ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަޤުބޫލު މަންޒިލެކެވެ. ރިތި މޫދާއި، ހުދު ދޮންވެއްޔާއި ރީތި ގޮނޑުދޮށްތައް ފެނި އެތައް ބަޔަކު އާޝޯޚުވެއެވެ. ފަރުތަކައި، މުރަކަތަކުގެ އަޖައިބު ކުރުވަނިވި ރީތި މަންޒަރުތައް ހަމަލޮލުން ފެނި އަންތަރީސް ވެއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދަނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

ދާދި ފަހުން ކ. މާލެއަށް އުފަން ދިވެއްސަކު މިވަނީ ރާއްޖޭ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގައި ދިވެހި ރަހަތައް ގެނެސްދޭ ފެންވަރު ރަނގަޅު، ދިވެހި ރެސްޓޯރެންޓެއް ހުޅުވާފައެވެ. ރާއްޖެއިން ބޭރުގައި ރެސްޓޯރެންޓެއް ހުޅުވުމަކީ ފަސޭހަކަމަކަށް ނުވާއިރު، ޤައުމުން ބޭރުގައި، ދިވެހިވަންތަ ރަހަ ދައްކާލުމަށް ހަމަ ގައިމުވެސް ވަރަށް ވަރުގަދަ މިންގަނޑުތަކެއް ކަޑައްތު ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް ފިސާރި ހިއްވަރުން އެ ސްޓޭންޑާޑްތަކަށް ތަނާއި ކާތަކެތިވެސް ފައްތައިގެން އެ ރެސްޓޯރެންޓު ވަނީ ފަށައިގަނެވިފައެވެ.

"މޯލްޑިވްސް ޓޭސްޓްސް"ގެ ނަމުގައި ރާއްޖެއިން ބޭރުގައި ރެސްޓޯރެންޓެއް ހުޅުވި އެ ޒުވާނާއަކީ އާމިނަތު ޝޭޚާއެވެ. އޭނާ ބުނިގޮތުގައި، އޭނާއަކީ އަބަދުވެސް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރަން ބޭނުންވާ މީހެކެވެ. އެކަން ކުރުމަށް އޭނާ ބޭނުންވީ ތަފާތު ގޮތަކަށެވެ. މި ރެސްޓޯރެންޓަކީ އޭގެ އެއް ހެއްކެވެ.

"މިގޮތަށް ވިސްނާލިއިރު، ކޮންމެ ގައުމެއްގައިވެސް ކެއުމަކީ އެ ގައުމެއްގެ އާދަކާދައާއި ސަގާފަތް ވަރަށް ރަނގަޅާށް ރަމްޒުކޮށްދޭ އެއްޗެއް. މިގޮތަށް ބެލިއިރު، ދިވެހި ރާއްޖެއޭ ބުނުމުން މީހުން އެެންމެ އަވަހަށްވެސް ހަނދާން ވާނީ ދައްކާ ވާހަކައަކީ ރާއްޖޭގެ ދިވެހި ރާއްޖޭގެ ރީތި ގޮނޑުދޮށާއި، ސާފު މޫދުގެ ވާހަކަ. ނަމަވެސް ދިވެހި ކެއުމަކީ ބޭރު ދުނިޔޭގައި ވަރަށް ބީރައްޓެހި އެއްޗެއް،" ޝޭޚާ ބުންޏެވެ.

"މޯލްޑިވްސް ޓޭސްޓްސް"ގެ އޯނަރު އާމިނަތު ޝޭޙާ

މީގެ 14 އަހަރު ކުރިން ފަށައިގެން އާއިލާއެކު ޔޫކޭގައި ދިރިއުޅެމުން އަންނަ ޝޭޙާ ބުނިގޮތުގައި، އިނގިރޭސިވިލާތުގެ ރައްޔިތުންނަކީ ރާއްޖެއާއި މެދު ވަރަށް ބޮޑަށް ޝައުގުވެރިވާ ބައެކެވެ. ނަމަވެސް އިނގިރޭސިވިލާތުގައިވެސް އަދި ބޭރުގެ އެހެން ގައުމުތަކެއްގައިވެސް ދިވެހި ކެއުން މެދުވެރިކޮށް، މަދު ފަހަރެއްގައި ނޫން ދިވެހިރާއްޖެ ޕްރޮމޯޓް ކުރެވިފައެއް ނެތެވެ. ދިވެހި ކެއުމުގެ ޒަރިއްޔާއިން ދިވެހިރާއްޖެ ޕްރޮމޯޓް ކުރެވިއްޖެކަމުގައިވާނަމަ ދިވެހި ރާއްޖެއާ މެދު ބޭރު ދުނިޔޭގެ މީހުން ނުވަތަ ފަތުރުވެރިން ޝައުގުވެރިޔާ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެކަަމަށް ޝޭޚާ ގަބޫލުކުރެއެވެ.

ޝޭޚާއަކީ ކެއްކުމުގެ ދާއިރާއިން މަތީ ފާހެއް އޮތް މީހެއް ނޫނެވެ. އޭނާ ބަޔޯމެޑިކަލް ސައިންސް އިން މާސްޓާސް ހަދާ ގްރެޑުއޭޓްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއަށްފަހު މިހާރު އޭނާ ނުކުމެ ހުރީ ދިވެހިވަންތަކަން ބޭރު ދުނިޔޭގައި ދައްކާލުމަށެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަމިއްލައަށް ކައްކާ ހިތްވާ ޝޭޚާ މިއަދު ރާއްޖެ ތަމްސީލުކުރަމުން ދަނީ އިނގިރޭސިވިލާތުގެ ރީތި ހިސާބެއްކަމަށްވާ ނޯތް ވޭލްސްގެ "ސިޓީ އޮފް ލާނިންގ"ގެ ނަމުން މަޝްހޫރުވެފައިވާ ޔުނިވާސިޓީ ޓައުނެއްކަމަށްވާ ބެންގޯރްގައެވެ.

"އަބަދުވެސް ވަރަށް ކައްކާ ހިތްވޭ. ކުޑައިރު އެންމެ ފޮނި ހަނދާންތަކަށް ހުންނަނީ މާމައާއެކީގައި މާމައަށް ބަދިގޭގައި އެހީތެރިވެ އުޅުނު ހަނދާން، މަސް ތެލުލަން ލޮނުމިރުސް ފުނޑަން ފޮއި އާއި ދާއިންވެސް މަަސްމިރުސް ފުނޑާ ހަނދާންވެސް ވޭ. އަދި މަންމައާއެކީގައި ހަނޑޫހޮވަންށާއި، މަންމަ ގުޅަ އެއްޗެހި ހަދާއިރު ލޮނު، ހުތް ރަހަ ހެޔޮވަރުކުރަންވެސް ދޭނީ އަޅުގަނޑަށް،" ކުޑައިރުގެ ހަނދާންތަކުގެ ވާހަކަތައް ކިޔާދެމުން ޝޭޚާ ބުންޏެވެ.

"މޯލްޑިވްސް ޓޭސްޓްސް" އިން ތައްޔާރުކޮށްފައިވާ ކެއުމެއް

ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކަތައް އިނގިރޭސިން ކުރިންވެސް އަޑުއަހައި އުޅެއެވެ. ޝޭޙާ ބުނީ، "މޯލްޑިވްސް ޓޭސްޓްސް" ރެސްޓޯރެންޓުގެ ބޯޑު ފެނިފައި އެ ސަރަޙައްދުގައި އުޅޭ ގިނަ ބަޔަކު ހައިރާންވެ އުފާވެސްވި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަމުގެ ވާހަކަތައް އެނގޭނަމަވެސް ރާއްޖޭގެ ދިވެހިވަންތަ ކެއުމުގެ ރަހަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތެއް ލިބިފައިނުވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ. އެފަދަ ފުރުސަތަކަށް ބަލާބަލައި ތިއްބާ ޝޭޙާ އިނގިރޭސިވިލާތަށް ދިވެހި ރަހަތައް ގެންގޮސްދިނުމުން އުފަލުން ފޮޅިފައި ތިބިކަން އެމީހުން ވަނީ ހާމަކޮށްފައެވެ.

"ފަތުރުވެރިންގެ ގޮތުގައި، ރާއްޖެ ޒިޔާރަތްކޮށްފައި ތިބި މީހުންވެސް މިތަަނަށް އައިސް ހަމަ ބުނަނީ މިފަދައިން، އަދި ކެއުން ތަޖުރިބާ ކުރުމަށްފަހު މި ތަކެތި ދުނިޔޭގެ ތަންތަނުން ލިބެން ނުހުންނަނީ ކީއްވެގެންތޯ ސުވާލުކުރޭ. ހުރިހާ އެންމެންވެސް މި ކާނާ ލިބެން ހުރުމާއި އަދި ތަޖުރިބާ ކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުމަކާއި އުފަލެއް ލިބޭކަމަށް ބުނޭ. އަދި ރާއްޖެއަށް ޒިޔާރަތް ކުރެވިއްޖެނަމަ މިތަކެތި ކެއުމަށް ޝައުގުވެރިވާނެކަމަށް ބުނޭ،" އިނގިރޭސިވިލާތުގެ ހުޅުވި ފުރަތަމަ ދިވެހި ކާނާ ލިބޭ ރެސްޓޯރެންޓުގެ ރަހަތައް ތަޖުރިބާކޮށްލުމަށްފަހު ބޭރު މީހުން ދެއްކި ބައެއް ވާހަކަތައް ހިއްސާކުރަމުން ޝޭޙާ ބުންޏެވެ.

އާއިލީ ވިޔާފާރިއެއްގެ ގޮތުގައި، އިނގިރޭސިވިލާތުގައި ހިންގަމުންދާ އެ ރެސްޓޯރެންޓަކީ އާއިލާގެ ގިނަ ބައެއްގެ އެއްބާރުލުމާއެކު ޝޭޙާ ފަށައިގަތް ތަނެކެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޭނާގެ މާމަ އާއި ބޮޑު ދައިތަގެ ނަން ޝޭޙާ ފާހަގަކުރެއެވެ. ޚާއްސަކޮށް މާލީ ގޮތުން މާމަ އާއި ބައްޕަގެ ބޮޑު އެހީތެރިމެއް ލިބުނުކަން ޝޭޙާ ފާހަނގަކުރަނީ އެކަމަށް ޝުކުރުވެރި ވަމުންނެވެ.

"މޯލްޑިވްސް ޓޭސްޓްސް" އިން ތައްޔާރުކޮށްފައިވާ ކެއުމެއް

"މޯލްޑިވްސް ޓޭސްޓްސް"ގެ އެންމެ ޚާއްސަ އެއް ކަމަކީ، ދިވެހިވަންތަ ރަހަތައް އެތަނުން ތަޖުރިބާ ކޮށްލުމުގެ އިތުރުން ދިވެހިންގެ ޚިދުމަތް ރެސްޓޯރެންޓުން ލިބިގެން ދިއުމެވެ. ޝޭޙާ ބުނިގޮތުގައި އެ ރެސްޓޯރެންޓުގައި ޚިދުމަތްދެމުންދަނީ ދިވެހިން ކަމުގައި އާއި އެކަންވެސް، އެތަނަށް ޒިޔާރަތްކުރި މީހުނަށް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަކަމަށެވެ.

"މިތަން ތައްޔާރުކޮށް ފަށައިގަތުމަށް ގާތްގަނޑަކަށް 3-4 މަސް ވަރު ނެގި. މީގެ ތެރެއިންވެސް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ޔޫކޭގެ ފޮލޯ ކުރާ ފުޑް ހައިޖީން ސްޓޭންޑާޑްއަށް ތަން ތައްޔާރުކުރުމަށް،" ޝޭޙާ ބުންޏެވެ.

ޝޭޙާ ބުނީ، އެ ރެސްޓޯރެންޓުން މިހާރުވެސް ދިވެހިވަންތަ ގިނަ ކެއުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މިހާރު ލިބެން ނެތް ބައެއް ކެއުންތައްވެސް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އޭނާ ބުންޏެވެ. ޝޭޙާ ބުނީ އެންމެ ފުރަތަމަ އެ ރެސްޓޯރެންޓަށް ތައާރަފް ކުރީ ދިވެހި ހެދިކާ ކަމަށެވެ. ދިވެހި އެހެނިގެން ކެއުންތައް ރެސްޓޯރެންޓުން ލިބޭނެގޮތް ހެދުމުގެ ވިސްނުން އައީ، ރެސްޓޯރެންޓަށް ޒިޔާރަތްކުރާ ބޭރު މީހުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ ސަޕޯޓުން ކަމަށް ޝޭޙާ ބުނެއެވެ. ޝޭޙާ ބުނީ މިހާރު "މޯލްޑިވްސް ޓޭސްޓްސް" އިން ކިރުގަރުދިޔަ، މުގުރިޔަ، ގަރުދިޔަ، ކުޅިމަސް އަދި ރޮށި ފަދަތަކެތި ލިބޭ ކަމަށެވެ.

"އިންޝާﷲ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއަށް ހާއްސަ ތަކެތި މިސާލަކަށް ރިހާކުރު، ދިޔާ ހަކުރު، އަދި ކަރު ހަކުރު ފަދަ ތަކެތިވެސް ތައާރަފް ކުރަން ވަރަށް ބޮޑަށް ވިސްނަން. ދެން އެންމެ އަވަހަށް ތައާރަފް ކުރަނީ ދިވެހި ފޮނި ކާތަކެތި،" ޝޭޙާ ބުންޏެވެ.

"މޯލްޑިވްސް ޓޭސްޓްސް" އިން ތައްޔާރުކޮށްފައިވާ ކެއުމެއް

"މޯލްޑިވްސް ޓޭސްޓްސް"އަށް ޒިޔާރަތް ކުރާ އެތައް ބައެއްގެ ފަރާތުން ތަނުގެ ހިދުމަތްތަކުގެ ފުރިހަމަކަމުގެ ވާހަކަދައްކާކަމަށް ޝޭޙާ ބުންޏެވެ. އަދި އެއްފަހަރު ތަޖުރިބާ ކުރުމަށްފަހު ދެވަނަ ފަހަަރަށްވެސް އެފަރާތްތަކުން އަންނަކަމަށް ޝޭޙާ ބުންޏެވެ. ދިވެހި ކެއުމުގެ މީރުކަމުގެ ވާހަކަތައް އެމީހުން ދައްކަނީ، ފަސޭހައިން މިއަދު ލިބެން ހުރުމާއި އެކު ހިތްހަމަޖެހިގެން ކަމަށް ޝޭޙާ ބުންޏެވެ.

"އެވްރޭޖް ގޮތެއްގައި ހުރިހާ އެއްޗެއްވެސް އެ މީހުންނަށް ހަމަ ވަރަށް މީރު. ކޮންމެ މީހަކުވެސް ބުނަނީ ވަރަށް ތަފާތު ކެއުމެކޭ. ހުރިހާ ރަހައެއްވެސް ވަރަށް އެއްވަރުކޮށް މީރުކޮށް ހުންނަަ ވާހަކަ އެ މީހުން ދައްކާ. އެގޮތުންވެސް ބައެއް މީހުން ފާހަގަކޮށްލާ ލޮނުމިރުސްލީ ކުކުޅު، ކިރުގަރުދިޔައާއި، އަލުވި ރިހަޔާއި، ކުޅި މަސް، އަދި ރޮއްޓާއި، ކުކުޅު ރިހަޔާއި ކިރު ބޯކިބާވެސް އެމީހުންނަށް ވަރަށް ކަމުދޭ". ޝޭޙާ ބުންޏެވެ.

ޝޭޙާ ބުނިގޮތުގައި "މޯލްޑިވްސް ޓޭސްޓްސް" އިން ރަނގަޅު އާމްދަނީއެއް އަންނަނީ ލިބެމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ރަނގަޅުވާނެކަމަށް އުއްމީދު ކުރާކަމަށާއި، ރާއްޖެއިން ބޭރުގައި މިފަދަ ރެސްޓޯރެންޓެއް ހުޅުވައިގެން ކުރިއަށްދިޔުމުގައި ޗެލެންޖެސްތަކެއް ހުރި ކަމަށް ޝޭޙާ ބުންޏެވެ. ޝޭޙާ ބުނީ، އެގޮތުން ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ތަކެތި ތައްޔާރު ކުރުމަށް ރާއްޖެއިން ލިބެން ހުންނަ ބައެއް ތަކެތި ލިބުން ދަތިވުން ކަމަށެވެ.

"މިސާލަކަށް ހިކަނދިފަތާއި، ރާންބާފަތާއި، ރާއްޖެއިން ލިބޭފަދަ މީރު ކާށި އެއްޗެހި ނުލިބުން. އަދި ރާއްޖެއިން ލިބޭ ތާޒާ ކަނޑުމަސް ހޯދަން އުނދަގޫވެފައި އަގުބޮޑުވުން،" ޝޭޙާ ބުންޏެވެ.

އިނގިރޭސިވިލާތުގައި ހިންގާ "މޯލްޑިވްސް ޓޭސްޓްސް" ރެސްޓޯރެންޓް

ޝޭޙާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖެއިން އެތެރެކޮށްގެން "މޯލްޑިވްސް ޓޭސްޓްސް" އިން ދިވެހިވަންތަ އަސްލާއި އެގޮތަށް ކާނާ ތައްޔާރުކޮށް ބޭރު މީހުނަށް އޭގެ އަސްލު ރަހަ ދައްކާލުމެވެ. މި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުންވެސް ޝޭޚާގެ އެބަހުއްޓެވެ. އެގޮތުން ދިވެހި މުވައްޒަފުންނާއި އެކު ދިވެހި ކެއްކުން އިނގިރޭސިވިލާތުގެ އެކި ސިޓީތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކާއި ހަމައަށްވުރެ ދިވެހި ބްރޭންޑުތައް ފޯރުކޮށްދިނުމަކީ އޭނާގެ ވިޔަފާރީގެ ތަސައްވަރެވެ.

ކޮންމެ ކަމެއް ފަށައިގަންނައިރުވެސް، ކާމިޔާބާއި ހަމައަށް ވާސިލުވުމަށް ދުވަސް ނަގައެވެ. ނަމަވެސް ހިއްވަރާއި މިންނަތުން، ވަރުގަދަ އަޒުމެއްގައި އެމަސައްކަތެއް ކޮށްފިނަމަ ކާމިޔާބަކީ ދުރުގައިވާނޭ އެއްޗެއް ނޫންކަން ޝޭޙާ ވަނީ ހާމަކޮށްދީފައެވެ. ޝޭޙާ ބުނީ، އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާ ހިތްގައިމު މާހައުލު ބޭރު ދުނިޔޭގައި ޝައުގުވެރިކަން އޮންނަ ފަދައިން އޭނާގެ މަސައްކަތުގެ ތެރެއިން ދިވެހި ކެއުމާއި މެދުވެސް ބޭރު ދުނިޔޭގެ މީހުންގެ ޝައުގުވެރިކަން އުފެދިގެން ދިޔުން ކަމަށެވެ.

"މޯލްޑިވްސް ޓޭސްޓްސް" ރެސްޓޯރެންޓް ހުޅުވާފައި ހުންނާނީ ކޮންމެ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން ރޭގަނޑު 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. .ސާބަހޭ

    .އައްސަރި ބަހާ ސާބަސް.

  2. ޢަބްދުﷲ

    ތިބާ ކިޔެވި އެއްޗެއްގެ ބޭނުން މި ދިވެހި ފަސްގަނޑަށް ނުކުރާނެ. މިހާރު ތިޔަ މަސައްކަތަކީ އަމިއްލަ ޖީބު ފުރުމަށް ކުރަމުންދާ މަސައްކަތެއް. މި ފަސްގަނޑޫގައި ބަޔޯ މެޑިކަލް އިންޖިނޭރުން ނެތްއިރު އެ ދާއިރާއިން ތައުލީމު ހާސިލުކޮށް ޤައުމަށް ބޭނުންވެފައިވާ ޚިދުމަތް ނުދިނުމަކީ އަމިއްލަ އެދުން.

  3. ގޫނު

    މާލޭން ވެސް ދިވެހި ކުއުން ލިބޭތަނެއް. ބުނެދީބަލަ އެއްމެތަނެއް ވެސް.