ވެރިކަން ކޮށްލަން ލިބުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމަކަށް ވެދާނެއެވެ. ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ފެންބޮވައި ގެންފައިވާ ކަމަށް ވިދާޅުވެ ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަތުމާއިއެކު އެލިބިވަޑައިގަންނަވާ ބާރާއި، ޝަރަފާއި، އިއްޒަތް އެއީ އެހެން މީހަކަށް ދީފައި ބޭއްވޭވަރުގެ އެއްޗެއް ވެސް ނޫނެވެ. އެކަން ކައިރި މާޒީން ދިވެހިން ވެސް ދެކެފިއެވެ. އަދި ދިވެހިންގެ ދުރު ތާރީޚްގައި އެފަދަ ކިތަންމެ ވާހަކައެއް ލިޔެވިފައި ވެސް އެބަހުއްޓެވެ.

މިއަދު މިފެށެނީ ދިވެހިންނަށް އަނެއްކާވެސް އާވެރިކަމެކެވެ. 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީއަށްފަހު ދިވެހިން ދެކޭ ފަސްވަނަ ރައީސުލްޖުމްހޫރިއްޔާ މަގާމާއި ހަވާލުވެ ވަޑައިގަންނަވަނީއެވެ. ފާއިތުވި ފަސް އިންތިހާބަށް ބަލާއިރު ފެންނަން އޮތީ ގާތްގަނޑަކަށް އެއް މަންޒަރެކެވެ. އެއީ ވެރިކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓަކު ޒަމާންތަކެއް ވަންދެން ކުރި ބުރަ މަސައްކަތަކުން ލިބޭ ވެރިކަމެއް ފެންނަން ނެތް މަންޒަރެވެ. އޭގެ ބަދަލުގައި ފެންނަނީ މިނޫން ވެރިކަމެއް ހޯދަން، ކޮންމެވެސް ގޮތެއް ހޯދާ މަންޒަރެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބު ވިއެވެ. އަހަރުތަކެއް ވަންދެން ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރެއްވި ބަޠަލެއްގެ ގޮތުގައި ބައެއް މީހުން ނަޝީދު ބަލައިގަތް ނަމަވެސް ހަގީގަތުގައި ނަޝީދަށް ވެރިކަން ލިބުނު ސަބަބަކީ އެއީއެއް ނޫނެވެ. ނަޝީދަށް ވެރިކަން ލިބުނީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔައިއިރު ރައްޔިތުންނަށް އޮތް ޗޮއިސް އަކީ 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ނުވަތަ ނަޝީދު އިހްތިޔާރު ކުރުން ކަމަށްވެފައި، މައުމޫންގެ ވެރިކަން ދެން ދިވެހިން ބޭނުން ނުވުނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް - ފޮޓޯ: ރައީސް އޮފީސް

އެދުވަހު އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނާއި ވާދަކުރައްވަން، ނަޝީދު ފިޔަވައި އެހެން ބޭފުޅަކު ހުންނެވިނަމަ އެބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވީހެވެ. ހަސަން ސައީދު، ގާސިމް އިބްރާހިމް، އިބްރާހިމް އިސްމާއިިލް (އިބުރާ) ނުވަތަ އުމަރު ނަސީރު އިންތިހާބުގެ ދެވަނަ ހޯއްދެވިނަމަ އެއިން ބޭފުޅެއްގެ ވެރިކަން ދިވެހިން ދުށީހެވެ.

ނަޝީދުގެ ވެރިކަމުގައި ނަޝީދު ހެއްދެވި ގޯސްތައް ކޮންމެހެން މިވަގުތު ތަކުރާރު ކުރާނެ ކަމެއް ނެތެވެ. ނަމަވެސް ނަޝީދު ހެއްދެވި ގޯސްތަކާއި 2012 ފެބްރުއަރީ 06 ވަނަ ދުވަހުގެ ރޭ ފުލުހުން ސަރުކާރާއި ދެކޮޅަށް ނިކުތް ހާލަތު މެދުވެރިވި ސަބަބާއި، އެހާލަތު ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ނެތުން އެއީ ނަޝީދު ވެރިކަން ނިމުނު ސަބަބުތައް ލިސްޓް ކުރާނަމަ ހިމަނަން ޖެހޭ ކަންކަމެވެ.

ވީކަމެއްވެ، ނަޝީދުގެ ވެރިކަން ވެއްޓުނީއެވެ. ނަސީބު ނަމްބަރު ދިމާވެގެން ދެން ވެރިކަން ލިބިވަޑައިގެންނެވީ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އަށެވެ. ރައީސް ވަހީދު ވެރިކަން ހޯއްދަވަން ކުރެއްވެވި ކަމެއް ފެންނާކަށް ނެތެވެ. ރައްޔިތުންގެ ތާއީދެއް ވެސް އެމަނިކުފާނަކަށް ނެތެވެ. ވަރުގަދަ ސިޔާސީ ޕާޓީއެއް ފަހަތްޕުޅުގައި ނެތެވެ. ގިނަ ދުވަސްތަކެއް ރާއްޖެ އިން ބޭރުގައި ހޭދަކުރައްވާފައި ވުމުން ރައީސް ވަހީދަކީ ކޮން ބޭފުޅެއްކަން ވެސް އާއްމު ގިނަ ދިވެހިންނަކަށް ނޭނގެއެވެ. ނަމަވެސް ގުދުރަތުގެ ނިޔާ އޮތްގޮތުން ވެރިކަން ލިބިވަޑައިގެންނެވީއެވެ.

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު: ފޮޓޯ: ގެޓީ
ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު: ފޮޓޯ: ގެޓީ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް އައިރު ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ހުރީ ރައީސް ނަޝީދު އެވެ. އެމްޑީޕީގެ ވަރުގަދަ ހަރަކާތްތަކާއިއެކު ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ކުރުމާއި ދާދި ގާތައް ވެސް ދެވުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމާއި ދެން އުފެދުނު ހާޖާނުގަނޑާއި ދެވަނަ ފަހަރަށް ބޭއްވި ފުރަތަމަ ބުރަށްފަހު ދެވަނަ ބުރަށް ވަޑައިގެންނެވީ ރައީސް ނަޝީދާ ރައީސް ޔާމީން އެވެ.

އޭރު ޔާމީން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް ބޭފުޅެއް ނޫނެވެ. ވެރިކަމުގެ ކޮއިލުގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާ، ރައްޔިތުންނާއި ވަރަށް ބީރައްޓެހި ބޭފުޅެކެވެ. ޔާމީން އާއި ދެކޮޅަށް ވަރުގަދަ އަށް އެންޓި ކެމްޕޭން ކުރަމުން ގެންދިޔައެވެ. ދޮގާއި، އޮޅުވާލުން ހިމަނައިގެން ވެސް ދައްކަން ލައްކަ ވާހަކަ ހުއްޓެވެ.

ނަމަވެސް ރައީސް ނަޝީދު އާއި ދެކޮޅަށް ދައްކަން މާގިނަ ވާހަކަ ހުއްޓެވެ. އިސްލާމްދީނާއި ބީރައްޓެހި ބައެއް ވާހަކަތައް ނަޝީދު އާއްމުކޮށް ދެއްކެވުމާއި، އަދިވެރިކަމުގައި ހުންނަވައިގެން ގާނޫނަކަށް ގަވައިދަކަށް ބެލުމެއްނެތި ޗާޓުން ބޭރުގައި ކުރެއްވި ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ބޭނުންވީ ނަޝީދު ނޫން ގޮތެކެވެ. އެގޮތަކަށް އެދުވަހު ފެންނަން ހުރީ ޔާމީން އެވެ. އެހެންކަމުން ނަސީބު ނަމްބަރު ދިމާވެގެން ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވީއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް އައިއިރު ވެރިކަމަށް ކުރިމަތިލަފާނެހެން ހީވާ ހުރިހާ ބޭފުޅުން ތިބީ ގާނޫނީ ބަންދެއްގައެވެ. އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރެއް މިނިވަންކަމާއިއެކު ސިޔާސީ ހަރަކާތް ހިންގޭ ހާލަތެއްގައި ނެތެވެ. އެހިސާބުން ދެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

ރައީސް ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގައި އިންނަވާތާ 25 އަހަރު ވާން ކައިރިވެފައިވުމާއި، މާމޮޅަށް ކަންކަމުގައި މަޝްވަރާ ކުރައްވާ ހައްލު ހޯއްދަވާ ބޭފުޅެއް ކަމަށް ބުނުން ފިޔަވައި އިބޫ އާއި ގުޅޭ ގޮތުން ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ތައުލީމީ ފާސްތަކެއް އޮތް ބޭފުޅެއް ނޫނެވެ. ދުވަހަކު ވެސް ހިންގުމުގެ ދާއިރާގައި އުޅުއްވި ބޭފުޅެއް ނޫނެވެ. ދައުލަތުގެ ޒިންމާދާރު މަގާމެއް އަދާކޮށް، ޒިންމާއެއް އަދާކޮށްފައި އޮތް ބޭފުޅެއް ނޫނެވެ.

ނަމަވެސް ޔާމީން ނޫން ގޮތެއް ހޯދަން އެދުވަހު ދިވެހި ރައްޔިތުންގެ މެޖޯރިޓީ ރައްޔިތުން ވޯޓް ދިނީ އިބޫ އަށެވެ. ވެރިކަން ހޯދަން މާގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް ނަސީބުގެ އެހީގައި ވެރިކަމަށް ވަޑައިގަތީއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިއިރު އިދިކޮޅު ލީޑަރަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެން ދިޔައީއެވެ. ދެން ޔާމީނާއި ގާތައް ވެސް އާއްމުންގެ މަގުބޫލްކަން އޮތް ބޭފުޅަކު އިދިކޮޅުގައި ނެތެވެ. ޔާމީނަށް ވާދަނުކުރެވޭނެކަން ޕީޕީއެމް އާއި ޕީއެންސީ އިން ގަބޫލުކުރިއިރު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާން ވަގުތު ކުޑަތަން ވެއްޖެއެވެ. ޕާޓީގެ އާއްމު މެންބަރުންގެ އަދަދަށް ބަލާއިރު ވަރަށް މަދު އަދަދެއްގެ މެންބަރުން ތިއްބަވާ ސެނެޓުން ކުޑަ ތަފާތަކުން މުއިއްޒު ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިގެން އިންތިހާބުގައި ވާދަކުރެއްވީއެވެ.

އާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ފުރަތަމަ ބުރުން އެއްވަނަ ހޯއްދަވާ، ދެވަނަ ބުރު ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީއެވެ. މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅަށް ބަލާއިރު ވެސް ވެރިކަން ހޯއްދަވަން ދުރާލާ ކުރެއްވި މަސައްކަތްޕުޅެއް ފެންނާކަށް ނެތެވެ. ނަސީބު ނަމްބަރުން ދިމާވެގެން މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީއެވެ.

މިއިން ކޮންމެ ބޭފުޅަކު ވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ގިނަ ވައުދުތަކެއްވެ ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވެވިއެވެ. ރެޔާއި ދުވާލު ރައްޔިތުން ކައިރިއަށް ވަޑައިގެން ރައްޔިތުންގެ އިހްސާސްތައް އަޑުއައްސަވާ އެކަންކަމުގެ ހައްލު ރައްޔިތުންނަށް ހުށަހެޅުއްވިއެވެ. ނަމަވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ތަފާތު ގޮތަކަށް ވެރިކަން ލިބުމުގައި އެންމެ ބޮޑު އެއް ހިއްސާދާރަކަށްވީ ނަސީބެވެ. ގުދުރަތުގެ ނިޔާއެވެ. ވެރިކަން ދެއްވާނީ ﷲ ސުބުހާނަހޫ ވަތަޢާލާ މިންވަރު ކުރައްވާ މީހަކަށެވެ. ވެރިކަމަކީ އެކަލާނގެ ހަޟްރަތުން ލިބޭ ނިއުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުއިއްޒު ކުރިއަށް

    ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް. ރަނގަޅު ނަސީބާއި ދެރަ ނަސީބުވެސް މިންވަރުކުރައްވާނީ ހަމަ އެފަރާތް

    130
    0
    • Anonymous

      ކޮންމެކަމަކަށް މުސްލިމުންނަށް އޮތްގޮތް ﷲ ވަނީ ބަޔާންކޮށްދެއްވާފަ. އެއީ ކޮންމެ ޙާލަތެއްގައިވެސް ﷲށް ޝުކުރުވެރިވުން. ކެތްތެރިވުން

      36
  2. ފާކިތު

    މިހާތަނަށް ރައްޔިތުންނަށް ފައިދާވާގޮތަށް ވެރިކަމެއް ކުރީ އިބޫ. މުއިއްޒުވެސް ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން. މަގުމތީ ސަލާން ޖަހަން އުޅެ ނިކަމެތިންނަށް އެނޫން ގޮތެއް ހޯދައިދޭނެ ކަމަށް އުއްމީދުކުރަން. މިމީހުންނަކީ އެއްވެސް ވެރިޔަކަށް ނުފެނިފަ ތިބި ބައެއް.

    7
    32
    • ކުރިން ޗުއްޕު މިހާރު. . .

      ނާގާބިލު، ކޮރަޕްޝަންބޮޑު، ޚުދުމުޚުތާރު ވެރިކަމެއް ކުރުމުގެ ރެކޯ އިބޫ އަކީ... ވަޢުދު ނުފުއްދާ... ކޮރަޕްޝަން އިންތިހާ... ރޭޕް ކުރި މީހުންނަށް އަދަބެއް ނުދެވުނު... ދީނަށް ފުރައްސާރަކުރި މީހުންނަށް މަތީ މަގާމުތައް...

      28
      8
  3. ސަރަފަކައްދަ

    ވެރިކަން ލިބުމުން ގިނަ ފަހަރު ވަނީ ތިމާގެ ފެންވަރު އޮލި އެހެން މީހުންނަކީ ( އެބަހީ ރައްޔިތުންނަކީ ) އެއްވެސް ބަޔަކަށް ނުވެ ތިމާ އަށް ފެންނަ ގޮތަކަށް ވެރިކަން ކުރަމުން ދިއުމެވެ. ނަތީޖާ އަކަށް ވަނީ 2 ދައުރު ހަމަ ނުކޮއް ވެރިކަމުން ދުރަށް ދާންޖެހުމެވެ. މިހާރުވެސް އެ ކޮލުމަތި ފެންނަހެން އެބަ ހީވެއެވެ. ވ ވެދުން.

    11
    7
  4. ޔިރިދޮންދީދީ

    މިތަނުގަ ޢުމަރުގެފާނު ގެ ބަސްފުޅެއް ލިޔެލާނަމެވެ.
    ޢުމަރު ގެފާނު ވިދާޅުވެފައި ވަނީ ވެރިކަމަށް އެދުމަށް މަސައްކަތް ނުކުރުމަށެވެ.
    ހަޤީގަތަކީ ވެރިކަމަށް އަންނަ ގިނަ ބޭފުޅުންނަށް ވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގުމެވެ.
    ވެރިކަމަށް އައުމަށް ފަހު ނިކަމެތި ރައްޔިތުންމަތިން ހަނދާންނެތޭ ކަމެވެ.ދައުލަތު އެކި މަޤާމުތަކުގައި ތިބޭމީހުން ކުރަމުންދާ ނޭދޭވޭ ޢަމަލުތަކަށް ފިޔަވަޅު ނޭޅުމެވެ.ނަތީޖާ އަކީ މުޖުތަމަޢުގައި ހަމަނުޖެހުން ތައް އުފެދުމެވެ.

    24
  5. އަހަރެން

    ވެރިކަމަކީ ނަސީބަކާ އަދި ކަތީބަކާވެސް ގުޅުމެއްވާ ކަމެއް ނޫނެވެ. ﷲ އިރާދަކުރައްވާ އަޅަކަށް ދެއްވައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅެއްގެ ކިބައިން އެކަން ނަންގަވައެވެ.
    އަހަރެން ބުނާނީ ވެރިކަމަކީ ނިޢުމަތަކަށްވުރެ ބޮޑު އިމްތިހާނެކެވެ. ދުނިޔޭގައި ބޮޑުވެގެންވާ މަސްއޫލިއްޔާތެކެވެ. އާޚިރަތުގައި ނުހަނު ބަރުވެގެންވާ ބިރުވެރިކަމެކެވެ.

    29
  6. ހަސަން

    ނަސީބު ރަނގަޅުވެގެން ވެރިކަންކުރި މީހާއަށްވެސް ގިޔާމަތްދުވަހު ހާދަ ސުވާލުތަށް ގިނަވާނެޔޭ!

    31
    0
  7. އިންތިޚާބު ބާތިލުކުރި ބަތާޙަރާމީ

    ރައީސް ޔާމީންގެ ވެރިކަމަކީ ވޯޓުން ނުވީމާ ކޯޓުން ހޯއްދެވި ވެރިކަމެއް ނޫންތޯ