ޔުނިވާސިޓީއެއްގެ ގޮތުގައި މިހާރު ރާއްޖޭގައި ހިންގަމުން ދަނީ އެންމެ ދެ ޔުނިވާސިޓީ އެެވެ. އެއީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އެވެ. ނަމަވެސް ރާއްޖޭގައި މަތީ ތައުލީމު ދޭ ބައެއް އަމިއްލަ ކޮލެޖުތައް ވެސް މިހާރު ތިބީ ޔުނިވާސިޓީއެއްގެ ދަރަޖަ ލިބުމުގެ މަގުމަތީގަ އެވެ. މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި ބިލަކީ ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތް އަވަސް ކުުރުމަށް ލިބޭ ފުރުސަތެކެވެ.

މިދިޔަ އަހަރު ފާސްކުރި މަތީ ތައުލީމާއި ތަމްރީންގެ ގާނޫނުގެ ދަށުން ކޮލެޖެއް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ އެ ކޮލެޖެއް ހިންގަމުންދާތާ 20 އަހަރު ވުމުންނެވެ. ނަމަވެސް ނަސީމް ހުށަހެޅުއްވި ބިލުގައި ކޮލެޖެއް ހިންގާތާ 15 އަހަރު ވުމުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމަށް އިސްލާހު ހުށަހަޅާފައި ވެއެވެ.

އަވަސް އަރުވާލައިގެން ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމަކީ ފުންކޮށް ވިސްނައި ބަހުސް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީއެއްގެ ދަރަޖަދޭ އިރު އެ ކޮލެޖުތައް އެކަމަށް އޮތީ ތަސައްރަފު ފުދިފައި ހެއްޔެވެ؟ އަވަސް އަރުވާލައިގެން ޔުނިވާސިޓީއަކަށް ބަދަލުކުރުމުން ނުކުންނާނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ؟ ހައްތާވެސް ހަމަ ސުވާލެވެ.

އެންމެ އަވަހަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބެން އޮތީ ވިލާ ކޮލެޖަށް

މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލު ފާސްވުމުން އެންމެ އަވަހަށް ކޮލެޖެއްގެ މަގާމު ލިބޭނީ ގާސިމް އިބްރާހިމްގެ ވިލާ ކޮލެޖެވެ.

ދެހާސް ހަތްވަނަ އަހަރުގެ އޮކްޓޫބަރު މަހު ކޮލެޖެއްގެ ގޮތުގައި ކިޔަވައިދޭން ފެށި ވިލާ ކޮލެޖަށް 15 އަހަރު ފުރޭނީ މި އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ކޮލެޖަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ އިރު ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ވެސް ވިލާގެ ކެމްޕަސްތައް ވަނީ ގާއިމުކޮށްފަ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް

ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޔުނިވާސިޓީއަށް ވުމަށް ތިން ދާއިރާކުން ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ނެޗުރަލް ސައިންސްއާއި އިންޖިނިއަރިން ފަދަ ދާއިރާތައް ހިމެނޭ އިރު ވިލާ ކޮލެޖުން މިހާރު ވެސް ދަނީ ބޭރުގެ ބޮޑެތި ޔުނިވާސިޓީތަކާ ގުޅިގެން ދަނީ އެފިލިއޭޓް ޑިގްރީ ޕްރޮގްރާމްތައް ވެސް ހިންގަމުން ނެވެ.

ހަމަ އެހެންމެ ޔުނިވާސިޓީއަކަށް ބަދަލުވާއިރު ކޮލެޖުތަކުން ޑިގްރީން ފެށިގެން މަތީ ޕްރޮގްރާމްތަކުގައި ކިޔަވާ ކުދިންގެ އަދަދުވެސް މަދުވެގެން 500 އަށް އަރަން ޖެހޭ އިރު ވިލާ ކޮލެޖުން ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވާ ކުދިންގެ އަަދަދު އެއަށް ވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.

ވިލާ ކޮލެޖު ހިންގާތާ 15 އަހަރު ފުރޭ އިރު ވިލާއަށް ވުރެ ކުރިން ސެންޓަރުތަކުގެ ގޮތުގައި ފަށައިގަނެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވަމުންދާ ކޮލެޖުތައް ހުރިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކޮލެޖަކީ މަންދު ކޮލެޖެވެ. ނަމަވެސް އެ ކޮލެޖު އެންމެ ފުރަތަމަ ފެށީ މަންދު ލާނިން ސެންޓަރުގެ ގޮތުގަ އެވެ. އެ ސެންޓަރު ކޮލެޖެއްގެ ގޮތުގައި ރަޖިސްޓްރީކުރީ 2010 ވަނަ އަހަރު އެވެ. ވިލާ އެކޭ އެއްގޮތަށް އެ ކޮލެޖުން ވެސް މާސްޓާސް ލެވަލްއާ ހަމައަށް އެކްރެޑެޓިކް ޕްރޮގްރާމްތައް ހިންގާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެެވެ.

މަންދު ކޮލެޖާއެކު އެވިޑް ކޮލެޖާއާއި އަދި ސައިރިކްސް ކޮލެޖަކީ ވެސް ފުރަތަމަ ސެންޓަރުތަކުގެ ގޮތުގައި ފަށައިގަނެ ވިލާއަށްވުރެ މާ ދުވަސްވީ ތައުލީމު ދޭ ތަންތަނevެ.

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު "ވަގުތަށް" ވިދާާޅުވީ ބިލު ފަރުމާކޮށްފައި އޮތީ ހުރިހާ ކޮލެޖުތަކަށް ހަމަހަމަ ފުުރުސަތު ލިބޭ ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ބައެއް ކޮލެޖުތަކަކީ ސެންޓަރުތަކާއި އިންސްޓްއިޓްތަކުން ފުރަތަމަ ފަށައިގަތް ތަންތަނަށް ވާއިރު ހަމައެކަނި ކޮލެޖެއްގެ ގޮތުގައި 15 އަހަރު ހިންގުމުން ޔުނިވަސިޓީއަކަަށް ބަދަލުކުރަން ހުއްދަ ދޭން އިންސާފުވެރި ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި މަތީ ތައުލީމަށް ކިޔަވައިދިނުމުގެ ތަޖުރިބާއަށް ބެލުން މާ ހަމަހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮލެޖުތައް ޔުނިވާސިޓީއަކަށް ވާން ގާބިލުކަން އެބަހުރި؟

ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަަލުވާން މިސްރާބު ޖަހާފައިވާ އިރު އެ ކޮލެޖުތަކުގައި އެފަދަ ގާބިލުކަން އެބަ ހުރިތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުން ނެވެ.

އެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގައި ވެސް ޕީއެޗްޑީ ފެންވަރަށް ކިޔަވާފައި ތިބޭ މުވައްޒަފުން ވަކި މިންވަރަކަށް ތިބޭ ކަމަށެެވެ. ނަމަވެސް ރާއްޖޭގައި ކުރިއަށް އޮތް 10 އެއް ނޫނީ 15 އަހަރުގެ ތެރޭގައި ވެސް ޕީއެޗްޑީ ލެެވެލްގެ މުވައްޒަފުން އުފެދޭ މިންވަރަށް އެކަން އެގޮތަށް ހިންގަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިކަމަށް ރިއާޔަތްކޮށް މިހާރު މި ގާނޫނަށް ހުށަހެޅި އިސްލާހު އަޅުގަނޑުމެން ބަލައިގަންނަ ކަމަށް ވާ ނަމަ، މި އަހަރުގެ މުއްދަތަށް ތަޖުރިބާގެ ލެވަލް ދަށްކުރާ ކަމަށް ވަނީނަމަ ޑޮކްޓަރޭޓް ލެވެލްއަށް ކިޔަވާފައި ތިބި މުވައްޒަފުންގެ އަދަދު ކަނޑައަޅަން ޖެހޭނެ. އެއީ 10 ޕަސެންޓްއިން 15 ޕަސެންޓަށް އިތުރުވާން ޖެހޭނެ އަދަދެއް ކަމަށް އަޅުގަނޑު ދެކެން" ޖީހާން ވިދާޅުވިއެވެ.

އެވިޑް ކޮލެޖު--

އޭގެ އިތުރުން ޔުނިވާސިޓީއަކަށް ބަދަލުވާއިރު ފުލް ޓައިމް މުވައްޒަފުންގެ އަދަދު ވެސް ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރަން ޖެހޭނެ އަދި އެއީވެސް 15 އިންސައްތަ އަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ކޮލެޖުތަކުގައި ވަރަށް ގިނަ ޕާޓް ޓައިމް މުވައްޒަފުން ކިޔަވައިދޭކަން ވެސް ފާހަގަކޮށްލެވެއެވެ.

ވިލާ ކޮލެޖުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ ކޮލެޖުގައި ކިޔަވައިދޭ 90 ޕަސެންޓް ލެކްޗަރާއިން އަކީ މަސްޓާސް ލެެވެލްގެ ލެކްޗަރާއިން ކަމަށެވެ. އަދި 15 ޕަސެންޓް ލެކްޗަރާއިން އަކީ ފުލް ޓައިމް ޕީއެޗްޑީ ހޯލްޑަރުން ކަމަށާއި އަދި މިއީ މުޅި ރާއްޖޭގެ އެހެން ހުރިހާ އިންސްޓްޓިއުޝަނަށް ބެލި ނަމަވެސް ރެކޯޑެއް ކަމަށެވެ.

"އަޅުގަނޑުމެން ބައެއް ލެކްޗަރާއިންނަކީ ހަމައެކަނި ލެކްޗަރާއިންނެއް ނޫން. އެ ބޭފުޅުން ދަނީ ދިރާސާތައް ކުރައްވަމުން، އަދި ބައިނަލްއަގުވާމީ ޖާނަލްތަކުގައި އެ ބޭފުޅުން ޕަބްލިޝްކުރައްވާފައި ވާނެ" ވިލާ ކޮލެޖުގެ ވެބްސައިޓްގައި ބުނެފައި ވެއެވެެ.

ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް "ވަގުތަށް" ވިދާޅުވީ އެ ކޮލެޖަކީ މިހާރުވެސް 29 އަހަރުގެ ތަޖުރިބާ އޮތް ކޮލެޖެއް ކަމަށާއި އަދި ޔުނިވާސިޓީއަކަށް ވާން މިހާރުވެސް އެ ކޮލެޖުގެ ގާބިލުކަން އެބަ ހުރި ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސެޓްފިކެޓް ލެެވެލްއިން ފެށިގެން މާސްްޓާސް ލެވެލްއަށް ކިޔަވައިދޭ ކޮލެޖެއް. އަދި އެ ކުދިން ބޭރަށް ގޮސް ޕީއެޗްޑީ ދަނީ ހަދަމުން. ސައިރިކްސްއަކީ ފެށުނީއްސުރެ އެމްކިއުއޭ ގަބޫލުކުރާ އަދި އަމިއްލަ ކޯސްތައް ފަރުމާކޮށްގެން މިދަނީ ހިންގަމުން." ޝަރީފް ވިދާޅުވި އެވެ.

ފުންނާބު އުސް ބައެއް ބޭފުޅުން ވިދާޅުވީ ކޮލެޖުތައް ޔުނިވާސިޓީއަށް ވާން އަދި ވަގުތު ނުޖެހޭ ކަމަށް

ރާއްޖޭގެ ބައެއް ކޮލެޖުތަކުން ޔުނިވާސިޓީއަކަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު ރާއްޖޭގެ ތައުލީމީ ދާއިރާގައި ފުންނާބު އުސް ބައެއް ބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީއަކަށް ވާން އަދި ވަގުތެއް ނުޖެހެ އެވެ.

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) "ވަގުތަށް" ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ޔުނިވަސިޓީއަކަށް ބަދަލުކުރަން ވެސް އޭނާ ދެކޮޅު ކަމަށެވެ. އަދި އޭނާ ހިންގަވާ މަންދު ކޮލެޖުވެސް ޔުނިވާސިޓީއަކަށް ވާން ވަގުތު ނުޖެހޭ ކަމަށާއި އަދި އެކަމަށް ފައި ނުނަގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ޔުނިވާސިޓީއަކަށް ބަދަލުވާ އިރު ބައިނަލްއަގުވާމީ ޖާނަލްތަކުގައި ޕަބްލިޝްކޮށްފައި ތިބި ބޭފުޅުން ޔުނިވާސިޓީގައި ތިބެެން ޖެހޭނެ ކަމަށެވެ. އަދި އެއީ ދެތިން މީހަކު ޖާނަލްއެއް ޕަބްލިޝްކުރުން ނޫން ކަމަށާއި އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެެެވެ. ނަމަވެސް އެ ފެންވަރު އަދި ރާއްޖޭގެ ކޮލެޖުތަކުގައި ހުރިކަމާމެދު އިބްރާ ސުވާލު އުފެއްދެވި އެވެ.

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާއެއްގެ ތެރެއިން--

"އެންމެ ފުރަތަމަ މަތީ ތައުލީމްގެ ގާނޫނު ހެދިއިރުވެސް ގޮންޖެހުންތައް އަންނާނެތީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވާން ވެސް 20 އަހަރޭ ޖަހައިގެން އުޅުނީ. އަސްލުގައި މަތީ ތައުލީމާ ބެހޭ އެއްވެސް ބަޔަކު ކުރަން ބޭނުންކަމެއް ނޫން ތިއީ ރާއްޖޭގައި. އެކަމާ ބޭޙެ ހުރިހާ މާހިރުން ލަފާ ދެމުންދާ ކަމެއް ތިއީ. އެހެން ނަމަވެސް ގަނޫނު ފާސްވިތާ އެއް އަހަރު ފަހުން އަނެއްކާވެސް އެކަން ކުރަން އެެ އުޅެނީ" އިބްރާ ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވާން އަދި ވަގުތު ނުޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޔުނިވާސިޓީއަކަށް ބަދަލުވެގެންދާ އިރު ގިނަ ކޮލެޖުތައް އަދިވެސް ހިންގަނީވެސް ކުއްޔަށް ހިފައިގެން އުޅޭ ތަންތަނުގައި ކަމަށާއި އަދި ޔުނިވާސިޓީއަކަށް ބަދަލުވާ އިރު އަމިއްލަ ބިމެއް ވެސް ހުރުން ވަރަށް މުހިންމު ކަމަށެވެ.

"ގިނަ ކޮލެޖުތަކުގައި އެންމެ ކުޑަ މިނުން ނުހުންނާނެ އަމިއްލަ ލައިބްރަރީއެއް ވެސް. ވަރަށް ކޮލެޖުތައް ދަރިވަރުން ވެސް ވައްދަން ވެސް އުސޫލެއް ވެސް ނޯންނާނެ. ބައެއް ކޮލެޖުތަކުން މަހަކު އެއްފަހަރު ވެސް ކުދިން ބައްދާ. އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު ރާއްޖޭގައި ހުރި އެއްވެސް ކޮލެޖެއް ޔުނިވާސިޓީ ސްޓޭޓަސް ދޭވަރަށް ގޮއްސި ހެނެއް. މިސާލަކަށް ބައްލަވާ އިނގިރޭސިވިލާތުގެ ކޮލިފިކޭޝަން އޮތޯރިޓީގެ ސްޓޭންޑަޑަށް ރައްޖޭގެ ކޮލެޖުތައް ކިހާ މިންވަރަކަށްތޯ ފެތެނީ. ހަގީގަތުގައި އޮޑިޓެއް ހަދައިފިއްޔާ ނުފެތޭނެ. އެއީ ރާއްޖޭގެ އެމްކިއުއޭގެ ޕަބްލިކޭޝަންސްތަކުން ވެސް އެނގޭ އެ ފެންވަރަށް ނުދާކަން" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޔުނިވާސިޓީއަކަށް ބަދަލުވާ އިރު ޕީއެޗްޑީ ލެެވެލްގެ ބޭފުޅުން ވަކި މިންވަރެއްގައި ހުންނަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. މިހާރު އޮތް އިސްލާހުގެ ބިލުގައި އެކަން ފާހަގަކޮށްފަ އެެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ކައިރީގައި މިހާރު މި އޮތް ލަންކާގައި ޕްރައިވެޓް ޔުނިވާސިޓީތައް އުފެދިގެންދާއިރު ވަރަށް ރީއްޗަށް ބުނެދީފައި އޮވޭ މިވެނި ވަރެއްގެ ފާސް އޮތް މީހުން ތިބެން ޖެހޭނެއޭ." ޝަރީފް އިތުރަށް ވިދާޅުވި އެވެ.

މަތީ ތައުލީމާއި ތަމްރީނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ކޮލެޖުތައް ޔުނިވާސިޓީއަށް ބަދަލުކުރާ މުއްދަތު އަވަސްކުރަން ހުށަހެޅި ބިލު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ. ވަގުތަށް އެނގިފައިވާ ގޮތުގައި މަތީ ތައުލީމާއި ތަމްރީންގެ ގާނޫނު މިދިޔަ އަހަރު ފާސްކުރުމުގެ ކުރިން ވެސް ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދަން އެދި ބައެއް ކޮލެޖުތަކުން ހުށަހަޅާފައި ވެއެވެ. ނަމަވެސް ސަރުކާރުން އޭރު ނިންމީ ޕްރައިވެޓް ކޮލެޖުތައް ޔުނިވާސިޓީއެއްގެ ދަރަޖަ ނުދޭށެވެ. ނަމަވެސް ޕްރައިވެޓް ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވެވޭ މުއްދަތު އަވަސްކުރަން ހުށަހެޅި ބިލާ މެދު ބައެއް ކޮލެޖުތަކުގެ ވެރިން ބަލަނީ ޝައްކުގެ ނަޒަރުން ނެވެ. އެފަދަ ބައެއް ވެރިން އެ ބިލު ސިފަކުރެއްވީ ވަކި ކޮލެޖަކަށް ފަހާފައި އޮތް ކޯޓެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަސްލު ސްޓޭޓް ކޮރަޕްޝަން

    މީ އަސްލު ސްޓޭޓް ލެވެލްގައި ހިންގާ ކޮރަޕްޝަނެއް. މަޖިލީހުގައި އިން މަހުޖަނަކު ހިތްހަމަޖައްސައިދޭން ކުރާ ކަމެއް.

    19
  2. Anonymous

    މިހާރުވެސް ވިލާކޮލެޖަށް ވައްދަނީ އެމީހުނަށް ފެންނަ މީހަކު. ޝަރުޠު ހަމަވާ މީހުން ކޯސްތަކަށް ނުވައްދާ. މީ ވަރަށް ބޮޑު މައްސަލައެއް. ފެންވަރު ނެތް ކިތަންމެ ބަޔަކު ވައްދައިގެން ފެންވަރު ނެތީސް ޑިގުރީ ވިއްކަމުން ގެންދާ ތަނެއް ވިލާ ކޮލަޖަކީ.

    16
    4
    • ބޮޑުވަޒީރު

      ވަރައް ރަގަޅުވާހަކައެއް! ވިލާކޮލެޖޮގައުޅޭ އައްޑޫ އަތޮޅައް ނިސްބަތްވަާބަޔަކު އެބަ ސެޓިފިކެޓްތައްވިއްކާ! އެންމެފަހުން ގޮރެޖުއޭޓުވި މީހުންތެރޭގަވެސް 15 މީހުން އެބަތިބި ވަގު ސެޓުފިކެޓް ގަނެފަ!

      10
      3
    • ޢަހުމަދު

      100% ދޮގު ވާހަކައެއް

      4
      8
  3. ރައްޔިތު މީހާ

    ގާނޫނާއި ގަވާއިދު ހަދަނީ ވަކި މީހަކަށެވެ.. އިހައްދުވަހު އެމްކިއުއޭއިން ނެރުނު އޮންލައިން ކޮށް ކިޔަވއިދިނުމުގެ ގަވާއިދުގަ އޮންނަނީ .. އެމްކިއުއޭގެ ސްޓޭންޑަޑަށް ކިޔަވާދޭތާ 5 އަހަރު ވީމަޔޯ އޮންލއިންކޮށް ކިވައިދިނުމުގެ ހުއްދަދޭނީ.. މި އީ އެއްކަލަ ނުކުތާ.. 5 އަހަރު އައީ ކިހިނެއްތޯ.. އޮންލައިންކޮށް ކިވައިނުމަށް ކަނޑައަޅާ މިންގަޑުތައް ފުރިހަމަވާ ކޮންމެ ތަކަށްވެސް ކިޔަވާއިދެވެން ވާނެ.. މި 5 އަހަރަކީ މިހާރު ހުރި ތަންތަނުން ކޯސްތައްރާވަން ދޭ 5 އަހަރު.. އެކަލްގޮތަށް... އަލަށް ދާއިރާއަށް ވަންނަމީހުނަށް ހައްޕުޑު ލިބޭގޮތަށް..

    8
    1
  4. Anonymous

    ރާއްޖޭގެ ހުރި ޔުނިވާސިޓީވެސް އެދަރަޖަޔަށް އަދި ނާދޭ

  5. އަލަމް

    ވިލާ ކޮލެޖްގަ ދިވެހި ބަހުގެ ޑިގްރީ ހަދާފަތިބޭ ފަރާތްތަކަށް ޝަރިއާ އެންޑް ލޯ އިން މާސްޓަރސް ހެދޭ. އެހެން ހެދި ބެޗްތަކެއްވެސް އުޅޭ.

    6
    2
  6. ކޮތަރު

    މިރާއްޖޭގައި ހަގީގަތުގައި މިހާރު ގިނައިން ހިންގަމުންދަނީ ވަރަށް ފެންވަރުދަށް ކޮލެޖު ތަކެއް. ބަލާނެބަޔަކު ނެތް. އުސޫލެއް ގަވައިދެއް ނެތް. ޓެސްޓު ނުހެދިޔަސް ކުދިން ފާސްވޭ. މިސާލަކަށް މައިކޮލެޖު. ދެން މިތަންތަން ޔުނިވަސިޓީ އަށް ބަދަލުވީމަ ހުންނާނީ ހަތަރެސްކަން ހަމަވެފަ. އޭރުން މަގޭ އަތުގަވެސް އޮންނާނެ ހަރަތު ޕީއެޗްޑީ

    11
  7. ހުސޭނުބޭ

    ކަރަޕްޝަނުގެ ދަށުން ކޮލެޖްތައް ޔުނިވަރސިޓީއަށް ހަދާފައި ނާސަރީ ސްކޫލްތައް ހައިކޮލެޖްތަކަށް ހަދާލަ. އެމްޑީޕީއާ ނުލައި ކަރަޕްޝަންތައް ފުރިހަމަނުވާނެ.

  8. ނައިލާ ގޯރޭ

    ފެންވަރު ނެތް ފެސިލިޓީތައް ނެތް ތަންތަން ޔުނިވަރުސިޓީއަށް ބަދަލު ކުރުމަށް ވުރެ ނިއުކުލިއަރ ކާރުހާނާ ތަކެއްކަމަށް ނަންބޯޑު ބަދަލުކޮށް އެތާ ރާޒުވާކޫޅޭގޮތަށާ އެކި ކުޅިވަރުތައް ކުޅޭގޮތަށް ކަންކަން ހަމަޖެއްސުން ބުއްދިވެރި.

    8
    1
  9. އަލްވިލާ ވަލް ކޮލެޖް

    މީގާ އިބުރާ މި ދައްކާ ވާހަކައަށް ވަރަށް ތާއީދޔ ކުރެވޭ. ކޮންމެވެސް ވަރެއްގެ އަމިއްލަ ރިސާޗް ކެޕޭސިޓީ ދެއްކި ދުނިޔެ ގަބޫލުކުރާ ޖާނަލްތަކުގައި ޕަބްލިޝްކުރެވިފައި ހުންނަންވާ ޔުނިވަސިޓީއަކަށް ވާއިރު. ތަން ބޮޑުވެފަ ހައިބަތުބޮޑުވިޔަސް އުމުރުން ކިތަން ދޮށީވިޔަސް ފެންވަރެއްނެތިއްޔާ ޔުނިވަރސިޓީ ކީމާ ކަޑަ.

  10. ސަފަރު ކައްދަަ

    ތިޔަ މަޖްލިސްގައި ހަމައެކެނި ތަޢުލީމޭކިޔަން އެނގޭ މީހުންނަށް ކަންތައްތަކުގެ ބާރުދިނީމާ ވާނެ 6އެތި މިފެންނަނީ. ބުދަ ދުވަހު އެމްކިއުއޭންބޭއްވި މީޓިންގަ ސީއީޢޯ ބުނި ކޮވިޑްގައި އޮންލައިންކޮށް އުގަންނައިދިނުމަށް ދިންހުއްދަ ބާތިލުކޮށް އަލުން ފިޒިކަލީ ކިޔަވައިދިނުމަށް އެންގުމުން ތިޔަ މެމްބަރުން،ކޮލެޖްތަށް މަތިފަޑީގައި ތިބިމީހުން ތިމަންމެން ބޮލަށްއަރައިގަތީއޭ. އެންމެފަހުން ރުއްސަން އޮންލައިންކޮށް ކޯސްނިމެންދެން ކިޔެވުމުގެ ހުއްދަދިނީއޭ. ވިކޭނީ މިވަރަކަށް

  11. ހަސަދު

    ޔުނިވަރުސިޓީ ތައް ސިޔާސީ ނޮލޮށްބަލަ. މިހާރު ގައުމީ ޔުނިވަރުސިޓީ ވެސް ހަލާކު ވެގެން އެދަނީ.