އަހްމަދު ޝިޔާމް އާންމުންގެ ތެރޭގައި ދަންނަ މޫނަކަށް ވީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އޭނާގެ އުފަން ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގައެވެ. ބަސް ބުނަން ޖެހިލުން ނުވާ، މައުޟޫއީ ގޮތުން ބަހުސް ކުރައްވާ މެންބަރެކެވެ. ސިޔާސީ ފިކުރުތަކާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާއިން (ޕޮލިޓިކަލް ސައިންސް) ތައުލީމު ހާސިލް ކުރައްވާފައިވާ ޝިޔާމް ގަބޫލު ކުރައްވާ "ވަތަނީ ފިކުރު" ނިކަން ތަފްސީލްކޮށް ވިދާޅުވާ ބޭފުޅެކެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދު ކުރައްވާ ޝިޔާމްގެ ސިޔާސީ މަސައްކަތް ފެށުނީ ޕީޕީއެމްގެ ފުރަތަމަ ރިޔާސީ ޕްރައިމަރީންނެވެ. އެ ފަހުން އަމިއްލަ ގޮތުން ނައިފަރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ. ޕީޕީއެމްއާ ގުޅިވަޑައިގެން މަޖިލީހުގައި ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، މި ފަހުން މަޖިލީހުގެ ދެވަނަ ދައުރެއް ވެސް ކަށަވަރު ކުރެއްވިއެވެ. ނައިފަރުގައި ޕީޕީއެމްގެ ފިކުރު ގަދަކޮށްލިއެވެ.


"އަޅުގަނޑުގެ އަންކަލްއެއް ހުރީ ސިޓިން އެމްޕީއަކަށް، ސިޔާސީ ހަޔާތުގެ ބިންގާ ވެސް ގާތްގަނޑަކަށް އެޅިގެން ދިޔައީ އުނދަގޫ ނިންމުމަކުން، އެހެންވިޔަސް އަޅުގަނޑު ގަބޫލު ކުރީ، ޕީޕީއެމްގެ ސިޔާސަތުތައް، އެ ފިކުރު ގަބޫލު ކުރާ މީހަކު ނައިފަރުން ވެސް މަޖިލީހުގައި ހުންނަން ޖެހެއޭ، އެ ސިޔާސަތުތައް ގަބޫލު ކުރާ މެންބަރުންގެ ސާފު މެޖޯރިޓީއެއް އޮންނަން ޖެހެއޭ،" ސިޔާސީ މަސައްކަތް ފެށިގެން އައި ގޮތް "ވަގުތު މައިޒާން" އަށް ޝިޔާމް ޚިއްސާ ކުރެއްވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ކާމިޔާބު ސިޔާސީ ހަޔާތެއް އޮތް ޝިޔާމަކީ އޭގެ ކުރިން ރިސޯޓެް އިންޑަސްޓްރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ އުޅުއްވީ "ވާދޫ ޑައިވިންގް ޕެރެޑައިސް" ރިސޯޓުގެ ފްރަންޓް އޮފީހުގައެވެ. ފްރޮންޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ޝިޔާމް ގެންދެވީ ޑައިވިންގްގެ ދާއިރާއިން ކިޔަވާ ވިދާޅުވަމުންނެވެ. ކިޔަވާ ވިދާޅުވުމަށް ފަހު ޑައިވިންގް މާސްޓާއެއްގެ ގޮތުގައި އާއި ޑައިވިން އިންސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޑައިވިން ކުރުމާއި އުނގަންނައި ދިނުމުގެ މަސައްކަތަކީ ޝިޔާމްގެ ކުޑައިރުގެ ހުވަފެނެކެވެ. މާލެ އަތޮޅު ވާދޫ ރިސޯޓްގައި މަސައްކަތް ކުރެއްވި އިރު އާއި، މަދަރުސީ ދައުރާއި، ހަޔާތުގެ އެކިއެކި ކަންކަމުގެ އެކިއެކި ވާހަކަތައް "ވަގުތު މައިޒާން" އާ އޭނާ ޚިއްސާ ކުރެއްވިއެވެ.

ސުވާލު: ރިސޯޓްގައި މަސައްކަތް ކުރިއިރު، ދިމާވި ހިތް ބިރުގަތް ހާދިސާއެއް؟

އެއީ ޑައިވިން އިންސްޓްރަކްޓަރެއްގެ ވަޒީފާ ޝިޔާމް ފެއްޓެވި ދުވަސްވަރެވެ. އަދި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން ފުރަތަމަ އަންނަން ފެށި ދުވަސްވަރެވެ. ޝިޔާމް އެ ދުވަހުގެ ޑިއުޓީ ފެށުމުގެ ކުރިން (ހެނދުނު ހައެއް ޖަހާކަށްހާއިރު) ކޮޓަރީގައި އޮތް ވަގުތު ސެކިއުރިޓީ ގާޑެއް އައިސް އޭނާއަށް ގޮވިއެވެ. ދެ ފަތުރުވެރިއަކު ރިސޯޓުގެ ހައުސްރީފަށް ގެނބިގެން އުޅޭތީއެވެ. ޝިޔާމް ވެސް އަވަސް އަވަހަށް ލޯންޗަކަށް އަރައިގެން ދިޔައީ އެ ފަތުރުވެރިން ސަލާމަތް ކުރުމަށެވެ. އޭނާއާއެކު ރިސޯޓްގެ އިތުރު ދެ މީހަކު ވެސް ދިޔައެވެ.

"ދެ ފަތުރުވެރިން ވެސް އަޅުގަނޑުމެން ގެންދިޔައީ ސީދާ މާލޭގެ އައިޖީއެމްއެޗްއަށް، އެކަމަކު އެއް ފަތުރުވެރިޔަކު ސަލާމަތެއް ނުކުރެވުނު، އޭނާ ނިޔާވެއްޖެ، އެ މީހުން ހޯދަމުން ދިޔައިރު އެ މީހުންގެ ބައެއް ތަކެތި ވެސް ފެނުނު، ނިޔާވި މީހާގެ ޓީޝާޓްއާއި ފައިވާން ވެސް ފެނުނު، މި ވާހަކަ މި ގުޅެނީ މި ނިޔާވި މީހާގެ ފައިވާނާ،" ޝިޔާމްގެ ވާހަކަ ފަށައިގެން ކުރިއަށް ގެންދެވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް

މި ދިމާވި ކަމަކީ ނިޔާވި މީހާގެ ފައިވާން ބަހައްޓާފައި ހުރީ ޝިޔާމް އުޅުއްވި ކޮޓަރި ކުރިމަތީ ހުންނަ ޝޫރެކްގައެވެ. އެއީ ރިސޯޓްގެ މެނޭޖްމަންޓްއާ ޝިޔާމް ހަވާލު ކުރި އެއްޗެކެވެ. އެހެންވެ ފުރަތަމަ ވެސް ހިތްބިރުގަތެވެ. ފައިވާން ނަގާފައި ޑަސްބިނަށް ލިއެވެ. އޭގެ އަނެއް ދުވަހު ހޭލައިގެން ތައްޔާރުވެގެން ޑައިވިން ދޯންޏަށް ދާން ވެގެން ނުކުމެ ބެލި އިރަށް ޝޫރެކްގައި އެ ފައިވާން ހަމަ އޮތެވެ. ޝިޔާމް ބިރު ގަންނަން ފެށިއެވެ. ޑަސްބިނަށް އަނެއްކާވެސް ލީއެވެ. ޖެހިގެން އައި ދުވަހު ވެސް އެ ފައިވާން ހަމަ ޝޫރެކްގައި އޮތެވެ. އަނެއްކާ ވެސް ޑަސްބިނަށް ލީ ފަހުން ޖެހިގެން އައި ދުވަހު ވެސް ފެނުނީއެވެ.

"އަޅުގަނޑު ހަމަ ނަފްސާނީ ބިރުވެރިކަމެއް ތެރެއަށް ދިޔަ، މާ ފަހުން މި އެނގުނީ އެ ރިސޯޓުގައި މަސައްކަތްކުރާ ކުނިކަހާ ސާފުކުރާ މީހަކު ކުރާ ކަމެއް ކަން، އެއީ އޭނަ ޑަސްބިނުން ނަގާފައި ޝޫރެކްއަށް ލަނީ ކަން، އޭނާ އެކަން ކުރަނީ މާލެއަށް ދަމުން އޭނަ އެ ފައިވާން ގެންދަން ވެގެން. ދެން އޭނައަށް އެންމެ ފަސޭހައީ އަޅުގަނޑުގެ ކޮޓަރި ކުރިމަތީގައި ހުންނަ ޝޫރެކްގައި ފައިވާން ބަހައްޓަން. ފަހުން ދެން އެ ކަން ޖޯކަކަށް ވެސް ވި، ޖޯކަކަށް ހަދައިގެން އެ ވާހަކަ ރިސޯޓް ތެރޭގައި ދައްކާ ވެސް އުޅުނު،" ޝިޔާމް ވިދާޅުވިއެވެ.

ސުވާލު: މީހަކު ބިރުގަންނަވާލަން ކުރި ކަމެއް؟

ޝިޔާމް ވިދާޅުވި ގޮތުން، ރިސޯޓްގައި އޭނާއާއެކު މަސައްކަތް ކުރީ މަޖާ ސަކަރާތް ބޮޑު ބަޔަކާ އެކުގައެވެ. އެކި އުމުރުފުރާގެ މީހުން ރިސޯޓްގައި މަސައްކަތް ކުރި ނަމަވެސް އެއިން ކޮންމެ އުމުރުފުރާގެ ބަޔަކު ވެސް އެކަކު އަނެކަކާ ވަރަށް ރައްޓެއްސެވެ. އެއިން ވޮޗަރެއްގެ ވަޒީފާގައި ހުރި ދުވަސްވީ މީހަކު ބިރުވެރި ވާހަކަތައް ކިޔައިދެއެވެ. އޭގައި ދިމާވާ ކަންކަން ގަބޫލު ކުރަން ދަތި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު އެއީ ވަރަށް ޖެހިލުން ކުޑަ މީހެއް ކަމަށް އެ މީހާ ބުނެ އުޅުނެވެ.

"...ދެން މިއައީ ވިއްސާރަ ރެއެއް، އަޅުގަނޑުމެން ތެރޭ ހަތަރު ވަރަކަށް ކުދިން، ހަތަރު ކުދިން ވެގެން ދެކުއްޖަކު އެއްކުއްކަޖު އަނެއް ކުއްޖަކު ކޮނޑަށް އަރައި، މަތިން ރެއިން ކޯޓެއް އަޅާފައި ހިނގަން މި ފެށީ، ދެން ސެކިއުރިޓީ ގާޑެއް ޑިއުޓީގައި މި ހުރީ، އޭނައަށް ފެނިލައިފިން، ވަރަށް ގަޓު ހުންނަ ކަމަށް އޭނާ ބުންޏަސް ބިރުން ސިހިގެން ދިޔަ، ވަރަށް ދިގުކޮށްތާ އެ މީހަކު ސެކިއުރިޓީ ގާޑަކަށް ފެންނާނީ، އޭނާ ފަހުން ހުން ވެސް އައި،" ރައްޓެހިންނާ ކުރި ސަމާސާ ކަމެއްގެ ވާހަކަ ޚިއްސާކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

މަޖަލަކަށް ކުރި ކަމެއް ވިޔަސް އެ ކަމުން ވެސް ފަހުން ހިތް ބިރުގަތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އެއީ އެ ބޭބެ ބިރުގަނެގެން ގޮސް ފަހުން ގަދައަށް ހުންވެސް އައިސްފައިވުމުންނެވެ. އެހެންވުމުން، އޭނާ ކައިރީ ހަގީގަތަށް އެ ވާހަކަ ޝިޔާމް އާއި އޭނާގެ އެކުވެރިން ކިޔައިދެއްވި ކަމުގައިވެއެވެ. ޝިޔާމް ވިދާޅުވީ، އެ މީހުން ދިގު މީހެއް ދައްކައިގެން ބިރު ދެއްކީ ވެސް ބޭބެ ކިޔައިދޭ ވާހަކަތަކުގައި އެ ޒާތުގެ ބިރުވެރި މީހުން އުޅޭތީއެވެ.

އަޙުމަދު ޝިޔާމް، ބަހުސްގައި ވާހަކަފުޅު ދައްކަވަނީ

ސުވާލު: ސްކޫލްގައި އުޅެމުން އަދަބު ލިބުނު ކަމެއް؟

ޝިޔާމަކީ ކުރެހުމަށް ވެސް ޝައުގުވެރިކަން ހުންނަވާ ބޭފުޅެކެވެ. ސްކޫލްގައި އުޅުނު އިރު ފޮތްތައް ފުރާލަނީ ހަމައެކަނި ފިލާވަޅުތަކަކުން ނޫނެވެ. ކުރެހުންތައް ވެސް ހިމެނިގެނެވެ. ފޮތުގެ އެއް ފަޅީގައި ފިލާވަޅު ލިޔަމުންދާއިރު، އަނެއް ފަޅީގައި ދާނީ އެކި ކުރެހުންތައް ކުރަހަމުންނެވެ. ސްކޫލް އިރު ޓީޗަރެއްގެ ފަރާތުން އަދަބެއް ވެސް ލިބުނީ ކުރަހައިގެން ކަމުގައި ޝިޔާމް ވިދާޅުވެއެވެ.

"އެއީ އޭރު ބައިލޮޖީ ޓީޗަރު، އޭނާ ވަރަށް ވައްތަރު ގޮތެއް ހުންނާނެ، ހިންދީ ފިލްމުތަކުގެ ނުބައި ރޯލު ކުޅޭ މީހަކާ، އަޅުގަނޑު ހަނދާނެއް ނެތް އެ މީހާގެ ނަމެއް މިހާރު، އަޅުގަނޑު ކުރި ކަމަކީ ޓީޗަރު ކުރަހާލީ، ދެން ލިޔެލީ ޓީޗަރުގެ ނަމާއި، މި ބުނާ ނުބައި ރޯލު ކުޅޭ މީހާގެ ނަމާއި، ކޮންމެއަކަސް ޓީޗަރު ވަރަށް ނުރުހިއްޖެ، އަޅުގަނޑު ބޭރުގަ ކޮޅަށް ބަހައްޓައިފި، އެހެން ޓީޗަރުންނަށް ވެސް އަންގައިގެން އެ ދުވަހު އެހެން ގަޑިތަކުގައި ވެސް ހުންނަން ޖެހުނީ ކޮޅަށް،" ޝިޔާމް ކިޔައިދެއްވިއެވެ.

އަދި ފަހުން ކުރެހުން ޓީޗަރު ބޭނުންވި ކަމަށާއި، އެހެންކަމުން އެ ކުރެހުން ޓީޗަރަށް ދީފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސުވާލު: ނައިފަރު ދާއިރާގެ ގޮނޑި ނޫނީ ޕީޕީއެމް؟

ޝިޔާމް އިޚްތިޔާރު ކުރެއްވީ ނައިފަރު ދާއިރާގެ ގޮނޑިއެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އޭނާގެ ސިޔާސީ މަސައްކަތް ފެށި އޭގެ ބިންގާ އެޅުނީ ނައިފަރު ދާއިރާގެ ރައްޔިތުންގެ ސަބަބުން ކަމަށްވީމައެވެ. ޕީޕީއެމްގެ ޓިކެޓު ވެސް ނެތި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެން ނައިފަރު ދާއިރާގެ ރައްޔިތުން އެ ގޮނޑިއަށް ޝިޔާމް އިޚްތިޔާރު ކުރެއްވިއެވެ. އަދި ފަހުން ޕީޕީއެމްގެ ޓިކެޓާއި އެކު ނުކުމެވަޑައިގަތުމުން ވެސް ނައިފަރު ދާއިރާގެ ރައްޔިތުން ބަލައިގަތީ ޝިޔާމްއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، ނައިފަރު ދާއިރާގެ ރައްޔިތުން އަޅުގަނޑަށް ދޫކޮށްލެވިދާނެ ހެނެއް، އެ ދާއިރާގެ އަޑުއުފުލަން އެދުމުން އެ ކަން ދޫކޮށްލެވިދާނެ ހެނެއް، ނައިފަރު ދާއިރާގެ ރައްޔިތުން ވަނީ ޕީޕީއެމްގެ ޓިކެޓު ނެތި ވެސް އަޅުގަނޑު އިޚްތިޔާރު ކޮށްފައި،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ގައުމީ ދިދަ ހިފައިގެން. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ސުވާލު: ދިރިއުޅޭ ހިތްވަނީ ނައިފަރުގައި ނޫނީ މާލޭގައި؟

މި ސުވާލުގެ ޖަވާބުގައި ވެސް ޝިޔާމް އިޚްތިޔާރު ކުރައްވަނީ ނައިފަރެވެ. ހަޔާތުގެ ބޮޑު ބައެއް ޝިޔާމް ހޭދަކުރެއްވީ ރަށުން ބޭރުގައެވެ. މާލޭގެ އީޕީއެސްއިން ކިޔަވައި ވިދާޅުވި ޝިޔާމް ފަހުން ރިސޯޓްތަކުގައި މަސައްކަތް ކުރެއްވިއިރު ފަހުން ދިރިއުޅުއްވީ ސްރީލަންކާގައެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ހައިސިއްޔަތުން އުޅުއްވަން ޖެހިވަޑައިގަންނަވަނީ މާލޭގައެވެ. އެކަމަކު ޝިޔާމަށް ހިތްހަމަޖެހުން ލިބެނީ ނައިފަރުންނެވެ. ނައިފަރުގައި ޚާއްސަ ހަނދާންތަކެއް އެބަ ހުއްޓެވެ.

"އަޅުގަނޑު އެންމެ ކުޑައިރު އުޅުނީ ނައިފަރުގައި، ނައިފަރަކީ އަޅުގަނޑުގެ އުފަންރަށް، މަޖުބޫރު ސަބަބުތަކަކާއި ހެދި ގިނަ ބަޔަކު، ނައިފަރުގެ ގިނަ ބަޔަކު މާލޭގައި ވެސް މި އުޅެނީ، އެކަމަކު އަޅުގަނޑުގެ ވިސްނުން އެބަ އޮތް، ރިޓަޔާ ވުމަށް ފަހު، އަޅުގަނޑުގެ ދިރިއުޅުން ނައިފަރަށް ބަދަލު ކުރަން، ނައިފަރުގައި އަޅުގަނޑުގެ ހަޔާތުގެ ފަހު ބައި ހޭދަ ކުރަން ބޭނުން ވަނީ، އެ ގޮތަށް މެދުވެރިވާން ވެސް އެދެނީ،" ޝިޔާމް ވިދާޅުވިއެވެ.

ސުވާލު: ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޫނީ ރައީސް މުހައްމަދު ނަޝީދު؟

އެމްޑީޕީގެ އިސް ދެ ލީޑަރުންގެ މެދުގައި ވަރުގަދަ ކޯޅުމެއް އެބައޮތެވެ. މި ކޯޅުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ލީޑާޝީޕްގެ ބޭފުޅުން ވެސް ވާހަކަ ދައްކަވައެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހްމަދު ޝިޔާމް ވިދާޅުވީ އޭނާއަށް އެއިން އެއްވެސް ބޭފުޅެއް އިޚްތިޔާރެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ރައީސް ނަޝީދު ވެސް، ރައީސް ސޯލިހް ވެސް، މިއިން އެއްވެސް ބޭފުޅަކު، އަޅުގަނޑަކަށް ނުވޭ ޗޮއިސްއަކަށް، އެ ދެ ބޭފުޅުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އޮތަސް ޕްރޮމޯޓް ކުރައްވަނީ އެއް ފިކުރެއް، އެއް ސިޔާސަތުތަކެއް، އެއީ އަޅުގަނޑުމެން، ޕީޕީއެމްގެ މެންބަރުން ގަބޫލު ކުރައްވާ ސިޔާސަތުތަކާއި ވަރަށް ފުށުއަރާ ސިޔާސަތުތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ދުރަށް ޖެއްސުމުގައި ފުލުހުން - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

ސުވާލު: ޑައިވިންއާއި ސިޔާސީ ދާއިރާ ނޫން ދާއިރާއެއް؟

ޝިޔާމްގެ ހަޔާތުގައި މިހާތަނަށް ކުރެވުނު މައިގަނޑު މަސައްކަތަކީ ފުރަތަމަ ޑައިވިންގެ ސިނާއަތުގައި މަސައްކަތް ކުރެއްވުމެވެ. އޭގެ ފަހުގައި ސިޔާސީ މަސައްކަތެވެ. ނަމަވެސް އިންސާނެއްގެ ހަޔާތުގައި އޭނާ ނުކުންނަވަން ބޭނުންވާ ނަމަވެސް އެ ކުރު ހަޔާތުގައި ނުފެށި ހުރި ބައެއް މަސައްކަތް ހުރެދާނެއެވެ. ސިޔާމްގެ ޝައުގުވެރިކަން ވިޔަފާރި އާއި ޚިދުމަތުގެ ދާއިރާއަށް އެބަ އޮތެވެ.

"އަޅުގަނޑު ވަރަށް ޝައުގުވެރިވާ ކަމެއް އެއީ، ހޮސްޕިޓާލިޓީ ބިޒްނަސް، އަދި ކޮމިއުނިޓީ ސާވިސް ވެސް، ސިޔާސީ މަސައްކަތަށް ފަހު، އެ މަސައްކަތުން ރިޓަޔާ ވުމަށް ފަހު، އަޅުގަނޑު ރަށަށް ދިރިއުޅުން ބަދަލު ކުރުމަށް ފަހު، އަޅުގަނޑު ދެން ބޮޑަށް ބޭނުމީ ވެސް ތަފާތު ބިޒްނަސް މޮޑިއުލްއަކާއެކު އެފަދަ މަސައްކަތެއްގައި އުޅެން،" ރެއިންބޯ ކުންފުނީގެ މާކެޓިންގައި ވެސް މަސައްކަތް ކުރައްވާފައިވާ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް

ސުވާލު: ރައީސް ޔާމީންގެ ވެރިކަމުގައި ހެދުނު ކަމަށް ގަބޫލު ކުރެވޭ ގޯހެއް؟

މި ސުވާލު އަމާޒު ކުރުމުން ޝިޔާމް ފުރަތަމަ ވެސް ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރަކީ ދިވެހި ރައްޔިތުން ދުށް އެންމެ ކާމިޔާބު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރި ސަރުކާރު ކަމުގައެވެ. އެ ފަސް އަހަރު ދުވަހުގެ ކުރު މުއްދަތުގައި ދިވެހި ރައްޔިތުން ބޭނުންވެފައި ތިބި ވަރަށް ގިނަ ކަންކަން ވެގެން ދިޔަ ކަމުގައެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ކުރެވުނު ބައެއް ހައްޔަރުތައް، ކޮންމެ ހައްޔަރެއް ވެސް ކުރީ ގަވާއިދާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކޮންމެހެން ހައްޔަރު ވެސް ކުރަން ޖެހިގެން، ކުށެއް ކޮށްގެން، އެކަމަކު ވެސް ބައެއް ހައްޔަރުތަކަށް އޮތް ރައީސް ޔާމީނަށް ވެސް ލުއި ދެވެން، އެ އޮންނަ ގާނޫނީ އިޖުރާއަތެއްގެ ތެރެއިން ލުއިތަކެއް ދެވެން، ބައެއް ހައްޔަރުތަކަށް ލުއި ދެވުނު ނަމަ ރަނގަޅުވީހޭ އަޅުގަނޑު ވެސް ބައެއް ފަހަރު ހިތަށް އަރާ،" މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެން ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިގޮތަށް މީހުން ހައްޔަރު ކުރަން ޖެހުނީ މީހުން ދަސްވެފައި ނެތުމުން ކަމަށެވެ.

ސުވާލު: ހަޔާތުގެ ބައިވެރިޔާ ހޯދަން ކުރި މަސައްކަތް؟

މި ސުވާލު ކުރުމުން ޝިޔާމްގެ ގާތަށް ފުރަތަމަ ވެސް އައީ ހިންޏެވެ. ޝިޔާމް ވިދާޅުވީ ވެސް "ސުބުހާނަﷲ" އެވެ. ފުރަތަމަ ބެލެވުނީ ވަރަށް ގިނަ މަސައްކަތްތަކެއް ޝިޔާމް ކުރެއްވީ ކަމުގައެވެ. އެކަމަކު ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައެއް ނުގަތެވެ. އެންމެ ފުރަތަަމަ ދިމާވި ދުވަހުވެސް ޝިޔާމް އެހީ އިންނާށެވެ. އެއީ ލޯބީގެ ގުޅުމެއް ބާއްވައިގެން ދުވަސްތަކެއް ހޭދަ ކުރައްވަން ޝިޔާމް ބޭނުންފުޅު ނުވާތީއެވެ. އޭނާ ހުންނެވީ ކައިވެންޏަށް ތައްޔާރުވެގެންނެވެ.

"ރިސޯޓްގައި މަސައްކަތް ކުރަމުން ހަމަ އަޅުގަނޑުގެ ވައިފް އައިމިނަތް ޝަފާ ޝަފީއު (ޝަފާ) އާ ދިމާވީ، އޭގެ ކުރިން އަޅުގަނޑު ވެސް ބައެއް ކުދިންނާއި ރައްޓެހިވެ އުޅެ ކައިވެންޏާ ހަމައަށް ދިއުމުގެ ކުރިން އެ ކަން ރޫޅިގެން ދިޔައީ، އެހެންވެ ޝަފާ ދަންނަތާ ދުވަސްތަކެއް ވެފައި ވެސް ހުރީމަ ބޭނުމީ ސީދާ ކައިވެންޏަށް ދާން، ފުރަތަމަ ވެސް އަޅުގަނޑު ހުށަހެޅީ ކައިވެންޏަށް، ޝަފާ ދިޔައީ ވެސް އެއްލިގެން، ސިއްސައިގެން، އެކަމަކު އޭގެ އަނެއް ދުވަހު އާނބަސް ބުނެ ޖަވާބު ވެސް ލިބުނު،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ އަނބިކަނބަލުން ޝަފާއަށް އޭނާ ތައުރީފް ވެސް ކުރެއްވިއެވެ. ސިޔާސީ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތް އެހާ ފުރިހަމައަށް ކުރެވެނީ އަނބިކަނބަލުންގެ އެއްބާރުލުން ފުރިހަމައަށް ލިބިގެންނެވެ. ޝިޔާމްގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް ހުރިއިރު ދެ ދަރިން ބެލުމުގައި ޝަފާ އުޅުއްވައެވެ. ޝިޔާމް ސިފަ ކުރެއްވި ގޮތުގައި، އޭނާގެ އަނބިކަނބަލުން ގެންދަވަނީ "ސަރުކާރެއް ހިންގަވަމުން"ނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާކަނި ސައްތާރު

    ފަރުދާގެ އަނެއްފަރާތް ވަރަށް އަދިރި

    13
    38
  2. Anonymous

    ބަސް ނާހައިގެން އުޅުނު މީހަކަށޯ އަރަބި ލިޔުން ތެރިޔަކަށް ވެސް ވެވުނީ

    13
    1
  3. ޜާ

    18 ރުފިޔާ އަށް ނަ އިފަރު ފެނަކަ އަށް ތެޔޮލިޓަރެ އް ވި އްކިވާހަކަ ހަނދާނެ އް ނެތްދޯ؟

    14
    18
  4. ޙަަަހަ

    އެންމެނާއި ގުޅޭ ފުރިހަމަ ސިޔާސީ މަސައްކަތެއްކުރާ ބޭފުޅެއްމީ ، ކިތަންމެ ހިތްހަމަ ނުޖެހުނަސް އިސްކުރައްވަނީ ކެތްތެރިކަން ކަން މަޖިލިސްއިން ގަދަކަމުން ބޭރުކުރި ދުވަހުވެސް ދެއްކެވި ، މިއަދުވެސް އެކަމާއި ހަސަދަވެރިވެފައެއްނެތް، މާތްﷲ ކާމިޔާބު ލައްވާށި

    60
    7
  5. ބްސް

    ޢެންމެ ބެސްޓް އެމްޕީ

    6
    3
  6. Anonymous

    ޝިޔާމުވެސް ތެދަށް ވާހަކަ ދައްކާ. ނައިފަރު މީހުންނަށް ނޫނަސް އެގޭ ކަންތައްތަކެއް އެބަހުރި. ޝިޔާމު މާލޭގައި ކިޔަވަން ހުރީ ތިޔަ އަންކަލް ގެ ގާތުގައި. އޭރު އަންކަލް އެއީ މެމްބަރެއް. ޝިޔާމު ޕީ.ޕީ.އެމަށް ވަނީ ރޭންްބޯ ފިހާރައެއްގައި އުޅެމުން. 2013 ގެ ރިޔާސީ އިންތިޚާބު އައިރު ޕީ.ޕީ.އެމާ ޖޭ.ޕީ ވަނީ ކޯލިޝަން ހަދާފައި. ޝިޔާމުގެ އަންކަލް ހުރީ ޖޭ.ޕީ.ގައި. އަނެއް އަހަރު މަޖްލިސް އިންތިޚާބު އައިމާ ކޯލިޝަނުން ނިންމީ ޖޭ.ޕީ އަށް ގޮޑި ދޭން. އެހާތަނުން ޕީ.ޕީ.އެމް ގެ އެންމެ އެތެރޭގެ ރޭވުމުގެ މަތިން ޝިޔާމު ޕާޓީއިން ވަކިވެ އަމިއްލަ ގޮތުން ކުރިމަތިލީ. އެއީ ޖޭ.ޕީ އިން ނެރުނު ކެންޑިޑޭޓް ޝިޔާމު ގެ އަންކަލް ވައްޓާލަން ކުރި ކަމެއް. ޝިޔާމު ގެ ކެމްޕޭނުގެ ހުރިހާ ކަމެއްކުރީ ސިއްރުސިއްރުން ޕީ.ޕީ.އެމް އަޑީގައި އޮވެ. ޝިޔާމު ހޮވުނީމާ ބޮޑު ރަސްމިއްޔާތެއް ބާއްވާ ލައިވްކޮށް ޕީ.ޕީ.އެމަށް ސޮއި ކުރީ ، އަމިއްލަ މެމްބަރަކު ޕީ.ޕީ.އެމާ ގުޅުނު މަންޒަރު ދައްކައިގެން. މީ ޙަޤީޤަތް.

  7. ސަލީމާ

    ޝިޔާމް ގެ ވައިފް އަކީ ކާމިނީގެ މީހެއްގެ ދަރިޔެއް އެހެންވެ ޔާނުބެ ވެގެން އުޅެނީ

    8
    2
  8. 2023އަށް ނެގި ސިއްރު ކޮމެޓީ މެމްބަރ

    މާގިނަ ދުވަހެއްނެތް ޝިޔާމްގެ ހަގީގަތް ރައްޔިތުންނަށް ހާމަވެގެން ދާނެ. އެންމެ ފުރަތަމަހިފީ ބޮޑުބޭބެ ކަރުގައި ދެން ރައީސް ޔާމީން ކަރުގައި. ރާއީސް ޔާމީނަށް ހުކުން ކުރުމުގެ ކުރިން 2023ގެ ޕީޕީއެމް ރިޔާސީ ޓިކެޓަށް ސިއްރުން ޓީމެއް ނަގައިގެން މަސައްކަތް ފަށާގެން ކުރިޔަށްދިޔަ. ރައީސް ޔާމީނަށް ހުކުން ކުރުމުން އެމަނިކްފާން މިނިވަން ނުކުރަން އަންނިއާއެއްކޮށް އަދި ސޯލިހުއާވެސް ތިންފަހަރެއްގެ މަތިން ސިއްރިޔާތުގައި ބައްދަލްކޮށް 2023 ގެ ރިޔާސީ ޓިކެޓަށް މަގުތަނަވަސް ކުރުމަށް މަސަތްކަތް ކުރި. މިކަން މިހާރު ރައީސް ޔާމީނަށްވެސް ވަރަށް ރަގަޅަށްއެގޭ. އެހެންވެ ވައިކަޓާފަ ހުންނަނީ. ރައީސް ޔާމީން މިނިވަންވުމުން 2023އަށް ޝިޔާމް ކުރި ހުރިހާ އުންމީދެއް ވިއްސި ވިހާލިވެގެންދިޔަ. މިހާރު ސިއްރުން ރައީސްޔާމީނާ ދެކޮޅަށް ކުރަން އުޅޭކަމަކީ ޝިޔާމާ ޣައްސާން މައުމާނަށް ތަބާވާ މީހުން ޕީޕީއެމްއިން އަލަށް ހޮވަންއުޅޭ ޕާޓީގެ ހިންގާކޮމެޓީއަށް ނަގައި ރައީސް ޔާމީން އަތުން ޕާޓީގެ ރިޔާސީ ޓިކެޓް ފޭރިގަތުން.. ޝިޔާމް އަބަދުވެސް ބުނާބަސްކޮޅެއް އޮންނާނެ. "އަހަރެން ކުރަން ހިތުއަޅައިގެން އުޅޭ ކަމަކަށް ހުރަހަކަށްވާ ކޮންމެ ހުރަހެއް ނައްތާލާ މަގުސާފް ކުރާނަން" ނުރައްކާތެރި ވާހަކަ ކޮޅެއް.

    3
    2