މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރެންސް ލީގުގައި ހުޅުމާލެ ވެޓެރެންސް ކުލަބާއި ޕޮލިސް ކުލަބު ބައްދަލު ކުރި މެޗު 4-0 ގެ ނަތީޖާއަކުން ފަސޭހަކަމާއި އެކު ހުޅުމާލެ ވެޓެރެންސުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓެރެންސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަމްބަރު 6 މުހައްމަދު ޒިޔާދެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި ހުޅުމާލެއިން ލީޑެއްގައި އޮވެއެވެ.

ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ހުޅުމާލެ ވެޓެރެންސްގެ ޝިމާޒަށް އޭރިޔަ ތެރެއިން ޕޮލިސްގެ ކީޕަރު ފައުލު ކުރުމުން ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެންލަޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު މަމްދޫހެވެ. އޭގެ ދެ މިނެޓު ފަހުން ހުޅުމާލެއިން ވަނީ އިތުރު ލަނޑެކެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާފިއު މުހައްމަދެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިން ހުޅުމާލެ ވެޓެރެންސް ކުރީގައި އޮވެގެންނެވެ.

އެފްއޭއެމް ވެޓަރެންސް ލީގުގައި ހުޅުމާލެ ވެޓަރެންސްއާއި ޕޮލިސް ކުލަބް ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ހުޅުމާލެ ވެޓެރެންސުން ވަނީ މެޗު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހާ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. އެ ޓީމުގެ މުހައްމަދު ޒިޔާދު މެދު ތެރެއިން ޖައްސާލި ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ އަލީ ޝަމީމެވެ. މީގެ އިތުރުންވެސް ދެ ޓީމުންވެސް ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލޭގެ ޖާޒީ ނަމްބަރު 6 މުހައްމަދު ޒިޔާދެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކީ ހުޅުމާލެ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއި އެކީ ގުރޫޕުގެ އެއްވަނައިގައެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ދަ ގްރާންޑޭ އަދި މުއިވެޔޮ ފުރެންޑްސެވެ. މި މެޗުވެސް ކުޅޭނީ މާދަމާ ހަވީރު ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު