މ. އާސްތާނާ އަބްދުއް ޝަކޫރު އަލީ އާއި ފާތުމަތު މަނިކެގެ ހަ ކުދިންގެ ތެރެއިން ހަތަރު ވަނަ ދަރިފުޅު، އައިޝަތު އާޒިމާ ޝަކޫރު 55، އެންމެ ފުރަތަމަ ތައުލީމް ހާސިލް ކުރެއްވުމަށް ވަޑައިގަތީ މޮންޓެސޭރީ ނުވަތަ މިހާރުގެ ނަމުން ނަމަ، އިސްކަންދަރު ސްކޫލްގައެވެ. އެއަށް ފަހުން ކިންޑަގާޑަން އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލް ކުރެއްވީ އަމީނިއްޔާ ސްކޫލްގައެވެ. ސައިންސުން އޯލޭވެލް ހެއްދެވި އިރު، އޭލެވެލް ހެއްދެވީ އާޓްސް އިންނެވެ.

ސްކޫލް ދުވަސްވަރު، އާޒިމާ ހަނދާނުން ނުފިލާ ދެތިން ކަމެއް އެބައޮތެވެ. އެއް ކަމެއްގެ ގޮތުގައި އާޒިމާ ފާހަގަ ކުރަނީ އޭނާއަކީ ސްކޫލަށް ދާން ގަޑި ޖެހިދާނެތީ ކަންބޮޑުވާ ބޭފުޅެއް ކަމެވެ. ސްކޫލަށް ދާން ޖެހޭ ގަޑި ޖެހެން ބައިގަޑިއިރަށް ވާ އިރަށް ރޯން ފަށާ ގޮތަށް ސްކޫލަށް ދެވެން ދެން ހުއްޓާ ނުލައެވެ.

"ރޮއެގެން ގިނަ ދުވަސް ދުވަހު ސްކޫލަށް ދާނީ، ސްކޫލާ ދޭތެރޭގައި ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރޭ،" މަދަރުސީ ހަޔާތުގެ ހަނދާންތައް އާ ކުރައްވައި އާޒިމާ ވިދާޅުވިއެވެ.

އާޒިމާ މެދުގައި.

ސްކޫލްގައި އޭނާ ބައިވެރިނުވާ ހަރަކާތެއް ނެތެވެ. ހުރިހާ ކުޅިވަރެއް ހެން ކުޅުއްވައެވެ. ނެޓްބޯޅައަކީ ހާއްސަ ލޯތްބެއް ޖެހިވަޑައިގެން ކުޅުއްވި ކުޅިވަރެކެވެ. ބެޑްމިންޓަން ކުޅުއްވުމަށް ވެސް ޝައުގުވެރިކަން ހުންނަވައެވެ. ގައިޑްގައި އާއި ބަހުސް މުބާރާތްތައް ފަދަ ކަރިކިއުލަމްގައި ހިމެނޭ ހުރިހާ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތެވެ. އާޒިމާ އޭރު ފާހަގަ ކުރައްވާ ގޮތުގައި މުޅި "ދުވަސް އޭރުގައި އޮންނާނީ މަޖަލުގެ" ތެރޭގައެވެ.

އާޒިމާ 1995 ވަނަ އަހަރު އަމީނިއްޔާ ސްކޫލްގައި ތައުލީމް ހާސިލް ކުރައްވައި ނިންމެވި އިރު، އެ އަހަރު ބެސްޓް އޯލް ރައުންޑް ސްޓޫޑަންޓްކަން ލިބިވަޑައިގަތެވެ. ސްކޫލް ނިމުމާ އެކު، އޭނާގެ ބައްޕަ ބޭނުންވީ ކިޔަވަން ސިލޯނަށް ފޮނުވުމަށެވެ. އާޒިމާ ފާހަގަ ކުރައްވާ ގޮތުގައި އެއީ ވަރަށް ދަތިކޮށް އުޅުއްވަމުން ވެސް ބައްޕަ ކޮށްދެއްވި ކަމެކެވެ. އާޓްސް ސްޓްރީމުން ދޮޅު އަހަރުގެ ކޯހެއް ފުރިހަމަ ކުރެއްވި ނަމަވެސް އޭނާ ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާއަކީ މެޑިސިންއެވެ.

އާޒިމާ އަދި އޭނާގެ ބައްޕަ.

"އަޅުގަނޑުގެ މިއަދުގެ ވެސް ފަސްޓް ޗޮއިސް އޮފް ޕްރޮފެޝަންއަކަށް ވާނީ މެޑިސިން. އެކަމަކު، އޭރުގައި އެ ފުރުސަތު ނުލިބުނީ. އެކަމަކު ރިގްރެޓެއް ނުކުރަން ﷲ ގެ ރަހްމަތްފުޅުން ވަރަށް ރަނގަޅު ކެރިއާއެއް ބިލްޑް ކުރެވުނީ. ކެރިއާގެ ކާމިޔާބީތައް ވަރަށް މަތީގައި." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ އޯލެވެލް އާއި އޭލެވެލް ނިންމުމުގެ ދޭތެރޭގައި ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާއެވެ. އޭލެވެލް އަށް ފަހު އަދި ސިލޯންގައި ކިޔަވާ ވިދާޅުވުމަށް ފަހު، އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ އެންވަޔަރަމަންޓް މިނިސްޓްރީގައެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި އޭރުގައި ވެރިންނަށް ތިއްބެވީ އިސްމާއިލް ޝަފީއު އާއި ހުސެއިން ޝިހާބެވެ. އާޒިމާގެ ކެރިއަރު ބައްޓަން ކުރެއްވުމުގައި އެންމެ ބޮޑު އެހީއެއް ވެވަޑައިގަތީ އެ ބޭފުޅުންނެވެ.

"އޭރު ހަދަން ބޭނުންވީ އެންވަޔަރަމަންޓަލް ލޯ. ފަސްޓް ޑިގްރީ ހެދި އިރު، އެންވަޔަރަމަންޓަލް ލޯ އަށް ފޯކަސް ކުރެވުނު. ނިންމާފައި އައިސް ވެސް މަސައްކަތް ކުރީ ޕްލޭނިންގެ އެންވަޔަރަމަންޓްގައި." އުމުރުން 17 އަހަރުން ފެށިގެން ދިވެހި ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ ލާނެތް ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ!

ސްކޫލްގެ ހަނދާންތައް އާ ކުރައްވައި އާޒިމާ އަބަދުވެސް ވިދާޅުވާ އެއް ވާހަކައެއް އޮވެއެވެ. އެއީ އޭނާއަކީ ސްކޫލްގައި އުޅުއްވި އިރު، ލާނެތް ކުއްޖެއް ކަމެވެ. އެކަމަކު، އެ ލާނަތް ކަމުގައި ވެސް ސްކޫލްގައި ބޭއްވި ބޮޑެތި މުބާރާތްތަކުން ވަނަތައް ހޯއްދެވިއެވެ. ވާހަކަ ދެއްކުމުގެ މުބާރާތުން ވެސް އެއްވަނަ ހޯއްދެވިއެވެ. ގުރުއާން މުބާރާތުގައި ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ކޮންމެ އަހަރަކު ހެން އެނުއަލް ޕްރައިޒް ލިބިވަޑައިގަތެވެ. ޑަބަލް ޕްރޮމޯޝަން ދެ ފަހަރަށް ލިބިވަޑައިގަތެވެ. މި ހުރިހާ ކަމަކާ އެކީގައި ވެސް އަމީނިއްޔާގައި ހުންނަ އަނބު ގަހުން އަނބު ބިނުމާއި މިކަހަލަ ކަންކަމުގެ ހަނދާންތައް އާ ކުރެއްވިއެވެ. ސްކޫލްގައި އުޅުއްވި އިރު، އެކި ކަހަލަ އަދަބުތައް ވެސް ލިބިވަޑައިގެންނެވިއެވެ. މިއަދުގެ ދަރިވަރުން އެކަން ނަގައިގެންފާނެތީ އެކަމުގެ ތަފްސީލަކަށް ދާން އާޒިމާ ބޭނުން ނުވިއެވެ.

އެކަމަކު އާޒިމާ ފާހަގަ ކުރައްވާ އެއް ކަމެއް އޮވެއެވެ. ސްކޫލްގައި ޖަލްސާއެއް ނޫނީ އެ ނޫން ވެސް ކަމެއް އޮވެއްޖެ ނަމަ، އޭރުގައި އެ ތަނެއް ތައްޔާރު ކުރާނީ ދަރިވަރުންނެވެ. އޭރުގައި ތައުލީމް ހާސިލް ކުރެއްވި އިރު، ދިރިއުޅުމެއް ފަށައިގަތުމަށް މާ ބޮޑަށް ތައްޔާރުވުމަށް ފުރުސަތު ލިބިވަޑައިގަތް ކަމަށް ވިދާޅުވިއެވެ. ސްކޫލް ދުވަސްވަރުގައި ކިތައް ކުދިންނާ ރައްޓެހިވިންތޯ ސުވާލު ކުރުމުން ސީދާ އަދަދު ފާހަގަ ނުކުރައްވާ އާޒިމާ ވިދާޅުވީ ލިސްޓު ވަރަށް ދިގު ކަމަށެވެ.

މާލޭގެ މޭޔަރަކަށް ކުރިމަތިލައްވާފައިވާ އާޒިމާ "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"ހަނދާނެއް ވެސް ނެތް މިހާރު، އެ ރިކޯޑެއް ނުބަލަހައްޓަން. ވަރަށް ލާނެތް ވިސްނުން ހުރޭ. އަޅުގަނޑު ރައްޓެހިވި ކުއްޖެއް ކައިރީ ކުރީ ދުވަހު ބުނިން، އެއީ އަޅުގަނޑު އެންމެ ފުރަތަމަ ރައްޓެހިވި ކުއްޖާ، އެކުއްޖާ ކައިރީ ބުނިން މިހާރު ހާދަ އުފާވެއޭ ކަލެއާ ނީނދެވުނީމަ ކަލޭ ވަރަށް ތަލައޭ. ރީއްޗެއް ނޫނޭ. އެކަހަލަ ކިތަންމެ ލިސްޓެއް ހުންނާނެ." ޒަވާޖީ ހަޔާތެއް ފެއްޓެވުމުގެ ކުރިން ކިތައް ކުދިންނާ ރައްޓެހިވިންތޯ ސުވާލު ކުރުމުން އާޒިމާ ވިދާޅުވިއެވެ.

"ހަމަ އިންސާނެއްތާ ދެއްތޯ؟ އަނެއްކާ ކުޑައިރުން ބޮޑުވެފައި ހުންނާނީ ލާނެތް ކިތަންމެ ކަމެއް ކޮށްގެންނު. އެހެންވީމަ އެ ލިސްޓު ވަރަށް ދިގު. އެކަމަކު، ވަރަށް ފަހުން ބުނިން ނީންކަން ނަސީބެކޭ. ބޮޑު ތަލައެއް ލާފައޭ ތިހުރީ."

އާޒިމާ ވަނީ މިހާތަނަށް އައިއިރު ތިން ކައިވެންޏެއް ކުރައްވައިފައެވެ. އޭނާ އަށް ލިބިވަޑައިގެންފައި ވަނީ އެންމެ ކުއްޖެކެވެ. އާޒިމާ ފާހަގަ ކުރައްވާ ގޮތުގައި އޭނާގެ ހަޔާތުގައި އެނގިވަޑައިނުގަންނަވާ ކަމަކީ ހަޔާތުގެ ބައިވެރިއެއް ހޯދުމެވެ. އެއީ މިހާތަނަށް އައިއިރު ދަސް ނުވި، ދަސް ކުރަން ޖެހޭ ފަންނެއް ކަމަށް ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި ދަރިފުޅުގެ ބައްޕައާ ވަކިވާން ޖެހުމަކީ އޭނާ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ. އަދި ދެބޭފުޅުން ވަކިވެވަޑައިގަތުމަށް ވުރެ ބޮޑަށް ކުއްޖަކު ހުއްޓައި ވަކިވެވަޑައިގަންނަވަން ޖެހުމަކީ ވަރަށް ދެރަވެ، ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައްޕަ އާއި މަންމަ ނެތީމަ ވަރަށް އުނދަގޫވޭ!

އާޒިމާ އަށް މިއަދު ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތާމައަކީ އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި ނެތުމެވެ. އެއީ ވަރަށް އުނދަގޫ ހަނދާންތަކެކެވެ. ހާއްސަކޮށް އޭނާގެ ކެރިއާ އަށް ހާއްސަ ކަމެއް ބެލެހެއްޓެވި ބައްޕައަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހީތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. ހުރިހާ ކުދިންނަކީ ވެސް ކިޔަވައިގެން ތިބި، އެ ދާއިރާއަކުން ފާހަގަ ކުރެއްވޭ ކުދިންނަށް ވާން ބައްޕަ ބޭނުންވެއެވެ.

އާޒިމާ ފުރަތަމަ ފުރަތަމަ ލޯ ކިޔަވައި ވިދާޅުވުމަށް ފަހު، ރާއްޖެ ވަޑައިގަތުމުން ބައްޕަ ބޭނުންވީ އޭނާ ރައްޔިތުންގެ މަޖިލިހަށް ވާދަކުރެއްވުމަށެވެ. އެކަމަކު، އެއީ އޭނާ ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާއަކަށް ނުވާތީ، އެކަމާ ދެކޮޅު ހެއްދެވި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އޭގެ ފަހުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ މާފަންނު އަވަށު އޮފީހުގެ އެހީތެރިޔާ ކަމަށް ހަމަޖައްސައިފައެވެ. އަދި ފަހުން ރައްޔިތުންގެ މަޖިލިހުގެ ހާއްސަ މަޖިލިހުގައި ރައީސްގެ ހާއްސަ މެމްބަރެއްގެ ގޮތުގައި ވެސް އާޒިމާ ހަމަޖެއްސިއެވެ.

"އޭރު ބައްޕަ ބުނީ ބައްޕަ ހާދަ އުންމީދު ކުރި ކަމެކޭ މިއީ. އެ ދުވަހުން ފެށިގެން ސިޔާސީ މައިދާނަށް ނުކުތީ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އޭނާގެ މަންމަ އާއި ބައްޕައަކީ މުޅި ދިރިއުޅުން ބައްޓަން ކުރި ދެ ބޭފުޅުންނެވެ.

އާޒިމާގެ ކެމްޕެއިން ސައިކަލު ބުރުގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"އަޅުގަނޑުގެ ނިޔަފަތި ދިގުވެފައި ހުއްޓަސް، ވަޒީރުކަމުގައި ހުއްޓަސް މަންމަ ރުޅި އަންނާނެ. ބުނާނެ ނިޔަފަތި ނުކަނޑައޭ ތި ދަނީ އޮފީހަށް، ނިޔަފަތި ނުކަނޑާ ނުދެވޭނެއޭ. ދެން އެ ދުވަހު ނިޔަފަތި ކަނޑައިގެން ދަނީ." މަންމަ އާއި ބައްޕަ ވެސް ނަމާދު ކުރެއްވުމަށް ބާރު އަޅުއްވާކަން ފާހަގަ ކުރައްވައި ވިދާޅުވިއެވެ.

"އެހެންވީމަ އެ ޑިސިޕްލިންތަކެއް ފެމިލީގައި އޮވޭ."

އެންމެ އަދާކުރާ ހިތުން އަދާކުރެވުނީ ޖެންޑާ މިނިސްޓަރުކަން!

މީގެކުރިން މާޒީ އަށް ބަލާއިރު، ޖެންޑާ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް އަދާކުރައްވަން ޖެހޭ ޒިންމާ ފަސޭހައެއް ނޫނެވެ. ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެ ނޫން ވެސް މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ރުޅި އަމާޒުވެފައި އޮންނަނީ މިނިސްޓްރީތަކުގައި ތިއްބަވާ ވެރިންނަށެވެ. އެ މައްސަލަތައް ހައްލު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާއެވެ.

ނަމަވެސް އާޒިމާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރު ކަަން ކުރެއްވި އިރު، އެއީ އޭނާ ދަންނަވައިގެން މަސައްކަތް ކުރެއްވި މިނިސްޓްރީއެކެވެ. ބަންޑާރަ ނައިބަކަށް ހުންނަވާފައި ޖެންޑާ މިނިސްޓަރަކަށް ވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަތުމުން އެކަމާ ރައީސް ވަހީދާއި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވެސް ހިތްހަމަޖެހިވަޑައިނުގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް އަދާކުރާ ހިތުން ކުރި ކަމެއް އެއީ. ނުވެސް ނިދޭނެ. އަނިޔާ ލިބޭ ކުދިންނާ ކުޑަކުދިންގެ ހިޔާ އާއި ގުރައިދޫ މަރުކަޒާ މި ތަންތަނުގެ ވާހަކަ އިވި މަސައްކަތް ކުރަންވީމަ ނުވެސް ނިދޭ. އެކަމަކު، އަޅުގަނޑު އަދާކުރާ ހިތުން އަޅުގަނޑު ދަންނަވައިގެން ބަދަލު ކުރި ވުޒާރާއެއް އެއީ." އާޒިމާ ވިދާޅުވިއެވެ.

"މިއަދު ވެސް އުނދަގޫވޭ އެ ކުދިން އުޅޭ ހާލުން. އެހެންވީމަ އަޅުގަނޑު އެންމެ އަދާކުރަން ބޭނުންވި ވަޒީފާ އަދާ ކުރާ ހިތުން ފަސޭހައެއް ނޫން."

ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި އާޒިމާގެ ކެމްޕެއިން ބައްދަލުވުން -- ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

ގާނޫނުއަސާސީ ތަސްދީގު ކުރުން، ޖީއެމްއާރު، ޔާމީން ހައްޔަރު ކުރުން!

އާޒިމާގެ ހަޔާތުގައި އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރޭގައި ވަކީލަކަށް މަސައްކަތް ކުރެއްވި އިރުގައި ހޯއްދެވި ކާމިޔާބީ ހިމެނިވަޑައިގަންނަވައެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ގާނޫނުއަސާސީ ތަސްދީގު ކުރުމުގެ މަރުހަލާއެވެ. އެއީ ފަސޭހަ މަރުހަލާއެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން ގާނޫނުއަސާސީގައި ހުރި މައްސަލަތައް ނަގައި އެ މައްސަލަތައް ހައްލު ކުރަން އުނދަގޫވި ކަމުގައި އާޒިމާ ވިދާޅުވިއެވެ. އުމުރުން އެހާ ހަގުވެފައި، ކެބިނެޓަށް އާ ވެފައި، 1،000 އެތައް ގާނޫނަކާއި ގަވައިދެއް އިސްލާހު ކުރަން ޖެހިވަޑައިގެންނެވި އިރު، އެ ޒިންމާ ނަންގަވަން ހުންނެވި ބޭފުޅަކަށްވީ އާޒިމާއެވެ.

"އެއީ ވަރަށް އުނދަގޫވި ބޮޑު މަސައްކަތެއް." އާޒިމާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރު އަތުން ހޯދުމަށް ކުރި މަސައްކަތަކީ އާޒިމާގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު ބަންދު އިބްރާހިމް ސަލީމް ހިމެނިވަޑައިގަންނަވާ ގޮތަށް ހާއްސަ ކޮމިޓީއަކުން އެ މައްސަލަ ދިރާސާ ކުރިއެވެ. އެ މައްސަލަ ދިރާސާ ކުރިއިރު، އެއާޕޯޓު 25 އަހަރަށް ޖީއެމްއާރަށް ދީފައި އޮވެއްޖެ ނަމަ، އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވާނެ ކަމަށް އެ ކޮމިޓީއަށް ގަބޫލު ކުރެވުނެވެ. އަނެއްކޮޅުން ރާއްޖޭގެ މައި ދޮރާށި ބޭރުގެ އަތް ބައެއްގެ އަތުގައި އޮތުމަކީ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވުނެވެ.

ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި އާޒިމާގެ ކެމްޕެއިން ބައްދަލުވުން-- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާއިމު ކުރި މި އެއްބަސްވުމުގެ ދަށުން އާޒިމާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ތަރައްގީ އަށް ކުރެވޭނެ ކަމެއް ނެތެވެ. އެއާޕޯޓަށް ތަރައްގީ އަންނަ ކަމަށް ވާނީ ރަންވޭ އަޅައި ބޮޑެތި ފްލައިޓުތައް ޖެއްސޭ ފެންވަރަށް ހެދީމައެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް އެގްރީމަންޓްގައި ނެތް ކަމަށް އާޒިމާ ވިދާޅުވިއެވެ. އެއާ އެކީގައި ފަތުރުވެރިން ރާއްޖެ އައުމަށް އަސަރު ކުރި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"ޕާކިން ފީ އެއްޗެހި އަގު ބޮޑުކޮށްލީމަ ފްލައިޓުތައް ޑައިވާޓްކުރަނީ ލަންކާ އަށް ނޫނީ އިންޑިއާ އަށް ތެޔޮ އަގުބޮޑުކޮށްލީމަ ޑައިވާޓްކޮށްލަނީ އެހެން ދިމަ ދިމާލަށް. އެހެންވީމަ އެކަހަލަ ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހުނު 275 މިލިއަން ޑޮލަރަކީ އެއްވެސް އެއްޗެއް ނޫން މިއަދު އެއާޕޯޓަށް ލިބޭ ފައިދާއަށް ބަލާފައި." އެއާޕޯޓު އެއްބަސްވުން އުވާލުމަށް އެއާޕޯޓު ޓާމިނޭޝަންގެ ގާނޫނީ ލިއުމުގައި އޭނާ ސޮއި ކުރެއްވިކަން ފާހަގަ ކުރައްވައި އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ދެން ފާހަގަ ކުރެއްވި އަނެއް މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމެވެ. ޔާމީން ހައްޔަރުކޮށްގެން އާރަށް ގެންދިޔަ ރޭ "ފަހަތުން" ވަޑައިގަތް އެއް ބޭފުޅަކީ ވެސް އާޒިމާއެވެ. ޔާމީންގެ ހައްގުގައި އެ ދުވަހު ނަންގަވަން ޖެހިވަޑައިގަތީ އޭނާގެ އަމިއްލަ ނިންމެވުންތަކެކެވެ. އެއީ ޔާމީންއާ އޭރުގައި އެއްވެސް ވަރަކަށް ބައްދަލުވާ ގޮތެއް ނުވުމުންނެވެ.

"އެވަރުގެ ސިޔާސީ ބޭފުޅެއްގެ ހައްގުގައި އަމިއްލަ އަށް ޑިޒިޝަން ނަގަން ޖެހުމަކީ ހަނދާން ހުންނަ ކަމެއް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ މާލޭގެ މޭޔަރަކަށް، ބޮޑު ޓީމެއް އެކުގައި!

މާލޭގެ މޭޔަރަކު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާދަމާ ނަގާ ވޯޓުގައި އެންމެ ވަރުގަދަ އެއް ކެމްޕެއިނެއް ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ އާޒިމާއެވެ. އާޒިމާގެ ފަހަތުގައި އޮތީ އާދައިގެ ޓީމެއް ނޫނެވެ. ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުން ތިއްބެވީ އެކަމަނާގެ ފަހަތުގައެވެ. އާޒިމާ އާ އެކުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރައްވައެވެ.

މިއީ އާޒިމާގެ ކެމްޕެއިންގައި އެކަމަނާ އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރެވެ!

ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި އާޒިމާގެ ކެމްޕެއިން ބައްދަލުވުން-- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހު

އާޒިމާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަަކީ އެކަމަނާއާ އެކީގައި ދެ ފަހަރަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހަތަރު ރައީސުންނާ އެކީގައި މަސައްކަތް ކުރެއްވުނު އިރުގައި، ރައީސް މުއިއްޒު ފިޔަވައި މިވަރުގެ ކޮމިޓްމަންޓެއް ދެއްވި ބޭފުޅެއް ނެތް ކަމުގައި އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި އެހެން ރައީސުންނާ، ރައީސް މުއިއްޒު ތަފާތުވާ ކަމަކީ އަމިއްލަފުޅަށް ވެސް ގޭގެއަށް ވަޑައިގެން ކެމްޕެއިން ތެރޭގައި ލީޑް ކުރައްވާ ތަނެވެ. ނައިބު ރައީސް ނެތް ހާލަތެއްގައި ފެނިގެން މިދަނީ ނައިބު ރައީސުންނާއި ވަޒީރުން ވެސް ދޮރުން ދޮރަށް ހިންގަވާ ތަން ކަމުގައި އާޒިމާ ވިދާޅުވިއެވެ.

"މި ލެވެލްގެ ކޮމިޓްމަންޓް ސަރުކާރަކުން ވަރަށް ނުފެންނާނެ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެބޭފުޅުން އެކަމަނާ އަށް ކުރެއްވި އިތުބާރު އަބަދު ވެސް ދަންނާނެ ކަމަށެވެ. އަދި މޭޔަރު ކަމަށް ވަޑައިގެންފި ނަމަ، ސަރުކާރުގެ ވެރިން މާޔޫސްވެވަޑައިގަންނަވާ ކަމެއް ނުކުރައްވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. ރައީސްގެ ވިޝަން ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރައްވަން ބޭނުންވާ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މި ނޫން އެހެން

  2. Anonymous

    މިނޫން އެހެން މީހަކު މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލި ނަމަ މަ ވޯޓްދިނީސް.