މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ޒޯން ބުރުގައި ކުޅުނު މެޗުތަކުން ނ. ކެނދިކުޅުދޫ، ޏ. ފުވައްމުލަކު ދަނޑިމަގު، ސ. ހިތަދޫން މޮޅުވެއްޖެއެވެ.

ޒޯން ދޭއްގައި ރޭ ކުޅުނު މެޗުގައި ނ. އަތޮޅުގެ ޗެމްޕިއަން، ކެނދިކުޅުދޫން ވަނީ ރ. އަތޮޅުގެ ޗެމްޕިއަން، ދުވާފަރު އަތުން 3-0 އިން މޮޅުވެފައެވެ. މި މެޗުގައި ކެނދިކުޅުދޫގެ މުޙައްމަދު އައްޒާމް ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ގޯލް ޖަހައިދިނީ ހަސަން ނިފްރާހްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކެނދިކުޅުދޫގެ އައްޒާމްއެވެ.

ޒޯން ދޭއްގައި ރޭ ށ. އަތޮޅުގެ ޗެމްޕިއަން، ކަނޑިތީމާއި އެ އަތޮޅުގެ ރަނަރަޕް، ފޭދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފޭދޫގެ ލަނޑުޖަހައިދިނީ މުޙައްމަދު ޝިފާންއެވެ. ކަނޑިތީމުގެ ލަނޑުޖަހައިދިނީ އިސްމާއިލް ނިހާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފޭދޫގެ އަހުމަދު ނިޒާހްއެވެ.

ޒޯން ހަތެއްގައި ޏ. ފުވައްމުލަކު ދަނޑިމަގު އަތުން ގއ. ކަނޑުހުޅުދޫ ބަލިވީ 6-1 އިންނެވެ. މި މެޗުގައި ދަނޑިމަގުގެ އަލީ ޝަމާލް އަބްދުﷲ ހެޓްރިކެެއް ހެދިއިރު، އެ ޓީމުގެ އަބްދުﷲ ރަޝީދު ދެ ގޯލާއި، އިބްރާހިމް އަރީޝް ލަނޑެއް ޖެހިއެވެ. ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ އަލީ އަޒާން އަބްދުލް އަޒީޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ދަނޑިމަގުގެ ޝަމާލްއެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޒޯން ހަތެއްގައި ހިމެނޭ ހިތަދޫން ވަނީ 2-0 ގެ ނަތީޖާއަކުން ގއ. ގެމަނަފުށި ބަލިކޮށްފައެވެ. މި މެޗުގައި ހިތަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަބާހު މަސްރޫރް އާއި އައިމަން ނަޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިތަދޫގެ ކެޕްޓަން، ހާޒިމް ފައުޒީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަޅޭ

    ރޭގައި ދުވާފަރު ކުދިންނަށް ކެނދިކުޅުދޫ މެޗުގައި ހަދާލާނެ އެއްގޮތެއްވެސް ނޭނގުނު. "މަހެއް ފަހާލާވަރު މަހެއް ހުރެދާނެއޭ" ބުނަނީ އެހެންވެ. ކީޕަރު ނަދީމުގެ ފައިގައި އައްސާފައި އޮންނަ ގޮތް ނޭނގޭ ބެންޑޭޖު ރަށުގައި ބާއްވާފައި ދެވުނީތޯ ސުވާލު އުފެދޭ؟