިއޫއެއް ހެދިފައެވެ. އެ ކިއޫގައި އެތައް ގަޑިއިރަކު މަޑުކޮށްގެން ތިބުމަށް ވުރެ، ފުރަތަމަ ފިޔަވައްސަށް ގޮސް ވިޔަފާރި ކުރުން ވެސް މާ ބުއްދިވެރީއެވެ.

ހިޔާ ފްލެޓަށް ބަދަލުވި އާއިލާއެއް ފިނިޝަން މަސައްކަތެއްގައި --- ފޮޓޯ: ވަގުތު

"އަހަރެންނަށް މާ ބޮޑަށް ފަސޭހަ އެ ފިހާރައަށް ދިޔުމަށްވުރެ ސައިކަލުގައި ގޮސް ފުރަތަމަ ފޭސްއިން އެއްޗެހި ގަންނަން ދިއުން،" އައިޝަތު ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ސަރަހައްދަށް ކުރާ ބަސް ދަތުރުގެ ޝެޑިއުލްއާއި އޭގެ ދުވެއްޔާ މެދު ވެސް ކަންބޮޑުވުންތަކެއް ހުއްޓެވެ. އައިޝަތުގެ ދެ ދަރިން ތިބޭއިރު ކޮންމެ ދުވަހަކު ވެސް ހެނދުނު އެއް ގަޑިއެއްގައި ސްކޫލަށް ދާން ޖެހެއެވެ. ބަސް ދަތުރުގެ ޚިދުމަތުގެ ހާލަތު ހުރި ގޮތުން، ދެ ކުދިން ސްކޫލަށް ފޮނުވަން ވެގެން ދެން އުފުލަން ޖެހޭ ތަކުލީފު ވެސް ވަކި ކުޑައެއް ނޫނެވެ.

"ވަރަށް ގިނައިރު ވާނެ ބަސް އަންނަން، އަޔަސް އޮންނަނީ އެއްކޮށް ފުރިފައި، ޖާގައެއް ވަކި ނުލިބޭނެ،" ހިޔާ ސަރަހައްދަށް ޚާއްސަ ބަސް ދަތުރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުންޏެވެ.

ކުއްލި ހާލަތެއް ނުވަތަ ކުއްލިއަކަށް ބޭނުންވާ ފަރުވާއެއް ހޯދަން ޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ ފަރުވާއެއް ލިބޭނެ އިންތިޒާމެއް ވެސް ދެ ވަނަ ފިޔަވައްސަކު އަދި ގާއިމްވެފައެއް ނެތެވެ. އަދި މިހާތަނަށް އެފަދަ އެއްވެސް ތަނެއް ގާއިމް ކުރެވިފައި ނުވާއިރު ގާއިމް ކުރެވޭނެ ދުވަހެއް ވެސް ނޭނގެއެވެ. ދެވަނަ ފިޔަވަހީގައި ސްކޫލެއް ނެތުމަކީ އަނެއް ތަކުލީފެކެވެ. މި ކަންބޮޑުވުންތަކުގެ ލިސްޓު ނިމޭކަށް ނެތެވެ.

ރައްކާތެރިކަން ކުޑަ، މަސްތުގެ އައްޑާއަކަށް

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބޮޑު އާބާދީއެއް މަސްތުވާތަކެތީގެ ވަބާއަށް ގޮސް ހުސްވުމެވެ. ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، އެ ފްލެޓްތަކުގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ މި ތަކެތި ބޭނުން ކުރާ މީހުންގެ ކަންކަން އެ ތަންތަނުގެ ތެރޭގައި ގިނަވުމެވެ. މި ފްލެޓްތަކުގެ ވައި ގޮޅިތަކާއި ދެ ފްލެޓްތަކުގެ ދޭތެރެއަށް ވެސް މި ވަބާ ފެތުރުން ފެށީއެވެ. ސިޑިމަތީގައި އާއި ފްލެޓްތަކުގެ ކުރިމަތީގައި "ބިތް ޖެހުން" ގިނަވާން ފެށީއެވެ.

"އެ މީހުން ވަރަށް ގިނައިން އުޅޭ ޓެރަސް މައްޗަށް އަރާ،" ހަތް ވަނަ ޓަވަރުގައި ދިރިއުޅޭ މީހަކަށް ކޮންމެ ދުވަހަކު ފެންނަ މަންޒަރެއް ސިފަކޮށްދެމުން ބުންޏެވެ.

"ފާޑެއްްގެ އެއްޗެހިތަކެއް ބޯން އެމީހުން އުޅޭނީ،" އެކި ދިމާއަށް އުކާފައިވާ ސިނގިރޭޓް ބުރިތަކާއި ފާޑުފާޑު ކަރުދާސްތަކަށް އިޝާރާތްކޮށްފައި އެކަކު ބުންޏެވެ.

ހިޔާ ޓަވަރު ތެރޭގައި ސިނގިރޭޓް ބޮއި އުކާފައި - ވަގުތު އިމޭޖަސް

މަސްތުވާތަކެތި ގަންނަ މި މީހުން ވައްކަން ކުރަނީ ހަދަމުންދާ ފްލެޓްތަކުގެ އެޕާޓްމެންޓުތަކުންނެވެ. ލޯނު ނަގައިގެންނާއި އުމުރު ދުވަހު ރައްކާކޮށްފައި ހުންނަ ފައިސާއިން ގަނެފައި ހުންނަ ފަރުނީޗަރު ފަދަ ތަކެތި މި ގްރޫޕޫގެ އަތު ޖެހޭ ހިސާބުން އެ ވަގަަށް ނަގައިގެން ގޮސް ވިއްކާލައެވެ.

މި މައްސަލަތައް ރިޕޯޓް ކުރިންތޯ އަހާލާ އިރަށް އެންމެން ގެވެސް ޖަވާބަކަށް ވަނީ" ފުލުހުން އައިސް މައުލޫމާތު ހޯދާފައި ދާނެ، އޭގެ ދެން އެ މީހުން ވެސް ދެން ޚަބަރެއް ނުވާނެ،" މިހެންނެވެ.

މި ތަނުގައި އަދި އެންމެ އެކަށީގެންވާ ވަރަށް ފުލުހުންގެ ހިދުމަތެް ގާއިމް ކުރެވިފައި ވެސް ނެތީއެވެ.

އެޗްޑީސީން ކުރެވޭ މަސައްކަތް

އެޗްޑީސީން މީޑިއާތަކަށް ދޭ މައުލޫމާތާ ދޭތެރެ ދޭތެރެއިން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކުން އެނގޭ ގޮތުގައި އެތަނުގައި ވަސީލަތްތައް ގާއިމްކުރަން އެ ކޯޕަރޭޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވެއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުން އެ ސަރަހައްދުގައި އެންމެ އަވަހަށްވެސް ސްކޫލެއް ހުޅުވިގެންދާނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

އެޗްޑީސީން ބުނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރި ސްކޫލްގެ މަސައްކަތާއި އަދި ފައިނޭންސްގެ ދަށުން އީޕީސީ ޓާންކީ އުސޫލުން އާރްސީސީއާ އަޅަން ހަވާލުކުރި ސްކޫލުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ދެވަނަ ފޭސްގައި އެންމެ ފުރަތަމަ ސްކޫލެއް ހަވާލުކުރީ އަމީން ކުންފުންޏާއެވެ. އެތަނުގައި ހަ ބުރީގެ ޕްރައިވެޓް ސްކޫލެއް އަޅަން ވިލާ ކުންފުންޏާ ވަނީ ދާދި ފަހުން ހަވާލުކޮށްފައެވެ. ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ ވަނީ އޮކްޓޫބަރު ދެވަނަ ދުވަހު ހަވާލުކޮށްފައެވެ.

އެޗްޑީސީން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފްލެޓްތަކުގެ ތިރީގައި ކެފޭ، ސެލޫން ބުކްޝޮޕް އަދި ފާމަސީ ފަދަ ތަންތަން އެޅުމަށް 38 ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. ހަވާލުކުރި ހަ ތަނެއް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް އަދި މިހާތަނަށް އެކަން ވެފައެއް ނުވެއެވެ. އަދި މަސައްކަތް ހަވާލުކުރުމަށް 12 އެގްރީމެންޓެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭރު އެޗްޑީސީން ވަނީ ބުނެފައެވެ. އެއިން ކޮންމެ ތަނެއް ނިންމަން އެޗްޑީސީން ދެނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ފޭސް ދޭއްގެ ޓަވަރުތަކުގެ ދެތެރޭގައި އޮންނަ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީއަށެވެ. އެއީ އެންމެ އަވަހަށްވެސް ނިންމޭނެ ތާރީހު ކަމަށް އެޗްޑީސީން ބުނެއެވެ.

ދެވަނަ ފޭސްގެ ބަސް ސްޓޮޕެއް/ ބަހުގެ ހިދުމަތްތައް އެންމެ އެކަށީގެންވާވަރަށް ނުދެވޭ

ފުލުހުންގެ ހިދުމަތަށް ބަލާއިރު އެސަރަހައްދުގެ އަމަން އަމާން ކަން ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ޕޯސްޓެއް ވަރަށް އަވަހަށް ހުޅުވާނެކަން ވަނީ ހާމަކޮށްފައެވެ. އެކަމަކު އެކަމަށް ނަގާނީ ކިހާ ދުވަހެއް ކަމަށް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހުރިހާ ކަމަކުންވެސް އެނގިގެން ދަނީ ރައްޔިތުންނަށް ވަންނާނެ ބޯހިޔާވަހިކަމެއް ހޯދައިދިނަސް އަދި އެވަރުން ފަރުޖައްސާނުލެވޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަލީބެ

    ޢަލީ ސަމާހް އަށް ފެނުނުތޯ 2004 ވަނަ އަހަރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅެންފެށިއިރު ތަން އޮތްގޮތް. 10 ފޫޓް ހަމަވާ އެންމެ ގަހެއްވެސް ނުހުންނާނެ. ހެނދުނު ހޭލާއިރު ފްލެޓްގެ ބެލްކަނިން ހިމުންވެލި 2 ކިލޯ ނެގޭނެ.

    13
    3
  2. Anonymous

    މިހާރު ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން ޖޫރިމަނާކުރުމުގެ ކުޅިގަނޑެއް ފަށައިފިއެވެ. އެއީ ކުލިނެގުން ފަސްކުރުމާއެކުގައެވެ. ޖޫރިމަނާކުރަމުން ގެންދަނީ ކުއްޔަށްވުރެ ބޮޑެތި އަދަދުތަކުންނެވެ. މިކަން ވެސް ހުއްޓުމަކަށް އަންނާނީ ހިޔާ ފްލެޓްގެ ރައްޔިތުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރީމައެވެ. މި ސަރުކާރަކީ ބަނޑަށް ޖެހިފައިވާ ފަގީރު ސަރުކާރެކެވެ. ރައްޔިތުން ފެލާލައިގެން ރައްޔިތުން ޖޫރިމަނާކޮށްގެން ހިންގާ ވަގު ސަރުކާރެކެވެ.

    25
    5
  3. ތެދު

    މިސަރުކާރުން ކުރާހާކަމަކީ ކައިކައިގެން ދީނައްފުރައްސާރަކުރުން،، ފާހިޝްކަންކަން އާއްމުކުރުން..؟؟!! ޕްރޮޖެކްޓްތައް ސޮއެކުރުން ކަމެއްނުވެ..؟! ރައްޔިތުންގުނބޯހެއްދުން...؟؟!!
    ރައްޔިތުންވީ ހޭވެރިބަޔަކައްވާ.؟!

    26
    5
  4. ތެދު

    ޝުކުރު ކުރަން ނޭގޭމީހުން ތިހުރިހާ ބޭކާރު ވާހަކަ ދައްކާނެ
    އަހަރެމެން އަތުން ފުޅެޓް އަތުލީމަ ވަންނާނެ އެއްވެސް ތަނެއްނެތް އެއްވެސްތާކު
    މަގުމައްޗަށް ވުރެން ތިތަންރަގަޅު

    21
    1
  5. އުގުރި

    ކޮންމެ ބަޔަކު އަޅާފައި ހުރި ތަނެއް ކަމުގައި ވިޔަސް ހަމަ ތިތާގައި ދިރިއުޅޭއް ތިބީ ހަމަ އިންސާނުން، މިސަރުކާރުގެ އިހުލާސްތެރިކަމެއް ނެއް ކަމުގެ މިސާލެއް މިއީވެސް ތިޔަތައް ތިހެއް އޮނަތާ ތިން އަހަރުވީ ގާމު މަގުތައް ހަދާދިން ނަމަ ކިހާ ފަސޭހަވިސްތަ.

    22
    4
  6. ބޮޑުއާވި

    ކަތީބަކަށް ހުރީ ސޮހޮލެކޭ ނުބުނާނަން!

    17
    3
  7. ޗޮކުންބެ

    ކަލޭމެން ތިއައި ރައްރަށުގަ އޮތީ އެއްކޮއް ތާރުއަޅާފަ…މޭވާ އަޅާގަސްތަކުން ފުރިފަ…ތަނެއް ފެންނައިރަށް ބޯގަޅާލާތި….

    17
    7
  8. ގލޅ

    ހިޔާ ފު ލެޓްތަކަށް ގަސްތުގައި މިސަރުކާރިން ވަނީ
    އިހްމާ ލް ވެފައެވެ ސަބަބަކީ ކުރީސަރުކާރުން ހަދާފައި ހުރި
    ތަނަކަށް ވުމެވެ.

    22
    3
  9. ާނުވޭސް

    ﷲ ގެ ރަހްމަތް

  10. ކެޔޮޅު

    ވަގު ވޯޓުން ވެރިކަން ފޭރި ނުގަތްނަމަ ފޭސް2މިހާރު އޮތީހީ މޭވާ އަޅާ ގަސްތަކާ ހިޔާލިބޭ ގަސްތަކުން ފުރައިލާފަ މަގުތައްވެސް ތާރުއަޅާ ސާފުކޮއްފަ މިސްކިތްތަކާ ސްކޫލްތަކާ ކްލިނިކްތަކާ ފާމަސީތަކާ ޕާކުތަކާ ފިހާރަތަކާ ހޮޓާ ރެސްޓޯރެންޓްކަކާ ޖިމްތަކާ ކުޅިވަރުގެ ދަނޑުތަކާ މިނޫންވެސް ރައްޔިތުން ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮއް އެމްޑީޕީ އާސޯހުވާވަރުގެ ސަހަރަކައް ހަދާފަ ވެރިކައް އައިސް 4 އަހަރައްދާއިރު ފޭސް ޓޫގަ އެއްކަމެއްވެސް ނުކުރޭ ރައްޔިތުން މިތިބީ ކައިރިން ބަލަން ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ފޭސް2ކިޔަންވެސް ނުކެރުނީސް ބަލަގަ ރައީސް ޔާމީނު ވެރިކަމާ ހަވާލުވީއިރު އެއީ ފުންފަޅެކޭ އަދިވެސް ތަނެއް އޮތިއްޔާ ބޯގަޅާލާ!!

  11. ނާދިރާ

    މި އިބޫ ސަރުކާރުގެ ދޯހަޅިކަން.. މޮޔަ ބޮލެއް ހުރި ނުކިޔަވާ ސޮރެއް. ލަދެއް ނުގަންނާތީ ވެރިކަމުގަ ހުނަނަނީ

  12. މިހާރު

    ކެއްތެރި ނުވުމުގެ ނަތީޖާ. ތިފެންނަނީ.

  13. Anonymous

    ކިހާ ބޮޑު އުނދަގުލެއްމީ ؟
    ހިޔާ ނެތިއްޔާ ތިތަނުން ނިކުމެގެން ނައަޓާލަބަ ބުރޯ.
    ކޮމްޕުލެއިން ބޮކްސް.
    ހިޔާ ކިޔާފަ ޖަހާ ހަބަރެއް ދެން ނުބަލާނަން.
    ކޫސަނި ހުސް ވާހަކަ.