މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު އއ. އަތޮޅުގެ ޗެމްޕިއަންކަން، މަތިވެރި ޓީމުން ހޯދިއިރު، އދ. އަތޮޅުގެ ތަށި ކާމިޔާބުކުރީ މަހިބަދޫ އިންނެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ފުޓްސަލް ގްރައުންޑް ދޭއްގައި ރޭ ކުޅުނު އއ. އަތޮޅުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން، ބޮޑުފޮޅުދޫ އަތުން މަތިވެރި މޮޅުވީ 2-5 އިންނެވެ. މިއީ އެ ޓީމުން ޗެމްޕިއަންކަން ހޯދީ ދެވަނަ ފަހަރެވެ.

މި މެޗުގައި މަތިވެރީ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން އަލީ އަލްސަން ވަނީ ހެޓްރިކެއް ހަދައިފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ އަހުމަދު ފިޒާން އެވެ. ބޮޑުފޮޅުދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ޝާނީޒް އާއި މުޙައްމަދު ޝިރުޙާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އއ. އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަތިވެރީ ޓީމުގެ އަލްސަން އެވެ. ޓޮޕް ސްކޯރާ އަށް ހޮވުނީ ބޮޑުފޮޅުދޫގެ ޝިރުޙާން އެވެ.

ގްރައުންޑް އެކެއްގައި ރޭ ކުޅުނު އދ. އަތޮޅުގެ ފައިނަލްގައި މަހިބަދޫން ވަނީ 2-0 އިން މާމިގިލި ބަލިކޮށްފައެވެ. މި މެޗުގައި މަހިބަދޫން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ މާމިގިލީގެ އިބްރާހިމް މައިސާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.

އދ. އަތޮޅުގެ ތަށި ކާމިޔާބުކުރި މަހިބަދޫ ޓީމު. --ފޮޓޯ: ވަގުތު އިމޭޖަސް / އަބްދުﷲ އަބީދު

ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި އދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހްމީ ހޮވުނުއިރު، ޓޮޕް ސްކޯރާގެ މަގާމު ހާސިލްކުރީ ދަނގެތީގެ އަހުމަދު ސުދައިސް އަލީ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ އުސާމާ ހަސަން އެވެ.

ރޭ ކުޅުނު ޅ. އަތޮޅުގެ މެޗުތަކަށް ބަލާއިރު އޮޅުވެލިފުށްޓާ 2-2 އިން ނައިފަރު ވަނީ އެއްވަރުވެފައެވެ. ހިންނަވަރާއި ކުރެންދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިފަހަރުގެ މުބާރާތުގައި ބ. އަތޮޅު ބުރުގައި ތިން ޓީމުން ވާދަކުރާއިރު، ރޭ ކުޅުނު މެޗުގައި ކެންދޫ ބަލިކޮށް ތުޅާދޫން ވަނީ ފައިނަލުން ޖާގަ ހޯދައިފައެވެ. ރޭގެ މެޗުން ކެންދޫ އަތުން ތުޅާދޫ މޮޅުވީ 2-6 އިންނެވެ. މި މެޗުގައި ތުޅާދޫގެ އިބްރާހިމް ރަފާހް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) ދެ ގޯލްޖެހިއެވެ. ދެން ގޯލު ޖެހީ ތުޅާދޫގެ މުޙައްމަދު ތަސްނީމް (މޯޑު) އެވެ. ކެންދޫގެ ގޯލްތައް ޖެހީ މުޙައްމަދު އިޔާދު އާއި ޝަމަން މޫސާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ތުޅާދޫގެ ރަފާހް އެވެ.