އިސްލާމޯފޯބިއާ ނުވަތަ މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ދަރިވަރުން ހޭލުުންތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ތައުލީމީ މުއައްސަސާތަކުގައި މުސްލިމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އެމީހުން އެންމެ އެދޭ ގޮތަކަށް ހެދުން އެޅުމުގެ ސިޔާސަތުތައް ގާއިމް ކުރަން ޖެހެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ގިނަ ގޮންޖެހުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ. ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅި އެކުދިންނަކީ މުޖުތަމައުގައި ބާކީކުރެވިފައިވާ ކުދިންނަށް ހަދައެވެ. ވަކިން ހާއްސަކޮށް އިންޑިއާ އަދި އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި ނަސްލީ ތަފާތުކުރުންތައް ބޮޑެވެ.

އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތް ތަކުން ވަނީ މީސްމީޑިއާ އާއި، ޚަބަރު ފަތުރާ ވަސީލަތްތަކާއި، އާއްމު ބައްދަލުވުންތައް މެދުވެރިކޮށް އެމެރިކާއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީނާ ބެހޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަށް ގިނަ މަސަައްކަތްތަކެއް ކޮށްފައެވެ. އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ވިއުގައަށް ބޮޑުތާއީދެއް އެމެރިކާގައި އޮވެ، ވަރުގަދައަށް ހަަރަކާތެރިވަމުން ދާކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. އިސްލާމްދީނާ ދެކޮޅު ޖަމާއަތްތަކަށް ހިލޭ އެހީ ދޭ ފައުންޑޭޝަންތައް މިހާރު ތަންކޮޅެއް މަދުނަމަވެސް، މުސްލިމުންނާ ގުޅޭގޮތުން ނުބައި މައުލޫމާތު ފެތުރުމާ، މުސްލިމުންނަކީ ނުރައްކާތެރި ބައެއްކަން ސިފަކޮށް ދައްކާ ޖަމާއަތްތަކަށް މިހާރުވެސް މިލިއަންނުން ފައިސާ ލިބެއެވެ.

މީގެ ދެ އަހަރު ކުރިން އެމެރިކާގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މީހުންނަށް ހިލޭ އެހީގެ ގޮތުގައި 106 މިލިޔަން ޑޮލަރު ދީފައިވާ ކަމަށް އޭރުގެ ރިޕޯޓްތައް ބުނެއެވެ. މިހާރުވެސް އެމެރިކާގައި މިކަންތައް ވަރަށް ބޮޑަށް އޮވެއެވެ. އިސްރާއީލާއި ފަލަސްތީނުން މިހާރު ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލާ އެއްކޮޅަށް އެރުމަކީ އޭގެ ސީދާ މިސާލެކެވެ.

އިންޑިޔާވެސް މި ލިސްޓުގައި ހިމެނެއެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މުސްލިމުން ނިކަމެތި ހާލުގައި ޝަހީދުވަމުންދާ އިރުވެސް އެއްވެސް ރަހުމެއް ނެތެވެ. ފާޅުގައި ބުނަމުންދަނީ ތާއީދުކުރާނީ އިސްރާއީލަށް ކަމަށެވެ. އިންޑީޔާއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުމުގައި ހައްދު ފަހަނައަޅާފައިވާ ބައެއް އުޅޭ ތަނެކެވެ. އެގޮތުން މުސްލިމު ދަރިވަރުން އަބާޔާ ހެދުން އަޅާތީ އެކަމާ ނުރުހުން ފާޅުކޮށް އެކުދިން ސްކޫލަށް ނުވައްދާ ތައުލީމު ހާސިލު ކުރުމުން ވަނީ މަހުރޫމްކޮށްފައެވެ.

ސްކޫލްތެރެއިން ދަރިވަރުންނަށް މިފަދަ މިސާލުތައް ފެންނަމުންދާތީ އެ ދަރިވަރުންވެސް ދަނީ މުސްލިމު ކުދިންނަށް މަލާމާތްކޮށް ފުރައްސާރަ ކުރަމުންނެވެ. މަގުމަތިން ދިމާކޮށް ކްލާހަށް ނުވައްދާ އެކުދިންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިމައްސަލަ އިންޑިޔާގެ ކޯޓުތަކަށް ވެއްދުމުން އެތަންތަނުންވެސް މުސްލިމުންނަށް އިންސާފު ލިބިފައިނުވެއެވެ.

އިސްލާމް ދީނަށާއި މުސްލިމުންނަށް ނަފުރަތު ކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަސްތަކާއި އަމަލުތަކުން ވަރަށް ބޮޑަށް ފެންނަ ކަމެކެވެ. ދީނީ ނަފުރަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ހެއްކަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލު އާންމެވެ. މި ހަނގުރާމައިގައި ބައެއް މުސްލިމު ގައުމުތަކުން އަދިވެސް ތިބީ ދެއަތް އުރާލައިގެންނެވެ. އެމެރިކާ ފަދަ ބޮޑެތި ގައުތަކުން ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން އެގައުމުތަކަށް އޭގެ އަސަރު ކޮށްފާނެތީ ބިރުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިފަދަ ކަންތައްތަކަކީ ލޯމަރައިގެން ތިބެވޭ ވަރަށް ވުރެ ބޮޑެތި ޖަރީމާތަކެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދާ އިރު، މުސްލިމު ގައުމުތައް "ގުގުރި ދަމަދަމާފައި" ނިދަނީއެވެ. އިސްރާއީލާއި ދެކޮޅަށް ޢިއްޒަތުއްނަފުސާއި، ޙުރުމަތާއި، ޝަރާފަތާ އެކު ތެދު ވާން ކެރުނު ގައުމުތައް ދުނިޔޭގައި މަދެވެ. ޔަމަނު ފަދަ މަދު ގައުމެއް ނޫނީ މި ކަމާ ޙަގީގަތުގައި ކަންބޮޑު ވެގެން އުޅޭ ތަނެއް ވެސް ނުފެނެއެވެ. މުސްލިމް އެތައް ގައުމެއްގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަޙުން ވެސް ފެންނަނީ އިނގިރޭސީންގެ ތައްޕާހުން، ޞަލީބީންނާއި ސަހްޔޫނީންގެ އަންބޮނޑީން ކައިގެން އުޅޭ އަމިއްލަ ގައުމުގެ ތަޚުތުތަކަށް ނުވެޑުވެވިގެން ތެޅިފޮޅޭ ތަނެވެ.

މުސްލިމުން ޣާފިލުކަމުގެ ނިންޖަކުން ނިދައިފައި ތިބި އިރު، ޞަލީބީންނާއި ޒައިނިސްޓުން އެ ތިބީ ބަރުމާޔަށް ވާގިވެރި ވާ ބައެއްގެ ގޮތުގައޭ ނޫނީ ނުދަންނަވާނަމެވެ.

ކަންމިހެން ހުރުމާއެކު ކުރިޔަށް އޮތް ޖީލު އިސްލާމޯފޯބިއާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަފާތުު ހިޔާލުތަކުގެ ކުދިން ސްކޫލްތަކުގައި އުޅޭއިރު އެކުދިންގެ ދީންވެސް ތަފާތުވާނެއެވެ. އެހެންކަމުން ދީނީ ތަފާތުކުރުންތައް ނައްތާލާ ހުރިހާ ދަރިވަރުންނަކީވެސް ހަމަހަމަ ބަޔަކަށް ހަދަން ސްކޫލްތަކުން މަސައްކަތްކުރަން އެބަޖެހެއެވެ. މިހާރު ސްކޫލްތަކުން ގިނައިން ފެނިގެންދަނީ ނަސްލީ ތަފާތުކުރުންތަކެވެ. މުސްލިމް ދަރިވަރަކަށް ވުމުން އެހެން ދީންތަކުގެ ކުދިންނާއެކު އެއް ކްލާހެއްގައި ކިޔވަައިދިނުމަށް ޓީޗަރުންވެސް ބައެއް ގައުމުތަކުގައި އިންކާރުކުރެއެވެ.

އޮސްޓްރޭލިޔާއަކީ ގިނައަދަދެއްގެ މުސްލިމުން ދިރިއުޅޭ ގައުމަކަށްވެފައި އެ ގައުމުގެ ސްކޫލްތަކުގައިވެސް މުސްލިމު ދަރިވަރުންނަށް ގިނަ ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައިވެސް ތަފާތު ދީންތަކަށް ނިސްބަތްވާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާކަން ފާހަގަކުރެއެވެ. ނަމަވެސް އެކުދިންނާއި މެދު އެއްވެސް ތަފާތުކުރުމެއްނެތި ސްކޫލްތަކުން އަމަލުކުރަމުންދެއެވެ. ހަމައެގޮތަށް ދުނިޔޭގެ އެހެން ސްކޫލްތަކާއި ކޮލެޖްތަކުގައިވެސް މި މައްސަލަ އަކީ ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެކެވެ.

އިސްލާމްދީނުގެ މައުލޫމާތު ފޯރުކޮށްދީ މުސްލިމުންނާއި އިސްލާމްދީން ދެކެ ގަންނަ ބިރު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކުގެތެރެއިން އެންމެ އިސްދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލުކުރެވެނީ ސްކޫލްތަކާއި ކޮލެޖްތަކުންނެވެ. ގައުމުގެ މުސްތަގުބަލް ބިނާކޮށްފަ މުޖުތަމައުއަށް ކުދިން ނެރެން ތިބީ އެމީހުން ކަމަށްވާތީއެވެ. އެހެންކަމުން ކުދިންނަށް ސައްޙަ މައުލޫމާތުތައް ފޯރުކޮށްދީ އިސްލާމްދީނާއި މުސްލިމުންނަށްވެސް މުޖުތަމައުގައި ހިތްހަމަޖެހިގެން އުޅެވެން އަންނަނީ ހަމަހަމަ އިސްލާމޯފޯބިއާ އަށް ހޭލުންތެރިވެފައިވާ މުޖުތަމައުއެއްގައެވެ.