މިހާރު އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުވައިތުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ފަހަރަށް މުބާރާތުގައި ވާދަކުރި ކުވައިތުން މި މެޗު ކާމިޔާބުކޮށްފައި ވަނީ ބަންގްލަދޭޝްއާއި ވާދަކޮށް 0-1ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއި އެއް ގުރޫޕެއްގައި ހިމެނުނު ބަންގްލަދޭޝްއިން ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ހަމަ އެކަނި ބަލިވެފައި ވަނީ ލުބުނާނު އަތުންނެވެ. 20 އަހަރު ވަންދެން ރާއްޖެއިން ބަންގްލަދޭޝް ބަލި ކުރަމުން އައި ނަމަވެސް މި އަހަރު ބަންގްލަދޭޝްއިން ވަނީ ރާއްޖެ 1-3ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ގުރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުވައިތު ސެމީއަށް ދަތުރު ކުރި އިރު، މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިޔާ އޮތީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ދެ ގައުމުންވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި ނަމަވެސް ފައިދާ ގޯލުން ކުވައިތު ވަނީ ކުރި ހޯދާފައެވެ.

ބަންގްލަދޭޝް އަދި ކުވައިތް ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް : އަބުދުﷲ އަބީދު

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ކުވައިތުގެ ފަރާތުން ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ދެޓީމުންވެސް ވަނީ ގޯލު ޖެހުމަށް ނުރައްކާތެރި ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ 90 މިނެޓު ނިމިފައި ވަނީ އެއްވެސް ޓީމަކަށް ގޯލެށް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ކުވައިތުން ޖެހި ހަމަ އެކަނި ގޯލު ޖަހާފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ފުރަތަމަ ހާފުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދީފައި ވަނީ އަބުދުﷲ އަލްބްލޮއުޝިއެވެ.

މެޗުގައި ރެފްރީގެން ނިންމުންތަކާއި ހިންހަމަ ނުޖެހި ބަންގްލަދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން ދިޔައީ މައްސަލަ ޖައްސަމުންނެވެ. އަދި މެޗު ނިމުމާއި އެކު ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުމަކަށް ވަނީ ގޮސްފައެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން ބަންގްލަދޭޝް ޓީމުގެ އޮފިޝަލަކަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކާފައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާއިން ނިކުންނާނީ ލުބުނާންއާއި ދެކޮޅަށެވެ. ލުބުނާނަކީ ވެސް މި މުބާރާތުގައި މި އަހަރު އަލަށް ވާދަ ކުރާ ޓީމަކަށް ވާއިރު، ސެމީ ފައިނަލް ދެމެޗުވެސް ވެގެން މިދަނީ ތާރީހީ ދެ މެޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްބެ

    މަޚުލޫފްގެ އަދި ސަރުކާރުގެ ބުރަ މަސައްކްތުން ސާފްޗެމްޕިޔަންޝިޕް މުބާރާތުން ފުރަތަމަފަހަރަށް ގްރޫޕްސްޓޭޖުން ރާއްޖެ މުބާރާތުން ކަޓުވާލައިފޫއެވެ. ސާބަހޭ މަޚުލޫފް ތިޔަކުރާ ހިތްވަރަށް