ރޭ އިންޑިޔާގެ ބެންގަލޫރުގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ހޯދައިފިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެތްރީ ހޯދި މިއީ ހަތަރު ވަނަ ފަހަރެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި މިއީ ތިން ވަނަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، ސނިލް ޗެތްރީ، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

އުމުރުން 38 އަހަރުގެ ސުނިލް ޗެތްރީ އަކީ އިންޑިޔާ ފުޓުބޯޅައިގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. 2011، 2015، 2021 އަދި 2023 ވަނަ އަހަރު ސަރަހައްދުގެ އެންމެ ބޮޑު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެތްރީ ހޯދި އިރު، މުޅި އިންޑިޔާގެ ފަހުރެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ކުޅުންތެރިއަކީ ސުނިލް ޗެތްރީއެވެ.

ސާފް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ކުރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީއާއި އެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޗެތްރީ ވަނީ 2011، 2021 އަދި 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ރާއްޖޭގެ އަލީ އަޝްފާގުގެ ރެކޯޑާއި މިވަނީ އަރާ ހަމަކޮށްފައެވެ. އެއީ ޖުމުލަ 23 ގޯލު ޖަހައިގެންނެވެ. މިހާތަނަށް އެއް މުބާރާތެށްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު 10 ގޯލާއި އެކު އޮތީ އަޝްފާގު އަތުގައެވެ. މިއަހަރުގެ މުބާރާތުގައި ޗެތްރީ ވަނީ ފަސް ގޯލު އިންޑިޔާއަށް ކާމިޔާބުކޮށްދީފައެވެ.

ސާފް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

2016 ވަނަ އަހަރުން ފެށިގެން ބެންގަލޫރަށް ކުޅެމުން އަންނަ ޗެތްރީ ވަނީ އެކުލަބަށް ކުޅެދިން 134 މެޗުން 56 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އިންޑިޔާގެ ފުޓުބޯޅައިގެ ގިނަ އެވޯޑު ތަކެއްވެސް ޗެތްރީ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަންއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ވަނީ ހޯދާފައެވެ. އަދި ފުޓްބޯލް ޕުލޭޔާސް އެސޯސިއޭޝަން އޮފް އިންޑިޔާއިން ހޮވާ އިންޑިއަން ޕުލޭޔާ އޮފް ދި އިޔާ 3 ފަހަރު ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާގައެއްނު މުބާރާތް ކުޅުނީ! މުބާރާތުގެ އެންމެ މޮޅު ބޮޑުކައްކާއަކަށްވެސް ހޮވޭނީ ޗެތުރީ!

    2
    1
    • ބީސީ

      ރަގަޅު ވާހަކައެއް. އެކަމު ރާއްޖެއަކަށް އެވަރެއް ނުވާނެ. އެހެން ކަމަކައިގެން އުޅުނިއްޔާ މާރަގަޅުވާނެ. ރާއްޖޭގެ ފުޓުބޯޅަ ހަމަ ދަށީ. ކުޅެންވެސް ނޭނގެ. މާފަންނު ސްޓޭޑިއަމްގެ ކުޑަކުދިން އުޅޭ ފުޓުބޯޅަ ކުލާސްތަކުގަ ބައިވެރިކުރަންވީ. 10 ވަރަކަށް އަހަރު އެގޮތަށް ކުލާސްތަކުގަ އުޅެލީމަ ރަގަޅުވާނެ