ރާއްޖޭގެ ޒުވާން އަންހެނުންގެ ތެރެއިން ތަޢުލީމާއި، ވަޒީފާއާއި، ތަމްރީނުގައި މަޝްޣޫލުނުވާ 41 އިންސައްތަ އަންހެނުން އަދިވެސް އެބަ ތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވި ރެހެންދި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޖްތިމާޢީ އަދި އިގުތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް އެކިއެކި ސަބަބުތަކާހުރެ މިހާރަވެސް ލިބެމުން ނުދާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތް ބެލުމަށް ކުރި ސަރވޭއިން ދެއްކި ގޮތުގައި، ރާއްޖޭގެ ޒުވާން އަންހެނުންގެ ތެރެއިން ތަޢުލީމާއި، ވަޒީފާއާއި، ތަމްރީނުގައި މަޝްޣޫލުނުވާ 41 އިންސައްތަ އަންހެނުން އަދިވެސް އެބަ ތިބި ކަމަށެވެ.

"އެ ނިސްބަތް އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެންނަށް ދަށްކުރެވެން ވާނެ. މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓަކީ މި ދެންނެވި އާބާދީ މަދުކުރުމުގެ ބޭނުމުގައި ފަށާފައިވާ 5 އަހަރުގެ ޕްރޮޖެކްޓެއް. ޒުވާނުންނަށް ޚާއްސަ އެ ޕްރޮޖެކްޓްގައި، އިޖްތިމާޢީ ޚިދުމަތަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެ. އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލް ފައިނޭންސް އަދި އިންޓަރނެޓް ބޭންކިންގއާއި މޮބައިލް ބޭންކިންގ ފަދަ ވަސީލަތްތަކުން މާލީ އެހީތެރިކަން ހޯދުމަށާއި، ވިޔަފާރި ކުރިއެރުވުމަށް ގިނަ ދޮރުތަކެއް އެބަ ހުޅުވޭ އިރު އޮންލައިން ވިޔަފާރި ފުޅާވެ، މީސް މީޑިއާގެ މަގްބޫލުކަމާއެކު، އިގްތިޞާދީ ގޮތުން ގިނަ ކުރިއެރުންތަކެއްވެސް އަންހެނުންނަށް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގެ މަސައްކަތު އާބާދީގައި އަންހެނުންގެ ނިސްބަތަކީ، 45.6 އިންސައްތަ އަންހެނުންނަށް ވާއިރު މި ނިސްބަތް މަތިކުރުމަށްޓަކައި، އިގްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް އިތުރު ބާރެއް ލާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބަލަ އަންހެހުން އެއީ ބާޒާރުގައި ގެންގުޅޭ މުދަލަކީތޯ ތިހާވަރަށް ބާޒާރަށް ނުނެރެވިގެން ތިއުޅެނީ !

  2. އާދަނު

    ކާކު ޖަހައިދިން ހިސަބެއްބާ މިކަލޭގެ މި ކިޔަނީ؟

  3. މީރީ ޕްރޮޖެކުޓް

    ކީކޭ؟ "މީރީ ޕްރޮޖެކްޓަކީ މި ދެންނެވި އާބާދީ މަދުކުރުމުގެ ބޭނުމުގައި ފަށާފައިވާ 5 އަހަރުގެ ޕްރޮޖެކްޓެއް." މި ކަނޑައެޅިގެން ނުބައި މައުލޫމާތޭއް. މީރީ ޕުރޮޖެކުޓަކީ އާބާދީ މަދުކުރުމާ ގުޅިފައި ހުރި ޕްރޮޖެކުޓެއް ނޫން. ގަނޑު ބަލައިއިގެން ކިޔަނީ ސިކުނޑި ބޭނުން ނުކުރޭ