ރާއްޖޭގައި ބާއްވަމުން އަންނަ "ގޯލްޑަން ފުޓްސަލް ޗެލެންޖު" ގެ މި އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލޯކަލް ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުން ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް 4 ޖެނުއަރީ ގައި ފެށުމަށް ނިންމާފައިވާކަންވެސް އެ އެސޯސިއޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން ގެ ރައީސް ރިލްވާން މޫސާ "ވަގުތު" އަށް ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލަނީ ކައުންސިލް ތަކަށް ކަމަށެވެ. މީގެ ކުރިން ކައުންސިލްތަކަށް އެސޯސިއޭޝަން އިން ސިޓީ ފޮނުވި ނަމަވެސް މިފަހަރު ކައުންސިލް ތަކަށް ސިޓީ އެއް ނުފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން އެގޮތަށް ކައުންސިލް ތަކަށް ސިޓީ ފޮނުވުމުން ބައެއް ކައުންސިލް ތަކަށް މެއިލް ނުދިއުން ކަހަލަ ކަން ކަން ދިމާވެފައި އެބަހުރި، އެހެންވެ މިފަހަރު މި ނިންމީ ފޭސްބުކް ގައި މިގޮތަށް އިއުލާން ކޮށްލަން" ރިލްވާން ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މުބާރާތް ވެސް ކުރިއަށް ދާނީ އެހެން އަހަރު ތަކުގައިވެސް މި މުބާރާތް ކުރިއަށް ދާ އުސޫލުން ކަމަށެވެ. އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިލްވާން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މުބާރާތް އަހަރުގެ ކުރީކޮޅު ބޭއްވުމަށް ނިންމީ މުބާރާތުގައި ބައިވެރިވާ ގިނަ ޓީމުތަކެއްގެ އެދުމުގެ މަތިންނެވެ. އަދި މިހާ ކުރިން މުބާރާތް އިއުލާންކޮށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލީ ގިނަ ކައުންސިލްތަކަކުން މުބާރާތުގައި ބައިވެރިވަމުން ދާތީއާއި މުބާރާތުގެ ތައްޔާރީތަށް ވުމަށް ދުރާލާ މަސައްކަތް ފެށުމުގެ ބޭނުމުގައި ކަމަށް ރިލްވާން ވިދާޅުވިއެވެ.

އަންނަ އަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑު މެޗު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ކުޅުމަށް ނިންމާފައިވާއިރު މި މެޗުގައި ވާދަކުރާނީ މި އަހަރުގެ ޗެމްޕިއަން ބ.އޭދަފުށި އަދި މި އަހަރުގެ ޗެރިޓީިޝީލްޑް ކާމިޔާބު ކުރި ލ.ގަން ފުަޓްސަލް ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު