މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ އެޑެން ހަޒާޑުގެ ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާވުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ހަޒާޑް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެން ހުއްޓާލިކަމަށް ނިންމާފައެވެ. އޭގެ ފަހުން ވެސް އޭނާ އައީ ކުލަބު ކެރިއަރުގައި ރެއާލަށް ކުޅެމުންނެވެ. ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. ނަމަވެސް ރެއާލާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ހަޒާޑް ވަނީ އެއްބަސްވުން އުވާލަން އެއްބަސްވެފައެވެ.

ރެއާލް ދޫކޮށް ހަޒާޑް ވަކި ކުލަބަކަށް ބަދަލުވާން ނިންމާފައިވާކަމެއް އޭރު ހާމަކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ބޭރުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިހާރު ހަޒާޑުގެ ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާ ވުމަށެވެ. އުމުރުން މިހާރު 32 އަހަރުވެފައިވާ ކުޅުންތެރިޔާގެ ފަރާތުން އެކަމާ ގުޅިގެން ރަސްމީކޮށް ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ހަޒާޑް ވަނީ ރެއާލަށް 76 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ރެއާލަށް ބަދަލުވި ނަމަވެސް ހަޒާޑަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ރެއާލަށް ބަދަލުވި ފަހުން އޭނާ އަށް ވަނީ ފިޓްނަސް އަދި އަނިޔާގެ މައްސަލަތައް ކުރިމަތި ވެސް ވެފަ އެވެ. މި ސީޒަނުގައި ހަޒާޑް ރެއާލަށް ކުޅެދީފައި ވަނީ 10 މެޗެވެ. އޭގެ ތެރެއިން ހަ މެޗަކީ ސްޕެނީޝް ލީގުގެ މެޗުތަކެވެ.