ބޮލީނޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭމް) ގެ ހުސްވެފައިވާ މަގާމު ތަކަށް މީހުން އައްޔަނު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު އަނެއްކާވެސް ފަސްކޮށް، އެ މަގާމުތަކަށް ކުރި މަތި ލުމުގެ ފުރުސަތު އަމެއްކާވެސް ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރިން ކޮށްފައިވާ އިއުލާނު އިއްޔެ ވަނީ ބާތިލުކޮށް އައު އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައިވާ ގޮތުން އިންތިހާބު ދެން ބޭއްވޭނީ މި މަހުގެ 26 ވަނަ ދުވަހެވެ.

މީގެ ކުރިން އެ އެސޯސިއޭޝަނުން ދެ ފަހަރެއްގެ މަތިން ވަނީ އިންތިހާބު އިއުލާނުކޮށްފައެވެ. އަދި މީގެ ކުރިން ވަނީ އިންތިހާބަށް ކުރި މަތިލީ ފަރާތްތަކުގެ ނަންތައްވެސް ތަރުތީބުކޮށް އިއުލާނުކޮށްފައެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ވަނީ އެންމެ ފަހުން އިއުލާނު ކުރި އިންތިހާބުވެސް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ އެސޯސިއޭޝަނާއި އެކު ފަހުން ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ މަތިން ބައެއް ޝަރަތުތަކާއި އެކު ކަންކަން ރަނގަޅު ކުރުމަށް ފަހު އަލުން އިންތިހާބު ބޭއްވުމުގެ ހުއްދަ ތޮލާލް ވަނީ ދެއްވާފައެވެ.

ތޮލާލް ވިދާޅުވީ މިފަހަރު ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިހާބު އިއުލާނުކޮށްފައިވަނީ ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

މީގެ ކުރިން ކެނޑިޑޭޓުންގެ ނަންތައް އެ އެސޯސިއޭޝަނުން އިއުލާނުކުރި އިރު، ރައީސް ކަމަށް ކުރިމަތިލީ އެންމެ ބޭފުޅެކެވެ. އަދި ބާކީ ހުރި އެކްސޯގެ 9 މަގާމުތަކަށް ކުރިމަތިލީވެސް 9 ބޭފުޅުންނެވެ. އެ އެސޯސިއޭޝަނުގެ ގަވާއިދު ބުނާ ގޮތުން މަގާމުތަކަށް އެންމެ ބޭފުޅަކު ކުރިމަތި ލާނަމަ އެ ބޭފުޅަކު އެ މަގާމަށް އިންތިހާބު ވާނެއެވެ.

ވޮލީ ބޯލް އެސޯސިއޭޝަނުގެ އިންތިހާބަށް ފޯމު ހުށައެޅުމުގެ ސުންގަނޑިއަކީ މި މަހުގެ 24 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ކިޔުންތެރިންގެ ހިޔާލު