މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗުތަކުން ތ. ތިމަރަފުށްޓާއި، ގދ. ވާދޫ އާއި ރ. ދުވާފަރުން ބޮޑު މޮޅެއް ހޯދިއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމަށް އެ އަތޮޅު އިސްދޫ ކައިރިން މޮޅެއް ނުވެވުނެވެ.

ޒޯން ހައެއްގައި ރޭ ކުޅުނު މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ތ. ތިމަރަފުށިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ އަތޮޅު އޮމަދޫ ބަލިކޮށްފައެވެ. ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައި ރޭ 10:00 ގައި ކުޅުނު މި މެޗުގައި ތިމަރަފުށީ ޓީމުން ޖެހި ލަނޑުތަކުގެ ތެރެއިން އިސްމާއިލް މުނީޒް ދެ ލަނޑުޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން، ސައިފާން އަހުމަދު މަނިކު އާއި މުޙައްމަދު ތޯހިރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ މުޙައްމަދު ތޯހިރު އެވެ.

މި ޒޯންގައި ރޭ ކުޅުނު އަނެއް މެޗުގައި ލ. އިސްދޫއާ ދެކޮޅަށް އެ އަތޮޅުގެ ޗެމްޕިއަން، ގަމުން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ގަމުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި އަހުމަދު ހަލީމް (އައްމަޑޭ) އެވެ. އިސްދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ހުމޭޒް އާއި އަހްސަން ރަޝީދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިސްދޫގެ އަލީ ރިފްއަތު އެވެ.

ލ. ގަމާއި އެ އަތޮޅު އިސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް

ރޭ ޒޯން އެކެއްގައި ހދ. އަތޮޅުގެ ޗެމްޕިއަން، ނައިވާދޫން ވަނީ 3-0 އިން ހއ. އުތީމު ބަލިކޮށްފައެވެ. މި މެޗުގައި ނައިވާދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަބްދުﷲ ވިސާމް އާއި މުޙައްމަދު ޝާއިން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ނައިވާދޫގެ ޝާއްޕެ އެވެ.

ޒޯން އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ހދ. ނޮޅިވަރަން އަތުން ހއ. ދިއްދޫ މޮޅުވީ 3-5 އިންނެވެ. މި މެޗުގައި ދިއްދޫގެ ހައިސަމް ރަޝީދު ދެ ގޯލްޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ފާއިގް އަހުމަދު، ޒުނާމް މުޙައްމަދު ޒުހައިރު އާއި މުޙައްމަދު ޝަނާއު ނަސީރު އެވެ. މި މެޗުގައި ނޮޅިވަރަންގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިކްރާމް ދެ ގޯލާއި، އަމްދާން އަލީ ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫގެ ހައިސަމް އެވެ.

ޒޯން ދޭއްގައި ރޭ ރ. އަތޮޅުގެ ޗެމްޕިއަން، ދުވާފަރުން ވަނީ 8-0 އިން ށ. ފޭދޫ ބަލިކޮށްފައެވެ. މި މެޗުގައި ދުވާފަރުގެ އިސްމާއިލް އީސަ އާއި މުޙައްމަދު އިޝާމް ކުރެން ކޮންމެ ކުޅުންތެރިއަކު ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ މުޙައްމަދު ނޫހު އިބްރާހިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުވާފަރުގެ އިޝާމް އެވެ.

ރ. ދުވާފަރާއި ށ. ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވަގުތު އިމޭޖަސް

ޒޯން ދޭއްގައި ރޭ ކުޅުނު އަނެއް މެޗުގައި ށ. އަތޮޅުގެ ޗެމްޕިއަން، ކަނޑިތީމު އަތުން ރ. އަތޮޅު އަލިިފުށި މޮޅުވީ 4-5 އިންނެވެ. މި މެޗުގައި އަލިފުށީގެ އާދަމް މަންސޫރު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އާދަމް އިމްރާން އެވެ. ކަނޑިތީމުގެ ހަތަރު ލަނޑުގެ ތެރެއިން ހުސެއިން ނިހާލް ދެ ލަނޑުޖެހިއިރު، އިސްމާއިލް ނިހާން އާއި އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލިފުށީގެ މަންސޫރު އެވެ.

ރޭ ކުޅުނު ޒޯން ހަތެއްގެ މެޗުގައި އެންމެ ފަހުގެ ރަނަރަޕް، ގދ. ވާދޫން ވަނީ 6-0 ގެ ތަފާތަކުން ގއ. އަތޮޅުގެ ޗެމްޕިއަން، ކަނޑުހުޅުދޫ ބަލިކޮށްފައެވެ. މި މެޗުގައި ވާދޫގެ މުޙައްމަދު ނައީލް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ދެ ލަނޑުޖެހިއެވެ. މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މުސައްނިފު މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ އަޔާ އެވެ.

ޒޯން ހަތެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ޏ. ފުވައްމުލަކު ދަނޑިމަގުން ވަނީ 2-1 އިން ސ. ހިތަދޫ ބަލިކޮށްފައެވެ. މި މެޗުގައި ދަނޑިމަގުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ މޫސާ އަޒީމް ހަސަން އާއި އަބްދުﷲ ރަޝީދު އެވެ. ހިތަދޫގެ ހަމައެކަނި ލަނޑުޖަހައިދިނީ ހާޒިމް ފައުޒީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދަނޑިމަގުގެ އަލީ ޝަމާލް އަބްދުﷲ އެވެ.