ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ތަކުގެ ބުރުގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކް އާއި ލާޒިއޯ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާ އަކުން ބަޔާން މިއުނިކް ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޖަރުމަނު ވިލާތުގެ ބަޔާން މިއުނިކް ގެ އަމިއްލަ ދަނޑުގައި އިޓަލީގެ ލާޒިއޯ އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ރަފައެލް ގުރެއިރޯ ތަނަވަސްް ކޮށްދިން ފުރުސަތަކުން މި ގޯލު ބަޔާން އަށް ކާ މިޔާބުކޮށްދިނީ އެ ޓީމުގެ އިތުބާރު ފޯވާޑް އިނގިރޭސި ވިލާތަށް އުފަން ހެރީ ކޭން އެވެ.

ބަޔާން އާއި ލާޒިއޯ ބައްދަލު ކުރި މެޗުގެ ތެރެއިން

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނު މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާ ތަކެއް ވަނީ އެފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ބަޔާންގެ މަތިއަސް ޑިލިޓ ލާޒިއޯގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ބާރު ބޯޅައެއް ބޮލުން ޖައްސާ ގޯލުތެރެއަށް ވައްދާ ލައިގެން ބަޔާން އަށް މި މެޗުގައި ލީޑު ފުޅާ ކޮށްދިނީ ތޯމަސް މުލާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާ އަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ދެ ވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުންވެސް ދިޔައީ ނުރައްކާތެރި ހަމަލާތަކެއް ދެ ޓީމުގެ ގޯލާ އަމާޒުކޮށް ފޮނުވާލަމުންނެވެ. މި ގޮތުން ލާޒިއޯ ގެ އިމޮބިލޭ އަދި ބަޔާންގެ ޒުވާން ތަރި ޖަމާލް މުއިސަލާ އެފެއްދި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ.

ބަޔާން އާއި ލާޒިއޯ ބައްދަލު ކުރި މެޗުގެ ތެރެއިން

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ގެންދިޔަ ބަޔާން މިއުނިކް އިން ތިން ވަނަ ގޯލެއް ޖަހާ މެޗުގެ ލީޑު ފުޅާ ކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ލެރޯއީ ސާނެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ލާޒިއޯގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި، އޭނާގެ އަތުގައި ޖެހިފަ ނިކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާ ލައިގެން މި ގޯލުވެސް ކާމިޔާބުކޮށްދިނީ އެ ޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ހެރީ ކޭން އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުތަކުގެ ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯ ގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ލާޒިއޯއެވެ. އެހެން ކަމުން ދެ ލެގުގައި ކުޅެވުނު ދެ މެޗުން 3-1 ގެ ނަތީޖާ އަކުން ކުރި ލިބިގެން ބަޔާން މިއުނިކްއަށް ވަނީ ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރު ވެފައެވެ.