(ފުވައްމުލައް) މި ސިޓީން އެންމެ ފުރަތަމަ ވާހަކަ ދެއްކި އުމުރުން ދުވަސްވީ އަންހެނަކު ބުނި ގޮތުން ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފުވައްމުލަކަށް ވަރަށް ގިނަ ކަންކަން ވަނީ ކޮށްދީފައެވެ. އެއީ ކޮން ކަންތަކެއްތޯ އެހުމުން، އެ އަންހެން މީހާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. ގެއެއްގެ ޖޯލިފަތީގައި ޖައްސާލައިގެން އޮތް އަންހެން މީހާ އަށް މަޝްރޫއުތަކުގެ ލިސްޓު ކިޔައި ދޭން އުނދަގޫވީއެވެ.

އޭގެ އަނެއް ކޮޅުވެސް މި ރަށުގައި އެބައޮތެވެ؛

ރައީސް ސޯލިހް ފެއިލްވެފައިވާ ކަމަށް ބުނާ މީހުން ވެސް މި ރަށުގައި އެބަތިބިއެވެ. އެމީހުން އެންމެ ބޮޑަށް ފާހަގަ ކުރަނީ ފުވައްމުލަކަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ހައްލުކޮށް ނުދެވުމެވެ. އެއީ ރައީސް ވައުދުވެވަޑައިގެން ފުރިހަމަ ނުވި ކަމެއް ކަމަށް އެމީހުން ދެކެއެވެ.

ޏ. ފުވައްމުލައް. --- -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އާބާދީގައި 13،499 މީހުން ހިމެނޭ ފުވައްމުލަކު ރައްޔިތުންގެ ހިޔާލުތައް ދެކަފިވެފައިވާ އިރު، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ މުހިންމު އެއް މަންޒިލަކަށް ވާނެ ފުވައްމުލަކަށް ރައީސް ސޯލިހް މިއަދު ހަވީރު ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަ ކުރާނެއެވެ.

ފުވައްމުލަކަށް އޮތީ އެމްޓީސީސީގެ ހާއްސަ "ލޯތްބެއް" ޖެހިފައި!

އެމްޑީޕީގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި މި ރަށަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދިނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ރައީސް ސޯލިހް ވެރިކަން ކުރެއްވި ގޮތަށް ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާ އެކު ވެރިކަން ކުރެއްވި ބޭފުޅަކު، މި ނޫނީ ދިމާ ވެސް ނުވާ ކަމަށް އެ ސަޕޯޓަރުން ބުންޏެވެ.

"މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން މި ހިސާބަށް އައިއިރު، ފުވައްމުލަކަށް މިވަރުގެ ތަރައްގީއެއް ގެނެވުނު އެއްވެސް ވެރިއަކު މި ނޫނީ ނުދެކެން. މިއީ ޕީޕީއެމް މެމްބަރުން ކިތަންމެ ދެކޮޅަށް ވާހަކަ ދެއްކިޔަސް، ހަގީގަތެއް. އެމީހުން ވެސް ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށް،" އެކަކު ކިޔައި ދިނެވެ.

އެމީހާ ބުނި ގޮތުގައި ފުވައްމުލަކު ރައްޔިތުން މިފަހަރު ކުރަންވީ އެންމެ ކަމެކެވެ. އެއީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ވޯޓު އަޅައި، ފުވައްމުލަކަށް އިތުރު ކުރިއެރުންތައް ގެނެސް ދިނުމެވެ.

ފުވައްމުލަކު މަގުމަތި- ވަގުތު އިމޭޖަސް-

އެމްޑީޕީއާ ހިޔާލު ތަފާތުވާ މީހުން ބުނާ ގޮތުން ނަމަ، އެމްޑީޕީ އަށް ދެވަނަ ދައުރެއް ދޭން ނުޖެހެއެވެ. އެއީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ހެޔޮ ބަދަލެއް ގެނެސްދީފައި ނުވާތީ ކަމަށް އެމީހުން ބުންޏެވެ.

"އަޅުގަނޑުމެން ކުޑަކުޑަ ތަންކޮޅެއްގައި އެތައް އަހަރެއް މިވަނީ އުޅޭތާ. ގޭގައި 10 މީހުން ދިރިއުޅޭ އިރު، އެކަށީގެންވާ ޖާގައެއް ނެތް. މި މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް ކުރި މަސައްކަތެއް ނެތް. މިކަމުގައި ސަރުކާރު ވަނީ ފެއިލްވެފައި،" އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރަކު ކިޔައި ދިނެވެ.

މި ސަރުކާރުން ފުރިހަމަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި:

ނަރުދަމާ ނިޒާމް ރެކްޓިފިކޭޝަން.
އެމްޖޭއެސް ސްކޫލް މަލްޓި ޕާޕަސް ހޯލް.
ސްކޫލް މަލްޓި ޕާޕަސް ހޯލް.
ހޮސްޕިޓަލް އަޕްގްރޭޑް ކުރުން.
ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން.
ހޯދަނޑު އަވަށު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން.
ދިގުވާޑް ފުޓްސަލް ދަނޑު ތަރައްގީ ކުރުން.
ދޫޑިގަން އަވަށު ބެޑްމިންޓަން ހޯލް ހެދުން.
ޓޭބަލް ޓެނިސް ސެންޓަރު.
ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް އަދި ފެންސް.
ސާފް ޗެކް ގާއިމު ކުރުން.
ކޮވިޑް ކަރަންޓީން ފެސިލިޓީ.

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ ބޮޑެތި ބައެއް މަޝްރޫއުތަކުގެ ތެރޭގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި މަގުތައް ހެދުމުގެ މަޝްރޫއު އާއި ބައެއް ސްކޫލްތަކުގައި ކްލާސް ރޫމް އެޅުމާއި ފުވައްމުލަކު ހޮސްޕިޓަލް ތަރައްގީ ކުރުމާއި ބައެއް މިސްކިތްތައް އިމާރާތް ކުރުމާއި ސްކޭޓިން ޕާކެއް ތަރައްގީ ކުރުމާއި ފުވައްމުލަކުގައި މަސް ކިރާ ފެސިލިޓީއެއް ގާއިމު ކުރުން ހިމެނެއެވެ.

ފުވައްމުލަކު މަގުމަތި- ވަގުތު އިމޭޖަސް-

ފުވައްމުލަކުގައި ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރޭގައި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތާއި ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ކުރުމާއި ކުޅިވަރު ބައެއް ވަސީލަތްތައް ގާއިމު ކުރުމާއި ފުވައްމުލައް ސިޓީގެ ވޭސްޓް ކަލެކްޝަން ސެންޓަރެއް ހެދުން ހިމެނެއެވެ.

ފުވައްމުލަކު އެތެރޭގެ މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދާފައި. --- ވަގުތު އިމޭޖަސް

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) ވިދާޅުވީ ފުވައްމުލަކުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފުވައްމުލަކު ގޮނޑުދޮށް ނުވަތަ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ގިނަ ކަންކަން ރަށުގައި ހިނގަމުން އެބަދޭ." މޭޔަރު ވިދާޅުވިއެވެ.

ރަށް ގިރުމުގެ މައްސަލަ ހައްލުކުރަން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ދަނީ މި ރަށުގައެވެ. ނެދަލެންޑްސްގެ އެމްޓީ ހޯގާޑާ ހަވާލުކޮށްގެން 300 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއުގެ ދަށުން 2.6 ކިލޯ މީޓަރުގެ ދިގު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް؛- ވަގުތު އިމޭޖަސް- މުހައްމަދު

މޭޔަރު ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުންނަށް ބަނދަރުގެ ދަތިކަން ހުރި އިރު، އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަކީ ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަމަކު، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަގު ހެދުމުގެ ބޮޑު ބައެއް ނިންމާލެވުނީމަ ރައްޔިތުންނަށް ފަސޭހަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކާ ބޭރު ތޮށިލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެއީ ރަށަށް ލިބޭ ރައްކާތެރިކަމެއް. ވަރަށް ރަނގަޅު ކަންތައްތަކެއް ކުރިއަށް އެބަދޭ،" ފުވައްމުލަކު މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމަށް ޓެންޑާ ބޯޑުން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއަށް ބޭނުންވާ ބިންތައް ވެސް ކައުންސިލުން ކަނޑައަޅާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ފެށޭ މަސް ތެރޭގައި ކޮންޓްރެކްޓުގައި ސޮއިކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ ދޮޅު މަހެއްހާ ދުވަސް ފަހުން، ފުވައްމުލަކު ރައްޔިތުންނާ މި ބައްދަލު ކުރަނީ ވަރަށް މުހިންމު ރިޔާސީ އިންތިހާބެކެވެ. ރާއްޖޭގެ ވެރިއަކު ހޮވުމުގައި ފުވައްމުލަކު ރައްޔިތުންގެ ހިއްސާ ބޮޑުވާނެއެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ގޮތް ނިންމާނެ އެއް ބަޔަކީ ފުވައްމުލަކުގެ ރައްޔިތުންނެވެ.