"ދެ ޒުވާނުން މަރުވީ "މަޖަލުގެ" ތެރޭގައި ތިއްބާ: ރަހުމަތްތެރިިން" މި އާޓިކަލް "މިހާރު" ނޫހުގައި ނޫސްވެރިޔާ މުހައްމަދު ޔާމީން ލިޔުއްވި އިރު، އޭނާގެ އުމުރަކީ އެންމެ 25 އަހަރެވެ. އޭރު ޔާމީން "މިހާރު" ގައި މަސައްކަތް ކުރަން ފެށިތާ ދެ އަހަރު ވެސް ނުވާނެއެވެ. ނޫސްވެރިކަމުގެ ދާއިރާގައި މާ ގިނަ ތަޖުރިބާތަކެއް ވެސް އޭރު ލިބިފައި ނެތެވެ. އެކަމަކު، އެ އާޓިކަލް ވެފައި މިވަނީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު މިހާތަނަށް ކީ އާޓިކަލްއަށެވެ. އެންމެ ހަފްތާއެއް ވެސް ނުވަނީ އެކީ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އެރިއެވެ.
އަދި އަހަރު ނިމުނު އިރު އެ އާޓިކަލް ކީ މީހުންގެ އަދަދު 125،000 އަށް ވުރެ މައްޗަށް އަރައެވެ.
ސެޕްޓެމްބަރު 29، 2017 ގައި ލިޔުނު އެ އާޓިކަލްއަކީ ހާދިސާ އަށް 24 ގަޑިއިރު ނުވަނީސް ދިވެހިންގެ ހިތް ވަރަށް ބޮޑަށް ދަމައިގަތް އާޓިކަލްއެކެވެ. އާންމުންނަށް ނޭނގޭ އެތައް ވާހަކައެއް ގެނެސް ދިނެވެ. އެއީ އެހެން އެއްވެސް މީޑީއާއަކަށް ހޯދައިގަނެވުނު، އަދި ހޯދަން ފަސޭހަވި މައުލޫމާތަކަށް ވެސް އޭރު ނުވިއެވެ.
ސެޕްޓެމްބަރު 28، 2017ގެ ރޭ ހުޅުމާލޭގައި ވަރަށް ޒުވާން ދެ ކުއްޖަކު ނިޔާވި އިރު، އެރޭ ޔާމީން ހުންނެވީ ހުޅުމާލެ ފުޓްސަލް ދަނޑުގައި ބޯޅަ ކުޅުއްވާށެވެ. އެ ހަބަރު ލިބުނީ ކުޅެ ނިންމާފައި ގެއަށް އައިސް ފޯނު ބަލާލި ތަނާއެވެ. ހަމައެކަނި ދެ ޒުވާނުން ނިޔާވީ" އޭ ކިއާފައި ނިންމާލަން ބޭނުން ނުވާތީ ޔާމީން ފުރަތަމަ ވެސް ދުއްވައިގަތީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭރުގައި އެތަނަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އޮތެވެ.
ހޮސްޕިޓަލުން ދަންނަ ބައެއް މީހުންނާ ދިމާވިއެވެ. އެމީހުން ކައިރިން ލިބުނު މައުލޫމާތާ އެކީގައި ޔާމީން ބޭނުންވީ، އިތުރު މައުލޫމާތު ކަށަވަރު ކުރާށެވެ. ލެޕްޓޮޕް ހުޅުވައިގެން ހަމައެކަނި އެ މައުލޫމާތުތައް ލިޔަން ވިސްނުމުގެ ބަދަލުގައި ހާދިސާ ހިނގައިގެން އުޅޭ ގެ ކައިރިއަށް ވެސް ގޮސް މައުލޫމާތު އެއް ކުރިއެވެ.
ނަސީބު ދިމާ ކުރި ގޮތުން، ޔާމީން އަށް އެރޭ ދެ ތަނުން ވެސް ދިމާވީ ރައްޓެހިންނެވެ. ނިޔާވި، ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، ގުޅުން ހުރި މީހުންނާ ވެސް ވާހަކަ ދެކެވުނެވެ. މައުލޫމާތު ނަގައިގަންނަން އެހާ ފަސޭހަވީ ވެސް އެ ސަބަބާ ހުރެ ކަމަށް ވެދާނެއެވެ.
މި އާޓިކަލް އައުމުގެ ކުރިން ހާމީން އާއި ސަމާ ކުއްލި ގޮތަކަށް މަރުވީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން އޭރު ސުވާލު އުފެއްދިއެވެ. މިއީ އާދައިގެ މަރެއް ނޫން ކަން ރައްޔިތުންނަށް އޮތީ ގަބޫލު ކުރެވެން ފަށައިފައެވެ. އެކަކު، އަނެކަކު އަނގައިން އޭރު ވާހަކަ ދެކެވެމުން ދިޔައީ ތަފާތު ދެ ގޮތަކަށެވެ. ޔާމީން ބޭނުންވީ އެ ހާދިސާގެ އެންމެ ފުނަށް ވާސިލްވެ، ޝައްކުތަކާއި ވަހުމްތަކަށް ނިމުމެއް ގެނައުމަށެވެ.
"އެ އާޓިކަލް ލިޔުމާ އެކީގައި އޭރު ވެސް މިހާރު ވެސް ގަބޫލު ކުރާ ކަމެއް އެ ކިއާފައި، މިއަށް ވުރެ ވެސް އަދި ރަނގަޅަށް ލިޔެވުނީހޭ، މިއަށް ވުރެ ބޮޑަށް ތަފްސީލްކޮށް، އަޑި ހޯދި ދާނެ ކަމަށް ގަބޫލު ކުރެވެނީ، އެކަމަކު، އޭރު ދެން ބޭނުންވީ އާންމުންނަށް ވީހާ އަވަހަށް މި މައުލޫމާތު ގެނެސްދޭން، އެއީ ރައްޔިތުން ތިބީ އެ މައުލޫމާތަށް އެދިއެދި، ފެން ބޮވައިގެންފައި." މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޔާމީން ވިދާޅުވިއެވެ.
މައުލޫމާތު އެނގޭ މީހުން ކިޔައި ދިން ގޮތާ ގުޅިގެން ޔާމީނަށް ޔަގީންވީ، ދެ ޒުވާނުން ނިޔާވުމުގައި ޕާޓީ ޑްރަގްސް އެކުލެވިގެންވާ ކަމެވެ. އެމީހުންނަށް އާދަޔާ ހިލާފު ގޮތްތަކެއް ވާތީ ސަލާމަތްކުރެވޭތޯ އެކުވެރިން ކުރި މަސައްކަތް ވެސް އެންމެ ފަހުން ނާކާމިޔާބުވެގެން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެކުވެރިންނަށް އެންމެ ފަހުން މި ގެންދެވުނީ އެ ދެ ޒުވާނުންގެ ފުރާނަ ނެތް މަސްގަނޑެވެ.
އެ އާޓިކަލް އާ އެކުގައި ޔާމީނަށް އެތައް ފިލާވަޅެއް ވެސް ލިބުނެވެ. އެއީ މިކަހަލަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ނޫސްވެރިން ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމެވެ.
"މިކަހަލަ ކޭސްތަކުގައި ގިނަ ފަހަރު މިވާ ގޮތަކީ ފުލުހުން ހަމައެކަނި ބުނެލާނީ ނިޔާވި ކަން، ނަމާއި އެޑްރެހާ އަންނާނީ ފަހުން. އިތުރު އެއްވެސް މައުލޫމާތެއް ނުދޭނެ ގިނަ ފަހަރު، އެހެންވެ ނޫސްވެރިންގެ ޒިންމާއަކަށް ވާން ޖެހޭނީ ތެދު ހަގީގަތް، އާންމުންނަށް ތިލަކޮށްދިނުން މިކަހަލަ ކޭސްތަކުގައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ އާޓިކަލް ލައްކަ އަކަށް ވުރެ ގިނަ މީހުން ކީ އިރު، އެއީ ރާއްޖޭގައި ހެދިފައި އޮތް ރިކޯޑެކެވެ. އެއްވެސް ނޫހަކަށް މިހާތަނަށް އައިއިރު އެ ރިކޯޑު މުގުރާލެވިފައިވާ ކަމަކަށް ނުދައްކައެވެ.
ސަމާ އަދި ހާމީން މަރުވި މައްސަލައިގައި، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށް ނުދިނިނުމުގެ ދައުވާ އެ ދެ މީހުންގެ ކައިރީގައި އެވަގުތު ތިބި ރަހްމަތްތެރިންގެ މައްޗަށް އުފުލާފައިވެއެވެ. އަދި އެކެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް އުފުލިއެވެ.
ފުލުހުން އެމީހުންގެ މައްޗަށް 12 ތުހުމަތެއް ކޮށްފައިވެއެވެ. އޭގެތެރޭގައި ކެނެބިސް ޓްރެފިކް ކުރުމާއި، ޕެޑެލްކުރުމާއި، މުއާމަލާތްކުރުމާއި، ޑައިމޯފިން ޓްރެފިކްކުރުމާއި، ޕެޑެލްކުރުމާއި، މުޢާމަލާތްކުރުމާއި، މީހަކު މަރުވުމަށް އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވާން އެދުމާއި އަދި އަމިއްލައަށް މަރުވާން މަޖުބޫރުކުރުން ފަދަ ކުށްތަކެއްގެ ތުހުމަތު ހިމެނެއެވެ.
ޔާމީން ނޫސްވެރިކަމުގެ ހަޔާތް ފެއްޓެވީ 2009 ވަނަ އަހަރު "އެމްވީޔޫތު" އިންނެވެ. އޭގައި ދިވެހިންނާއި ލެޓިން އަކުރުން ހަބަރު ލިއުމުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. "އެމްވީޔޫތު" ރީބްރޭންޑްވެ 2014 ވަނަ އަހަރު "ވަގުތު" އޮންލައިން ނަމުގައި އޮންލައިން ނޫހެއް ހިންގަން ފެށި އިރު، އެ ނޫހުގެ ނިއުސް ހެޑަކަށް އޭނާ މަސައްކަތް ކުރެއްވިއެވެ.
އޭގެ ފަހުން، 2015 ވަނަ އަހަރުގެ ފަހުކޮޅު "ހަވީރު" ނޫހާ ގުޅެން ނިންމައި 2016 ގެ ޖެނުއަރީ މަހުން ފެށިގެން އެ ނޫހުގައި މަސައްކަތް ކުރަން ފެށިއެވެ. "ހަވީރު" ހުއްޓާލުމާ ގުޅިގެން އުފެދުނު "މިހާރު" ނޫހުގައި ޔާމީން ވަނީ 2020 އަހަރާ ޖެހެން ދެން މަސައްކަތްކޮށްފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ވަގުތު" އޮންލައިންގެ ޑެޕިއުޓީ އެޑިޓަރަކަށެވެ.
ޔާމީން ވަނީ 2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޮމިނޭޓްވެފައެވެ. އަދި 2018 ވަނަ އަހަރުގެ ފީޗާ ރިޕޯޓު ލިއުމުގެ ދާއިރާ އިންނާއި ސިޔާސީ ދާއިރާ އިން އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑުގައި 2021 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަކަށް ޔާމީން ވަނީ ނޮމިނޭޓްވެފައެވެ. ޔާމީން އަށް އެސްއެމްއެސް ކުރުމަށް JY(space)MY ޖެއްސުމަށްފަހު 4244 އަށް ފޮނުވާލާށެވެ. ކޮންމެ ނަމްބަރަކުން ވެސް ބޭނުން ވަރަކަށް މެސެޖު ކުރެވޭނެއެވެ.
ޕުރައުޑް ކުލާސް މޭޓް ހިޔާ❤️
އޭރުވެސް ވ.ހެލްޕް ފުލް ކުއްޖެއް
މަރުން ލިބުނު ޢިބުރަތްތެއް ނެތްތަ ؟
Haadha molhu kuhjeke
Varah ragalhu article vanee genes dheefa furihama kaamiyaabi akah edhen
V fahkaa habeys
ޔާމިން އަށް އެވޯޑް ހައްގު
ޔާމިން އަށް މިފަހަރު އެވޯޑް ހައްގު ވަރަށް ގިނަ މައުލޫމާތު ތަށް ޔާމިން ވަނީ ނޫސްވެރިޔެތް ގެ ގޮތުގައި ރައްޔިތުން ނަށް ގެނެސްދީފަ ޔާމިން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުއާ ކުރަން.... އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.