ކުޅިވަރު މުބާރާތަކުން ގައުމީ ޓީމެއް ކަޓައިގެން ދިއުމުން އެ ގައުމެއްގެ ސަޕޯޓަރުންނާއި މީޑިއާތަކުން ފާޑުކިޔާ މަންޒަރު ފެނިގެންދާނެއެވެ. މިއަހަރުގެ ސާފް ސުޒުކީ ކަޕް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝްއިން ވެސް އެ މަންޒަރު ފެނިގެންދިޔައެވެ.

ގްރޫޕް ސްޓޭޖުން ބަންގުލަދޭޝް ކަޓައިގެން ދިޔަ ހިސާބުން ބަންގުލަދޭޝްގެ މީޑިއާތަކުން ވެސް އެޓީމަށް ފާޑުކިޔަން ފެށިއެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވުމުން ފެނުނީ އިންތިހާއަށް ތައުރީފް ކުރި މަންޒަރެވެ. އޭރު އެއްވެސް ޝަކުވާއެއް ނެތެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް ޓީމަކަށް މިފަހަރު ވެގެންދާނީ ރާއްޖޭގެ ގައުމީ ޓީމެވެ. އޭގެ ތެރެއިން ދިވެހިންގެ އެތަކެއް ފާޑުކިޔުންތެކެއް ވެސް ގައުމީ ޓީމަށް ވަނީ އަމާޒުވެފައެވެ. އެއީ މުބާރާތް ފެށުމުގެ މާ ކުރިން މިދިޔަ މާޗް މަހުން ފެށިގެންނެވެ. އޭރުއްސުރެ ބައެއް ދިވެހިންގެ ފަރާތުން އަދިވެސް ފެންނަނީ ހުއްޓުމެއްނެތި ގައުމީ ޓީމަށް ފާޑުކިޔަމުންދާ މަންޒަރެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސާފް ޗެމްޕިއަންޝިޕް 2008ގައި ވެސް ގައުމީ ޓީމަށް ފާޑުކިޔުން!

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރަކީ 2008ގެ ސާފް ޗެމްޕިއަންޝިޕެވެ. އެ އަހަރުގެ މުބާރާތް ބޭއްވީ ދިވެހި ރާއްޖެއާއި ސްރީ ލަންކާގައެވެ. ރާއްޖޭގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނީ އަމިއްލަ ފަސްގަނޑުގައެވެ.

އެ ފަހަރު ވެސް ރާއްޖެއަށް އެތަކެއް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭރު ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު ޔޯސެފް ޔަންކޭޒަށް ވެސް ގިނަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. ޓީމުގެ ކުޅުންތެރިންނާ ދިމާލަށް "އަމިއްލަ ގައުމުގައި ކުޅުނަސް ބަލިވާނެ"އޭ ބުނަމުންދިޔަ މީހުން އޭރުވެސް އުޅުނެވެ.

އެ ފަހަރުގެ މުބާރާތާ ކުރިމަތިލީ އިރުވެސް ފާޑުކިޔުންތަކާ އަމާޒުވިކަން އޭރުގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލްޤަނީ ވެސް ފާހަގަކުރިއެވެ. ނަމަވެސް ކުޅުންތެރިން މަސައްކަތްކުރީ އެ ފާޑުކިޔުންތަކަށް އިސްކަން ނުދީ މުބާރާތުގެ ތަށި ހޯދުމަށް ކަމަށް އައްސަދު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށްޓާއެކު އައްސަދު ހުޅުލެއަށް ފައިބަނ ---

ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމާ ހަވާލުވުން!

ގައުމީ ޓީމާ ސެގަޓް ހަވާލުވުމުން ދިހަ އަހަރަށްފަހު އަނެއްކާވެސް ދިވެހިންނަށް ސާފް ޗެމްޕިއަންޝިޕްގެ ތަށްޓެއް ހޯދިދާނެ ކަމުގެ އުންމީދު ކުރެވެމުންދިޔައެވެ. ހާއްސަކޮށް ދެކުނު އޭޝިއާގެ ސަރަހައްދުގައި ކާމިޔާބު ހޯދާފައިވާ ޓެކްޓިކަލް މޮޅު ކޯޗެއް ހަވާލުވުމުން ދިވެހިން ތަށްޓަކަށް ކުރަމުންދިޔަ އުންމީދު އިތުރުވެގެންދިޔައެވެ.

އެކަންތައް ބަދަލުވެގެންދިޔައީ ސެގަޓްގެ ފުރަތަމަ މެޗުންނެވެ. މިއަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު އޭޝިއަން ކޮލިފައިން މެޗު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައި ކުޅުމުން އެކަން ހޫނު ވެގެންދިޔައެވެ. ކޯޗަށް މައްސަލައަކަށްވީ އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަންގެ ހައިސިއްޔަތުން އަޝްފާގު ބައިވެރި ނުވުމުންނެވެ.

އެ ހިސާބުން ކުރިން މޮޅު ކޯޗެއްގެ ގޮތުގައި ސިފަކުރަމުންދިޔަ ސެގަޓްއަކީ "އެއްވެސް ކަމެއް އެނގޭ މީހަކަށް" ނުވިއެވެ. ކޯޗަށް ފާޑުކިޔަން ފެށިއެވެ. މޮޅު ކޯޗު ބަދަލުވެގެންދިޔައީ "މޮޔަ ކޯޗަކަށެވެ". އޭގެ ފަހުން ދުވަހެއް ދުވަހަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި، ސެގަޓް އަދި މުޅި ގައުމީ ޓީމަށް ކިޔަމުންދިޔަ ފާޑުކިޔުންތައް އިތުރުވެގެންދިޔައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ދިވެހިން އެދެނީ ދިވެހިންނަށް ނާކާމިޔާބީ!

މިއަދު ވެސް ދިވެހި ޓީމަށް ފާޅުގައި ނާކާމިޔާބީއަށް އެދޭ ދިވެހިން އުޅޭކަން ފާހަގަކޮށްލެވެއެވެ. ބައެއް ދިވެހިން މީސްމީޑިއާ މެދުވެރިކޮށް ދިވެހި ޓީމު ބަލިވާން އެދެއެވެ. މުބާރާތުން އަވަހަށް ކަޓައިގެން އެނބުރި ގައުމަށް އައުމަށް ގޮވާލާތަން ވެސް ފެންނަމުންދެއެވެ.

ހަގީގަތަކީ މައްސަލަތައް އުފެދުނީ ކޯޗު ސެގާޓްއާ ދެމެދުއެވެ. ނަމަވެސް ފެންނަމުން މިދަނީ މުޅި ޓީމު ކަޓައިގެން ދިއުމަށް އެދޭ ބައެއް ދިވެހިން އުޅޭ ކަމެވެ. ގައުމީ ޓީމުގެ ކޯޗަކީ ބިދޭސީއަކަށްވި ނަމަވެސް، ގައުމީ ޓީމުގެ ކުޅުންތެރިންނަކީ ރާއްޖެއަށް އުފަން ކުޅުންތެރިންނެވެ. އެއީ ދިވެހި ރައްޔިތުންނެވެ.

އަޝްފާގު ވެސް އެދެނީ ދިވެހި ޓީމަށް ކާމިޔާބީއަށް!

ކޯޗާއި އަޝްފާގާ ދެމެދު ގިނަ ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. ނަމަވެސް މުބާރާތް ފެށެން ކުޑަތަން ވުމުން އަޝްފާގު ވެސް ހިޔާރުކުރީ ދިވެހި ޓީމެވެ. ދިވެއްސަކަށް ވާތީ އެދުނީ ދިވެހި ޓީމަށް ކާމިޔާބަށެވެ. ކުރިން ވެދިޔަ ކަންތަކާ މެދު އިތުރަށް ވާހަކަ ނުދައްކާ ޓީމަށް ގޮވާލަމުންދިޔައީ ކާމިޔާބީ ހޯދުމަށެވެ.

އަޝްފާގަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމާ މެދު އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރާނެއެވެ. އަޝްފާގާ ނުލައި މިއަދު ދިވެހި ޓީމުން ނަތީޖާ ނެރެން ދަސްކުރަން ޖެހެއެވެ. އަޝްފާގު ނެތަސް ދިވެހި ޓީމުން ނަތީޖާ ނެރުމަށް އޭނާ ވެސް އެދޭނެއެވެ. ގައުމީ ޓީމަށް 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުޅެމުންދިޔަ ކުޅުންތެރިޔަކު އެދޭނީ ވެސް އެހެންތާއެވެ.

އޝްފާގާއި އޮއްޕޮ، ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށްޓާއެކު --- ފޮޓޯ/ އިމޭޖްސް އެމްވީ

މިއަދު އަޝްފާގު ވެސް އެދޭނީ ގައުމީ ޓީމަށް ދިވެހިން ހިތްވަރު ދިނުމަށެވެ. ހަމަ އެގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ބޭނުންވަނީ ދިވެހީންގެ ތަރުހީބެވެ. ގައުމުން ބޭރުގައި ކުޅޭ މުބާރާތް ކާމިޔާބު ކުރުމަށް ޓީމުގެ ކުޅުންތެރިން ވެސް ބޭނުންވެއެވެ. ތާރީހުގައި އެ ކުޅުންތެރިންގެ ނަން ލިޔެލުމަށް މިއަދު ބޭނުންވަނީ ދިވެހިންގެ ތަރުހީބެވެ.

ސިޔާސީ ކަމެއްގެ ގޮތުގައި ނުބަލައި، ކޮންމެ ދިވެއްސަކު ވެސް ދިވެހި ޓީމަށް ހިތްވަރު ދޭން އެބަޖެހެއެވެ. ކޮންމެ ގޮތަކަށް ސެމީ ފައިނަލަށް ދިޔަ ކަމުގައި ވިޔަސް، ބަލަންވީ އެއީ ބޮޑު ނަސީބެއް ކަމުގައެވެ. ދެވަނަ ފުރުސަތުގައި ތަށި ހޯދުމަށް ދިވެހި ޓީމަށް އެންމެ ބޮޑަށް ބޭނުންވަނީ ދިވެހިންގެ ތަރުހީބެވެ. ފާޑުކިޔާނީ މުބާރާތަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަޙްމަދު

    މިފަހަރު މުބާރާތުގައި ރާއްޖޭއަށް ކާމިޔާބީއަށް އެދެން ދިވެހިސަރުކާރުގަ އާއި އެފް.އޭ.އެމް ގައި ނެތް ޝަޢުޤެއް ހުންނާނެތޯ. 2008 ގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްޓަކައި، ދިވެހިސަރުކާރު އާއި އެފް.އެމް އެކަމަށް ފެންބޮވައިގެންފައިވާ މިންވަރު ފެނުނު. ވަގުތު ނޫހަށް ފާހަގައެއް ނުވޭތޯ ދަޢުލަތުގެ މީޑިއާއިން އެކަމަށް ބަހައްޓާ ޝަޢުޤުވެރިކަން. ވަކި މީހަކު ޕުރޮމޯޓުކުރުން ފިޔަވައި ކޮންކަމެއް ކުރަނީ.

  2. ދިވެހިން ޑާކާ

    ބަޔަކު ފާޑު ކިޔަސް ބަންގްލާގަ އުޅޭ ދިވެހިން ކޮންމެ މެޗަކަށް ދަނޑަށް ގޮސް ސަޕޯޓް ކުރި. ފޮޓޯއިން އެފެންނަނީ ގިނައިން ދިވެހި ޑޮކްޓަރުން. ސަޕޯޓަރުން ތެރޭގައި އެމްބެސެޑަރ ވެސް އިންނެވި. ބަލިވިޔަސް މޮޅު ވިޔަސް ގައުމީ ޓީމާއެކު.

  3. ކަމަނަ މުހައްމަދު

    މިއަދު 18 ލަނޑުން ބަލިވިއްޔާ ރަނގަޅީ. މިކޯޗާއިއެކު އެއްވެސް ކާމިޔާބެއް ބޭނުމެއް ނޫން.

    • Anonymous

      ރަގަޅު

  4. މަވެަސް

    މަވެސް އެދެނީ ތިގޮތަށް ލަދެއްނުގަނޭ ދެރަވެސްނުވޭ އެއިރުން އެއްޗެއް ވިސްނޭނީ

  5. ސިނެކް

    މިފަހަރު އޮތީ ސިޔާސީ ޓީމެއް ދަގޭވެސް އެހެން ފަޅިއެއް ވީމަ ނުނެގީ

  6. ކިޔާ މީހާ

    އަސްލު އަޝްފާގު ނެތީ މަ ވަރަށް ކަޑަ އިންގެ..
    މިއަދުގެ މެޗް އަށް އަޝްފާގު އަރުވަން މަޝަށް ފެންނަނީ............

  7. މާސްޓަރ

    ތީ ދިވެހިންގެ މެދުގަ ތިކަން އޮންނަ ގޮތް. ވެރިމީހާ އާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ވަގުތެއްގައި ބޭރުގެ ބާރުތަކުން މިތަނަށް އަރައި އަޅުވތި ކުރަން ގޮވާ އަދި އެކަމަށް ތަރުހީބުދޭ ވަރަށް ގިނަބަޔަކުވެސް އެބައުޅޭ. ތަފާތު ފަރާތްތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވުމަކީ ވެސް ހަމަ އާދައިގެ ކަންތައްޔތައް. އެހެންވީމާ މިކަމާމެދު ދިވެއްސަކު ހައިރާނެއް ނުވާނެ.

  8. ބުނާށޭ

    އައްސަދު ހުރިހާ މައްސަލައަކީ...

  9. މޮޅު

    ޤައުމީ ޓީމެކޭ ކިޔާވަރު ޓީމެއް އެބައޮތްތަ؟ އެ ކުޅޭ ކުޅުން ބަލާފަ ހޮޑުނުލާނެ އެކަކުވެސް ނުހުންނާނެ. ޤައުމީ ޓީމަށް ކާމިޔާބަށް ހިތުން ކިތަންމެ އެދުނަށް އެކަން ޢަމަލުން ދައްކަން ފޮނުވި ކުޅުންތެރިންގެ އެވަރު ފެންވަރެއް ނެތިއްޔާ ދެން މިކަން ކިހިނެއް ކުރާނީ.

  10. ފްރީޑަމް މޫވްމެންޓް

    2008 ގައި ގައުމީޓީމަށް މީހުން ނެގުމުގައި ސިޔާސީ ވިސްނުމެއް ގެންގުޅަފައި ނެތް. އެކަމަކު މިފަހަރު ޓިމްނެގުމުގައި ވރަށް ސިޔާސީ ކުލަ ޖެހިގެން ޓިމްނެގީ.. މިކަން މިއީ ސިއްރުކުރެވޭނެ ކަމެއްނޫން. 2008 ދައުލަތުގެ މީޑިއާ ގެ މުވައްޒަފުން ގެ ވިސްނުން ހުރީ މުޅިގައުމު ގައުމީޓީމް ގެ ފަހަތަށް ގެނެސް އެއްބައި ކުރުވައިގެން ގައުމީ ޓީމް އަށް ސަޕޯރޓް ހޯދުމަށް. " މިއީ އަހރުމެންގެ ފަހަރު" މި ޝިއާރު ހިފައިގެން ދައުލަތުގެ މީދއާ ނިކުމެ ކުރިމަސައްކަތް ވަރަށް ކައިރިން ދުށިން. އެފްއޭއެމް އަދި ޓީވީއެމް ގުޅިގެން ސަޕޯރޓްހޯދުމަށް ބޮޑެތި މަސައކަތްތަކެއްކުރި. އެދުވަހު މަސައްކަތް ކުރީއެއްވިސްނުމެއްގައި..ގައުމަށް އިސްކަން ދީގެން ގައުމީޓީމް އަށް ހިއްވަރުދިނުމަށް ގައުމަށް ރީތިނަން ހޯދައި ދިނުމުގެ ވިސްނުމުގައި. މިއަދު އެފްއޭއެމް އަދި ޕީއެސްއެމް އޭގެ ބަދަލުގައި މިފެންނަނީ ޕީޕީއެމް ގެ ރިޔާސީ ކެމްޕެއިން ހަރުގެ ތަކުގެ ގޮތުގައި

  11. ކޮސްބެ

    އަޝްފާގް ބުންޏަސް ކޯޗް ކަންތަށްކުރީ އެނބުރޭ ވަހްތާނެއްހެން. ދެފަހަރު އެކައްޗެކޭ ނުކިޔައި. ވީމާ އޭނާ އުޅޭ ޓީމަކަށް ހެޔޮއެދުމަކީ ހެދޭނެ އެއްމެ ބޮޑު ގޯސް.
    ކުދިންނޭ ހުސް އަތާއި އެނބުރި ގައުމަށް އާދޭ.
    މިކޮޅުގައިވެސް ގުރު ނެގިދާނެ.

  12. މަޒް

    ކާމީޔާބީއަކަށް އެދޭނީ ކިހިނެއް... ހަމަ ތަށި ހިފައިގެން އަންނަ އިރަށް ޔާމީނު ނިކުމެ ބުނާނެ ތިމަންނައަށްޓަކައޭ ޓީމު ތަށި ގެނައީ... އެއް ފަލައިޓެއްގައޭ އެންމެން ދިޔައީ.. އެެއްމެ ތައްޓެކޭ ގެނައީ.. އެހެންވީމާ އެއްނަންބަރަށޭ ވޯޓު ދޭން ޖެހެނީ