އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ސެމީ ފައިނަލުގެ ދެވަނަ މެޗު އިންޑިއާ އިން ކާމިޔާބުކޮށް ނުވަ ވަނަ ފަހަރަށް ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ސަރަހައްދުން ބޭރުން މުބާރާތުގައި ބައިވެރިވެރި ލުބުނާނާއި ދެކޮޅަށް ކުޅުނު މިމެޗު އިންޑިޔާއިން ކާމިޔާބުކޮށްފައި ވަނީ ޕެނަލްޓީގައި 2-4ގެ ނަތީޖާއަކުންނެވެ.

މުުބާރާތުގެ އެންމެ ކާމިޔާބު ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ އިންޑިއާ އިން ވަނީ މި މުބާރާތް ޖުމުލަ އަށް ފަހަރު ކާމިޔާބުކޮށްފައެވެ. ނުވަނަ ފައިނަލަށް ނިކުންނަ އިރު، ރަނގަޅު ފޯމެއްގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސުނިލް ޗެތްރީ ހުރި އިރު، މިއީ އިންޑިއާގެ ޓީމަށް ލިބިގެން ދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މިއަހަރުގެ މިބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީވެސް ޗެތްރީއެވެ.

އިންޑިޔާ އަދި ލުބުނާން ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ކުޅުނު ހުރިހާ މެޗެށް ކާމިޔާބުކޮށްގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ލުބުނާން ސެމީ ފައިނަލާ ކުރިމަތިލި އިރު، ރޭގެ މެޗުގައި ވަނީ ވަރުގަދަ "ފައިޓެއް" އިންޑިއާ އަށް ދީފައެވެ. މެޗު ފަށައިގެން ދެ ޓީމުންވެސް ވަރުގަދަ ކުޅުމެށް ކުޅެމުން ދިޔަ ނަމަވެސް މެޗުގެ 90 މިނެޓު ހަމަވި އިރުވެސް އެއްވެސް ބަޔަކަށް ލަނޑެށް ކާމިޔާބު ނުކުރެވުނެވެ. އެހެން ކަމުން އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފައެވެ.

އިންޑިޔާ އަދި ލުބުނާން ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އިންޑިއާ އިން ކުޅެމުން ދިޔައިރު، ލުބުނާނުންވެސް ގެންދިޔައީ އިންޑިއާ އަށް ނުރައްކާތެރި ހަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ވަނީ ގޯލެއް ކާމިޔާބު ނުކުރެވުނެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ،

އިންޑިޔާއިން ފޮނުވާލި ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އިރު، ލުބުނާންއަށްް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ. ފުރަތަމަ ޕެނަލްޓީއާއި ފަހު ޕެނަލްޓީ ވަނީ ކާމިޔާބު ނުކުރެވިފައެވެ. އެހެން ކަމުން ނުވަ ވަނަ ފައިނަލުގައި އިންޑިއާ އިން ނިކުންނާނީ ކުވައިތާއި ދެކޮޅަށެވެ.

ގުރޫޕް ސްޓޭޖުގައި މި ދެގައުމު ބައްދަލު ކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރު ވި އިރު، ފައިނަލުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމުގައި ގަބޫލު ކުރެވެއެވެ. އަމިއްލަ ގައުމުގައި ނުވަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރަން އިންޑިއާ އިން ނިކުންނަ އިރު، ކުވައިތުން ނިކުންނާނީ ފުރަތަމަ މުބާރާތުގައި ވާދަ ކުރި އަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައެވެ. މި ފޯރި ގަދަ ފައިނަލް އޮންނާނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.