ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި މެކްސިކޯ ގުޅިގެން 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވޯލްޑް ކަޕް އެ ދެ ގައުމުގައި ބާއްވަން ކުރި ބިޑް އަނބުރާ ގެންގޮސްފައިވާ ކަމަށް އެ ދެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

މިކަން ހާމަކުރަމުން އެ ދެ ފެޑްރޭޝަނުން ބުނެފައިވަނީ އެ ބިޑު އަނބުރާ ނެގީ 2031 ވަނަ އަހަރު އޮންނަ މުބާރާތަށް ބޮޑަށް ފޯކަސް ކުރުމަށް ކަމަށާއި އަދި މެންސް ވޯލަޑް ކަޕާއި އެއް ވަރަށް ވިމެންސް ވޯލަޑް ކަޕަށް ވެސް އިންވެސްޓް ކުރުމަށް ފީފާ އަށް ގޮވާލާ ކަމަށެވެ.

އެމެރިކާ އަދި މެކްސިކޯ ގުޅިގެން ލާފައިވާ ބިޑު ނެގުމާއި އެކީ ދެން މި މުބާރާތް ބާއްވަން ކޮށްފައިވަނީ ދެ ބިޑެކެވެ. އެއީ ބްރެޒިލް އިން ކޮށްފައިވާ ބިޑަކާއި ނެދަލޭންޑްސް އަދި ބެލްޖިއަމް ގުޅިގެން ކޮށްފައިވާ ބިޑެކެވެ.

މުބާރާތް ބާއްވާނެ ގައުމެއް ހޮވާނީ މި ހިނގާ މެއި މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ 74 ވަނަ ކޮންގަރެސްގައެވެ. މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހު ތައިލޭޭންޑުގެ ބެންކޮކްގައެވެ.

ފީފާ ވިމެންސް ވޯލްޑް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2023 ވަނަ އަހަރު އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑުގައެވެ. އެ ފަހަރުގެ މުބާރާތުގެ ތަށި ހޯދާފައިވަނީ ސްޕޭނުންނެވެ.

1991 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ގައުމަކީ އެމެރިކާއެވެ. އެ ގައުމުންް ވަނީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވެއެވެ. ދެވަނައަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ޖަރުމަނުވިލާތެވެ. އެ ގައުމުން މި މުބާރާތް ދެ ފަހަރަށް ކާމިޔާބުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު