މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ސ. ހިތަދޫ އާއި ފޭދޫ މޮޅުވިއިރު، ބ. އަތޮޅުގެ ފުރަތަމަ މެޗުން އޭދަފުށި މޮޅުވެއްޖެއެވެ.

ރޭ ކުޅުނު ސ. އަތޮޅު ބުރުގައި ހިތަދޫން ވަނީ 3-2 ގެ ނަތީޖާއަކުން މަރަދޫ ބަލިކޮށްފައެވެ. މި މެޗުގައި ހިތަދޫގެ ކެޕްޓަން، ހާޒިމް ފައުޒީ ދެ ގޯލްޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މުޙައްމަދު ރަފާހު އަބްދުﷲ އެވެ. މަރަދޫގެ ދެ ލަނޑުވެސް ޖެހީ ހުސެއިން އައިކް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫގެ ހާޒިމް އެވެ.

ސ. މަރަދޫފޭދޫއާ ފޭދޫ ބައްދަލުކުރި މެޗުން 2-3 އިން ކާމިޔާބުކުރީ ފޭދޫ އެވެ. މި މެޗުގައި ފޭދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ނާފިއު، އަހުމަދު ބަލްސަމް އަލީ އާއި ހަސަން ލައުހް އެވެ. މަރަދޫފޭދޫގެ ލަނޑުތައް ޖަހައިދިނީ ހަސަން ޒައިދާން މުޙައްމަދު އަލީ އާއި އިބްރާހިމް އާލިފް ރާޝިދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫގެ އިސްމާއިލް މާހިރު އެވެ.

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނ. ކެނދިކުޅުދޫގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ނ. އަތޮޅު ބުރުގައި ރޭ ވެލިދޫގެ މައްޗަށް މާފަރުން 2-7 އިން ކުރިހޯދައި ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދައިފައެވެ. މި މެޗުގައި މާފަރުގެ އަފްރާހް މުޙައްމަދު، އައްޒާމް އަބްދުﷲ އާއި ޝާމިލް އަބްދުއްރަޝީދު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިރުޝާދު އަދުނާން އެވެ. ވެލިދޫގެ ދެ ލަނޑުވެސް ޖަހައިދިނީ އިބްރާހިމް ޒިޔާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާފަރުގެ އައްޒާމް އެވެ.

ނ. ކެނދިކުޅުދޫން 1-0 އިން ހޮޅުދޫ ބަލިކޮށް ވަނީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ ކެނދިކުޅުދޫގެ މުޙައްމަދު އައްޒާމް އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

ބ. އަތޮޅުގެ މެޗުތައް ރޭ ފެށިއިރު އެންމެ ފަހުގެ ޗެމްޕިއަން، އޭދަފުށިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކެންދޫ ބަލިކޮށްފައެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އޭދަފުށީ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން (ބިޑި) އެވެ. އެ ޓީމުގެ އަނެއް ގޯލަކީ ކެންދޫގެ މުޙައްމަދު ޝިމާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.