މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހެވެ. ޖިންސީ ހަމަހަމަކަން ގާއިމުކޮށް، އަންހެނުންނަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ގޮވާލާ ދުވަހެވެ. އަންހެނަކަށް ވުމުން ވަކި ކަމަކުން އޭނާ މަހްރޫމް ނުކުރެވޭނެ ކަމަށް ގޮވާލާ ދުވަހެވެ. ހުރިހާ ހައްގެއް ވަކި ޖިންސަކަށް ތަފާތު ކުރުމެއް ނެތި އެންމެންނަށްމެ ހަމަހަމަ ކަމާއިއެކު ލިބެން ޖެހޭނެ ކަމަށް ގޮވާލާ ދުވަހެވެ. މިއަދު ވެސް ނިމިގެން ދާނީ މިހުރިހާ ކަމަކަށް ގޮވާލާ، ސިޔާސީ ބޭފުޅުން، މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިން ނިކަން ފަށުއި ތަގުރީރުތަކާއި ބަޔާންތައް ދެއްވައިގެންނެވެ. ނަމަވެސް ސުވާލަކީ ތަންފީޒީ މަރުހަލާގައި ކުރަން ހުރި ކަންކަން ކުރިއަށް ދަނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

އޮފީހެއް ނުވަތަ މުއައްސަސާއެއްގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށް އެމުވައްޒަފުން ހާއްސަ ކުލައެއްގެ ހެދުމެއްގައި އޮފީހަށް ދިއުމާއި، އޮފީހުން އެބޭފުޅުންނަށް މާބޮނޑިއަކުން މަރުހަބާ ކިޔުމާއި، ހަދިޔާއަކަށް ސެންޓް ފުޅިއެއް ނުވަތަ އަތްދަބަހެއް ދިނުމުން އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ދަނީ ނިމިގެންނެވެ. އަމަލީ ގޮތުން ކުރަން ހުރި ކަންތައްތައް ހުރީ މިދިޔަ އަހަރެކޭ، މިއަހަރެކޭ އަދި އޭގެ ކުރީ އަހަރެކޭ ވެސް ގާތްގަނޑަކަށް އެއްހަމައެއްގައެވެ.

މިއަދު އަންހެނަކަށް ވުމުން ނުކުރެވޭނެ ވަކި ކަމެއް އޮތް ކަމަށް ބުނެ އަންހެނަކު ބާކީ ކޮށްލުމުގެ ފުރުސަތެއް ނެތެވެ. ހުރިހާ ދާއިރާއެއްގައި، ހުރިހާ މާހައުލެއްގައި ވެސް އަންހެނުންގެ ގާބިލްކަމާއި، އަންހެނުންގެ ކުޅަދާނަކަން އަންނަނީ ދައްކަމުންނެވެ. ނަމަވެސް އަންހެނަކަށް ވުމުން ހުރި ތަފާތު ކުރުންތަކާއި، އަންހެނަކަށް ވުމުން ކުރިމަތިވާ ފުރައްސާރައަކީ މިމުޖުތަމައުގައި ކޮންމެ ދުވަހަކު އެތައް އަންހެނަކު އަދިވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ.

ވަރަށް އާއްމު ކަމެކެވެ. މާލޭގައި މަގުމަތިން އަންހެނުންނާއި ފޮށުމެވެ. ޒަމާންތަކެއް ވަންދެން ދިވެހިންގެ ތެރޭގައި އޮތް ކަމެކެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އަންހެން ކުދިންނާއި ފޮށެން ސްކޫލްތައް ކައިރިއަށް ކަމާކަންފަށައި މީހުން ދިޔައެވެ. މިއަދު ވެސް ބަދަލުވީ އަންހެނުންނާއި ފޮށެން ބޭނުން ކުރާ ބަސްތަކެވެ. މަގުމަތިން އެކަނި ހިނގާފައިދާ އަންހެނަކަށް ކޮންމެވެސް ކަހަލަ ފުރައްސާރައަކާއި ކުރިމަތިނުވެ އޮފީހުން ގެއަށް، ގެއިން އޮފީހަށް ދެވުން އެއީ މުސްތަހިއްލު ކަމެކެވެ.

އަންހެނުންނާއި މަގުމަތިން ފޮށުން ހުއްޓުވޭނެ ގާނޫނުތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ. އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާއި ގާނުލްއުގޫބާތުގައި މިބާވަތުގެ ކަންކަން ކުށެއްގެ ގޮތުގައި ލިޔެވިފައި އެބަހުއްޓެވެ. ނަމަވެސް މަގުމަތިން އަންހެނުންނާއި ފޮށުން ހުއްޓުވަން ދައުލަތައް ކުރެވުނު ހަމަ އެންމެ ކަމެއް ވެސް ނެތެވެ. އެފަދަ ކަންކަން ކުރާ ހަމަ އެންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. މަގުމަތިން ފުރައްސާރަ އާއި ކުރިމަތިވެ، ނަފްސާނީ ބިރުވެރިކަމެއްގައި ތިބި އެތައް އަންހެނުންގެ ހިތުގެ އުދާސްތަކަށް ނިމުމެއް ގެނެވޭނެ ގޮތެއް ހޯދުމުގައި ދިވެހި ދައުލަތް މިއޮތީ ފެއިލް ވެފައެވެ.

މިއަށްވުރެ މާސީރިއަސް މައްސަލަތައް އެބަހުއްޓެވެ. މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމެވެ. ޒަމާނީ ބަދަލުތަކާއިއެކު ބަދުއަހްލާގީ ލަދުވެތި މެސެޖްތައް މަސައްކަތުގެ މާހައުލުގައި އުޅޭ މީހެއްގެ ފަރާތުން ލިބުމެވެ. ގާނޫނުތައް ކިތަންމެ ވަރުގަދައަށް ހެދިފައި ހުރި ނަމަވެސް އަދިވެސް މިފަދަ ގިނަ މައްސަލަތައް ރިޕޯޓް ކުރަން ގިނަ އަންހެނުން ޖެހިލުންވާ ވަރަށް ގިނަ ސަަބަބުތައް އެބަހުއްޓެވެ. ގިނަ ފަހަރަށް މައްސަލައެއް ރިޕޯޓް ކުރި ނަމަވެސް ވާކަމެއް ނޯވެއެވެ. އަނެއްކާވެސް އިތުރު ފުރައްސާރައަކާއި ކުރިމަތިލާން ޖެހެނީ މައްސަލަ ރިޕޯޓް ކުރި ފަރާތަކުންނެވެ. މައްސަލައެއް ބެލި ނަމަވެސް މައްސަލަ ދިގުލައިގެން ގޮސް ކޮޅެއް މެދެއް ނުފެނި، ފުރައްސާރަ ކުރިމަތިވި މާހައުލުގެ ތެރޭގައި އުޅެން ޖެހެނީ މައްސަލަ ރިޕޯޓް ކުރި ފަރާތުންނެވެ. ދެން އަދި ކުރިމަތިވާނީ އިތުރު އުނދަގުލާއި، އިތުރު ދަތިތަކެވެ. ބައެއް ފަހަރު ވަޒީފާ ގެއްލުމެވެ. ނުވަތަ އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ދާން ޖެހޭވަރު ވެސް ކުރާނެއެވެ.

ސިޔާސަތުތައް ނިންމާ ހިސާބުގައި އަންހެނުން ތިބި އަދަދު އަދިވެސް ވަރަށް މަދެވެ. ދިވެހިރާއްޖެއަށް ބެލިނަމަވެސް އަދި ދުނިޔޭގެ އެހެން ވަރަށް ގިނަ ގައުމުތަކަށް ބެލި ނަމަވެސް އެކަން އޮތީ އެހެންނެވެ. ބައެއް ހައްގުތައް އަންހެނުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބި ދިނުމަށް މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ ވެސް އެއީ އެވެ.

އަންހެނުންގެ ހައްގުތަކުގެ ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ވީނަމަވެސް ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. މިހާތަނަށް ހަމަހަމަ މާހައުލެއް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތްތައް ކުރިއަށް ދިޔަ ދުވެލީގައި މިމަސައްކަތް ކުރިއަށް ދާނަމަ ހަމަހަމަ މާހައުލެއް ގާއިމު ކުރުމަށް އަދި 300 އަހަރު ހޭދަވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރެސް މިއަދު ދެއްވި ހިޠާބުގައި ވެސް ވަނީ ވިދާޅުވެފައެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ވެސް ތަފާތު ކުރުމެއް ނެތި ލިބި، ފިރިހެނުންނަކާއި އެއްހަމައެއްގައި އަންހެނުންނަށް ވެސް މުސާރަ ލިބޭނެ ހަރުދަނާ ނިޒާމުތައް ގާއިމު ކުރުމަށް އަދި ކުރަން ޖެހޭ ލައްކަ ގިނަ މަސައްކަތް އެބަހުއްޓެވެ.

ގުޓާރެސް ވެސް ވިދާޅުވި ފަދައިން އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށް ދުނިޔޭގެ ހުރިހާ ހިސާބަކުން ހުރިހާ އެންމެން ވެސް މަސައްކަތް ކުރަން އެބަޖެހެއެވެ. ކުރަން ހުރި މަސައްކަތް ލައްކަ ގިނަކަން ގަބޫލުކޮށް އެންމެން އެއް ދިމާއަކަށް ދަތުރު ކުރަން އެބަޖެހެއެވެ. އިންސާނީ ހައްގުތައް ފުރިހަމަ ވާނީ އަންހެނުންނަށް ވެސް އެހައްގުތައް ހަމަހަމަ ކަމާއިއެކު ލިބިގެންނެވެ.

އަންހެނުންގެ ދުވަހަކީ ފަށަމުން ވެސް ދެންނެވި ފަދައިން އަންހެން މުވައްޒަފުންނަށް ހާއްސަކޮށް އެމުވައްޒަފުން ހާއްސަ ކުލައެއްގެ ހެދުމެއްގައި އޮފީހަށް ދިއުމާއި، އޮފީހުން އެބޭފުޅުންނަށް މާބޮނޑިއަކުން މަރުހަބާ ކިޔުމާއި، ހަދިޔާއަކަށް ސެންޓް ފުޅިއެއް ނުވަތަ އަތްދަބަހެއް ދިނުމުން ނިމޭ ދުވަހަކަށް ވެގެން ނުވާނެއެވެ. ކޮންމެ ދުވަހަކީ ވެސް އަންހެނުންގެ ހައްގުގައި ވަކާލާތު ކުރާ އަންހެނުންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރާ ދުވަހަކަށް ވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މމމީމު

    އަންހެނުންގެ ދުވަސް ކޮންމެހެން ފާހަގަ ކުރަންޖެހޭތަ

    23
    7
    • ހުވަދޫ އަލިބެއްޔާ

      ނުޖެހޭ.. އެއީ ތަފާތުކުރުން.. ހެހެހެހެ

      2
      2
  2. މިރޭ އޮންނާނެ ލަނގިރިޖެހުން

    އަންހެނުންގެ ދުވަސް ނިންމާލާނީ މިރޭ މަގުތަކުގައި އޮންނަ ޕޕމ ކަނބަލުންގެ ލަނގިރިޖެހުމުންނެވެ!

    8
    7
  3. Anonymous

    ފިރިހެނުން ދުވަހު އެއްވެސް ކަމެއް ނުކުރޭ

    8
    3
  4. ލާމު

    ފުރުސަތު އޮތީ ތަނަވަސްކޮށް. ފިރިހެނުންނަށްވުރެ ފުރުސަތު ބޮޑު..

    6
    1