ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމުން އަލީ ރިފްޝާން، މުހައްމަދު ޝަމްއޫން އަދި އިބްރާހިމް ޝާބިލް:

ސާފް ސުޒުކީ ކަޕް 2018ގެ ފައިނަލުގައި ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަގުތު"ގެ ކިޔުންތެރިންނަށް މަރުހަބާ!

21:34

ރާއްޖޭގެ ފޯވަޑް ހަސަން ނާއިޒް (ދާދު)ގެ އިންޓަވިއު:

މިއީ އެންމެން ކުރި ބުރަ މަސައްކަތް. ހިތްވަރާއެކު މުޅި ޓީމު ހޯދި ކާމިޔާބެއް މިއީ.

 

21:33

ރާއްޖޭގެ ގޯލްކީޕަރު އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލްގެ އިންޓަވިއު:

މިއީ ފުޓްބޯޅަ ހަޔާތުގައި އެންމެ އުފާވެރި ދުވަސް. އުފަލުގައި ފުރަތަަމަ ﷲއަށް ޝުކުރު ކުރަން. އެއަށްފަހު ރާއްޖޭގެ އެންމެންނާއި ކޯޗިން ސްޓާފުންނަށް ޝުކުރު އަދާކުރަން.

 

21:31

ރާއްޖޭގެ މުހައްމަދު އިރުފާން (އިރޭ)ގެ އިންޓަވިއު:

އަލްހަމްދުލިއްލާހި. މިއީ ގަތަރުން މިހާ ހިސާބަށް ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް. މިއީ ގައުމުގެ ބުރަ މަސައްކަތް. އަހަރެމެން މިތަނަށް އައީ ގައުމު ފަހުރުވެރިކޮށްދޭނަން. އަހަރެމެން ހިތްވަރު އެލުވައެއް ނުލަން.

21:04

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، "ވަގުތު"އަށް ދިން ހާއްސަ އިންޓިވިއު:

މިއީ ދިވެހި ފުޓްބޯޅައަށް މި ދަނޑިވަޅުގައި އެންމެ މުހިންމު ކަންތައް. މި ހިސާބުން ވިސްނަންވީ ދެކުނު އޭޝިއާ ތޮށިގަނޑުން ބޭރަށް ނުކުންނަން. އެއީ ހިފަންވީ އަމާޒަކީ.

 

20:56

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓްގެ އިންޓަވިއު:

އަހަރެމެން ބޭނުންވީ ޒުވާން ޖީލެއް. އަހަރެން އުންމީދުކުރަނީ މިއީ ޒުވާން ޖީލު ކަމަށް. އަހަރެމެން ޒުވާން ޖީލު ބިނާކުރަންޖެހޭ. އަހަރެމެން މި ކާމިޔާބީ އަފްޣާނިސްތާންއާ ވެސް ހިއްސާކުރަން.

20:53

ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ އިންޓަވިއު:

އަލްހަމްދުލިއްލާހި. އަހަރެން ވަރަށް އުފާވެއްޖެ. ކުޅުނީ ގައުމަށްޓަކައި. މި ކާމިޔާބު ހޯދައިދިނީ ގައުމަށް. ހުރިހާ ރައްޔިތުންނަށް. ފައިނަލުގައި ލަނޑެއް ޖެހުމުން އުފާކުރަން.

 

20:50

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓްގެ އިންޓަވިއު:

އަހަރެން ހުރިހާ ޕްރެޝަރެއް ނެގިން، ހުރިހާ ކުޅުންތިން ދިފާއުކުރަން. މިވީ ހަ މަސްދުވަސް އަހަރެން ޒިންމާ ނަގައި އަދި ޕްރެޝަރު ނެގީ ކުޅުންތެރިންނަށް އެހިވާން. މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ލިބެމުންދިޔަ ޕްރެޝަރު. ވަރަށް އުނދަގޫވި، އެކަމަކު މިއަދު އަހަރެން ހުރިހާ ސުވާލަކަށް ޖަވާބު ދީފިން.

 

20:45

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓްގެ އިންޓަވިއު:

އަކޫއަށް އަނިޔާވުމަކީ އުނދަގޫވި ކަމެއް. އެކަމަކު ޓީމުގެ ރޫހަށް ބަދަލެއް ނާދޭ. އިތުރަށް ގޯލް ޖަހަން ކުޅުނީ. އަހަރެން އުންމީދުކުރަން މި ތަށްޓާމެދު ދިވެހި އުފާކުރާނެ ކަމަށް. އަހަރެން ރާއްޖޭގެ ރައްޔިތުންނަށް ތަށި ގެނެސްދޭނެ ކަމުގެ ވައުދުވިން. އެމީހުންނަށް މި ތަށި ހައްގު. މެޗުން މޮޅުވީ ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓީމަ.

 

20:42

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓްގެ އިންޓަވިއު:

ސެމީ ފައިނަލާ ހަމައިން ބަދަލުވީ. ނަސީބޭ ބުނެވިދާނެ. އެކަމަށް މަލާމާތް ވެސް ކުރެވިދާނެ. އެކަމަކު މި ޓީމުގެ ހުރިހާ ސްޓާފުންނާއި ކުޅުންތެރިންނަށް އެ އުންމީދު އޮތް. ރާއްޖޭގެ ރައްޔިތުންނަށް ވެސް މި މޮޅު ހައްގު.

20:40

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓްގެ އިންޓަވިއު:

އަހަރެން ވަރަށް އުފާވެއްޖެ. އަހަރެމެންނަށް މި ކާމިޔާބު ހައްގު. ސެމީ ފައިނަލަށް ދިޔަ ހިސާބުން ވެސް ބުނިން ފުރަތަމަ ދިމާވާ ކަންތަކަށްވުރެ ނިންމާ ގޮތޭ މުހިންމީ. ކުޅުންތެރިން ބުރަ މަސައްކަތްކުރީ ގައުމަށްޓަކައި. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޓަކައި. އަހަރެން ފުރަތަމަ އައި ދުވަހުވެސް ހުރިހާ ކުޅުންތެރިން ކައިރީ ބުނިން އަހަރެމެން މި ނުކުންނަނީ ތަށި ހޯދާށޭ. މި ދަނޑިވަޅުގައި ވެސް ކުރީގެ މުހިންމު ކުޅުންތެރިން ހަނދާން ކުރަން. ކީޕަރު އިމްރާން މުހައްމަދު، އަލީ އަޝްފާގު، އެއީ ކާމިޔާބީގެ ހިއްސާދާރުން. އެކަމަކު މި ނަތީޖާއިން މި އެނގުނީ ޒުވާން ޖީލެއް އެބައޮތްކަން. މިއީ ރާއްޖޭގެ ކުރިމަގަށް މުހިންމު ފިޔަވަޅެއް.

 

20:34

އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިންގެ އިންޓަވިއު:

މިއީ އަސްލު ފެންވަރެއް ނޫން. މިއީ ތަޖުރިބާ މަދުވީމަ ދިމާވި ގޮތް. މިއީ ފުޓްބޯޅައިގެ ކުރިމަގު. މުބާރާތުގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ފަހުރުވެރިވަން. މިއީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް. މިއީ ޕޮސިޓިވް ކަމެއް. ރާއްޖެ ނުކުތީ އިންޑިއާ ދަސްކޮށްގެން. މިހެން ކަންތައް ދިމާވީ އަހަރެމެންނަށް ހެދުނު ގޯސްތަކުން. ކުރިއަށް އޮތް އަށެއް ނުވަތަ ނުވަ އަހަރު ވެސް އިންޑިއާގެ ގައުމީ ޓީމު ރަމްޒުކުރާނީ މި ޓީމުގެ ކުޅުންތެރިން.

20:24

20:21

ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ)، ސާފް ސުޒުކީ ކަޕް 2018ގެ ތަށި އުފުލާލައިފި. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި އުފުލާލީ އޭރު ކެޕްޓަނަކަށް ހުރި އަކޫގެ ބޭބެ އައްސަދު އަބްދުލްޤަނީ.

20:18

މިހާރު މުބާރާތުގެ ޗެމްޕިއަން ޓީމު، ރާއްޖެއަށް ރަން މެޑަލް ހަވާލުކުރަނީ.

20:16

މިހާރު މުބާރާތުގެ ރަނަރަޕް ޓީމު އިންޑިއާއަށް ރިހި މެޑެލް ހަވާލުކުރަނީ.

20:16

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލުގައި ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި.

20:14

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އިންޑިއާގެ މަންވީރު ސިންހް.

20:13

ފެއާޕްލޭ މަގާމު ލިބުނީ ބޫޓާނަށް.

20:10

ސާފް ސުޒުކީ ކަޕް 2018ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފަށައިފި.

20:09

20:08

20:07

20:07

20:02

ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް، މުޅި ޓީމަށް ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މަރުހަބާ ކިޔައިފި.

19:56

މިއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ދެވަނަ ފަހަރު. މީގެ ކުރިން ރާއްޖެއިން ތަށި ހޯދާފައިވަނީ ސާފް ޗެމްޕިއަންޝިޕް 2008ގައި. އެފަހަރު ވެސް ރާއްޖެއިން ތަށި ހޯދީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށްފަހު.

19:54

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗުގެ ކުޅުން ނިމުނީ 2-1ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

19:54

+90' ރާއްޖޭގެ ހަމަލާއެއް. ފޭދޫ އިއްބެ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރއަށް ވަނުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ވިޝާލް ކެއިތު ވަނީ ދިފާއުކޮށްފައި.

19:52

ސުމީތު ޕަސީއަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

19:51

+90' އިންޑިއާއިން ލަނޑެއް ޖަހައިފި. އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސުމީތު ޕަސީ.

19:51

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

19:49

87' ހަމްޕު ދުރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒެއް ނުވި.

19:48

86' އާޝީގް ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ފައިސަލް ހޯދައިފި.

19:45

86' ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންވީރު ސިންހް ނުރައްކާ ކުރުމުގެ ކުރިން ކީޕަރު ފައިސަލް ދިފާއުކޮށްފި.

19:44

މީގެ ކުރިން ރާއްޖޭއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ޓީމުގައި ހިމެނެނީ އެންމެ ދެ ކުޅުންތެރިން. އެއީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ކެޕްޓަން އަކޫ.

މިއަދުގެ މެޗު ފެށުމުގެ ކުރިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

19:44

84' ސުބާޝިޝް ބޯސް ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސަމުއްޓޭ ދިފާއުކޮށްފި.

19:42

ދެވަނަ ގޯލަށް ސެންޓޭ ބޯޅަ ފޮނުވާލަނީ -- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

19:41

81' ރާއްޖޭގެ ހަމަލާއެއް. ފޭދޫ އިއްބެ ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އަސައްކޮ ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

19:39

80' އިންޑިއާގެ ހާފްގެ ތެރެއިން އާޝީގްއަށް ސެންޓޭ ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް ހިލޭ ޖެހުމެއް.

19:38

79' ރާއްޖެއިން ބަދަލެއް. ދާދުގެ ބަދަލުގައި ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ (އަސައްކޮ).

19:31

72' އިންޑިއާއިން ބަދަލެއް. އަނޫރޫދް ތަޕާގެ ބަދަލުގައި ކުޅެން ނުކުތީ ހިތޭޝް ޝަރްމާ.

19:31

71' ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންވީރު ސިންހް ނުރައްކާ ކުރުމުގެ ކުރިން ސަމުއްޓޭ، އެ ބޯޅަ ބޭރުކޮށްފި.

19:29

70' އިންޑިއާގެ ޖަރްމަންޕްރީތު ސިންހް ދުރުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

19:27

ރާއްޖޭގެ ގޯލަށްފަހު ސެންޓޭ އުފާފާޅުކުރަނީ --- ވަގުތު އިމޭޖްސް / އިބްރާހީމް ޝާބިލް

19:26

ސެންޓޭ އެ ލަނޑު ކާމިޔާބުކުރީ ހަމްޕު ދިން ރީތި ބޯޅައަކުން. އެ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސެންޓާ ވަނީ ވަރަށް ރީތިކޮށް އިންޑިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

19:24

65' ރާއްޖެއިން ލީޑު ފުޅާކޮށްފި. ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ ސެންޓޭ.

19:22

63' ސުބާސިޝް ބޯސް ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ރާއްޖޭގެ ކީޕަރު ފައިސަލް، އެ ބޯޅަ ހޯދައިފި.

19:20

60' އިއްބެ ދިން ބޯޅަ ސެންޓޭއަށް ލިބުމުގެ ކުރިން އިންޑިއާގެ ކެޕްޓަން ސުބާޝިޝް ބޯސް، އެ ބޯޅަ ހޯދައިިފި.

19:17

57' ރާއްޖޭގެ ހާފްގެ ތެރެއިން ނިހާނަށް އަނިރޫފް ތަޕާ ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

19:13

54' ދާދު ދުރުން ފޮނުވާލި ބާރު ހަމަލާ، އިންޑިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

19:10

ދެވަނަ ހާފު ފެށިގެން އިންޑިއާއިން ދަނީ ކުރިއަށް ޖެހި، އެޓޭކިން ފުޓްބޯޅައެއް ކުޅެމުން.

19:09

ފުރަތަމަ ހާފުގައި އަކޫއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބޭލުމުން ކެޕްޓަން ބޭންޑް އަޅައިގެން ހަމްޕު ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދަނީ ސެންޓޭ.

19:06

46' އިންޑިއާގެ ހަމަލާއެއް. ދަވިންދަރް ސިންހް ނަގައިދިން ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންވީރް ސިންހް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

19:04

ދެވަނަ ހާފްގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާއިން.

18:48

މިއަދުގެ މެޗަށް ރާއްޖެއިންވެސް ބައެއް ސަޕޯޓަރުން އައިސްފައިވާ އިރު، ބަންގާޅުގައި ދިރިއުޅޭ ދިވެހީންނާއެކު ދިވެހި ސަޕޯޓަރުން ދަނީ ދަނޑުގައި ފޯރި ނަގަމުން.

މިއަދުގެ މެޗަށް ވަދެތިބި ރާއްޖޭގެ ސަޕޯޓަރުން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

18:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެން.

18:46

+45' ޕެނަލްޓީ އޭރިޔާ ބޭރުން ސަރްކަތު ގޫލީ ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

18:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓްގެ ކުޅުން ދައްކައިފި.

18:44

44' ސަރްތަކް ގޫލީ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އެއްލި ބޯޅަ، ސަމްދޫހު ދިފާއުކޮށްފި.

18:42

41' ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ދިޔައީ އިންޑިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

18:41

40' އިންޑިއާގެ ހާފްގެ ތެރެއިން ހަމްޕުއަށް ދަވިންދަރު ސިންހް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

18:39

މިހާރު ރާއްޖޭގެ ކެޕްޓަން ކަމުގެ ދައުރު އަދާކުރަމުންދަނީ ހަމްޕު. އޭނާއަކީ ބ. އޭދަފުއްޓަށް އުފަން އުމުރުން 23 އަހަރުގެ ކުޅުންތެރިއެއް.

18:39

38' ރާއްޖެއިން ބަދަލެއް. ކެޕްޓަން އަކޫގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ނޫމާން (ހެލްމެޓް). އެ ބަދަލު ގެނެސްފައިވަނީ އަކޫއަށް ލިބުނު އަނިޔާއަކާ ގުޅިގެން.

18:37

36' އަކޫ ކައިރިން ނައްޓާލުމަށްފަހު މަންވީރު ސިންގް ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފާރޫކް ހާޖީ ނުރައްކާ ކުރުމުގެ ކުރިން ސަމުއްޓޭ، އެ ބޯޅަ ބޭރުކޮށްލައިފި.

18:36

36' ޕެނަލްޓީ އެރިޔާ ބޭރުން ނިހާން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒެއް ނުވި.

18:35

34' އިންޑިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިޔާ ތެރެއިން ފާރޫކް ހާޖީ ކަސަމް ޗޯދުރީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލާ އަމާޒެއްނުވި.

18:34

33' ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ނިކިލް ފޮނުވާލި ބާރު ހަމަލާ، އިއްބެ ދިފާއުކޮށްފި.

18:32

ރާއްޖެއިން އެންމެފަހުން ފައިނަލެއްގައި އިންޑިއާއާ ވާދަކޮށްފައި ވަނީ 2009 ވަނަ އަހަރު ސާފް ފައިނަލްގައި. އެ ފައިނަލްގައި އިންޑިއާއިން ޕެނެލްޓީ ޖަހައިގެން މޮޅުވި ނަމަވެސް، 2008 ވަނަ އަހަރުގެ ސާފް ފައިނަލްގައި ރާއްޖެއިން ވަނީ 1-0ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްފައި.

އިންޑިއާއާއި ރާއްޖެ ވާދަކުރަމުންދާ ފައިންލަ މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

18:32

31' އިންޑިއާގެ ހަމަލާއެއް. އަކޫއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިޔާ ތެރެއިން މަންވީރު ސިންހަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

18:30

29' އާޝީގް ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފާރޫކް ހާޖީ ކަސަމް ޗޯދުރީ ނުރައްކާކުރުމުގެ ކުރިން ސަމުއްޓޭ، އެ ބޯޅަ ދިފާއުކޮށްފި.

18:28

28' އިންޑިއާގެ ހާފްގެ ތެރެއިން ހަމްޕުއަށް ދަވިންދަރް ސިންހް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. އަކޫ ފޮނުވާލި ހިލޭ ޖެހުން ހަމްޕުއަށް ލިބުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރުން ދިފާއުކޮށްފި.

18:27

27' ރާއްޖޭގެ ހާފްގެ ތެރެއިން ސަމުއްޓޭއަށް މަންވީރު ސިންހް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

18:26

26' އިންޑިއާގެ ހާފްގެ ތެރެއިން ފޭދޫ އިއްބެ ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް ހިލޭ ޖެހުމެއް.

18:25

24' ސަރްތަކް ގޯލޫ އެއްލި ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އާޝީގް ކުރަނިޔަން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

18:24

ޜާއްޖޭގެ ގޯލަށްފަހު ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

18:22

21' ސެންޓޭ ދިން ބޯޅަ، ހަމްޕުއަށް ލިބުމުގެ ކުރިން ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ޑިފެންޑަރުން އެ ބޯޅަ ދިފާއުކޮށްފި.

18:21

ލީޑު ހޯދުމަށް ފަހު ވެސް ރާއްޖެއިން ދަނީ އިންޑިއާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތް ކުރަމުން.

18:20

ފޭދޫ އިއްބެ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން. އިންޑިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޭދޫ އިއްބެ ހަމަލާ ފޮނުވާލި އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

18:19

18' ރާއްޖެއިން ލީޑު ހޯދައިފި. ދާދު ދިން ބޯޅައަކުން ރާއްޖެއަށް ލީޑު ހޯދައިދިނީ ފޭދޫ އިއްބެ.

18:16

މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމުން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ދަނީ އުނދަގޫތަކަކާ ކުރިމަތިލަމުން.

18:15

ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ހޯދާފައި ވަނީ 2008 ވަނަ އަހަރު. އެ އަހަރު ޓީމުގެ ކެޕްޓަނަކީ މިހާރު ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ)ގެ ބޭބެ، އައްސަދު އަބްދުލްޣަނީ.

ގައުމީ ޓީމުގެ ކެޕްޓަން އަކޫ، ޓީމާއެކު މެޗަށް ނުކުންނަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

18:14

13' އިންޑިއާގެ ހާފްގެ ތެރެއިން ނިހާނަށް އިންޑިއާގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

18:12

11' ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނިކިލް ހުރަހެއް ނެގުމުގެ ކުރިން އިއްބެ ދިފާއުކޮށްފި.

18:10

10' ފޭދޫ އިއްބެ ދިން ބޯޅަ، ސެންޓޭއަށް ލިބުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރުން ކޯނަރަކަށް ބޭރުކޮށްލައިފި.

18:09

ޜާއްޖެއާއި އިންޑިއާ ވަދަކުރާ ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

18:08

6' ނިކިލް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިޔާ ތެރެއިން ރަންޖަން ސިންހް ބޮލުން ހަމަލާއެއް ފޮނުވާލި ނަމަވެސް، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

18:04

4' އިންޑިއާގެ ހާފްގެ ތެރެއިން ދާދު ނުރައްކާކުރުމުގެ ކުރިން އިންޑިއާގެ ކީޕަރު ވިޝާލް ކެއިތު، އެ ބޯޅަ ބޭރުކޮށްލައިފި.

18:02

އަކޫ ފޮނުވާލި ހިލޭ ޖެހުން އިންޑިއާގެ ކުޅުންތެރިން ދިފާއުކޮށްފި.

18:01

1' އިންޑިއާގެ ހާފްގެ ތެރެއިން އިންޑިއާގެ ކުޅުންތެރިޔަކު ފޭދޫ އިއްބެއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

18:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

17:52

2009 - އިންޑިއާ އަތުން ހިތްދަތި ބައްޔެއް

ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތަށްވެސް ރާއްޖެ ދިޔައީ އުންމީދީ ސްކޮޑަކާއެކު. ހާއްސަކޮށް އަލީ އަޝްފާގު (ދަގަނޑޭ)، އަހުމަދު ތޯރިގް (ޓޮމް) އަދި އިބްރާހީމް ފަޒީލް (އޮއްޕޮ) ފަދަ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބެ މުބާރާތަށް ގޮސްފައިވާ އިރު، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ބޮޑު ތަފާތަކުން އަފްގަނިސްތާން ބަލިކޮށް، އިންޑިއާވެސް ބަލިކޮށްފައި. އެއީ އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން އިންޑިއާ ބަލިކުރި ފަހަރު.

ސެމީ ފައިނަލްގައި ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު އިރު، އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުން. ދަގަނޑޭގެ މޮޅު ކުޅުމާއި އޭނާގެ ދެ ގޯލްވެސް ސެމީގައި ފެނިގެން ދިޔަ.

ފައިނަލަށް އިންޑިއާއާ ދެކޮޅަށް ރާއްޖެ ނުކުތީ ފެވަރިޓުންގެ ގޮތުގައި. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0ގައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެން. ރާއްޖެއަށް ޕެނެލްޓީގައި ކުރިމަތިވީ ހިތްދަތިކަން.

17:43

2008- ރާއްޖޭގެ ފުރަތަމަ ރަން މެޑަލް

ސްރީލަންކާއާއި ދިވެހި ރާއްޖޭގައި ބޭއްވި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއަށް "ރަން" މުބާރާތް. ރާއްޖެއިން އަމިއްލަ ގައުމުގައި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެފައިވާ އިރު، ދިވެހި ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓް ޓީމަށް ލިބުނުކަން ފާހަގަކޮށްލެވުނު.

ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރި އިރު، ރާއްޖެއިން ވަނީ ނޭޕާލާ ޕާކިސްތާން ބަލިކޮށްފަ. މެޗުތަކުގައި ގޯލް ޖަހައިދީފައި ވަނީ އަހުމަދު ތޯރިގް (ޓޮމް)، މުހައްމަދު ޝިފާން، އިސްމާއީލް މުހައްމަދު (އިއްސެ) އަދި އިބްރާހީމް ފަޒީލް (އޮއްޕޮ).

އޝްފާގާއި އޮއްޕޮ، ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށްޓާއެކު --- ފޮޓޯ/ އިމޭޖްސް އެމްވީ

އެ މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ގޯލެއް ނުޖެހި ނަމަވެސް، އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ، ދިވެހީންނަށް ފުރަތަމަ ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވެ، ރާއްޖެއަށް ސެމީ ކުޅެން ޖެހުނީ ލަންކާއާ ދެކޮޅަށް އެގައުމުގަ. ގިނަ އަދަދެއްގެ ދިވެހީންނާއެކު ލަންކާ ދަނޑުގައި ރާއްޖެއިން ކުޅުނު ސެމީ ރާއްޖެއިން ކާމިޔާބު ކުރީ އޮއްޕޮގެ ގޯލާއެކުގައި.

ފައިނަލް މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުމެ 1-0ގެ ނަތީޖާއަކުން ރާއްޖެއިން މެޗު ކާމިޔާބުކުރި އިރު، މެޗުގައި ހަމައެކަނި ގޯލް، ދިވެހި ފުޓުބޯޅައިގެ ރަން ގޯލް ކާމިޔާބުކޮށްދިނީ އއ. ތޮއްޑޫއަށް އުފަން މުހުތާރު ނަސީރު (ޓޫކިލޯ).

ރާއްޖެއިން ތަށި ހޯދުމާއެކު މުޅި ގައުމު އެކުގައި އުފާ ފާޅުކޮށްފައިވާ އިރު، މަހެއްހާ ދުވަހަށް އުފާ ފާޅުކުރަން ދެމިގެން ދިޔަ.

17:34

ފައިނަލް މެޗަށް ރާއްޖޭގެ ޓީމުން އެންމެފަހުގެ ތައްޔާރީތައް ވަނީ --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

17:32

2003- ބަންގްލަދޭޝްގައި ރާއްޖެއަށް ހިތްދަތި ބައްޔެއް

ދެހާސް ތިންވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތަކީ ބަންގްލަދޭޝްއިން މުބާރާތް ބޭއްވި ފުރަތަމަ ފަހަރު. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައިވާ އިރު، ރާއްޖެއިން ވަނީ ގިނަ ގޯލްތަކެއް ޖަހައިގެން ބޫޓާނާއި ނޭޕާލް ބަލިކޮށްފައި.

ގްރޫޕް ސްޓޭޖުގައި ބޫޓާން ކޮޅަށް އަލީ ޝިޔާމް ހެޓްރިކް ހަދާފައިވާ އިރު، އަލީ އުމަރާއި ތޮއްޑޫ ނިޒާމް އަދި އަޝްރަފު ލުތުފީ (ސަމްޕަތު)ވެސް ވަނީ ގްރޫޕް ސްޓޭޖު މެޗުތަކުގައި ގޯލް ޖަހައިފަ. ސެމީ ފައިނަލްގައި ރާއްޖެއިން ވާދަކުރީ ޕާކިސްތާނާ ދެކޮޅަށް. އެ މެޗު 1-0ގެ ނަތީޖާއަކުން ރާއްޖެއިން ކާމިޔާބުކުރި އިރު، މެޗުގެ ހަމައެކަނި ގޯލް ޖެހީ ޒުވާން ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ).

ފައިނަލް މެޗުގައި ނުކުތީ ބަންގްލަދޭޝްގެ ދަނޑުގައި އެޓީމާ ދެކޮޅަށް. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތް ނަމަވެސް، ޕެނެލްޓީގައި ދިވެހި ޓީމު ނާކާމިޔާބުވެ، އަނެއްކާވެސް ރަން މެޑަލްއަށް އިންތިޒާރު ކުރަން ޖެހުނު.

17:24

1997 - ރާއްޖޭގެ ފުރަތަމަ ފައިނަލް، އިންޑިއާ އަތުން ތަފާތު ބޮޑު ބައްޔެއް

މީގެ ކުރިން ރާއްޖެ ވަނީ ހަތަރު ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅެފަ. ރާއްޖެއިން މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާ 1997 ވަނަ އަހަރުވެސް ރާއްޖެއިން ފައިނަލް ކުޅެފައިވާ އިރު، އެ ފަހަރުގެ ފައިނަލްގައިވެސް ރާއްޖެ ނުކުތީ އިންޑިއާއާ ދެކޮޅަށް.

އިންޑިއާއާ އެއް ގްރޫޕެއްގައި ރާއްޖެ ހިމެނިފައި އޮތް އިރު، ދެން އެ ގްރޫޕްގައި ހިމެނުނީ ބަންގްލަދޭޝް. ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ނިމުނީ އެއްވަރުވެގެން. ބަންގާޅާ ދެކޮޅަށް ކުޅުނު މެޗު 1-1އިން އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލް ޖެހީ ލިރުގާމް ސައީދު (ލަރޭ). އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވި އިރު، އެ މެޗުގައި ރާއްޖޭގެ ދެ ގޯލް ޖަހައިދިނީ މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް)ގެ އިތުރުން އިބްރާހީމް ރަޝީދު (އަންދަރޭ).

ސެމީ ފައިނަލްގައި ރާއްޖެއިން 2-1 ގެ ނަތީޖާއަކުން ލަންކާ ބަލިކުރި އިރު، ރާއްޖޭގެ ގޯލްތައް ޖަހައިދިނީ ތޮއްޑޫ ނިޒާމާއި ޝާހް އިސްމާއީލް. ފައިނަލްގައި ރާއްޖެ 5-1ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވި އިރު، ރާއްޖޭގެ ހަމައެކަނި ގޯލް ޖަހައިދިނީ އާދަމް އަބްދުލް ލަތީފު (ލައްޗޭ).

17:22

ސެމީގައި ޕާކިސްތާންއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ލަލިއަންޒުއާލާ ޗާންޓޭއަށް ރަތް ކާޑެއް ދެއްކުމުން އޭނާއަށް ރާއްޖެއާ ދެކޮޅަށް ކުޅޭ ފައިނަލުގައި ބައިވެރިނުވެވޭނެ.

17:21

ރާއްޖެ އަދި އިންޑިއާގެ ފުރަތަމަ 11އަށް ބަދަލެއް އައިސްފައެއް ނުވޭ. ރާއްޖެއިން ސެމީ ފައިނަލްގައި ނޭޕާލްއާ ދެކޮޅަށް ނުކުތް ފުރަތަމަ 11 މިއަދުގެ މެޗަށް ނެރުނު އިރު، އިންޑިއާއިން ބޭނުންކުރީ ސެމީގައި ޕާކިސްތާންއާ ދެކޮޅަށް ނުކުތް ފުރަތަމަ 11.

17:19

އިންޑިއާގެ ބަދަލު ކުޅުންތެރިން:

ޖެރީ ލަލްރިންޒުއާލާ

ގެމަންޕްރީތު ސިންހް

ސުމީތު ޕަސީ

ހިތޭޝް ޝަރުމާ

ކަމަލްޖީތު ސިންހް - ގޯލްކީޕަރު

ވިގްނޭޝް ޑަކްޝީނާ މުރުތީ

މުހައްމަދު ސާޖިދު ދޯތު

ޝިވާޖީ ޕަޓޭލް - ގޯލްކީޕަރު

17:18

އިންޑިއާގެ ފުރަތަމަ 11:

ވިޝާލް ކައިތު - ގޯލްކީޕަރު

ރަންޖަން ސިންހް ސަލާމް

ސުބާޝީޝް ބޯސް - ކެޕްޓަން

ދަވިންދަރު ސިންހް

އަނިރޫދު ތާޕާ

މަންވީރު ސިންހް

ސަރްތަކު ގޮލޫ

ވިނީތު ރާއީ

ފާރޫގު ހާޖީ ކަސަމް ޗޯދުރީ

އާޝީގީ ކުރުނިޔަން

ނިކިލް ޗަންދްރާ އަޝޭކަރް

 

ކޯޗު: ސްޓެފަން ކޮންސްޓަންޓިން

17:15

ރާއްޖޭގެ ބަދަލު ކުޅުންތެރިން:

ހުސައިން ޝަރީފް - ގޯލްކީޕަރު

އަހުމަދު ނޫމާން (ހެލްމެޓް)

މުހައްމަދު އިރުފާން (އިރޭ)

މުހައްމަދު އާރިފް (ބަކާ)

އަސަދުﷲ އަބްދުﷲ (އަސައްކޮ)

ރިހާމް އަބްދުލްޣަނީ (ބޮބީ)

ހަސަން ތޮލާލް - ގޯލްކީޕަރު

މުހައްމަދު މުޖުތާޒް (މުޖޭ)

އަހުމަދު އިމާޒް (އާއްކޮ)

17:15

ރާއްޖޭގެ ފުރަތަމަ 11:

މުހައްމަދު ފައިސަލް - ގޯލްކީޕަރު

އަލީ ސަމޫހު (ސަމުއްޓޭ)

ހުސައިން ޝިފާއު ޔޫސުފް

އަލީ ފާސިރު (ސެންޓޭ)

ހަމްޒާ މުހައްމަދު (ހަމްޕު)

ހަސަން ނާއިޒް (ދާދު)

އަކުރަމް އަބްދުލްޣަނީ (އަކޫ) - ކެޕްޓަން

އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)

އިބްރާހީމް ހަސަން ވަހީދު (އިއްބެ)

ހުސައިން ނިހާން (ނިހާޓް)

މުހައްމަދު ސަމްދޫހު

 

ކޯޗު: ޕީޓާ ސެގަޓް

ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:00ގައި ކުޅޭ ފައިނަލް މެޗަށް ދެ ޓީމު ނުކުންނައިރު:

މިއީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާއި ރާއްޖެ ކުރިމަތިލާ ހަތަރުވަނަ ފަހަރު.

ރާއްޖެއާއި އިންޑިއާ އެއް ގްރޫޕެއްގައި ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގައި އިންޑިއާ މޮޅުވީ 2-0ގެ ނަތީޖާއަކުން.

ރާއްޖެއާއިން އިންޑިއާއާ މީގެ ކުރިން 19 ފަހަރު ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން 14 މެޗުން އިންޑިއާ ވަނީ މޮޅުވެފަ، ތިން މެޗު އެއްވަރުވެގެން ނިމުނު އިރު، އިންޑިއާގެ މައްޗަށް ރާއްޖެއިން ކާމިޔާބު ހޯދާފައި ވަނީ އެންމެ ދެ ފަހަރު.

ރާއްޖެއިން މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައި ވަނީ 2008 ވަނަ އަހަރު އެކަނި. އެ އަހަރު ފައިނަލްގައި އިންޑިއާ ބަލިކުރީ 1-0އިން.

އިންޑިއާއަކީ މުބާރާތުގެ ހަތް ފަހަރު ޗެމްޕިއަން އަދި އެންމެފަހުގެވެސް ޗެމްޕިއަން.

ރާއްޖެއާ އިންޑިއާ އެންމެފަހުން ފައިނަލެއްގައި ކުޅެފައި ވަނީ 2009 ވަނަ އަހަރު. އެ އަހަރު ސާފްގެ ފައިނަލްގައި އިންޑިއާއިން ރާއްޖެ ބަލިކުރީ ޕެނަލްޓީ ޖަހައިގެން.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިެިެހދ

    ފޭދޫ އިއްބެއެއް ނޫން ލަނޑު ޖެހީ

  2. ކިޔާ މީހާ

    ދެން ކަލޭ ތަ ދަންޑަށް އަރާާ ލަންޑު ޖެހީ

  3. ކިޔާ މީހާ

    ދެން ކަލޭ ތަ ދަން

  4. ކިޔާ މީހާ

    ދެން ކަލޭ ތަ ދަނޑަށް އަރާ ލަންޑު ޖެހީ؟؟؟

  5. Ukhthu fathima

    އަލްހަމްދުލިއްލާހި... މާޝާﷲ ވަރަށް ރަނގަޅު... އިންޝާﷲ މީ ރާއްޖޭ ގެ ފަހަރު....

    • Ukhthu fathima

      އަލްހަމްދުލިއްލާހި..... ވީ ވޮން....

  6. ޢިންޑިއާކުމާރު

    ވޯޓު ހޯދަންވީމަ އިބޫއައް ގައުމީޓީމު އޮތްކަން އެނގިއްޖެ.

  7. މަޒް

    ޔާމީނު ހޯދި ތައްޓެއް ދޯ.. ހަމަ ބުނެލީ ވަގުތު ނޫހުން ހޭބަލި ވާނެ ވިއްޔަ

  8. Anonymous

    އަލްހަމްދުލިއްލާހި

  9. މާލި

    އައި ސެލިއުޓް ޤައުމީޓީމް