ރާއްޖޭގެ ތިންބައިކޮޅަ އެއްބައިގެ ރައްޔިތުން ތަމްސީލު ކުރާ މާލެ ސިޓީ ކައުންސިލަކީ ގައުމުގެ ކުރިމަގަށާއި، އިޖްތިމާއީ ދުޅަހެޔޮ ކަމަށް މުހިންމު ދައުރެއް އަދާކުރާކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ އިދާރާއެކެވެ. ނަމަވެސް 2008 ވަނަ އަހަރު ޑިމޮކްރެސީ ތައާރަފްވުމާއެކު އައި ސިޔާސީ ހިޔާލުތަފާތުވުންތަކުން ގިނަ މައްސަލަތައް އުފަންކުރުވިއެވެ.

އިދާރާތަކާއި މަތިކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ފިއްތުންތައް ކުރިމަތިކުރުވިއެވެ. އެ ހުރަސްތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަރައްޤީއާއި ތަހުޒީބުގެ ދުވެލި މަޑުޖެހުމެވެ.

މިކަން މެދުވެރިކުރުވި ސަބަބުތަކަށް ނަޒަރު ހިންގާލާއިރު، އެންމެނަށް ވެސް އެނގޭ ބޮޑު ހަޤީގަތެއް އޮވެއެވެ. އެއީ ރައްޔިތުން ވޯޓު ދީގެން އިންތިޚާބު ކުރާ ޚާދިމަށް ކުރިމަތިކުރުވާ މަޖުބޫރީ ހާލަތެވެ. އެ މަންދޫބެއް ނިސްބަތްވާ ޕާޓީގެ ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރުމަށް ގެންގުޅޭ އެޖެންޑާއެއް ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ ނާތަހުޒީބު އަމަލުތަކެވެ. މުޖްތަމަޢުގެ އަސްލު މައްސަލަތަކަށް އަހައްމިއްޔަތުކަން ދިނުމެއް ނެތި ކުރެވޭ ފައިދާއެއް ނެތް މަސައްކަތްތަކެވެ. އިސްކަންދޭ ތަރުތީބު، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ރޭވުމުގެ ބަދަލުގައި ސިޔާސީ ޕާޓީގެ ވަކި ވިސްނުމެއްގެ މައްޗަށް ބިނާކޮށް އަތުރާލެވިގެން ދިއުމެވެ.

އެކަން ހާމަވެގެން ދިޔައީ މާލޭގެ މޭޔަރުކަމުގެ އިންތިހާބަށް ފޯރިއާއި އެކު ކުރަމުން ދިޔަ ކެމްޕޭންގެ ތެރެއިން ދައުލަތުގެ މީޑިއާއިން އިންތިޒާމް ކުރި މޭޔަރު ބަހުސް ގައެވެ. މާލެ ސިޓީ މޭޔަރު ކަމަށް ވާދަވެރި އިދިކޮޅު އެމްޑީޕީން ވާދަކުރާ އާދަމް އާޒިމް ދެއްކެވި ވާކަފުޅުންނެވެ. ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާއި އެމަނިކުފާނުގެ ވިސްނުމާއި އިދިކީލިއެވެ. މި ދައުރަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ "ފުށިދިއްގަރު ފަޅު/ރަސް މާލެ" ތަރައްގީކުރުމުގެ މަސައްކަތަަށް ވަރަށް ބޮޑަށް އެ ކެނޑިޑޭޓް ދެކޮޅު ހެއްދެވިއެވެ. އެއީ ދެ ޕާޓީގެ ވިސްނުމުގެ ފަލްސަފާގައި ހުރި ތަފާތުތަކެއްގެ ސަބަބުންނެވެ.

އެހެންކަމުން އެ ކެނޑިޑޭޓް ދެއްވި މެސެޖު ވަރަށް ސާފެވެ. އިސްކުރެއްވި ސްޓޭންޑްގައި ވެސް ކިލަނބުކަމެއް ނެތެވެ. އެވާހަކަތަކުން ދޭހަވީ ރައްޔިތުންގެ މަސްލަހަތަށް ވުރެ އާޒިމަށް ޕާޓީގެ ވިސްނުމުގެ ފަލްސަފާ ދެމެހެއްޓުން މުހިންމުވި ކަމެވެ. އެކަމުން އެނގިގެން ދިޔައީ ސަރުކާރުން އާޒިމް އާއި ގުޅިގެން މަސައްކަތް ކުރުމުގައި ސިޔާސީ ގޮތުން ހުރަސްތަކެއް ކުރިމަތިވާނެ ކަމެވެ. ސަރުކާރުން މާލެ ސިޓީއަށް ދެކޭ ތަސައްވުރު ހަޤީގަތަކަށް ހެދުމުގައި އިދިކޮޅު ޕާޓީއެއްގެ ކެނޑިޑޭޓާއި އެކު މަސައްކަތް ކުރަން އުނދަގޫވާނެ ކަމެވެ.

އެއާއި ޚިލާފަށް ސަރުކާރުގެ ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އާޒިމާ ޝުކޫރުގެ ވާހަކަތައް ވަރަށް ތަފާތެވެ. އެކަމަނާގެ ވާހަކަތަކުން ހާމަވެގެން ދިޔައީ ސަރުކާރާއި ގުޅިގެން، އެއް އަމާޒަކަށް ދަތުރުކުރުމަށް ތައްޔާރުވެ ހުންނެވި ކަމުގެ އުންމީދެވެ. މާލެ އިތުރަށް ތަރައްގީކޮށް، ފުރިހަމަކުރުމަށްޓަކައި ސަރުކާރުން ރާވާފައިވާ ޕްލޭންތައް ތަންފީޒު ކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަމެވެ.

އެހެންކަމުން އާޒިމާއާއި އެކު ސަރުކާރުގެ ތަސައްވުރަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރަން ފަސޭހަވާނެކަން ހަމަ ޔަގީނެވެ.

މާލެ އިތުރަށް ފުރިހަމަ ކުރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސިޔާސީ ބައިބައިވުންތަކުން އަރައިގަތުމަށް ސަމާލުކަން ދޭން ޖެހެއެވެ. މާލެ ސިޓީ ކައުންސިލަށް މިވަގުތު އޮތް ގޮންޖެހުމަކީ ތަފާތު ސިޔާސީ ފިކުރުތައް އެއްބައިވަންތަކޮށް، މާލޭގެ ފައިދާއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމެވެ.

މާލެ މޭޔަރު އިންތިހާބު ބޯމަތިވެފައިވާއިރު، ރައްޔިތުން ވިސްނާލުން މުހިންމު ކަމެއް އެބަ އޮތެވެ. މާލޭގެ މިއޮތް ބޮޑު އާބާދީގެ ދުޅަހެޔޮ ކަމަށާއި، ކުރިއެމާއި، ބިނާވެރިކަމަށް ސަރުކާރާއި އިދިކޮޅު ވިސްނުމެއްގައި އަންނަ ފަރާތަކަށް އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމާއި މެދުއެވެ. އެ ފަރަތަކާއި އެކު ސަރުކާރުގެ އަމާޒުތަކަށް ވާސިލްވުމަށް އެއްބާރުލުން ލިބޭނެ ކަމާއި މެދުއެވެ. އަދި ޕާޓީގެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ސަރުކާރުގެ ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވޭނެ ކަމާއި މެދު އެވެ.

އެހެންކަމުން ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ތަރައްގީއަށް ދެއްވި ބިޔަ ތަސްވީރުގައި ކުލަޖެއްސުމަށް ހުންނަ ފަރާތަކީ ސަރުކާރުގެ މީހަކަށް، ނުވަތަ އެއް ވިސްނުމެއްގައި އަންނަ ފަރާތަކަށް ވުމުގެ މުހިންމުކަން މިކަމުން ހާމަވެގެން ދެއެވެ. އެ ފަރާތަކީ ސަރުކާރަށް އިތުބާރު ކުރެވޭ، ނަތީޖާ ނެރެވޭނެ މާލިމީއެއް ކަމުގައިވުން މުހިންމެވެ. އެއީ ޤައުމީ މަސްލަހަތު އިސްކޮށް، ގައުމުގެ ތަރައްގީގެ ތަސައްވުރާއި ގުޅި ލާމަހިވެ، މަސައްކަތް ކުރުމަށެވެ.

އެހެންކަމުން ތިބޭފުޅުންނަށް ދޫކޮށްލަން އޮތް ސުވާލަކީ ތަފާތު ސިޔާސީ ޕާޓީއަކުން މޭޔަރުކަމުގެ ދައުރު އަދަކޮށްފިނަމަ، ގައުމީ މަސްލަހަތަށް އިސްކަން ދިނުން ދެމިގެން ދާނެތޯ؟ ނުވަތަ ޕާޓީގެ ފަލްސަފާ އިސްކުރުން މައްސަލައަކަށް ވާނެތޯ؟ މާލެ ސިޓީގެ މިސްރާބު ކަނޑައަޅާނެ މި ނިންމުން އޮތީ މާލޭ ސިޓީގެ ރައްވެހީންގެ އަތްމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސްލަހަތު

    ތިޔަ ކިޔާ މަސްލަހަތެއް ނޭނގުނަސް އެނގޭ ކަމަކީ އެމްޑީޕީގެ ސަރުކާރުގައި ގޯތިދިން ކަމާއި ގޯތިދިނީ ޑިސްކްރިމިނޭޓްކޮށްފައި ކަން. މާލޭ މުނިސިޕަލްޓީގެ ދަފުތަރުގައި ތިބި މީހުން ޤާނޫނުތަކާ ޚިލާފަށް ބާކީކުރިކަން. މިއަދު އަނެއްކާވެސް ބާކީކުރި ދަފުތަރު މީހުންނަށް ގުޅާފައި ތާއީދުކުރަންތޯ އަހަން ލަދެއް ނުގަންނަކަން. މުނިސިޕަލްޓީގެ ދަފުތަރުގައި ތިބި މީހުންނަކީ ގަމާރުން ކަމަށް ނޫނީ ގަރަހިތަ ކަމަށް ހިތައިގެން އެމްޑީޕީން އުޅޭކަން.

    11
    1
  2. ރަށްވެހި އާދަނު

    އެމްޑީޕީގެ ނާގާބިލު ކަން އިޔާދަ ނުކުރަން އެދޭ ނަމަ އާޒިމާ އަށް ވޯޓް ދީ

    2
    4