މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރެންސް ލީގުގައި މިއަދު ލެގޫންސް ސްޕޯޓްސް ކުލަބް އަދި މުއިވެޔޮ ފްރެންޑްސް ބައްދަލު ކުރި މެޗު، ފަހަތުން އަރާ 3-1 އިން ކާމިޔާބުކޮށް މުއިވެޔޮއިން ފެށުން ރަނގަޅުކޮށްފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ލެގޫންސް އިންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލެގޫންސަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 20 މުހައްމަދު އަރީފެވެ.

ލެގޫންސްގެ ފުރަތަމަ ލަނޑަށް ފަހު މުއިވެޔޮ އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސައީދު (އައްމަޓީ) އެވެ.

މެޗުގެ ދެވަނަ ހާފުގައި މުއިވެޔޮ ޓީމަށް ވަނީ ދެ ޕެނަލްޓީ ލިބިފައެވެ. ފުރަތަމަ ޕެނަލްޓީ އަހުމަދު ސައީދު (އައްމަޓީ) ކާމިޔާބު ކުރިއިރު ފަހު ޕެނަލްޓީ ކާމިޔާބު ކުރީ އެޓީމުގެ ކެޕްޓަން ކަން ކުރަމުން އަންނަ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފު (ސެންބެ) އެވެ. މީގެ އިތުރުން މެޗު ނިމެން ދަނިކޮށް ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތު ވެސް އެ ޓީމަށް ލިބިފައެވެ. ނަމަވެސް މި ދެ ހަމަލާ ވެސް ގޯލުގެ ތެރެއަށް ވައްދާނުލެވި މެޗު ވަނީ ނިމިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެ ލަނޑު ކާމިޔާބު ކުރި އަހުމަދު ސައީދު (އައްމަޓީ) އެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ވިލިމާލެ ޔުނައިޓަޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗުވެސް ކުޅޭނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު