މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށްފަހު ކ. އަތޮޅުގެ ޗެމްޕިއަންކަން ގާފަރުން ހޯދިއިރު، މ. މުލަކުން އެ އަތޮޅުގެ ތަށި ކާމިޔާބުކޮށްފިއެވެ.

ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކ. އަތޮޅު ފައިނަލްގައި ގާފަރުން ވަނީ އެ އަތޮޅު ކާށިދޫގެ މައްޗަށް 5-1 އިން ކުރި ހޯދައިފައެވެ.

މި މެޗުގައި ގާފަރުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހް (ރިމޭ) އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ސާމިން މުޙައްމަދު ނަޞީރު، ޝަނާން ރަޝީދު އާއި އަލީ މާއިސް (މައްޓު) އެވެ.

މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މުލަކު ޓީމު އެ މުބާރާތުގެ ތަށްޓާއެކު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓޮޕް ސްކޯރާ އަށް ހޮވުނީ ގާފަރުގެ ރިމޭއެވެ.

ރޭ ކުޅުނު އަނެއް ފައިނަލްގައި މ. މުލަކުން ވަނީ ޕެނަލްޓީ ޖަހައިގެން 4-3 އިން އެ އަތޮޅު ނާލާފުށި ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މ. އަތޮޅުގެ ފައިނަލް މެޗަށްފަހު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޓޮޕް ސްކޯރާގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކުގެ ކެޕްޓަން، އާދަމް ޝަހީމް (އާނަ) އެވެ.