ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް އަށް މި ސީޒަނުގައި 40 ލަނޑު ކާމިޔާބު ކުރެވިދާނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން ފަސް މެޗު ކުޅެފައިވާއިރު ހަޒާޑް ވަނީ މިހާތަނަށް ފަސް ލަނޑު ޗެލްސީ އަށް ކާމިޔާބުކޮށްދީފައެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ވެސް މިވަގުތު އޮތީ ހަޒާޑްއެވެ.

ލީގުގައި އެންމެފަހުން ކާޑިފް ސިޓީގެ މައްޗަށް ޗެލްސީން 1-4 އިން ކުރި ހޯދި މެޗުގައި ހަޒާޑް ހެޓްރިކެއް ހަދާފައިވާއިރު މި ސީޒަނުގައި ހަޒާޑް އަށް ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދުމުގެ ފުރުސަތެއް އެބައޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސާރީ ބުނީ ހަޒާޑް އަށް އެކަން ކުރެވިދާނެ ކަމަށާއި މި ސީޒަނުގައި ހަޒާޑް އަށް 40 ލަނޑު ވެސް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

"ހަޒާޑް އަށް ރަން ބޫޓު ހޯދިދާނެ. އަހަރެން ހަޒާޑް ކައިރީ ބުނިން މި ސީޒަނުގައި އޭނާ އަށް 40 ލަނޑު ވެސް ކާމިޔާބު ކުރެވިދާނެއޭ. ބައެއް ކަހަލަ ކަންކަމަށް ހަޒާޑް އަދިވެސް އެބަޖެހޭ ކުޑަކޮށް މަސައްކަތް ކޮށްލަން. އޭނާއަށް އެކަން ވާނެ" ސާރީ ބުންޏެވެ.

ބެލްޖިއަމް އަށް އުފަން ހަޒާޑް އަށް 40 ލަނޑު ކާމިޔާބު ކުރެވިދާނެ ކަމަށް ސާރީ ބުނެފައިވާއިރު ޗެލްސީ އަށް ބަދަލުވިފަހުން އޭނާ އަށް އެއްވެސް ސީޒަނެއްގައި 20 ލަނޑު ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިހާތަނަށް އެއް ސީޒަނެއްގައި ހަޒާޑް އަށް އެންމެ ގިނައިން ވެސް ކާމިޔާބު ކުރެވިފައިވަނީ 19 ލަނޑެވެ. އެއީ 15-2014 ވަނަ ސީޒަނުގައެވެ.

2012 ވަނަ އަހަރު ފްރާންސްގެ ލިލް އިން ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ކްލަބަށް މިހާތަނަށް 94 ލަނޑު ކާމިޔާބުކޮށްދީފައެވެ.