އަނިޔާއަކީ ނަހަމަ ގޮތުގައި ދެވޭ ހާނިއްކައެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. ފާޅުގައްޔާއި ސިއްރިއްޔާތުގައެވެ. މި ކުރެވެނީ އަނިޔާއެއްކަން އެނގިހުރެ ދެވޭ އަނިޔާއާއި ނޭނގުމެއްގައި ހުރެ ދެވޭ އަނިޔާއެވެ.
ދައްކަން މިއުޅެނީ ޖިންސީ އަނިޔާގެ ވާހަކައެވެ. ޖިންސީ ފުރައްސާރައިގެ ވާހަކައެވެ. އާންމުދަނީ ހޯދަން ދާ ވަޒީފާއިން ފެށިގެން، އަމިއްލަ އާއިލާއިންވެސްމެއެވެ. މަގުމަތިންނާއި، ގޭތެރޭންނެވެ. ސިއްރާއި ފާޅުގައެވެ. މިއީ ގިނަ އަންހެންކުދިންނަށް އައުކަމެއް ނޫނެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
ދުރުހިލޭ މީހުނުން ފެށިގެން، ރަހުމަތްތެރިންނާއި، އަމިއްލަ މައިންބަފައިންވެސްމެއެވެ. އިތުބާރު ކުރާނީ ވަކި ކާކަންހެއްޔެވެ؟ ސަލާމަތްވާން ދުއްވައިގަންނާނީ ވަކި ކޮންތާކަން ހެއްޔެވެ؟ އަހަރެންގެ ވާހަކަ މީހަކު ގަބޫލު ކުރާނެ ހެއްޔެވެ؟ ހަތަރު އުދަރެސް ފެނުޖެހި، މާޔޫސްވެ، އަމިއްލަ ނަފްސު ނަގާލަނީ ކިތައް ޅަދަރީންހެއްޔެވެ؟
މިއީ އެތައް ބައެއްގެ ހަގީގަތެވެ. އެތައް ކުދިންގެ ސިއްރެކެވެ. އެތައް ބައެއްގެ ހަޔާތުގެ ނިމުންވެސްމެއެވެ.
އަރާމު ދާނެއްގައި ހިތުގެ ހަމަޖެހުމާއިއެކު ނިދާލުމީ ވެސް ހާދަހާވާ ބޮޑު ނިޢުމަތެކެވެ. ބޭރުފުށުން އަނިޔާއެއް ލިބުމުން، ނުލާހިކު އަވަހަށް ފާރުގަނޑު ފަސޭހަވެއެވެ. ނަމަވެސް، ޖިންސީ އަނިޔާއާއި ފުރައްސާރައިގެ ސިހުމެއް ނުކެނޑެއެވެ. މީހަކު ބަލައިލިއަސްމެއެވެ. ތަނަކުން ބާރު އަޑެއް އިވުނަސްމެއެވެ. ދަނީ ސިއްސަ ސިއްސައިގެންނެވެ. ހަނދާނަށް އަންނަނީ އަނިޔާއެވެ! މިއަށް އިނގިރޭސި ބަހުން ކިޔަނީ "ޓްރޯމާ" އެވެ. ގިނަ ފަހަރު ދާއިމަށް ދެމިގެންދެއެވެ. ދުނިޔޭގެ އުފަލުން މަހްރޫމް ކުރުވައެވެ. ލޯތްބާއި އަރާމުންނެވެ. ބަދުނާމުވީ ރީތި ނަމެވެ. ހުތުރުވީ އަބުރަށެވެ. ނަމަވެސް، ކުށަކީ ކޮބާ ހެއްޔެވެ؟
ޖެންޑާ މިނިސްޓްރީން އާންމުކުރި އޮގަސްޓް މަހުގެ ތަފުހިސާބުތަކުގައިވާގޮތުން އެ މަހު ޖުމުލަ 248 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތަކެވެ.
އޮގަސްޓް މަހު އެކަނި މިނިސްޓްރީއަށް ހުށަހެޅުނު ކުޑަކުދިންގެ މައްސަލަތައް
- އިހުމާލުވުމުގެ 33 މައްސަލަ
- ޖިންސީ ހާނިކައިގެ 24 މައްސަލަ
- ޖިސްމާނީ ހާނިކައިގެ 15 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ
- ނަފްސާނީ ހާނިކައިގެ 6 މައްސަލަ
- އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ
- ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައެއް ހުށަހަޅާފައިވާއިރު، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލަ އަށް މަރުވާން އުޅުމާ ގުޅޭ 12 މައްސަލަ ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާގެ ޝިކާރައަކަށް ވެފައިވޭ
ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން މީގެ ކުރިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކަކީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.
ސުކޫލުތަކާއި، ގޭތެރޭންނާއި، އޮފީހުންނާއި އަދި އެކުވެރިންގެ ފަރާތުން ވެސް އަނިޔާ އާއި ގޯނާ ލިބިގެން އެވާހަކަ ކޮންމެ ދުވަހަކުހެން އަޑުއިވެއެވެ. ޖިންސީ ގޯނާގެ މައްސަލަތައް ނޫސްތަކަށް އެރުން އާންމެވެ. އާބާދީއާއި ބަލާފައި މާ ބޮޑަށް ވެސް އިތުރެވެ. ކަންބޮޑުވާ މިންވަރަށް ފެތުރިފައެވެ.
އަނިޔާއޭ ބުނީމާ ފަހަރުގައި އޮޅިދާނެއެވެ. އަނިޔާއަކީ ފުޅާ މާނައެއްގައި ބޭނުން ކުރެވޭ ބަހެކެވެ. ތިބާ ކުރާ ކަމަކުން އަނެކާއަށް އުނދަގުލެއް، ނުވަތަ ތުރާލެއް ފޯރާނެ ކޮންމެ ކަމެއް އަނިޔާއެއް ކަމަށް ގުނިދާނެއެވެ. ފަހަރުގައި އެއީ މާބޮޑު ކަމެއް ކަމަށް ތިބާއަށް ހީނުވެ ވެސް ހިނގައިދާނެއެވެ. މިއީ ގިނަފަހަރު ނޭންގުމެއްގައި ދެވޭ އަނިޔާއެވެ. އެގެންވީ، އަނެކާއަށް އިހުތިރާމް ކުރާށެވެ. ބިރުވެތިވާންވީ މިނޫންވެސް ދުވަހެއް ވާތީއެވެ. ތިބާގެ ކޮންމެ އިޚްތިޔާރަކަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ. ދަންނާންވީ، އިސްލާމީ ރިވެތި އަޚުލާގެވެ. މާތްވެގެންވާ ތަރުބިއްޔަތެވެ. ރިވެތި އުސޫލެވެ.
ފިޠުރަތުގެ ސާފުޠާހިރުކަން މަތީ ދުނިޔެއަށް އުފަންވެ، ދިރިއުޅުމުގެ އުސޫލު ދަސްކުރަނީ ބޮޑެއްޗަށް ތިބޭ މުރައްބީންގެ ކައިރީންނެވެ. އަމިއްލަ އަތުން ކާށާއި ބޯށާއި ވެސް ދަސްކުރި ފަދައިންނެވެ. ޖާހިލުކަމާއި، ޖަނަވާރުކަމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟ އެއީވެސް އަނިޔާ ލިބުނު ފަރާތުގެ ކުށަކީ ބާވައެވެ؟ ނޫނީ ހަމަ އެކަން އޮންނަ ގޮތަކީ ހެއްޔެވެ؟
ހައްލަކީ ކޮބާ؟
އެކި ފަހަރު، އަނިޔާ ލިބެނީ އެކިއެކި އަސްލީ ސަބަބުތަކާއި ހުރެއެވެ. ގިނަ ފަހަރު އަނިޔާވެރިންގެ ޖާހިލުކަމުންނެވެ. ޖަނަވާރުކަމުންނެވެ. ނަމަވެސް މަދުން ނަމަވެސް އަނިޔާ ލިބޭ ފަރާތުގެ ކުށްވެސް އޮންނަ ފަހަރުދެއެވެ. މިއީވެސް ހިތި ހަގީގަތެކެވެ. އެންމެން ޝާމިލްވާހެން، ތިބާއާއި އަނެކާގެ ރައްކާތެރި ކަމަށްޓަކައި އިސްލާމީ ރިވެތި އުސޫލުތަކެއް އޮވެއެވެ.
އަނިޔާ ލިބޭ ފަރާތާއި، އަނިޔާ ކުރާ ނުބައި ނުލަފާ މީހުންނާއި، މުޅި މުޖުތަމަޢަށްވެސް ނުހަނު ބޮޑެތި ޒިންމާތަކެއްވެއެވެ. އުޅެންވީ އެންމެ ރިވެތި އުސޫލު އެންގެވި، މާތް ކަލާނގެއެވެ.
ކީރިތި ގުރުއާނުގައި މާތް ﷲ ވަނީ ފިރިހެނުންނާއި އަންހެނުން އެއުރެންގެ ބެލުންތަށް ތިރި ކުރުމަށް އަންގަވާފައެވެ. އަދި ހަމަ އެހެންމެ، އައުރަ ނިވާކުރުމަށްވެސް ވަނީ އަމުރު ކުރައްވާފައެވެ. ގިނަ ފަހަރަށް އަހަރެމެންގެ މުޖުތަމަޢުގައި މިފަދަ ވާހަކަތައް ދައްކާކަށް ނުކެރެއެވެ. ކިޔައިދޭން ލަދުގަނެއެވެ. އެހެނަސް މިއީ ކުރަން ޖެހޭ ކަމެކެވެ. ދައްކަންޖެހޭ ވާހަކައެކެވެ. ނުދައްކާ ވާކަށްވެސް ނެތެވެ.
ރޭގަނޑުގެ ވަގުތުގައި އަންހެނުން މަހްރަމަކާއި ނުލަ ދަތުރު ކުރުމަކީ ވެސް މިހާރު އާންމު ކަމެކެވެ. ކިއެއް، މަހްރަމަކާއި ނުލާ ހައްޖަށް ވެސް ދެވެއެވެ. އެކަމަކު، އަންހެނުން މަހްރަމަކާއި ނުލާ ދަތުރުނުކުރާން ﷲސުބްހާނަހޫވަތައާލާ އަންގަވާފައިވާނީ އެކަމުގައި ކިތައްކިތައް ހިކުމަތް ވާތީ ހެއްޔެވެ.
އިސްލާމްދީނަކީ ދެބައި މީހުންނަށް ތަފާތު ޒިންމާތަކެއް ހަވާލުކޮށްފައިވާ ދީނެކެވެ. އަންހެނާ ހިޖާބުވާންޖެހެއެވެ. ހެދުން އެޅުމުގައި ދީނުގައި ބަޔާންކުރައްވާފައިވާ ހަމަތަކަކީ ހިފަހައްޓަންޖެހޭ ކަންކަމެވެ. ހަމައެފަދައިން ތިމާގެ އަތާއި ދުލުގެ ނުރައްކަލުން އަނެކާއަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީވެސް ވާޖިބެކެވެ. އިސްލާމްކަން ފުރިހަމަވުމާ ގުޅިފައިވާ ކަންކަމެވެ. ބެލުންތިރިކުރުމާއި، ފަރުޖު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ ދީނުގައިވާ އަސާސްތަކެވެ. އަންހެނުންނަށް ރައްކާތެރިކަން އޮތީ ފިރިހެނުން އެ މީހުންގެ ޒިންމާ އަދާކޮށްގެންނެވެ. އުޚުރަވީ ބާއްޖަވެރިކަމާއި އުފާ އޮތީ އެންމެން ﷲ ކަނޑައެޅުއްވި އިންތަކުގައި ހިފަހައްޓައިގެންނެވެ.
މިކަމަށްޓަކައި އެންމެ މުހިންމު ކަމަކީ ހޭލުންތެރި ކުރުވުމެވެ. ދީނީ ދަރުސްތަކުންނާއި، ލިޔުންތެރިންގެ ލިޔުންތަކުންނާއި، ކުރެހުންތެރިންގެ ކުރެހުންތަކުން ވެސްމެއެވެ. ދީނުގައި އަންގަވާފައިވާ ގޮތް ހަނދުމަ ކޮށްދޭށެވެ. އިސްލާމީ ޝަރީޢަތް ގާއިމްކުރާށެވެ. އިންސާފު ހޯދާ ދޭށެވެ.
ޅަދަރިންނައް އަނިޔާވެރި ރާއްޖެ. ރައްޔިތުންނައް އަނިޔާވެރި ރާއްޖެ. އަލަންގިރި ކުޅޭ ރާއްޖެ. މީހުން މަރާ ރާއްޖެ. ރާބޯ ރާއްޖެ.. ވައްކަން ކުރާ ކޮރަޕްޓު ރާއްޖެ. މަސްތުވާތަކެތީގެ ރާއްޖެ. މިއިން ކޮންމެ ނުބަޔަކަށް ފައްކާ ރާއްޖެ.
ހުރިހާވެސް މައްސަލައަކީ ވަރިވާތީ ނުންތަށް ، ކޮންމެހެން ފިރިހެނުން ނޫޅޭ އަންހެނުން ލައްވާ ދަރިން ހަރަދުދީގެން ބަލުވާން، އަންހެންވެރިން އުޅެނީ ދަރިންް އެއީ އާމްދަނީ ހޯދާ މުދާ މުދާގަޑަކަށް ހަދައިގެން !
ދަރިންނަށް އެންމެ ނުބައި އަނިޔާ ދޭ ބަޔަކީ ދެތިން ދަރިން ލިބުނީމާ ހިލޭ ފިރިހެނަކާ ހެދި މޮޔަވެ ދަރިންގެ ބައްޕަ ގާތުން ވަރިވާ އަންހެނުންނެވެ. އެހެން އުޅޭ އަންހެނުން ދަރިންނަށް ނަފުސާނީ އަނިޔާއާއި ޖިސްމާނީ އަނިޔާ ކުރާކަން އެންމެން ދަނެއެވެ. ނަމަވެސް އެފަދަ މައިންގެ މައްޗަށް ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނެތެވެ.
އެއީނަފްސާނީ މައިންނޯ..
ބޭނުންވަނީ ދެކަމެއް. އެއްކަމަކީ ޚުދުމުޚުތާރު ވެރިއެއް. ދެވަނަ ކަމަކީ މިހާރު މިހިރަ ގާނޫނުތައް ވަގުތީގޮތުން މައްސަލަ ހަމަޖެއްސެންދެން އުޅާލުން.
100% ގެ ލިޔުމެ އް. ވ ފުރިހަމަ ތިފަދަ ލިޔުން ތަށް ގިނަ ގިނަ ގިނަ އިން ޝާޢި އު ކުރުން ވ ރަނގަޅު ކަމަށް ފެނޭ
ހަމަސާބަސް
ތިކަމަށް އޮތް ހައްލަކީ އިސްލާމީ ތަޢުލީމާއި އިސްލާމްދީނަށް ލޯބިކުރާ މުއުމިން ވެރިން. އަދި އެފަދަ ބަޔަކަށް ދިގުމުއްދަތަކަށް ވެރިކަން ކުރުމުގެ ފުރުޞަތު.
ކިތައްމެ ވަރަކަށް މޮޅެތި ގާނޫނު ހެދިޔަސް ތިކަން ކަން ނުހުއްޓޭނެ. އިސްލާމީ ޝަރިއަތުގައި އޮންނަ އަދަބު ދޭން ފަށާ.. މާ ގިނަ ދުވަހެއް ނުވެ ތިކަން ކަން ހުއްޓިގެން ދާނެ.. އިސްލާމީ ޝަރީއަތުގައި އޮތީ ބަރަކާތް