ވޮލީބޯލް އެސޯސިއޭޝަނާއި އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ޝަރުތުތަކަކާއި އެކު އެ އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށް ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިހާބު މަޑުޖައްސާލަން އަންގާފައި އޮއްވާ އިންތިހާބު އިއުލާނުކޮށް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އެކަންކަން ބަލައި ނުގަނެވޭ ކަމަށް ސްޕޯޓްސް ކޮމިޝަނަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ތޮލާލް ވަގުތަށް ވިދާޅުވީ ސްޕޯޓްސް މިނިސްޓަރ އަދި އޭޖީގެ ލަފާގެ މަތިން ބައެއް ޝަރުތުތައް ފުރިހަމަ ކުރުމަށް ފަހު އިންތިހާބު ބޭއްވިދާނެ ކަމަށް ވިދާޅުވެފައިވާނެކަމަށެވެ.

"ވޮލީބޯލް އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެ ކޮމިޝަނާއި އެކު މިއަދު ވަނީ ބައްދަލުވުމެއް ބޭއްވިފަ. ސްޕޯޓްސް މިނިސްޓަރާއި އޭޖީގެ ލަފާގެ މަތިން އެސޯސިއޭޝަނުގެ ފާއިތުވި ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓް 90 ދުވަހުގެ ތެރޭ ހުށައެޅުމަށާއި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުން އެންމެ ރަނގަޅު ކަމުގައި ވާނީ ދަންނަވާފަ"

އެހެންކަމުން އޮޑިޓުގެ މަސައްކަތް ކުރިއަށް ގެންދާއިރު ، ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ހުސްވެފައިވާ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށާއި އެކްސްކޯ އަށް ހޮވަންޖެހޭ މެމްބަރުން އިންތިހާބު ކުރެވޭނެ ކަމަށާއި އަލަށް ހޮވޭ ފަރާތްތަށް ވެސް މިހާރު އޮތް ބޯޑާއި އެކީ ދައުރުގެ މުއްދަތު ހަމަވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވީއޭއެމްގެ އެކްސްކޯގެ މިހިނގަމުންދާ ދައުރުގައި ބާކީ އޮތީ އެއް އަހަރެވެ. އެހެންކަމުން ވީއޭއެމުން އިއުލާނު ކޮށްފައިވާ ގޮތުން އަލަށް އިންތިހާބު ކުރެވޭ ރައީސް އަދި އެކްސްކޯގެ މެންބަރުން ހޮވާނީ މިދައުރުގެ ބާކީ އޮތް އެއް އަހަރުގެ މުއްދަތަށެވެ.

ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުރި މުހައްމަދު ރަނޭޝް ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ. ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައި ވަނީ ކުރިން ވެސް އެ އެސޯސިއޭޝަނުގެ ރައީސްކަން ކުރި މުހައްމަދު ލަތީފެވެ. މީގެ އިތުރުން މި އިންތިހާބުގައި އެކްސޯގެ 9 މެމްބަރުން ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މާދަމާއެވެ. ނަމަވެސް މިހަފްތާ ބޭއްވި އެ އެސޯސިއޭޝަނުގެ ކޮންގްރެސް އަށް ފަހު ތާރީހު ވަނީ ފަސްކޮށްފައެވެ. މިހާރު އެ އިންތިހާބު ބޭއްވަށް ހަމަޖެހިފައި އޮތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު