މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ރ. އަތޮޅުގެ ފައިނަލްގައި އަލިފުށި ބަލިކޮށް ދުވާފަރުން ޗެމްޕިއަންކަން ހޯދިއިރު، ހދ. އަތޮޅުގެ ފައިނަލުން ނައިވާދޫ އާއި ނޮޅިވަރަމް ޖާގަ ހޯދައިފިއެވެ.

މިއީ ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދި ތިންވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 2016 އާއި 2022 ވަނަ އަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން، ރ. އިނގުރައިދޫ އަށް މި ފަހަރުގެ މުބާރާތުގައި ކުރިމަތިވީ ނާކާމިޔާބީ އެވެ. އެ ޓީމުގެ ތަރި، އަލީ ހާފިޒް (ހާއްޕެ) އަށް އަނިޔާގެ ސަބަބުން މި ފަހަރުގެ މުބާރާތުގައި ނުކުޅެވުނެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ރ. އަތޮޅުގެ ފައިނަލްގައި ދުވާފަރުން ވަނީ 3-0 އިން އަލިފުށި ބަލިކޮށްފައެވެ. މި މެޗުގައި ދުވާފަރުގެ މުސްލިމް މުޙައްމަދު ދެ ގޯލްޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިސްމާއިލް އީސަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ރ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ދުވާފަރުގެ މުސްލިމް ހޮވުނުއިރު، ޓޮޕް ސްކޯރާ އަކީ ދުވާފަރުގެ އީސަ އެވެ.

ރޭ ކުޅުނު ހދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކަށް ބަލާއިރު، ނޮޅިވަރަމުން ވަނީ އެ އަތޮޅު ނޮޅިވަރަންފަރު އަތުން 4-1 އިން މޮޅުވެފައެވެ. މި މެޗުގައި ނޮޅިވަރަމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަމްދާން އަލީ، މުޙައްމަދު އިބްރާހިމް، ރިޝްވާން އިބްރާހިމް އާއި ސާލިމް މުޙައްމަދު އެވެ. ނޮޅިވަރަންފަރުގެ ހަމައެކަނި ލަނޑުޖަހައިދިނީ މުޙައްމަދު އަހްސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ނޮޅިވަރަމުގެ ސާލިމް އެވެ.

ހދ. އަތޮޅުގެ ދެވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، ނައިވާދޫން ވަނީ 4-1 އިން ނޭކުރެންދޫ ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޔާމިން މުޙައްމަދު (ޔާންޓެ) އާއި އަބްދުﷲ ވިސާމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.