މި ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެ ޓީމު ދޫކޮށްލަފާނެ ކަހަލަ އިޝާރާތެއް އޭނާ ދީފިއެވެ.

މެންޗްސްޓަރ ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކެއް މި ސީޒަނަށް ފަހު ވިއްކާލާނެކަމަށް އެ ކުލަބުން އިއުލާނު ކުރުމާއި ގުޅިގެން ކުރިމަގާއި މެދު ސުވާލު ކުރުމުން ޓީމުގެ ކެޕްޓަން ފެނާންޑެޒް ވަނީ ޖަވާބެއް ދިނުމަށް ދެކޮޅު ހަދާފައެވެ. އޭނާ ހަމައެކަނި ބުނެފައިވަނީ އެކަމާ މެދު ވިސަނަމުންދާކަމަށެވެ.

މެންޗެސްޓަރ ޔުނައިޓަޑަށް މި ސީޒަނުގައި ދަށް ކުޅުމެއް ދެއްްކުނު ނަމަވެސް ފެނާންޑޭޒްގެ ފަރާތުން ދަނީ އިންޑިވިޖުއަލް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުން މެންޗެސްޓަރ ޔުނައިޓަޑް ވަނީ ކަޓާފައެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމެއް ޖާގަ ނުލިބުނު ނަމަވެސް އެ ޓީމުން ވަނީ އެފްއޭ ކަޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ބްރޫނޯ ފެނާންޑޭޒް ބުނެފައިވަނީ އޭނާގެ ވިސްނުން މިވަގުތު ހުރީ ހަމައެކަނި އެ މުބާރާތުގެ ފައިނަލަށް ކަމަށާއި ކުރިމަގާއި މެދު ޖަވާބެއް ދޭން އިނގޭނީ އެ މެޗަށް ފަހުކަމަށް އޭނާ ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓަޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް -- ފޮރޯ: ޓޯކްސްޕޯޓް

2019 ވަނަ އަހަރު ސްޕޯޓިންގ ސީޕީ އިން މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވި ފެނާންޑޭޒް މިހާތަނަށް އެ ޓީމަށް ވަނީ 127 މެޗު ކުޅެދީފައެވެ. މި 127 މެޗުގައި އޭނާ ވަނީ އެ ޓީމަށް 54 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ އެވޯޑާއި 2022 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑަަށް ކުޅެމުން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު